ރިޕޯޓް

ކުށްވެރިންނަށްޓަކައި...

ކުށްކުރާމީހުންނަށް އަދަބުދޭންޖެހެނީ އެކުރިކުށަށް ދެވަނަ ފަހަރަށް އެނބުރި ރުޖޫޢަވުމުން ސަލާމަތްކުރުމަށާއި ކުށުގެ ސަބަބުން މުޖްތަމަޢަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

ކުށްވެރިންނަށް ބައެއް ޤައުމުތަކުގައި ދޭ އަދަބުގެ މިސާލަކީ ސޮލިޓަރީ ކޮންފައިންމެންޓް (އެކަހެރިކޮށް ބަންދުކުރުން)، ޖަލަށްލުން، ޖޫރިމަނާކުރުން، އުމުރަށް ޖަލަށްލުން، މަރުގެ އަދަބު ދިނުން، މުޖްތަމަޢަށް ކޮންމެވެސް ޚިދުމަތެއް ކޮށްދިނުން މަޖުބޫރުކުރުވުން ފަދަ ކަންތައްތަކެވެ.

ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކުށްވެރިންނަށް އެބައިމީހުން އިޞްލާޙްވެގެން އަލުން އަނބުރާ މުޖްތަމަޢަށް ނުކުތުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ވަރަށް ގިނަ ޤައުމުތަކުގައި ތަފާތު ޕްރޮގްރާމްތައް ހިންގައެވެ. އެއީ އަދަބު ދިނުމުގެ ބަދަލުގައި ހިންގޭ ކާމިޔާބު ޕްރޮގްރާމްތަކެވެ.

އެގޮތުން އެންމެ ކާމިޔާބު އެއް ޕްރޮގްރާމް އަޅުގަނޑު މިތާގައި މި ހުށަހަޅާޅަނީއެވެ. ޤުރުއާން އެއްކޮށް ހިތުދަސްކުރާ ކުށްވެރިން ޖަލުން ދޫކޮށްލުމުގެ ޕްރޮގްރާމެއް 2002 ވަނަ އަހަރު ދުބާއީގައި ފެށިއެވެ. މިޕްރޮގްރާމްގެ ދަށުން ގިނަ އަހަރުގެ މުއްދަތަށް ޖަލަށްލާފައި ތިބޭ ކުށްވެރިން އެމީހުން ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ޤުރުއާން ދަސްކުރަމުން އަންނަވަރަކަށް ކުރުވަމުން ދާގޮތަށް ހަމަޖައްސާފައިވެއެވެ. އެގޮތުން ޤުރުއާނުން 20 ފޮތް ދަސްކޮށްފިނަމަ 15 އަހަރު ކަނޑައިލުން، 15 ފޮތް ދަސްކޮށްފިނަމަ 10 އަހަރު ކަނޑައިލުން، 10 ފޮތް ދަސްކޮށްފިނަމަ 5 އަހަރު ކަނޑައިލުން ހިމެނެއެވެ.

މިޕްރޮގްރާމް ވެފައިވަނީ ވަރަށް ކާމިޔާބު ޕްރޮގްރާމަކަށެވެ. މިޕްރޮގްރާމްގެ ކާމިޔާބުކަމުގެ ވާހަކަ ޢަރަބި ބައެއް ނޫސްތަކުގައި ޖަހާފައިވެއެވެ. މީހަކު މަރާލުމުގެ ކުށުގައި ޢުމުރަށް ޖަލަށްލާފައިވާ ޢުމުރުން 29 އަހަރުގެ ޢަތާ ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ޤުރުއާން ހިތުދަސްކޮށްފައެވެ. އަދި މިހާރު އޭނާ ޙަރަކާތްތެރިވަމުންދަނީ ޖަލުގައި ޤުރުއާން ހިތުދަސްކޮށްދޭ މުދައްރިސެއްގެ ގޮތުގައެވެ.

