ރިޕޯޓް އަޅުގަނޑު އިސްލާމީ ޤާފިލާއާ ގުޅުނީ ކީއްވެ؟

އަޅުގަނޑު އިސްލާމީ ޤާފިލާއާ ގުޅުނީ ކީއްވެ؟

އަޅުގަނޑު އިސްލާމީ ޤާފިލާއާ ގުޅުނީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

"އީމާންކަމުގެ ފޮނިކަމާއި މާތް ނަބިއްޔާގެ ލޯބިން އަޅުގަނޑުގެ ހިތް ފުރިގެންދިޔަ ދުވަހަކީ  ވަރަށް އުފާވީ ދުވަހެކެވެ." ފާޠިމާ މިކް ޑޭވިޑްސަން

 

     ފާޠިމާ މިކް ޑޭވިޑްސަނަކީ ރިޕަބްލިކް އޮފް ޓްރިނިޑަޑް އެންޑް ޓޮބާގޯގެ ސޯޝަލް ޑިވެލޮޕމެންޓާއި ލޯކަލް ގަވަމެންޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބާގޯއަކީ ކެރީބިއަން ކަނޑުގައިވާ ވެސްޓް އިންޑީޒްގެ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެ ދައުލަތު އެކުލެވިގެންވަނީ ޓްރިނިޑާޑާއި ޓޮބާގޯއާއި ދެޖަޒީރާގެ މައްޗަށެވެ. ޓްރިނިޑާޑުގެ މަނައަކީ ޓްރިނިޓީ (ތިން ކަލާނގެ) ގެ ހަދިޔާއެވެ. އެ ނަމަކީ ކޮލަމްބަސް އެޖަޒީރާއަށް ދީފައިވާ ނަމެކެވެ.

ފާޠިމާއަށް އިސްލާމްދީން ތަޢާރަފުވެވަޑައިގެންނެވި ގޮތާއި އެންމެ ފަހުން އޭނާ އިސްލާމްވެވަޑައިގެންނެވި ގޮތާ ބެހޭ ގޮތުން މިސުރުގެ މަޝްހޫރު ޢަރަބި މަޖައްލާއެއް ކަމުގައިވާ "މިންބަރުލް އިސްލާމް"އަށް އޭނާ ވަނީ ބަސްދީގަތުމެއް ދެއްވައިފައެވެ. އޭނާ ވިދާޅުވާ ގޮތުގައި އޭނާ ރަސްމީ ގޮތުން ކްރިސްޓިއަންދީން ދޫކޮށްލައްވައި އިސްލާމްވެވަޑައިގަތުމުގެ އެތައް އަހަރެއްގެ ކުރީންވެސް އޭނާއަކީ މުސްލިމެއް ނޫނޭ ވިދާޅުވެވޭކަށެއް ނެތެވެ. އޭނާގެ ޙަޔާތްޕުޅުގެ ވަރަށް ކުރީކޮޅުގައި އޭނާ ކްރިސްޓިއަންދީނުގެ ޢިލްމުވެރީންގެ މަރުކަޒެއްގައި ދިރިއުޅުއްވުމަށް އެ މަރުކަޒަށް ވެދެވަޑައިގަތުމަށް އޮތީ ހަމަޖެހިފައެވެ.

އޭނާ އެތަނަށް ވަދެވަޑައިގަތުމަށް ހަމަޖެހިފައި އޮތް ދުވަހުގެ ހެނދުނު އައި ނައި ދިމާއެއްވެސް އެނގިވަޑައިނުގެން އޭނާގެ ކަންފަތްޕުޅަށް އަޑެއް އިވިވަޑައިގެންނެވިއެވެ. އެ އަޑަކީ "اللّـه اﻛبر اللّـه اﻛبر" މި ދެ ކަލިމައިގެ އަޑެވެ. ފާޠިމާ ވިދާޅުވަ ގޮތުގައި އެއަޑު އިވިވަޑައިގަތުމާއެކު އޭނާގެ ހަށިކޮޅަށް ވަރަށް ވަރުގަދަ ފޯރިއަކާއި ޖޯޝެއް އަތުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އިސްލާމްދީނާ ދިމާއަށް އެނބުރިވަޑައިގެންނެވިއެވެ. އިސްލާމް ދީނަށް ސަމާލުކަން ދެއްވަން ފެށްޓެވިއެވެ. ފާޠިމާ ވިދާޅުވެފައިވެއެވެ.

