ކޮލަމިސްޓް އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟ (ދެވަނަބައި)

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟ (ދެވަނަބައި)

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟ (ދެވަނަބައި)

ކިޔާލަން ހޭދަވާނީ 9 މިނިޓް

ފޮންޓް ސައިޒް

ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ލިޔުއްވައިފައިވެއެވެ:

"އަޅުގަނޑުގެ ފޮތެއް ކަމުގައިވާ "ޑައެރީ އޮފް އަ ޖަރމަން މުސްލިމް" ލިއެފައި ޖަރުމަންގެ ޚާރިޖިއްޔާއަށް ހުށަހެޅުމުން ޚާރިޖިއްޔާއިން އެ ފޮތަށްދިނީ ވަރަށް އެދެވޭ ތަރުޙީބެކެވެ. ޚާރިޖިއްޔާއިން އެ ފޮތާ ޤަބޫލުވިއެވެ. ޚާރިޖިއްޔާއިން ދެކޭގޮތުގައި އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ޖަރުމަން ސަފީރުންނަށް އިސްލާމްދީން އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. އަޅުގަނޑުގެ ފޮތަކީ އިސްލާމްދީނުގެ މައުޟޫޢުގައި ވަރަށް ރަނގަޅު ފޮތެއްކަމުގައި ޚާރިޖިއްޔާއިން ބަލައިގަތެވެ. އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ހުރިހާ ޖަރުމަނު ސަފީރުން މުޠާލިޢާ ކުރެއްވުމަށްޓަކައި އެފޮތް ފޮނުވުމަށް ޚާރިޖިއްޔާއިން އެންގިއެވެ. އެ ހުރިހާ ސަފީރުންވެސް އެފޮތާ ވަރަށް ޤަބޫލުފުޅުވިއެވެ. އެފޮތަށް ވަރަށް ތާރީފު ކުރެއްވިއެވެ.

އެއަށްފަހު އަޅުގަނޑު ބަދަލުވީ ސޯޅަ ޤައުމެއްގެ މައްޗަށް އެކުލެވޭ ނޭޓޯގެ އިންފޮމޭޝަނާ ބެހޭ އިދާރާގެ ޑައިރެކްޓަރަކަށެވެ."

ޑޮކްޓަރ މުރާދަށް ނޭޓޯގެ ޑައިރެކްޓަރެއްގެ މަޤާމު ހޯދައިދިނުމަށް އެހީތެރިވީ އޭނާގެ ތިލަފަތްހަމަ ޚިޔާލުފުޅާއި، އޭނާގެ ތެދުވެރިކަމާއި، ވިސްނުންފުޅު ތޫނުކަމެވެ. ހުޅަނގުގެ މީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮންނަ ރުޅިޔާއި، ޙަސަދައާއި، ހިތްނުބައިކަން އޭނާއަށް ރަނގަޅަށް އޮޅުންފިލައިވަޑައިގަތީވެސް އޭނާއަށް އެ މަޤާމު ލިބިވަޑައިގަތުމަށް ފަހުގައެވެ.

ނޭޓޯގެ ޑައިރެކްޓަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ މުރާދު އޭނާގެ ތަޖުރިބާ އިތުރަށް ބަޔާންކުރައްވައިފައި ވަނީ މިދަންނަވާ މޭރުމުންނެވެ.

"ނޭޓޯގެ މައި އޮފީހަށް އަހަރަކު ތިރީހަކަށް ހާސްމީހުން ޒިޔާރަތްކުރެއެވެ. އެތާނގެ މަސައްކަތް ހުންނަގޮތް ބަލައިލުމަށެވެ. އަޅުގަނޑުމެން އެބައިމީހުންނަށް ނޭޓޯއާ ބެހޭ ފިލްމުތައް ދައްކަމުއެވެ. ނޭޓޯ މަސައްކަތްކުރާ ގޮތް އޮޅުންފިލުވައި ދެމުއެވެ. އެގޮތުން އަންނަ މީހުނާއެކު މެންދުރުގެ ކެއުމުގައި ބައިވެރިވާން އަޅުގަނޑަށް ޖެހެއެވެ. އަޅުގަނޑު ތަށްޓާއި އުލާއި ސަމުސަލާ ހިފައިގެން އެއްކަނެއްގައި މަޑުމަޑުން އިންނަމެވެ. ކެއުމުގައި ބައިވެރިއެއްނުވަމެވެ. އަޅުގަނޑު އުޅެނީ ބަލިވެތޯ މީހުން ސުވާލުކުރެއެވެ. އަޅުގަނޑު ޖަވާބު ދެމެވެ. ނޫނެކެވެ. އަހަންނަކީ މުސްލިމެކެވެ. ޙަލާލު ގޮތުގައި ނުކަތިލައި ހުންނަ ޖަނަވާރުގެ މަހާއި އެ ނޫންވެސް ޠާހިރުނޫން ތަކެތި ކައެއް ނުއުޅެމެވެ. ރޯދަމަހު އަޅުގަނޑު ކެއުމުގައި ބައިވެރިނުވާތީ ސުވާލުކުރާ މީހުންގާތު އަޅުގަނޑު މިހިރީ ރޯދައަށެވެ ފާޅުގައި ބުނަމެވެ.

