ކޮލަމިސްޓް "އީދު މިސްކިތާ ހަމައަށް އައިސް ފަހަތް ބަލާލިއިރު ދެބޭފުޅުން"

"އީދު މިސްކިތާ ހަމައަށް އައިސް ފަހަތް ބަލާލިއިރު ދެބޭފުޅުން"

"އީދު މިސްކިތާ ހަމައަށް އައިސް ފަހަތް ބަލާލިއިރު ދެބޭފުޅުން"

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގިނަ ބޭފުޅުން ވިދާޅުވާފަދައިން ދިވެހިރާއްޖެއަކީ މުއްސަނދި ތާރީހެއް ލިބިގެންވާ ގައުމެކެވެ! މި ތާރީހުގައި ދިވެހި ގައުމުގައި ހިގައިދިޔަ ބޮޑެތިކަންތައް ތަކުގެ ވާހަކަ ގެނެވިފައި ވެއެވެ. މީގެ ތެރޭގައި ގައުމުގެ ބަތަލުންގެ ވާހަކައާއި އަދި ގައުމަށް ހިޔާނާތްތެރިވި ހާއިނުންގެ ވާހަކަވެސް ހިމެނެއެވެ.

ދިވެހި ގައުމުގެ ބަތަލުންގެ ލިސްޓެއް އެކުލަވާލާނަމަ ޢަލިރަސްގެފާނަކީ މިލިސްޓުން ވަރަށް ކުރީ ރަންވަނައެއް ލިބޭނެ ބޭފުޅަކަށް ނޫނީ ނުވެނުދާނެއެވެ. މި ލިޔުމުގައި އަލިއަޅުވާލެވޭތޯ މިބަލަނީ އަލީރަސްގެފާނުގެ މަތިވެރި ޖިހާދުން ކުޑަ މިންވަރަކަށެވެ. މަގުސަދަކީ ތާރީހުން އިބުރަތް ހާސިލް ކޮށް މުސްތަގްބަލް އުޖާލާ ކުރުމެވެ.

"ޕޯޗުގީޒުން ރާއްޖެ ހިފަން ތިންވަނަ ފަހަރަށް އައީ ޢަލީރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވިތާ ދެ މަސް ވީތަނާއެވެ. މިފަހަރު އެމީހުން ރާއްޖެއަށް ފޮނުވީ ވަރަށް ވަރުގަދަ ލަޝްކަރެކެވެ. މި ލަޝްކަރުގެ ކެޕްޓަނަކަށް ހުރީ ޑަސިލްވޭރާ ޑި އަރައުރޯ އޭ ކިޔޭ މީހެކެވެ.

މާލެއާ ދެކޮޅަށް އައި ޕޯޗުގީޒުން، މާލޭ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑުބަޑިން ހަމަލާތައް ދޭން ފެށުމުން، މާލޭންވެސް ރައްދުޖަވާބު ދިނެވެ. އަދި ދުޝްމަނުން މާލެ އަރަން ކުރަމުން ދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ. ހަނގުރާމަ ދިގުލައިގެން ދިޔަ ދިޔަހެން ދުޝްމަނުންގެ ފޯރި ކުޑަވެ ނާއުންމީދު ވަމުންދިޔައެވެ. ހަމަ މިގޮތަށް ދިވެހި ލަޝްކަރުގެ ތެރޭގައި ދެކޮޅުވެރިކަން ފެށިގެން ހިގަމުން ދިޔައެވެ. އެދުވަސްވަރަކީ މާލޭގައި ހަމަނުޖެހުން ގިނަ ދުވަސްވަރެކެވެ. ގައުމީ ރޫހުވަނީ ކުޑަވެފައެވެ. ދީނީ ކަންތައްތަކަށްވަނީ ފަރުވާ ކުޑަކުރެވެން ފަށާފައެވެ.

މި ނުރައްކާތެރި ދަނޑިވަޅުގައި މާލޭގެ ދިފާޢުގެ މުހިންމު ތަނެއްކަމަށްވާ ބޮޑުބުރުޒުގެ ވެރިޔަކަށް ހުރި އޭދަފުށީ ޙަސަން ދުރުވެ، މަހާރަދުންނަށް ދެންނެވި ކަމަށްވަނި ދުޝްމިނުން ޖެހި ކޮންމެ އުންޑައަކަށް ބޮޑު ކޯއްޓޭ ބުރުޒުން އޭނާ އުންޑައެއް ޖަހާނެކަމަށެވެ. ޢަދުއްވުންގެ އުންޑައަކުން ޖެހި ޚުދު އޭނާ މަރުވެއްޖެކަން ދެނެތިބި ހަތަރު މީހުން އައިސް، ރަދުން އަރިހުގައި އެވާހަކަ ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ. ބަޣާވަތްކުރަން ތައްޔާރަށް ތިބި ބަޔަކު އައިސް ރަދުންނަށް ދެންނެވި ކަމުގައިވަނީ ރަދުންގެ އަމުރުފުޅެއް ނެތި ބޮޑު ކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަ ނެގި ކަމަށެވެ. ދެން، ދުޝްމަނުންގެ ބަޑީގެޚަބަރާއެކުގައި ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަނގު އުތުރުކޮޅަށް ޕޯޗުގީޒުން ފޭބި ޚަބަރެވެ.

ފަތިސްވުމާއެކު ޢަލީރަސްގެފާނު އެމީހުންނާ ހަނގުރާމައަށް ލަޝްކަރީންނާއިގެން ނުކުމެވަޑައިގަތެވެ. ރަސްގެފާނު ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވާ ވަޑައިގެން، ޢީދު މިސްކިތާ ހަމައަށް ވަޑައިގެންނެވުމަށްފަހު، އެނބުރި ފަހަތް ބެއްލެވިއިރު، ބޮޑުވަޒީރާއި، ޚާދިމުން ކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިނގައްޖެއެވެ. ދެން އަލީރަސްގެފާނު އެދެމީހުންނާއިގެން، ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން އެމީހުންނާ ހަމަލާދެއްވިއެވެ. އަދި މިގޮތުގައި ޝަހީދުވެ ﷲ ގެ ނިއުމަތާ ބައްދަލުވަންދެން ދެމިހުންނެވިއެވެ."

މިއީ މީގެ އެތައް ގަރުނެއް ކުރީގެ ވާހަކައެކެވެ. ނަމަވެސް މިވާހަކަތައް ކިޔައި އަޅުގަނޑުމެން މިއަދުވެސް މިއިން އިބުރަތް ހާސިލްކުރަން ޖެހެއެވެ. އެހެނީ މިގައުމު ބޭރުމީހުންގެ އަޅުވެތިކަމަށް ދިޔަ ކޮންމެ ފަހަރަކު ގޮސްފައިވަނީ މިގައުމުގެ މަދު ބަޔަކު އަމިއްލަ މަންފާ އާއި ލާބައަށް މަސައްކަތް ކުރުމެގެ ސަބަބުންނެވެ. މިފަދަ މީހުން މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުން ދެއެވެ. މިފަދަ މީހުންގެ ވާހަކަތަކަށް ނުހެއްލި އުޅެން އަޅުގަނޑުމެން ދަސްކުރަން ޖެހެއެވެ. އަންނަން އޮތް ޖީލަށް އަމާންތެރިކަމާއެކު މިގައުމު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.