އިސްލާމީ ދުނިޔޭގެ މަޝްހޫރު 85 ޤާރީއެއް އެއް ވަގުތެއްގައި އެއްތާކަށް އެއްވެ އެބޭފުޅުންގެ އެ ތަފާތު ހުނަރުތައް ރައްޔިތުންނަށް ދައްކާލުމަކީ ވަރަށް ނާދިރުކަމެކެވެ. ނަމަވެސް، އެކަކު ހުރެ އެ ތަފާތު 85 ރާގުން ކިޔަވާލުމަކީ، ﷲގެ ކުޅަދުންވަންތަކަމާއެކު، މިއަދު ކުރެވިދާނެކެމެކެވެ. އެފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ﷲ ވަނީ އަލްޤާރީ ޞަޢްދު ނުޢުމާނީއަށް ދެއްވާފައެވެ.
ޞަޢުދު ނުޢުމާނީ ނުވަތަ އައްޝައިޚް އަލްޤާރީ މުޙައްމަދު ޞަޢްދު ނުޢުމާނީ އަލްމަދަނީ އިބްން ޝާހިދު ޚަލީލް ނުޢުމާނީ ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ 25 ޖުލައި 1980މ ގައި ޕާކިސްތާނުގެ ކަރާޗީގައެވެ. ޝައިޚްގެ ނަމުން ދޭހަވާ ފަދައިން ޝައިޚަކީ ސުންނަތް ޖަމާޢަތުގެ މަޝްހޫރު ހަތަރު އިމާމުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ އިމާމް އަބޫ ޙަނީފާ ނުޢުމާނު ބިން ޘާބިތު (ރަޙިމަހުﷲ) ގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. ޝައިޚަކީ އިމާމް އަބޫ ޙަނީފާ (ރަޙިމަހުﷲ)ގެ 25 ވަނަ ޖީލުގެ ކާފަ ދަރިކަލެކެވެ.
ޕާކިސްތާނުގައި އުފަންވެވަޑައިގަތަސް، ވަރަށް ތުއްޕުޅުއިރު ޝެއިޚްގެ ޢާއިލާވަނީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް އަދި ފަހުން މަދީނާއަށް ހިޖުރަކުރައްވާފައެވެ. އަދި އުމުރުން 13 އަހަރުގައި ޤުރުއާން ހިފްޡުކުރައްވަން ފައްޓަވާ 2 އަހަރު ތެރޭގައިވަނީ މުޅި ޤުރުއާން ހިތުދަސްކުރައްވާފައެވެ.
މުޅި އިސްލާމީ ދުނިޔޭގައި ޝެއިޚް ޞަޢްދު ނުޢުމާނީ މަޝްހޫރުވެ ވަޑައިގެންފައިވަނީ، މަޝްހޫރު އެތައް ޤާރީއެއްގެ އަޑާއި ރާގުން އެބޭފުޅުންގެ ކިޔެވުން ކިޔެވުމުގެ ކުޅަދާނަކަން ލިބިގެންވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި ދެ ޙަރަމުގެ ޝެއިޚުންނާއި މަދީނާ، މައްކާ އަދި ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އެތައް ޤާރީންނާއި އިމާމެއް ހިމެނެއެވެ.
ޞަޢްދު ނުޢުމާނީގެ ޕްރޮގްރާމެއް އަޑުއަހާލަން ނުވަތަ ބަލާލަން އިންނައިރު ކުއްލިއަކަށް ހީވާނީ ޝެއިޚް ސުދައިސް، ނުވަތަ ޢަޖަމީ ނުވަތަ ޢަފާސީ ވަޑައިގެން ކިޔަވާވިދާޅުވާހެނެވެ. ނުވަތަ މުޙައްމަދު އަލްބަރާކު، ޚާލިދް ޤަހްޠާނީ ގެ ކިޔެވުމެއްގެ ރެކޯޑިންގ ޖައްސާހެނެވެ. ނުވަތަ ބައެއް ފަހަރަށް ޓީވީ ކުރޫ ފޭކް ޖައްސަނީއޭވެސް ހީވެދާނެއެވެ. ނަމަވެސް ޔޫޓިއުބާއި އެހެނިހެން ސައިޓްތަކުގައި ޝެއިޚްގެ ކިޔެވުން އަޑުއަހާ ފަރާތްތަކުގެ އަމިއްލަ ރެކޯޑިންތައް ގިނަ އަދަދަކަށް ހިމަނަމުންދާއިރު އެއީ ހަމަ އަޞްލުކަން ޤަބޫލުކުރަން މަޖްބޫރުވެއެވެ. އަދި ގިނަ ޓީވީ އަދި ރޭޑިޔޯ ޗެނަލްތަކުން ދުރަށް ދައްކަމުންދާ ލައިވް އަދި ރެކޯޑެޑް އިންޓަރވިއުތަކާއި ކިޔެވުންތައް ބަލާލެވިއްޖެނަމަ، އެއީ ފޭކެއް ނޫންކަން އެނގިދާނެއެވެ.