މެންދުރު ކެއުމުގެ ވަގުތުގައި ވާހަކަދެކެވެނީ ހަމައެކަނި ނޭޓޯއާ ބެހޭ ގޮތަކުންނޫނެވެ. އިސްލާމްދީނާއި މުސްލިމުންނާ ބެހޭ ގޮތުންވެސް ވާހަކަދެކެވެއެވެ. އެވާހަކަފުޅުތަކާ ބެހޭ ގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އެގޮތުން ދެކެވޭ ވާހަކަފުޅުތަކުގެ ތެރޭގައި ޔޫރަޕްގެ ޒުވާނުން ކްރިސްޓިއަނިޓީއާ ދުރުހެލިވަމުންދާ ވާހަކަވެސް ދެކެވެއެވެ. އެފަދަ ވާހަކަފުޅު ތަކުގެ ތެރޭގައި ދުނިޔެއަށް މިވަގުތު ވަނީ ކްރިސްޓިއަނިޓީގެ ބަދަލުގައި އެހެން ދީނަކަށް ބޭނުންވެފައި ކަމަށް މުރާދު ވިދާޅުވުމުން އޭނާގެ ހުރިހައި އެކުވެރިން އެކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ޑޮކްޓަރ މުރާދު އޭނާގެ އެކުވެރިންގެ އަރިހުގައި ޔޫރަޕަށް އެންމެ ރަނގަޅު ނިޒާމަކީ އިސްލާމްދީން ކަމުގައްޔާއި، ޚުދު އޭނާއަކީވެސް މުސްލިމެއް ކަމުގައި ވިދާޅުވުމުން އެބޭފުޅުން ހީފުޅުކުރައްވަނީ އޭނާ ސަމާސާކުރައްވަނީ ކަމުގައެވެ. ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށްގެންދަވަމުން ލިޔުއްވައިފައިވެއެވެ.

އަޅުގަނޑު ނޭޓޯގެ ޑައިރެކްޓަރަކަށް ހުއްޓައި އަލްޖޭރިޔާއަށް ކަނޑައެޅިފައިވާ ޖަރުމަންވިލާތުގެ ސަފީރުކަމަށް އަޅުގަނޑު ބަދަލުކޮށްފިއެވެ. އަޅުގަނޑު އެ މަޤާމަށް ހަމަޖެއްސުމުގެ ކުރީން ޚާރިޖިއްޔާގައި ވަރުގަދަ ބަޙްޘެއް ހިނގިއެވެ. ކްރިސްޓިއަން ޤައުމެއްގެ ސަފީރުކަމަށް މުސްލިމަކު ޢައްޔަންކުރުމާ މެދުގައެވެ. އެންމެ ފަހުން ޖަރުމަން ސަރުކާރުން ނިންމީ ޖަރުމަންގެ ކޮންމެ ރައްޔިތަކަށްވެސް އެމީހަކު ބޭނުން ދީނެއް އިޚްތިޔާރު ކުރެވިދާނެ ކަމުގައެވެ. ޖަރުމަންގެ ކޮންމެ ރައްޔިތަކަށްވެސް އެ ޤައުމުގެ ސަފީރުކަމުގެ މަޤާމުވެސް ފުރިދާނެ ކަމުގައެވެ.

މަޝްހޫރު މުޞައްނިފު ފުކުޔާމާ އޭނާގެ ފޮތެއްކަމުގައިވާ "ދަ އެންޑް އޮފް ހިސްޓްރީ" ލިޔުއްވީ އަޅުގަނޑު އަލްޖޭރިޔާގައި ހުންނަ ޖަރުމަންވިލާތުގެ ސަފީރުކަމުގެ މަޤާމުގައި ހުއްޓައެވެ. އެ ފޮތުގައި އޭނާ ލިޔުއްވައިފައިވަނީ މިހާރު އިންސާނިއްޔަތުގެ ތާރީޚުގެ އެންމެ ފަހު ބާބު ލިޔެވޭން ފެށިފައިވާ ކަމުގައެވެ. އިންސާނިއްޔަތުގެ އޮއްސުމުގެ ވަގުތު ޖެހިއްޖެކަމަށާއި، އިންސާނިއްޔަތު ސަލާމަތް ކުރެވޭފަދަ އެއްވެސް ނަޒަރިއްޔާއެއް ދުނިޔޭގައި ނެތްކަމުގައެވެ. ދުނިޔެ ވަނީ ހަލާކުގެ އޮޅިގަނޑުމަތީގައި ކަމުގައެވެ. ސޮވިއެޓް ޔޫނިއަން ރޫޅުމާއި ކޮމިޔުނިސްޓު ނަޒަރިއްޔާ ނާކާމިޔާބުވުމާއި ހުޅަނގުގެ އަޚުލާޤީ ވެއްޓުމާއި، ކެޕިޓަލިޒަމްގައި ހުއްދަނޫން ފައިދާ ހޯދުން އިންތިހާޔަށް ދިއުމާއި މިފަދަ މުހިންމު އެތައް ބާބުތަކެއް އެފޮތުގައި ހިމެނެއެވެ. އެފޮތުގައިވާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ ހަމައެކަނި ޖުމްހޫރީ ނިޒާމާއި، މޮޑަނިޒަމާއި، ސެކިޔުލަރިޒަމެވެ. އެފޮތްކިޔުމަށް ފަހު އަޅުގަނޑު ކަނޑައެޅީ އެފޮތަށް ޖަވާބުދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމުގައެވެ. އެހެންކަމުން އެފޮތުގެ ޖަވާބުގައި "އިސްލާމް ދި އޯލްޓަރނެޓިވް" ގެ ނަމުގައި އަޅުގަނޑު ފޮތެއް ލިޔަން ފަށައިފީމެވެ. ރެއެއްދުވާލެއް ނެތި މަސައްކަތް ކޮށްގެން ތިން ހަފްތާގެ ތެރޭގައި އެފޮތް ނިންމައިފީމެވެ.

އެފޮތުގައި އަޅުގަނޑު ބުނެފައިވާނީ ތާރީޚު ނިމުމަކަށް ނުދާ ކަމުގައެވެ. މިހައިތަނަށް ދުނިޔެއަށް ތަޢާރުފުވެފައިވާ ނިޒާމުތައް ނާކާމިޔާބުވުމަށް ފަހު އިންސާނިއްޔަތު ހަލާކުން ސަލާމަތްކޮށްދޭނެ ނިޒާމެއްގެ ޙައިޘިއްޔަތުން ބަދަލު ނިޒާމަކަށް އޮތީ ހަމަ އެކަނި އިސްލާމްދީން ކަމުގައެވެ. މިއަދުގެ ދުނިޔެ ހަލާކުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އިސްލާމްދީނަށް ކަމުގައެވެ. އިސްލާމްދީނާމެދު މުޅި ދުނިޔެ ވިސްނައި ފިކުރުކުރަންޖެހޭނެ ކަމުގައެވެ. އިސްލާމްދީނަކީ އަފުރާދުންނާއި ޖަމާޢަތުގެ ހުރިހާ މައްސަލަތަކެއްގެ ހަމައެކަނި ޙައްލުކަމުގައެވެ. އިސްލާމްދީނަކީ އިލާހީ ނިޒާމެއް ކަމަށާއި، އެނިޒާމު އިންސާނީ ފިޠުރަތާއި އެއްގޮތް ކަމުގައެވެ. އިސްލާމީ ނިޒާމު ބާވައިލެއްވީ މާތް ﷲ ކަމަށާއި، އެކަލާނގެއީ އެންމެހައި އިންސާނުންގެ ޚާލިޤު ކަމުގައެވެ.

Murad Hoffman

އެފޮތް ނިންމުމަށް ފަހު އަޅުގަނޑު އަށް ޕަބްލިޝަރެއްގެ ގާތަށް އެފޮތް ފޮނުވީމެވެ. އޭގެ ތެރެއިން ދެފަރާތަކުން އެފޮތް ޝާއިޢުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއް ޕަބްލިޝަރަކާއެކު އަޅުގަނޑު އެފޮތް ޝާއިޢުކުރުމުގެ އެގްރީމެންޓެއް ކޮށްފީމެވެ. އެއީ ޖަރުމަންވިލާތުގެ ވަރަށް މުހިންމު ޕަބްލިޝަރެކެވެ. އެބައިމީހުން އެފޮތް ޝާއިޢުކުރީ 1992 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ.

އެފޮތް ބާޒާރަށް ނުކުތުމާއެކު ހަފަރާތުން އެފޮތަށާއި ފޮތުގެ މުޞަންނިފަށް ތަންޤީދު ކުރަންފަށައިފިއެވެ. ނޫސްތައް އެހެންހުރިހާ ކަމެއް އެއްފަރާތްކޮށްލުމަށް ފަހު އަތްދޮވެލައިގެން އަޅުގަނޑުގެ ފަހަތުން އަޅައިގަތެވެ. ނޫސްތަކުގެ ބޭރު ގަނޑުގައި އަޅުގަނޑަށް އިހާނެތިކޮށް ހިތުމުގެ ސުރުޚީތައް ޗާޕުވާންފަށައިފިއެވެ. ނޫސްތަކުގައި ލިޔަމުންގެންދިޔައެވެ. މީނާ ބުނަނީ ވައްކަން ކުރާ މީހުންގެ އަތްބުރިކޮށްލަންވީ ކަމުގައެވެ. ޒިނޭކުރާ މީހުން ރަޖަމުކުރަންވީ ކަމުގައެވެ. ހޮފްމަންގެ އަންހެނުން ފަކީރަށް ތިން ހަތުރަނބީންނާ ކުރިމަތިލާންޖެހޭނެ ކަމުގައެވެ.

ޚާރިޖިއްޔާއަށް އެތަކެއް ހާސްހާހަކުން ސިޓީތައް އޮހެމުންދިޔައެވެ. އަޅުގަނޑާއި އަޅުގަނޑުގެ ފޮތް އިންތިހާ ދަރަޖައަށް ކުށްވެރިކޮށްފައެވެ. އެ ހަމަނުޖެހުންގަނޑު ނޭފަތުކުރިޔާ ހަމަޔަށް އެރުމުން ޚާރިޖީ ވަޒީރު އޭނާގެ ތިން އެހީތެރިޔަކު ލައްވައި އެ ފޮތް ވަރަށް ފުންކޮށް ދިރާސާކުރުއްވިއެވެ. އެއަށް ފަހު ބަޔާނެއް ނެރުއްވިއެވެ. އެބަޔާނުގައި ވެއެވެ. "އެފޮތުގައި އިޢުތިރާޟުކުރަންޖެހޭ ފަދަ އެއްވެސް ވާހަކައެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އެފޮތުގައި ވަނީ އޮބްޖެކްޓިވް ގޮތަކަށް އިސްލާމްދީން ހުށަހަޅައިފައެވެ. އެފޮތަކީ އިސްލާމްދީން ތަޢާރަފުކޮށްދޭ ފޮތެކެވެ. ޖަރުމަންގެ ރައްޔިތަކު ހިންދީ ދީނާއި، އިސްލާމްދީނާއި، ބުދުދީނާއި މިއިން ކޮންމެ ދީނެއް ޚިޔާރުކުރަން ބޭނުންވި ކަމުގައި ވިޔަސް އެ ދީނެއް ޚިޔާރުކޮށް އެ ދީނަކަށް އުޅުމަކީ ޖަރުމަންވިލާތުގެ ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ޙައްޤެކެވެ."

އެދުވަސްވަރުގެ ނޫހެއްގައި ލިޔެފައިވެއެވެ. "ޖަރުމަންވިލާތުގެ ސަފީރެއް އަމިއްލަޔަށް މަރުވާން މީހުންނަށް އެބަ ހިތްވަރުދެއެވެ." އެކަންވީ ގޮތަކީ ހަތަރު ހަފްތާއެއްހައި ދުވަހު އަޅުގަނޑުގެ ގާތުގައި މަސައްކަތްކުރި މީހަކު ކޮންމެވެސް ސަބަބަކާހުރެ އަމިއްލަޔަށް މަރުވީއެވެ. އެކަންވެސް އަޅުގަނޑުގެ ބޮލުގައި އެޅުވީއެވެ. އެހެން ނޫހެއްގައި ލިޔެފައިވެއެވެ. "މިކަލޭގެ އެމްބަސީގެ އަންހެން މުވައްޒަފުން ބުރުގާ އެބަ އަޅުވައެވެ." އެއީވެސް ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެމްބަސީގައި މުސްލިމް އަންހެނުންވެސް މަސައްކަތްކުރެއެވެ. އެމީހުން ބުރުގާ އަޅައެވެ.

އިއްތިފާޤުން ދިމާވި ގޮތުން އަޅުގަނޑުގެ ފޮތް ބާޒާރަށް ނުކުތީ ސަލްމާނު ރުޝްދީގެ ބަދުނާމުވެފައިވާ ފޮތާމެދު އިޙުތިޖާޖުތައް ހިނގަމުން ދަނިކޮށެވެ. ހުޅަނގުގެ ޤައުމުތަކުން އިރާޤަށް ޙަމަލަދިނީ އޭގެ އަހަރެއްހާދުވަސް ކުރިންނެވެ. އެހެންކަމުން އަޅުގަނޑުގެ ފޮތަށް އާދަޔާޚިލާފު މަޤްބޫލުކަމެއް ލިބުނެވެ. ﺃﻠﺤﻣﺪ ﻟﻟﻪ އެވެ. މިއީ އެޙާލަތްތަކަކާ މުޤާބިލާކުރަމުން އަޅުގަނޑު އިސްލާމްވި ޙާލަތްތަކެވެ.

"އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަ ރަސްކަލާނގެ ޙަޟުރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަ ކަށަވަރުން، އިބަ ރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ،"  (އާލު ޢިމްރާން: 8).

ޑޮކްޓަރ މުރާދު މޮރޯކޯގެ ސަފީރަކަށް ހުންނެވި ދުވަސްވަރު ޖަރުމަން ވިލާތުގެ ޓީ.ވީ. އަކުން އޭނާގެ ބަސްދީގަތުމަކަށް އެދުނެވެ. ޖަރުމަން ޓީ. ވީ. އިން ޑޮކްޓަރ މުރާދުގެ ބަސްދީގަތުން ދުރަށް ދެއްކީ ވަރަށް ބޮޑަށް ބަދަލުކޮށްގެން މުޅިން މާނަ އޮޅުވައިލައިގެންނެވެ. އެންމެ ފުރަތަމަ ދެއްކީ ޑޮކްޓަރ ނަމާދުކުރައްވާ މަންޒަރާއި ނަމާދުގައި ކުރެއްވި ދުޢާއެކެވެ. އެ ދުޢާގައި އޭނާ ވިދާޅުވީ "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ޖަރުމަނަކީ އިސްލާމީ ޤައުމަކަށްވުމުގެ އެކަށޭނަކަން ދެއްވާނދޭވެ!" މިފަދައިންނެވެ.

ޑޮކްޓަރ މުރާދު ޖަރުމަން ޓީ. ވީ. އަށް ދެއްވި ބަސްދީގަތުމުގައި އޭނާ ވާހަކަދެއްކެވީ އިންސާފުވެރިކަމާއި، ބަރުދާސްކުރުމާއި، ކެތްތެރިކަމާއި، އިސްލާމްދީނުގެ މުސްތަޤްބަލާ ބެހޭ ގޮތުންނެވެ. އެހެންކަމާއެކު ވެސް ޓީ. ވީ. އިން އެ ބަސްދީގަތުން ދުރަށް ފޮނުވުމުން އެމަންޒަރު ބައްލަވައިފައި ޚުދު އޭނާ ޙައިރާންފުޅުވިއެވެ. އޭނާގެ ވާހަކަފުޅުތައް ކަނޑައި އެޑިޓްކޮށްގެން ބަދަލުކޮށްފައިވަނީ އޭގެ ދިމާއިދިކޮޅަށެވެ. އެބަސްދީގަތުމާ ވިދިގެން ޑޮކްޓަރ މުރާދު ހޮފްމަން ޤަތުލުކުރުމަށް ޖަރުމަނުގެ ބައެއް ފަރާތްތަކުން ގޮވައިލިއެވެ. ނަމަވެސް ޚާރިޖީ ވުޒާރާއިން ޖަވާބުދިނީ ޖަރުމަނުގެ އެހެންވެސް ރައްޔިތުންނެކޭ އެއްފަދައިން ޑޮކްޓަރ މުރާދަށްވެސް އޭނާ ބޭނުންފުޅު ދީނެއް ޚިޔާރު ކުރެއްވުމުގެ މިނިވަންކަން ލިބިވަޑައިގެންފައިވާ ކަމުގައެވެ. ޑޮކްޓަރ މުރާދު ސީދާ ނުވަތަ ނުސީދާ ގޮތެއްގައިވެސް އޭނާގެ އަމިއްލަފުޅު މަޞްލަޙަތަށްޓަކައި އޭނާގެ މަޤާމުގެ ބޭނުންފުޅު ކުރެއްވިކަމެއް ސާބިތެއް ނުވިއެވެ. ހަމައެފަދައިން ޖަރުމަންވިލާތުގެ އެއްވެސް ޤާނޫނަކާ އޭނާ ޚިލާފުވެވަޑައިގެންނެވި ކަމުގެ ހެއްކެއްވެސް ނުލިބުނެވެ.

އެމްބެސެޑަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ މުރާދު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުން ރިޓަޔަރްވެވަޑައިގަތުމަށް ފަހު އޭނާގެ ތުރުކީ އަނބިކަނބަލުންނާއެކު ދިރިއުޅުއްވަމުން ގެންދަވަނީ ތުރުކީގައެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކުރައްވައިފައިވަނީ އިސްލާމްދީނުގެ ޚިދުމަތުގައެވެ. ދީނަށް ގޮވައިލެއްވުމާއި، ދީނީ ފޮތް ލިޔުއްވުމާއި، ހުޅަނގުގެ ތަހުޒީބުގެ ސާބިތުކަމެއް ނެތްކަމާއި، އެ ތަހުޒީބު އިންސާނިއްޔަތު ހަލާކާ ދިމާޔަށް ގެންދާގެންދިޔުން ބަޔާންކުރެއްވުމުގައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާ އެންމެ ގިނަ ވަގުތު ހޭދަކުރައްވަނީ އިސްލާމްދީނުގެ މުސްތަޤްބަލުގެ މައްޗަށް ފޮތެއް ލިޔުއްވުމަށެވެ. އެ ފޮތުގެ ޢަރަބި ތަރުޖަމާވެސް ވަނީ ނިމުމުގެ މަގުމަތީގައެވެ.

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އޭނާގެ ފޮތެއްކަމުގައިވާ "The road to Makkah and Madinah" ކޮންމެވެސް އެހެން ބަހަކަށް ތަރުޖަމާކުރެއްވުމަކީވެސް އޭނާ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އޭނާ މި ދެންނެވި ފޮތް ލިޔުއްވައިފައިވަނީ މުޙައްމަދު އަސަދުގެ "ރޯޑް ޓު މައްކާ" އާ ވަރަށްގުޅޭ ކަހަލަ ގޮތަކަށެވެ. ޑޮކްޓަރ މުރާދު ވިދާޅުވެފައިވާ ގޮތުގައި މުޙައްމަދު އަސަދުގެ ފޮތުން އޭނާ ވަރަށް ގިނަ ކަންތައްތަކެއް ދަސްފުޅުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފޮތުގައި އޭނާވަނީ އިސްލާމްދީނަށް ގޮވައިލަންވީ ގޮތާއި، މުސްލިމުން އެހެން ދީންދީނުގެ މީހުނާ ކުރިމަތިލާންވީ ގޮތާއި، ޣައިރު މުސްލިމުންނާ ޚާއްޞަކޮށް ކްރިސްޓިއަނުންނާ ދީނީ ބަޙުޘް ކުރާންވީ ގޮތް ބަޔާންކޮށްދެއްވައިފައެވެ.

އިސްލާމްދީނާ ބެހޭ ގޮތުން ޑޮކްޓަރ މުރާދު ލިޔުއްވައިފައިވާ ވަރަށް ގިނަ ފޮތްތަކާއި މަޒުމޫނުތައް ވަނީ ޝާއިޢުވެފައެވެ. އޭނާ އެންމެ ފުރަތަމަ ލިޔުއްވި ފޮތް ކަމުގައިވާ "ޖަރުމަން މުސްލިމެއްގެ ޑައަރީ" ވަނީ މަޤުބޫލުކަމުގެ ރެކޯޑެއް ޤާއިމުކޮށްފައެވެ. އެ ފޮތްވަނީ ޢަރަބި ބަހަށާއި، ފަރަންސޭސި ބަހަށާއި، އިނގިރޭސި ބަހަށާއި، ރަޝިޔާ ބަހަށާއި، މި ނޫންވެސް ބައެއް ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ. އޭނާގެ ފޮތެއްކަމުގައިވާ "އިސްލާމް – ހަމައެކަނިމަގު" ޖަރުމަންވިލާތުގެ އަންހެނުން އިސްލާމްދީނަށް ލެންބުމުގެ ވަރަށް ޚާއްޞަ ވަސީލަތަކަށް ވަނީ ވެފައެވެ.

ހުޅަނގުގެ މީހުންނަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމާ ބެހޭގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އެ ބަޔަކަށް އިސްލާމްދީނަށް ގޮވައިލާ މީހުންގެ ޠަބީޢަތަކީ ކޮބައިކަމާއި، އެމީހުންގެ މިޒާޖު ހުންނަގޮތް އެންމެ ފުރަތަމަ ދަސްކުރަންޖެހެއެވެ. މީހަކަށް ސީދާ ބަހުން އިސްލާމްދީނުގެ ދަޢުވަތު ދިނުމުގެ ކުރިން ތިމާގެ އަޚުލާޤިއްޔަތާއި ޝަޚްޞިއްޔަތު އެ މީހަކަށް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ހުޅަނގުގެ ގިނަ މީހުންނަކީ އެއްވެސް ސިފައެއްގައި މާތް ﷲގެ ރަސްކަންފުޅު ޤަބޫލުކުރާ ބައެއް ނޫނެވެ. އެހެންކަމުން އެފަދަ ބައެއްގެ ކުރިމަތީގައި މާތްﷲ މިވެނި ގޮތަކަށް ވަޙީކުރެއްވިއޭ ނުވަތަ އެވެނި ގޮތަކަށް އެންގެވިޔޭ ބުނުމަކީ އެންމެ އެދެވޭ ނަތީޖާ ޙާޞިލްވާނެކަމެއް ނޫނެވެ. ސީދާސާދާ ސައިންޓިފިކް އުސޫލުތަކެކޭ އެއްގޮތަށް ޤުރްއާނާއި ޙަދީޘާއި ސައިންސާމެދު ހުރި ގުޅުމަށް ޙަވާލާދީގެން މާތްﷲ މިވެނިހެން ވަޙީކުރެއްވިއޭ ބުނުމަކީ ޔޫރަޕްގެ ސިކުނޑިތަކަށް އެންމެ ފަސޭހައިން ވިސްނައިގަނެވޭނެ ގޮތެވެ. ޔޫރަޕްގައި އިސްލާމީ ދަޢުވަތު ދިނުމަށްޓަކައި ބޭނުންވަނީ ޒަމާނީ ގޮތްތަކާއި ވަސީލަތްތަކެވެ. ތިމާ އެމީހަކަށް ދީނަށް ގޮވާލާ މީހެއްގެ ނަފްސިއްޔާތާއި އެމީހެއްގެ ޝަޚްޞިއްޔަތު ދަސްކޮށް ވަޒަންކުރުމެއް ނެތި އެމީހެއްގެ ކުރިމައްޗަށް ކީރިތި ޤުރްއާނުގެ އާޔަތްތަކާއި އިތުރު ސާހިބާގެ ޙަދީޘްފުޅުތަކެއް އޮއްސައިލުމަކީ ތިމާގެ ހުރިހައި މަސައްކަތެއް ބޭކާރުވާނެ ކަމެކެވެ.

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި ޔޫރަޕްގައި އިސްލާމްދީން ފެތުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޔޫރަޕްގެ މީޑޔާގެ ވަސީލަތްތަކުން އިސްލާމްދީނާ ދެކޮޅަށް ކުރެވެމުންދާ ޚާއްޞަ ޕްރޮޕެގެންޑާއެވެ. އެ ޕްރޮޕެގެންޑާގެ ޒަރީޢާއިން ޔޫރަޕިއަނުންގެ ސިކުނޑިތަކަށް އިސްލާމްދީން ސިފަކޮށްދީފައިވަނީ ވަރަށް ހުތުރު ބުރުސޫރައެއްގައެވެ. ވަރަށް އަނަރޫފަކޮށެވެ. އެހައިމެ ނާތަހުޒީބު ގޮތެއްގައެވެ. އެހެންކަމުން އެ ހުތުރު ސިފަ ވަނީ ޔޫރަޕިއަން ވިސްނުމުގެ ބަޔަކަށްވެފައެވެ. ވަރަށް ގިނަ ގޮތްގޮތުން ބަލާއިރުވެސް ދެވަނަ ހުރަހާ ގުޅެނީ މުސްލިމުންގެ ތަޢުލީމީ އިދާރާތަކާއެވެ. ހުޅަނގުގެ ތަހުޒީބާއި ޘަޤާފަތު ރަނގަޅަށް ދެނެގެންތިބި ޤާބިލް، ތަޢުލީމީ މީހުންނަކަށް އިސްލާމީ ތަޢުލީމީ އިދާރާތަކަކުން ޖާގައެއް ނުދެއެވެ. ޑޮކްޓަރ މުރާދު ވިދާޅުވާގޮތުގައި އިސްލާމްދީނަށް ގޮވައިލާ މީހުންނަކީ އެބަޔަކު ދީނަށް ގޮވާލާ ބައެއްގެ އަމިއްލަ ބަހުގެ ތެރެއަށް ވަރަށް ރަނގަޅަށް ވަދެތިބި ބަޔަކަށް ވާންޖެހޭނެއެވެ.