އެއީ ކޮން އަޑެއްކަމެއްވެސް އޭރަކު އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް އެއަޑު އިވުމާވިދިގެން ކްރިސްޓިއަން ޚާނުގާހަށް ވަނުމަށް އަޅުގަނޑު އިންކާރުކޮށްފީމެވެ.އޭގެ ފަހުން އެތައް އަހަރެއް ވަންދެން އަޅުގަނޑަށް ތެދުމަގު ދެއްކެވުންއެދި މާތް ﷲ އަށް ދުޢާކުރަމުން ގެންދިޔައީމެވެ. އެ ގޮތަށް ދުޢާކުރަމުން ގެންދަނިކޮށް ކީރިތި ޤުރްއާނުގެ ތަރުޖަމާގެ ކޮޕީއެއް އަޅުގަނޑަށް ލިބިއްޖެއެވެ.

ކީރިތި ޤުރްއާނުގެ ތަރުޖަމާ ކިޔައިލުމައެކު އަޅުގަނޑަށް އެފޮތަށް އީމާންވެވިއްޖެއެވެ. އެދުވަސްވަރު ޕަކިސްތަނުގެ ދީނީ ޢިލްމުވެރިޔެއް ކަމުގައިވާ މައުލާނާ ޞިއްދީޤާއި އިންޑިޔާގެ ދަންނަބޭކަލެއް ކަމުގައިވާ ޑޮކްޓަރ ޝައިޚް އަންޞާރީއާ ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑުގެ ހިތުގެ އިޙްސާސްތަކާއި ވިސްނުން ދައުރުވަމުންދާ ގޮތުގެ ވާހަކަ އެ ދެބޭފުޅުންނަށް ތަފުޞީލުކޮށް ދެންނެވީމެވެ. އެބެފުޅުން ވިދާޅުވިއެވެ. "اﻟﺣﻤﺪ للّـه" އެވެ. ކަމަނާއަކީ މުސްލިމަކީމުއެވެ. ކަމަނާ ބޭނުންފުޅު އިރަކު މިސްކިތަށް ވަޑައިގެން ނަމާދުކުރައްވައި އުޅުއްވާށެވެ. އެއްވެސް އެއްޗެއް އުނގެނިވަޑައިގަންނަވަން ނުވަތަ އެއްވެސް ކަމެއް އޮޅުންފިލުއްވަން ބޭނުންފުޅުވެއްޖެނަމަ އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ކަމަނާއަށް މަރުޙަބާ ދަންނަވަން ތައްޔާރަށެވެ."

އެބޭފުޅުންގެ ވަހަކަފުޅުން އަޅުގަނދު ނިހަޔަތަސް އުފަވިއެވެ. އެދުވަހުން ފެށިގެން އަޅުގަނޑުގެ ހިތް ވަނީ އީމަންކަމުގެ ފޮނިކަމުން ފުރިފައެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ދެކެވާ ލޯތްބާއި އެ މާތް ސާހިބާއާމެދު އިޙްތިރަމުގެ ޝުޢޫރުތަކުން އަޅުގަނޑުގެ ހިތްވަނީ ސިކަރަވެފައެވެ. އަޅުގަނޑު ރަސްމީ ގޮތުން އިސްލާމްވީ ދުވަހަކީ އެ ދުވަސް ކަމުގައި ވިޔަސް ކުރީންވެސް ދެންނެވިފަދައިން އަޅުގަނޑަށް اللّـه اﻛبر ގެ މަތިވެރި ކަލިމަފުޅުގެ އަޑުއިވި، ކްރިސްޓިއަން ޚާނުގާހަށް ވަންނަން އިނކަރުކުރި ދުވަހުއްސުރެ އަޅުގަނޑަކީ މުސްލިމެއް ނޫނެކެ ނެދެންނެވޭނައެވެ.

އަޅުގަނޑުމެންގެ ޤައުމުގައި މިސްކިތަކަށް އެންމެ ފުރަތަމަ ވަން ކަޅު ނަސްލުގެ އަންހެންކުއްޖަކީ އަޅުގަނޑެވެ. އަޅުގަނޑު މިސްކިތަށްދާން ފެށުމުން މަސްޖިދު އަންޖަމަން ޖާމިޢު ސަނާތަލަށް ގޮސް އަޅުކަމުގައި ބައިވެރިވުމަށް އެހެން އަންހެންކުދީންނަށް ވެސް ހިތްވަރު ލިބިއްޖެއެވެ. އެ މިސްކިތަކީ ޓްރިނިޑާޑުގެ ފްރާންސިސް އަވަށުގައި ޑޮކްޓަރ ޝައިޚް އަންޞާރީ ބިންގާ އެޅުއްވި މިސްކިތެކެވެ. އަންޖަމަން ޖާމިޢު ސަނާތަލްގެ މިހާރުގެ ޗެއަރމަނަކީ އަލްޙާއްޖު ޝަފީޤު މުޙައްމަދެވެ. އެ ދުވަސްވަރު ޓްރިނިޑާޑު އެންޑް ޓޮބާގޯގެ މީހުން ހީކޮށް އުޅުނީ އިސްލާމްދީނަކީ އިންޑިޔާގެ ތަފާތު މަޒުހަބުތަކާއި ޢަޤީދާތަކުގެ ތެރެއިން ހިމެނޭ ބާވަތެއް ކަމުގައެވެ.

ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބާގޯގެ ވަރަށް ގިނަ ބަޔަކު މިހާރުވަނީ އިސްލާމްވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެފްރިކާ ނަސްލުގެ މީހުންނެވެ. އެހާ ގިނަ ބަޔަކު އިސްލާމްވުމުގެ ސަބަބުން މިހާރު އެޖުމްހޫރިއްޔާގެ އާބާދީގެ ތޭރަ އިންސައްތަޔަކީ މުސްލިމުންނެވެ. ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބާގޯގެ އާބާދީގެ އެއްތިރީސް އިންސައްތައަކީ ކެތަލިކް ކްރިސްޓިއަނުންނެވެ. ހަތާވީސް އިންސައްތަޔަކީ ޕްރޮޓެސްޓަންޓު ކްރިސްޓިއަނުންނެވެ. ހައެއް އިންސައްތައަކީ ހިންދީންނެވެ. ތޭވީސް އިންސައްތައަކީ އެހެނިހެން ދީންތަކުގެ މީހުންނެވެ."

އެތަނެއްގެ އާބާދީގެ ގިނަ މީހުންނަކީ މުސްލިމުންކަމުގައި ނުވާ ޤައުމެއްގައި މުސްލިމެއްގެ ޙައިޘިއްޔަތުން ފާޠިމާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން ފާޠިމާ ވިދާޅުވެފައިވެއެވެ.

"އިސްލާމްދީން މުސްލިމުންނަށް ބާރުއަޅަނީ އިޚްލާޞްތެރިކަމާއި ހީވާގިކަމާއެކު ތިމާމެންގެ ވާޖިބުތައް އަދާކުރުމަށެވެ. އަޅުގަނޑު ފުރިހަމަ އިޚްލާޞްތެރިކަމާއެކު އިސްލާމްދީނުގެ އުނގަންނައިދިނުންތަކަށް ޢަމަލުކުރަމެވެ. އަޅުގަނޑު އޮފީސް ދާއިރާގައިވެސް އަމިއްލަ ޒާތީ ދިރިއުޅުމުގައިވެސް ދޮގެއް ނަހަދަމެވެ. ފުރިހަމަ ޒިންމާދާރުކަމާއެކު އަޅުގަނޑުގެ ޤާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް ދީނީ މަސްއޫލިއްޔަތު އަދާކުރަމެވެ. އިސްލާމްދީނާ ޚިލާފު ކޮންމެ ކަމަކަށް ކެރިގެން ފާޅުގައި ނޫނެކޭ ބުނަމެވެ. އަޅުގަނޑުގެ މަޤާމުގެ މަސްއޫލިއްޔަތާއި ދީނާ ހުރިގުޅުމާ ބެހޭ ގޮތުން ދެންނެވޭންއޮތީ އިސްލާމްކަމަކީ އަޅުގަނޑަށް ލިބުނު ބޮޑު ނިޢުމަތެއް ކަމުގައެވެ. ވަޒީފާގެ ދާއިރާއަށް ހެޔޮ އަސަރުތަކެއް ކުރުވި ރަނގަޅު ބަދަލެއް ކަމުގައެވެ.

"އަޅުގަނޑުމެންގެ ކުރީގެ ބޮޑުވަޒީރު އަޅުގަނޑަށް މިސުރަށް ޒިޔާރަތް ކުރުމަށް ލަފާދެއްވިއެވެ. މިސުރަކީ ބައިނަލްއަޤްވާމީ ޝުހުރަތު ލިބިފައިވާ ޖާމިޢުލް އަޒްހަރުގެ ބިމެވެ. މިސުރަކީ އިންސާނީ ތަހްޒީބުގެ ނާރެހެކެވެ. ކުރީގެ ވަޒީރުލްއަޢުޒަމް އިސްލާމްދީނާ ބެހޭ ވަރަށް ގިނަ ވާހަކަތައް އަޅުގަނޑަށް ވިދާޅުވެދެއްވިއެވެ.

