ދުނިޔޭގެ ބޮޑެތި ކާފަރު ޤައުމުތަކުގައި ފާހަގަކުރަމުންގެންދާ ދުވަހެއްކަމުގައިވާ ވެލެންޓައިންސްޑޭއާއި ދެކޮޅަށް މެލޭޝިއާގައި ބޮޑެތި ޙަރަކާތްތަކެއް ފަށައިފިއެވެ. މެލޭޝިއާގެ ދީނީ ޢިލްމުވެރިންފެށްޓެވި މި ޕްރޮގްރާމްގެ ބޭނުމަކީ މިފަދަ ލާދީނީ ކަންތައްތަކުން މެލޭޝިއާއި ދުނިޔޭގެ އެހެނިހެން މުސްލިމުން ސަލާމަތްކުރުމެވެ.
މިކަމާއިގުޅޭގޮތުން މެލޭޝިއާގެ އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާކަމަށްވާ "ޖާކިމް"ގެ ވެރިޔާ ޝެއިޚް މުޙައްމަދު ޢަބްދުލް ޢަޒީޒް ވިދާޅުވިގޮތުގައި މިފަދަ ދުވަސްތައްފާހަގަ ކުރުމަކީ އެތައް ފާޙިޝް ކަންތައްތަކެއް ހިމެނޭ ނުބައިކަމަކަށްވާއިރު މިފަދަ ދުވަސްތައްފާހަގަކުރުމަށް ދީން ހުއްދަ ނުކުރާކަމަށެވެ. އަދި މީގެ 6 އަހަރުކުރިން ވެލެންޓައިންސްޑޭއާ ދެކޮޅަށް ނެރެފައިވާ ފަތުވާއަށް ޢިޝާރާތްކުރައްވާ ޝެއިޚް ވިދާޅުވިގޮތުގައި މިއީ ކްރިސްޓިއަންދީނުގައި ފާހަގަކުރާ ދުވަހެއްކަމަށާއި އެހެނިހެން ދީންތަކުގައި ފާހަގަކުރާ އެއްވެސްދުވަހެއް އިސްލާމްދީނުގައި ފާހަގަ ކުރުން ހުއްދަ ނުވާނެކަމަށެވެ.
"ޖާކިމް" ގެ ފަރާތުން ޤައުމުގެ ހުރިހާހިސާބެއްގައި މިދުވަހާދެކޮޅަށް ކެމްޕޭންތައް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި މެލޭޝިއާގެ ހުރިހާ އިސްލާމީ ޕާޓީތަކާއި ޖަމާޢަތްތަކުން މި ޙަރަކާތްތަކުގައިވަނީ ބައިވެރިވެފައެވެ.
ވެލެންޓައިންސްޑޭ އަކީ ކްރިސްޓިއަން ފާދިރީއެއްކަމުގައިވާ ސެއިންޓް ވެލެންޓީންއަށް ނިސްބަތްވެގެން އުފެދިފައިވާ ދުވަހެކެވެ.
(ފޮޓޯއިން އެ ފެންނަނީ މެލޭޝިއާގެ މުސްލިމުންތަކެއް ވެލެންޓައިންސްޑޭއާއި ދެކޮޅަށް އެދުވަހުގެ ޝިޢާރު އުފުއްލާލައިގެންތިބި މަންޒަރެވެ. މެލޭޝިއާބަހުން އޭގައި ލިޔެފައިވަނީ "ވެލެންޓައިންސްޑޭއާއި ދުރުވާށެވެ" .މިހެންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...