ޑޮކްޓަރ މުރާދު ހޮފްމަން ވިދާޅުވާ ގޮތުގައި މި ހުރިހައި ހުރަސްތަކާއެކުވެސް ޔޫރަޕްގައި އިސްލާމްދީނުގެ މުސްތަޤްބަލް އޮތީ ވަރަށް އުޖާލާކޮށެވެ. ޔޫރަޕްގައި އިސްލާމްދީން ފެތުރެމުންދަނީ ޔޫރަޕިޔަނުން އަޖައިބުވެ އަންތަރީސްވާ ފަދަ ހަލުވި ބާރުމިނެއްގައެވެ. ޑޮކްޓަރ މުރާދު ޔަޤީންކުރައްވާ ގޮތުގައި ޔޫރަޕްގައި އެހައި ހަލުވިކޮށް އިސްލާމްދީން ފެތުރެމުން ދިޔުމުގެ ސަބަބަކީ ހުޅަނގުގެ ޢާއްމުން ހުޅަނގުގެ މާއްދިއްޔަތަށް އަޅުކަންކުރާ ދިރިއުޅުމާ ދެކޮޅަށް ތެދުވަން ފަށައިފައިވުމެވެ. އެ މާއްދިއްޔަތުގައި ވާހައިވެސް އެއްޗަކީ ހަމައެކަނި މަޖާކުރުމާއި، މުދަލާއި ތަނަވަސްކަން ހޯދުމެވެ. އެނޫން އެހެން އެއްވެސް އަޚްލާޤީ އަގެއް ނެތެވެ.

ޑޮކްޓަރ މުރާދު މުސްލިމުންނަށް ގޮވައިލައްވަނީ ފަހަރެއްގައިވެސް މާޔޫސް ނުވުމަށެވެ. އުއްމީދު ކަނޑައިނުލުމަށެވެ. ތިމާމެންގެ ދީނަށް އާރާއި ބާރު ހޯދައިދިނުމަށްޓަކައި ތިމާމެންނަށް ލިބިފައިވާ ހުރިހައި ވަސީލަތެއްގެ ބޭނުންކުރުމަށެވެ. ލިބެންހުރި ކޮންމެ ފަސޭހައަކާއި ފުރުޞަތަކުން އިސްލާމްދީނަށް ހޯދެންއޮތްހައި ފައިދާއެއް ހޯދައިދިނުމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަޔަށް އިންޓަނެޓް ބޭނުންކުރެވިދާނެއެވެ. އިންޓަނެޓްގެ ސްކްރީނުން އިސްލާމްދީނުގެ ރީތި ތަހްޒީބީ ސޫރަ ދުނިޔެއަށް ދައްކައިދެވިދާނެއެވެ.

ޑޮކްޓަރ މުރާދު ނިރުބަވެރިކަމާ ދިމާޔަށް އޭނާގެ ވާހަކަފުޅު އަމާޒުކުރައްވަމުން ވިދާޅުވިގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ ޖިހާދާއި، ނިރުބަވެރިކަމަކީ ވަރަށް ތަފާތު ދެއެއްޗެއް ކަމެވެ. އޭނާ ވިދާޅުވިގޮތުގައި އަޅުގަނޑުމެން ހުޅަނގަށް ވިސްނައިދޭންވީ މުސްލިމެއްގެވެސް އަދި ޣައިރު މުސްލިމެއްގެވެސް ފުރާނަޔަށް ނުވަތަ މުދަލަށް ޙައްޤަކާ ނުލައި ގެއްލުމެއް ދިނުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމެވެ. އިސްލާމްދީނުގައި ޖިހާދު ޝަރްޢުކުރެއްވީ އަނިޔާ ލިބޭ މީހުންގެ ޙިމާޔަތުގައި ކަމެވެ. އަނިޔާ ލިބޭ ބަޔަކީ ޣައިރު މުސްލިމް ބަޔަކަށް ވިޔަސްމެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.