"އަޅުގަނޑުމެންގެ މިހާރުގެ ވަޒީރުލްއަޢުޒަމްގެ އަރިހުގައި ރިޕަބްލިކް އޮފް ޓްރިނިޑާޑު އެންޑް ޓޮބާގޯގެ ސޯޝަލް ޑިވެލޮޕްމެންޓާއި ލޯކަލް ގަވަރމެންޓާ ބެހޭ ސްޓޭޓް މިނިސްޓަރެއްގެ ޙައިޘިއްޔަތުން މިސުރަށް ޒިޔާރަތްކުރުމުގެ ހުއްދަ ދެއްވުން އެދި ދެންނެވުމުން އޭނާ އެހުއްދަ ދެއްވިއެވެ. އަދި ޖާމިޢުލް އަޒްހަރަށާއި، ސުޕްރީމް ކައުންސިލް އޮފް އިސްލާމިކް އެފެއާރޒަށް ޒިޔާރަތްކުރުމަށް ލަފާދެއްވިއެވެ. އެމެރިކާއަށާއި އިނގިރޭސި ވިލާތަށް އަޅުގަނޑުމެން ކުރި ދަތުރުތަކުގައި އެއިދާރާތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ރަނގަޅު ޚަބަރުތަކެއް ލިބިފައިވާތީއެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލިސުގެ އިންތިޚާބުގައި އެތައް ފަހަރަކު ބައިވެރިވީމެވެ. މުސްލިމަކަށް ވުމާއެކުވެސް ކޮންމެ ފަހަރަކުވެސް އަޅުގަނޑަށް އިންތިޚާބު ކާމިޔާބުވިއެވެ. އަޅުގަނޑު ވަނީ އަޅުގަނޑު އިސްލާމްވިފަހުން، ތަޢުލީމާއި ޘަޤާފަތާބެހޭ ވަޒީރެއްގެ ޙައިޘިއްޔަތުން ކެބިނެޓް މިނިސްޓަރ ކަންވެސް ކޮށްފައެވެ.

"ރިޕަބްލިކް އޮފް ޓްރިނިޑާޑު އެންޑް ޓޮބޭގޯގައި ފިޠުރުޢީދު ދުވަހާއި، އަޟުޙާޢީދު ދުވަހާ ދެދުވަހަކީ ރަސްމީ ބަންދު ދެދުވަހެވެ. ރަމަޟާން މަހު މުސްލިމުންނަށް ގޭގެއާއި މިސްކިތްތަކުގައި އާންމުކޮށް އަޅުކަންކުރުމުގެ ހުއްދަ އޮވެއެވެ. މިކަން ހާމަކޮށްލުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ."

ފާޠިމާ އޭނާގެ ބަސްދީގަތުން ނިންމައިލައްވަމުން ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު އިސްލާމީ ދުނިޔެއަށް ގޮވައިލަނީ މުސްލިމުންގެ ސަފުތައް އެއްބައިވަންތަ ކުރުމަށެވެ. އެހެނީ އެކުވެރިކަމަކީ ގަދަފަދަބާރެކެވެ. ޚާއްޞަކޮށް އިސްލާމްދީން ފަދަ މަތިވެރި މާތްދީނެއްގެ ދިދައިގެ ދަށުގައި ތިބޭ ބަޔަކު އެއްބައިވަންތަވުން ވަރަށް މުހިންމެވެ. އިންސާނީ ދަރިފަސްކޮޅަށް ހަމަހަމަކަމާއި އެއްބަނޑުއެއްބަފާކަން ތަޢާރުފުކޮށްދިނީ އިސްލާމްދީނެވެ. އަޅުގަނޑުމެންގެ ހުރިހާ ގުޅުންތަކަކާއި، މުޢާމަލާތުތަކެއް ފުރިހަމަ އިންތިޒާމެއްގެ މަތިން ރާވައި ހަމަޖައްސައިދިނީވެސް އިސްލާމްދީނެވެ. އެހެންކަމުން އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއް އަރާރުމާއި ދެކޮޅުވެރިކަން ދޫކޮށްލަންޖެހެއެވެ. ވާހަކަދައްކައި މަޝްވަރާކޮށްގެން އެއްބަޔަކު އަނެއް ބަޔަކަށް ވިސްނައިދީ ހަމަ ޤަބޫލުކޮށްގެން ހުރިހާ ދެބަސްވުންތަކަކާއި އަރާރުންތަކެއް ހަމަޖައްސައިލެވިދާނެއެވެ.

އަރަހުށިމާތް ﷲ ވަނީ އަޅުގަނޑަށް ހިދާޔަތުގެ ނިޢުމަތް ދެއްވައިފައެވެ. އެހެންކަމުން އަޅުގަނޑު އެކަލާނގެ ޙަޟުރަތަށް ދުޢާދަންނަވަމެވެ. މުސްލިމުންނަށް އަމާންކަމާއި އުޚުއްވަތްތެރިކަމުގެ މަގު ދެއްކެވުންއެދިއެވެ. މި ޒަމާނުގައިވެސް މީސްތަކުންގެ މެދުގައިވާ އެންމެ ހެޔޮ އުންމަތުގެ މަޤާމު އޭގެ ޙަޤީޤީ މާނައިގައިވެސް މުސްލިމުންނަށް ލިބުމަށްޓަކައެވެ."

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.