އަލްމުޤުރީ ޞަޢްދު ނުޢުމާނީއަށް ﷲ ދެއްވާފައިވާ އާދަޔާ ޚިލާފު ހުނަރު ދެކެލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން ތިބެނީ ކެތްމަދުވެފައެވެ. އެގޮތުން މިހާތަނަށް އެތައް ޤައުމަކަށް ޝައިޚް ވަނީ ޒިޔާރަތްކުރައްވަފައެވެ. އޭގެ ތެރޭގައި، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ، އިޓަލީވިލާތް، ސައުތު އެފްރިކާ، ޒެންބިޔާ، ކެންޔާ، މެލޭޝިޔާ، އިންޑޮނޭޝިޔާ، ޔޫއޭއީ އަދި އެހެނިހެން އިތުރު ޢަރަބި ޤައުމުތައް ހިމެނެއެވެ.
ޞަޢުދު ނުޢުމާނީގެ އުސްތާޛުންގެ ތެރޭގައި މަދީނާގެ މަދަރްސާ ދާރުލް ޤުރުއާންގެ އިސް އުސްތާޛު އައްޝައިޚް ޝަފީޤުއްރަޙްމާނާއި، ޝެއިޚް ސުދައިސްގެ އުސްތާޛު ޝެއިޚް މުޙައްމަދު ޢަބްދުލް މާޖިދު ޒާކިރު ހިމެނިވަޑައިގަނެއެވެ.
ޝެއިޚް ޞަޢްދު ނުޢުމާނީގެ ކިޔެވުން ދަނީ އެކިޤައުމުތަކުގެ ޓީވީ އަދި ޜޭޑިޔޯ ޗެނަލްތަކަކުން ބްރޮޑްކާސްޓްކުރަމުންނެވެ. އޭގެ ތެރޭގައި ސަޢޫދީ ޓީޥީ، އިސްލާމް ޗެނަލް (ޔޫކޭ)، ޝަރްޖާ ޓީޥީ (ޔޫއޭއީ)، ޖިއޯ ނިއުސް އެންޑް ޓީޥީ (ޕާކިސްތާން)، އައި ޓީވީ (ޔޫކޭ)، ޗެނަލް އިސްލާމް އިންޓަރނޭޝަނަލް (ސައުތު އެފްރިކާ)، ރޭޑިޔޯ އަލްއަންޞާރު (ސ. އެފްރިކާ) ފަދަ އެތައް ޗެނަލްތަކެއް ހިމެނެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން، އިނގިރޭސި ވިލާތް އަދި އެމެރިކާގެ ބައެއް ނޫސްމަޖައްލާތަކުގައި ޝެއިޚްގެ އިންޓަރވިއުތައް ޝާއިޢުކުރެވިފައިވެއެވެ.
މިފަދަ ކުޅަދާނަކަމެއް ދެއްވާފައިވާ ބޭފުޅެއްގެ ކިޔެވުން އަޑުއަހާލުމުގެ ފުރުޞަތެއް ލިބުމަކީ ގިނަބަޔަކު އުއްމީދުކުރާނެ ކަމެއްކަން ކަށަވަރެވެ. ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމަކަށް އެފަދަ ބޭފުޅަކު ޒިޔާރަތްކުރުމަކީ އެތަނެއްގައި ދިރިއުޅޭ ގިނަ ބޭނުންވާނެ ކަމެއްކަން ޔަޤީނެވެ.
މާތްﷲ، ޞަޢްދު ނުޢުމާނީ ހެޔޮމަގުގައި ޘާބިތުކުރައްވާ އޭގެ ސަބަބުން އިސްލާމީ އުންމަތަށް މަންފާ އިތުރުކުރައްވާށިއެވެ. އާމީން!
ބައޮގްރަފީ، އޯޑިޔޯ، ވީޑިޔޯ އަދި ފޮޓޯ ހޯއްދެވުމަށް ޞަޢްދު ނުޢުމާނީ ގެ ވެބްސައިޓް ބައްލަވާ.
އިތުރަށް ޔޫޓިއުބް ބައްލަވާ.
ކޮމެންޓް (0)
ލޯޑް ކުރަމުން...