"އަހަރެން ޖަލުގައި ހުރި ކޮންމެ ސިކުންތެއްގައި އަހަރެން ކުރި ކުށުގެ ބޮޑުކަން އަހަރެންގެ ހިތަށް އަރައެވެ. އަހަރެން ޖަލުގައި 12 އަހަރު ހޭދަކުރީމެވެ. މިދުވަސްތަކުގައި އަހަރެންނާ އެކުގައިވީ ނުތަނަވަސްކަމެވެ. ހިތްހަމަނުޖެހުމެވެ. އެހެންނަމަވެސް އަހަރެން ޤުރުއާން ހިތުދަސްކުރަން ފެށުމާއެކު އަހަރެންނަށް ތަސައްލީ ލިބެންފެށިއެވެ. އުއްމީދު އާވިއެވެ. ﷲ ގެ ބަސްފުޅުތަކަކީ ހިތްހަމަޖެހުން ލިބުމުގައި އޭގައި އާދަޔާޚިލާފު ކަމެއް އެކުލެވިފައިވާ ބަސްފުޅުތަކެކެވެ. އަހަރެން 1 އަހަރާ 6 މަސްދުވަހުގެ ތެރޭގައި ކީރިތި ޤުރުއާން އެއްކޮށް ހިތުދަސްކުރީމެވެ. " ޢަރަބި ނިއުސްއަށް ޢަތާ ވަރަށް އަސަރާއެކު ކިޔާދީފައިވެއެވެ.

މިޕްރޮގްރާމްގެ ދަށުން މިހާރު އެތައް ކުށްވެރިންނެއް މިނިވަންވެ އާދަޔާ ޚިލާފު ދީނީ ޙަޔާތަކަށް ރުޖޫޢަވެފައިވެއެވެ.
އަޅުގަނޑު ހިތުން މިއީ މުސްލިމު ޤައުމުތަކުގެ ޖަލުތަކުގައި ހިންގިދާނެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ. ދިވެހިރާއްޖޭގައި ކުށްވެރިން އިޞްލާޙްކުރުމަށްޓަކައި މަސައްކަތް ނުކުރާ ހަނދާނެއް ނުވެއެވެ. ތަފާތު ރިހެބިލިޓޭޝަން ޕްރޮގްރާމްތައްވެސް ހިންގައެވެ. އެހެންނަމަވެސް ނަތީޖާ ފެންނަނީ އިދިކޮޅަށެވެ. ސަބަބެއްކަމަށް ބެލެވެނީ ހުޅަނގުން ނަގައިގެން ގެންނަ މާއްދީ ފިކުރުތަކުގެ ޕްރޮގްރާމްތަކަށް ޖާގަ ދީފައިވާލެއް މާ ބޮޑީއެވެ. އިސްލާމީ ރޫޙާނީ މިފަދަ ޕްރޮގްރާމްތަކަށް ޖާގަދީފިނަމަ، ދިވެހިރާއްޖޭގެ ޖަލުތައް ކުށްވެރިން އުފައްދާ ކާރުޚާނާތަކަށް ވުމުގެ ބަދަލުގައި ޙާފިޠުންނާއި ޤާރީން އުފައްދާ ޢިލްމީ މަރުކަޒުތަކަކަށް ވެގެން ނުދާނެބާއެވެ؟ އޭރުން ޖަލުތައް ވަށާލާފައިވާނީ ޝައިޠާނީ ވަސްވާސްތަކުންނެއް ނޫނެވެ. އަދި ކިޔެއްތަ ޖަލުތަކުގެ ވަށައިގެންވާނީ މަލާއިކަތުންނެވެ.

އަޖުމަ ބެލުމުގެ ގޮތުންވެސް މިކަހަލަ ޕްރޮގްރާމްތަކެއް މިހާރު ދިވެހިރާއްޖޭގެ ޖަލުތަކުގައި ފަށަންވެއްޖެއެވެ. މިކަން ކުރުމަށްޓަކައި ބޭރުން ބޮޑު ޚަރަދު ކޮށްފައި ކޮންސަލްޓެންޓުން ގެންނާކަށް ނުޖެހެއެވެ. މިހާރު ހުޅަނގުގެ ނިޒާމްތައް ބޭނުންކޮށްގެން މަސައްކަތް ކުރެވިއްޖެއެވެ. ކުށްވެރިން އިތުރުވުން ނޫންކަމެއް ނުވެއެވެ. މިހުރިހާ ހިތާމައަކާ ކުރިމަތިލާން މިޖެހުނީ މައްސަލައިގެ އަސްލު ޙައްލު ބާއްވާފައި އެހެން ޙައްލެން ހޯދަން އުޅުމުންނެވެ. މިއީ ވިސްނަންޖެހިފައިވާ ކަމެކެވެ. ޖަލުން ﷲ ގެ ފޮތް ހިތުދަސްކޮށްގެން އޭނާ ނުކުންނަ އިރު އޭނާ ހުންނާނީ ކުށްވެރިއެއްގެ ގޮތުގައިތޯއެވެ؟ ނޫނެކެވެ. އޭނާ ރުޖޫޢަވާނީ ދީނީ، ހިތްހަމަޖެހޭ ޙަޔާތަކަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް