ރިޕޯޓް އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟

އަޅުގަނޑު އިސްލާމްދީން ޤަބޫލްކުރީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 10 މިނިޓް

ފޮންޓް ސައިޒް

"ހުޅަނގުގެ ސަޤާފަތު ވަނީ ހަލާކުގެ އޮޅިގަނޑު މަތީގައެވެ. މާއްދިއްޔަތަށް

އަޅުކަން ކުރުމާ ދެކޮޅަށް ބަޣާވަތްކުރަން ހުޅަނގު ތައްޔާރުވަނީއެވެ."

- ޑޮކްޓަރ މުރާދު

 

    

         "އަޅުގަނޑުގެ ޙަޔާތުގެ އެންމެ ފަހުގެ އެދުމަކީ އަޅުގަނޑުގެ ދަރިފުޅު އިސްލާމްވުމެވެ. އެހެނީ އިސްލާމްދީނަކީ އަރަހުށި މާތް ﷲ ތަބާރަކަ ވަތަޢާލާ ވީރާނާވެފައިވާ ހިތްތަކާއި، ފިކުރުބޮޑުވެ ޙައިރާންވެފައިވާ ސިކުނޑިތަކަށް ހަމަޖެހުމާއި، ހިތްގައިމުކަން ދެއްވާ އަލިކަމެކެވެ. އެއީ އެކަލާނގެ މަގުދެއްކެވުމެވެ. މި އަހަރުގެ ފިނިމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު ފެނުމުން އީމާންކަމުގައި ވެސް އޭނާ އަޅުގަނޑާ ބައްދަލުކުރާނެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑުގެ ދަރިފުޅު ވިޔަފާރީގައި ކިތަންމެ ކާމިޔާބު ކަމުގައި ވިޔަސް އަދި އެކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުގެ މި އެދުން ފުރިހަމަވާނެ ކަމުގައެވެ."

މިއީ އަލްޖޭރިޔާއާއި މޮރޮކޯގައި ޖަރުމަން ވިލާތުގެ ސަފީރެއްގެ ޙައިޘިއްޔަތުން ޚިދުމަތްކުރައްވައިފައިވާ ޑޮކްޓަރ މުރާދު ހޮފްމަން ((Wilfred Hoffman އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ވިދާޅުވެދެއްވަން ފަށްޓަވައިގެންނެވުމުގައި ބޭނުންފުޅުކުރެއްވި ޢިބާރާތެވެ.

ޑޮކްޓަރ މުރާދު ހޮފްމަން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޖުލައި 1931 ގައި ޖަރުމަން ވިލާތުގައެވެ. ޖަރުމަން ވިލާތުގެ ކެތަލިކް ކްރިސްޓިއަން ޢާއިލާއަކުންނެވެ. އޭނާ ބޮޑުފުޅުވެ ތަރުބިޔަތު ލިބިވަޑައިގަތީ އެ މާޙައުލުގައެވެ. އިބްތިދާއީ ތަޢުލީމް ޙާޞިލްކުރެއްވީ ވެސް އެ ވެށީގައެވެ.

މަތީ ތަޢުލީމު ޙާޞިލްކުރެއްވުމަށްޓަކައި އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ އެމެރިކާއަށެވެ. އެމެރިކާގެ ހާވަޑް ޔުނިވަރސިޓީގެ ލޯ ކޮލެޖުން އެލް. އެލް. އެމް. ގެ ޑިގްރީ ޙާޞިލްކުރެއްވިއެވެ. އެއަށްފަހު ޖަރުމަން ވިލާތަށް އެނބުރިވަޑައިގެން ޤާނޫނީ ރޮނގުން ޑޮކްޓަރޭޓް ހޯއްދެވިއެވެ.

ޑޮކްޓަރ މުރާދު އެންމެގިނަދުވަހު ޚިދުމަތްކުރައްވައިފައި ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ދާއިރާގައެވެ. ނޭޓޯގެ ޑައިރެކްޓަރ އޮފް އިންފޮމޭޝަންގެ މަޤާމުގައިވެސް މަސައްކަތްކުރެއްވިއެވެ. ޑޮކްޓަރ މުރާދު ވަނީ އޭނާގެ ޢިލްމީ އަދި ސައިންސީ ޚިދުމަތްތަކުގެ ސަބަބުން ޢިލްމީ ދުނިޔޭގައި ވަރަށް ބޮޑަށް މަޝްހޫރުވެވަޑައިގެންފައެވެ.

ޑޮކްޓަރ މުރާދު އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ.

"ކްރިސްޓިއަން ދީނުގެ އުނގަންނައިދިނުންތަކާ އެދީނުގެ ޢަޤީދާތަކާ މެދު އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ޝައްކުތަކަށް ޤުރްއާނުން އަޅުގަނޑަށް ވަނީ ޖަވާބުލިބިފައެވެ. ﷲ އާއި، މަލާއިކަތުންނާއި، ވަޙީއާއި، އާޚިރަތާއި، އަޚްލާޤީ އުޞޫލުތަކާ ބެހޭގޮތުން ޤުރްއާނުން އަޅުގަނޑަށް ލިބުނު ތަފްޞީލުތަކުން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ. އަޅުގަނޑުގެ ހިތް އިސްލާމްދީން ޤަބޫލުކޮށްފިއެވެ."

މިއަދު އަޅުގަނޑު މި ކިޔައިދޭ ވާހަކަތަކަކީ އަޅުގަނޑުގެ މާޒީއަށް ދަތުރެއްކުރުން ފަދަ ކަމެކެވެ. ވިހިވަނަ ސައްތައިގައި އިސްލާމްދީން ދިރުވުމަށް ހިންގުނު ޙަރަކާތްތަކުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ލިބިފައިވަނީ ދެ ބޭފުޅެއްގެ މަސައްކަތްޕުޅަށާއި، އެ ދެބޭފުޅުންގެ ފަރާތްޕުޅުން ހިންގުނު ޙަރަކާތްތަކަށެވެ. އެ ދެބޭފުޅުންނަކީ ޝަހީދު ޙަސަނުލް ބަންނާއާއި، ސައްޔިދު އަބުލް އަޢުލާ މައުދޫދީއެވެ.

އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ޖަވާބުދިނުމަކީ އުނދަގޫ ކަމެއްކަމުގައި ވިޔަސް އެ ސުވާލަށް ވަރަށް ތެދު ޖަވާބެއް ދެވެން އެބައޮތެވެ. އެ ޖަވާބަކީ އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ މާތް ﷲގެ ހެޔޮ ތައުފީޤުން ކަމުގައި ބުނުމެވެ. އެކަލާނގެ އަޅުގަނޑުގެ ހިތް އިސްލާމްދީނަށް ލެންބެވިއެވެ. އެއް ނަޒަރަކުން ބަލާއިރު މި ސުވާލަކީ ފިރިޔަކު ކުރެން އޭނާގެ އަނބިމީހާ ދެކެ ލޯބިވަނީ ކީއްވެގެންތޯ ސުވާލުކުރުން ފަދަ ކަމެކެވެ. އަނތްބަކު ކުރެން އޭނާގެ ފިރިމީހާ ދެކެ ލޯބިވަނީ ކީއްވެތޯ އެހުން ކަހަލަ ކަމެކެވެ. މި ސުވާލަކީ އެއްވެސް މަންޠިޤީ ޖަވާބެއް އޮންނަ ކަހަލަ ސުވާލެއް ނޫނެވެ. އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ ބައެއް ސުވާލުތަކަކީ އެ ސުވާލުތަކަށް މަންޠިޤީ ޖަވާބެއް ނުދެވޭނެ ސުވާލުތަކެއް ކަމުގައެވެ. ކަންހުރީ މިހެން ކަމުގައި ވިއަސް އަޅުގަނޑު އިސްލާމްވުމުގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ވަރަށް ގިނަ ކަންތައްތަކެއް އެކަމަށް މެދުވެރިވިއެވެ.

އަޅުގަނޑު ދުނިޔެއަށް އައީ ޖަރުމަންވިލާތުގެ ދީންވެރި ކެތަލިކު ޢާއިލާއަކުންނެވެ. އެ ދުވަސްވަރު ޖަރުމަންގައި އޮތީ ނާޒީވެރިކަމެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ އޭގެ އެންމެ ޖޯޝާއި ފޯރީގައި ކުރިޔަށް ދެއެވެ. ޖަރުމަނުން ގެންދިޔައީ އިނގިރޭސިވިލާތާއި، އެމެރިކާއާއި އެނޫންވެސް އިއްތިޙާދީ ބާރުތަކާ ވަރުގަދަޔަކަށް ހަނގުރާމަ ކުރަމުންނެވެ. ޖަރުމަންވިލާތުގައި ބީ.ބީ.ސީ. އަޑުއެހުމަކީ މަރުގެ އަދަބު ދެވޭ ކުށެކެވެ. އަޅުގަނޑު ކިޔަވާކުދިންގެ ސިއްރު ޖަމާޢަތެއް ކަމުގައިވާ JESUITS އާ ގުޅިއްޖައީމެވެ. އެ ޖަމާޢަތުގެ މެމްބަރުންގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ކުދީންނަކީ އެކުދީންގެ ކުލާސްތަކުގެ އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންނެވެ. އަޅުގަނޑުމެން އެ ޖަމާޢަތުގެ ސްޓޭޖުން ކްރިސްޓިއަންދީން ފަތުރަމުން ގެންދިޔައީމުއެވެ. ހިޓްލަރގެ ސިފައިން ބަލިވެ އެމެރިކާގެ ލަޝްކަރު ޖަރުމަނަށް އެރުމުން އަޅުގަނޑަށް ހީވީ މަރު އަޅުގަނޑުގެ ފަހަތުން ފަހައިދުވާހެންނެވެ. ނަތީޖާއަކަށްވީ ކޮންމެފަދަ ވަގުތެއްގައި ވެސް މަރާ ކުރިމަތިލާން ޖެހިދާނެކަން އަޅުގަނޑަށް އިތުރަށް ޔަޤީންވުމެވެ.

ދީންވެރި ކެތަލިކް ޢާއިލާއަކުން ދުނިޔެއަށް އައުމާއެކުވެސް ކްރިސްޓިއަން ޢަޤީދާތަކާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ. ޓްރިނިޓީއާއި، މަރިޔަމުގެފާނަކީ ކަލާނގެ މައިކަނބަލުންކަމުގައި ވުމާއި، އިންސާނާއަކީ ދުނިޔެއަށް އުފަންކުރައްވާއިރު ވެސް ފާފަވެރިޔަކަށް ވުމާއި (އާދަމުގެފާނު ކުރެއްވި ފާފައިގެ މަސްއޫލިއްޔަތު އެންމެހައި އާދަމުގެ ދަރީން އުފުލަންޖެހުމާއި،) އިންސާނިއްޔަތު ފާފައިން ސަލާމަތް ކުރެއްވުމަށްޓަކައި ޢީސާގެފާނު ޞަލީބަށްއަރައިވަޑައިގަތުމާއި މި ކަންކަން އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ. އަޅުގަނޑުގެ ގާތް ތިމާގެ މީހުނާއި މުދައްރިސުންނާ އަޅުގަނޑު އެ ޢަޤީދާތަކާ ބެހޭގޮތުން ސުވާލުކުރަމެވެ. އެބޭފުޅުން ޖަވާބުދެއްވަނީ އެއީ ހައްތާވެސް ވަންހަނާގައިވާ ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް އެކަންކަން ޔަޤީންކުރަންޖެހޭނެ ކަމުގައެވެ. އަޅުގަނޑު ބުނަމެވެ. އަޅުގަނޑު މިހިރީ އެކަންތައް ޤަބޫލުކުރަން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑަށް އެކަންކަން ވިސްނައިގަނެވިގެންނެވެ. ކުޑަކުއްޖަކު ދުނިޔެއަށް އުފަންކުރެއްވުމާއި އެކުއްޖާ އިންތިހާ ދަރަޖައިގެ ނިކަމެތި ގޮތެއްގައި ޞަލީބަށް އެރުއްވުންފިޔަވައި އިންސާނިއްޔަތު ކުށުން ބަރީއަކުރެއްވޭނެ އެހެން ގޮތެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ނެތީބާވައެވެ؟ އިންސާނިއްޔަތަށް ޢަފޫކޮށްދެއްވެން އޮތް ހަމައެކަނި ގޮތަކީ އެއީބާވައެވެ؟ އަޅުގަނޑަށް ޤަބޫލުނުކުރެވޭ އެހެން ދަޢުވާއެއްވެސް ކްރިސްޓިއަނުން ކުރަމުން ގެންދެއެވެ. އެދަޢުވާއަކީ ކްރިސްޓިއަނިޓީ އަކީ ލޯބީގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމުގައި ކުރާ ދަޢުވާއެވެ. ކްރިސްޓިއަނުން ކުރެ ގިނަ މީހުންގެ ޢަމަލުތައް ހުންނަނީ އޭގެ އިދިކޮޅަށެވެ. އަނެއްކޮޅުން އިސްލާމްދީނުގެ ޢަޤީދާތަކާއި އެދީނުގެ އުނގަންނައިދިނުންތައް އަޅުގަނޑަށް ފެނުނީ ހެއްކާއި ދަލީލުތައް ފުރިހަމަޔަށް ދެއްކޭނެ ކަންތައްތަކެއްގެ ގޮތުގައެވެ.

ޖަރުމަނުވިލާތުން އިބްތިދާއީ ތަޢުލީމު ޙާޞިލުކުރުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑު ދިޔައީ އެމެރިކާއަށެވެ. އެމެރިކާގައި ހުރިއިރު އަޅުގަނޑު ސަމާޖިއްޔާތު (ސޯޝިޔޮލޮޖީ) ވެސް ކިޔެވީމެވެ. އެ ދުވަސްވަރު ވަރަށް ގިނަ ދުވަސްދުވަހުގެ ހަވީރު އަޅުގަނޑު މަގުމަތީން ދުއްވާ ކާރުތަކުން ލިފުޓު ހޯދަމެވެ. ވަރަށް ގިނަ ތަންތަން ބަލަންގޮސް އުޅެމެވެ. އެއް ދުވަހަކު އަޅުގަނޑު އިން ކާރު އެހެން ކާރަކާ މުޑިއެރިއެވެ. އެއީ ވަރަށް ނުރައްކާތެރި ޙާދިޘާ އެކެވެ. ނަމަވެސް އަރަހުށި މާތްﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑު ސަލާމަތްކުރެއްވިއެވެ. އެ ޙާދިޘާގެ ތެރޭގައި ޑޮކްޓަރެއް އަޅުގަނޑާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މާތް ﷲ ކަލޭގެ ކިބައިން ކޮންމެވެސް މުހިންމު މުހުތާދެއް ފުރިހަމަ ކުރައްވަން އިރާދަކުރައްވަނީ ކަމުގައިވެދާނެއެވެ. އެހެން ނޫންނަމަ މިޙާދިޘާގައި ކަލޭގެ ސަލާމަތްވުމަކީ އެއްވެސް ވަރެއްގެ އެކަށޭނަ ކަމެއް އޮތް ކަމެއް ނޫނެވެ." އެޙާދިޘާގެ ސަބަބުންވެސް އަޅުގަނޑަށް ޔަޤީންވީ މި ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް ހިނގަމުންދަނީ މާތް ﷲގެ މިންވަރުފުޅާ އެއްގޮތަށް ކަމެވެ.

ދުވަސްތަކެއްގެ ފަހުން އަޅުގަނޑުގެ ޕްރޮސްޓޭޓް ގްލޭންޑުގައި މައްސަލައެއް އުފެދުނެވެ. އެކަން ހޯދައިގެނެވުނީ އަޅުގަނޑު ޖަރުމަންވިލާތުގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި ހިމެނުނު ފަހުންނެވެ. އޭރު އޮތީ އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވަން ހަމަޖެހިފައެވެ. އަޅުގަނޑުގެ ޞިއްޙީ އިމްތިޙާނުތައް ހެދުނެވެ. އެންމެ ފުރަތަމަ އިމްތިޙާނުތަކަށް ފަހު ޑަކްޓަރުން އެންގީ އަޅުގަނޑުގެ ބައްޔަކީ ކެންސަރ ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް އެކަން ޙަޤީޤަތަކަށް ނުވިއެވެ. އޅުގަނޑުގެ ކުރީގެ ކެތަލިކް އަންހެނުން ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ. އެކަމަކުވެސް އަޅުގަނޑު ފިކުރުބޮޑެއް ނުވެއެވެ. މާތް ﷲ އަށް އިތުބާރުކުރުމާއެކު ކެތްތެރިކަމުގައި ސާބިތުވެ ހުރީމެވެ. ހަމައެފަދައިން ދިމާވި ޞިއްޙީ އެހެން މައްސަލައެއްގައި އަޅުގަނޑު އެއް ކިޑުނީއިން ވެސް މަޙްރޫމުވިއެވެ. އޭރުވެސް އަޅުގަނޑު ވިސްނީ އަޅުގަނޑު އެއް ކިޑުނީ އިން މަޙްރޫމުވާން ޖެހޭ ފަދަ ބައްޔެއް ޖައްސަވައި އެއް ކިޑުނީ ގެންދެވުމުގައި ވެސް ކޮންމެވެސް އިލާހީ މަޞްލަޙަތެއް އޮންނާނެ ކަމަށެވެ.

ޚާރިޖީ ޚިދުމަތުގެ ދާއިރާއިން އަޅުގަނޑަށް އަލްޖޭރިޔާއަށް ދާންޖެހުނެވެ. އެފަހަރު އަޅުގަނޑު އަލްޖޭރިޔާއަށް ދިޔައީ ޚާއްޞަ މިޝަނެއްގައެވެ. އެ ދުވަސްވަރު އަލްޖޭރިޔާ އޮތީ ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައެވެ. ފަރަންސޭސީން ގެންދިޔައީ އަލްޖޭރިޔާގެ ރައްޔިތުންނަށް ބަޔާންވެސް ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ދެމުންނެވެ. ކޮންމެ މަހަކުވެސް އަލްޖޭރިޔާގެ ހާހަކަށް ވުރެ ގިނަ ރައްޔިތުން ފަރަންސޭސި ސިފައިން ގެ ވަޒަންތަކުން ތޮރުފި ހަލަނިތަކަކަށް ވަމުން ދިޔައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަލްޖޭރިޔާ މިނިވަންވީ ފަސްދޮޅަހުގެ އަހަރުތަކުގައެވެ.

އެ ދުވަސްވަރު އެއްދުވަހަކު އަޅުގަނޑު ދަތުރުކުރި ޓެކްސީއެއްގެ ޑްރައިވަރު ވާހަކަދެއްކިއެވެ. "އަޅުގަނޑުމެންގެ އާބާދީގައި ދިހަ މިލިއަން މީހުން އެބަތިއްބެވެ. ފަރަންސޭސީން އޭގެ ތެރެއިން މިލިއަނެއް ދެމިލިއަނެއްހައި މީހުން މަރައިލިކަމުގައި ވިޔަސް އަޅުގަނޑުމެން މިނިވަންކަމުގެ ދަޢުވާ ހުއްޓައެއް ނުލާނޫއެވެ. ކެތްތެރިކަމާއި، ސާބިތުކަމާއި، މާތް ﷲ އަށް ކުރާ އިޢުތިމާދު އެކަލާނގެ ވާގިފުޅާއެކު ދޫކޮށެއް ނުލާނޫއެވެ." އަލްޖޭރިޔާގެ ރައްޔިތުންގެ ނުގުޑާފަދަ އީމާންކަމާއި، ކެރުމާއި، ހިތްވަރާއި ސާބިތުކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އަލްޖޭރިޔާގެ ރައްޔިތުން އެފަދަ ބަޔަކަށް ހެދި ދީނެއްގެ ސިއްރު ހޯދަން އަޅުގަނޑު ޝައުޤުވެރި ވިއެވެ. އަލްޖޭރިޔާގެ މީހުންނަށް އެފަދަ ބުންވަރަކާއި ފަންވަރެއް ހޯދައިދިނީ ކީރިތި ޤުރްއާނެވެ. އެހެންކަމުން ޤުރްއާން ކިޔަވަން އަޅުގަނޑު ބޭނުންވިއެވެ. އަލްޖޭރިޔާއިންވެސް އަޅުގަނޑަށް ފެނުނީ ކެތަލިކް ކްރިސްޓިއަނެއްގެ ޙައިޘިއްޔަތުން، ﷲ އާއި، ވަޙީއާއި، އާޚިރަތް ދުވަހާއި، މަލާއިކަތުންނާއި އަޚުލާޤީ އުސޫލުތަކާ މެދު އަޅުގަނޑުވެސް ޤަބޫލުކުރާ ކަހަލަ ޢަޤީދާތަކެއް އަލްޖޭރިޔާގެ މުސްލިމުން ވެސް ޤަބޫލުކުރާ ކަމުގައެވެ.

އިސްވެ ދެންނެވި ޙާދިޘާ ހިނގިތާ މާގިނަ ދުވަހެއް ނުވެ ރަމަޟާން މަސް އަތުވެއްޖެއެވެ. އަޅުގަނޑު ޤުރްއާން ކިޔަވަން ބޭނުންވިއެވެ. އެކަމަށްޓަކައި ޢަރަބި ބަސް އުނގެނޭންވެސް ޖެހެއެވެ. އަޅުގަނޑަށް ލިބުނީ ކީރިތި ޤުރްއާނުގެ ފަރަންސޭސި ބަހުގެ ތަރުޖަމާއެކެވެ. އެ ތަރުޖަމާއަކީ މާރަނގަޅު ތަރުޖަމާއެއްވެސް ނޫނެވެ. އެކަމަކުވެސް އެތަރުޖަމާއިން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރު ކުރުވިއެވެ. ކީރިތި ޤުރްއާން މުޠާލިޢާކުރުމުގެ ތެރޭގައި އަޅުގަނޑަށް އަންނަނިވި އާޔަތް ފާހަގަކުރެވުނެވެ:

 

"އަދި ފާފަވެރި އެއްވެސް ނަފުސެއް އެހެން ނަފުސެއްގެ ފާފައެއް ނުއުފުއްލާނެތެވެ."

(އަލްއިސްރާއު: 15)

 

އަޅުގަނޑު އެއާޔަތާ މެދު ވިސްނަމުން ގެންދިޔައީމެވެ. އެއްފަހަރަކު އަލްޖޭރިޔާގެ ދެކުނުގެ ކަދުރުރުއްބާލެއްގައި އުޅެމުން އެތަނުން ދިމާވި މީހަކު ކުރެން އަޅުގަނޑު އެއާޔަތުގެ މަޠުލަބާމެދު ސުވާލުކުރީމެވެ. އޭނާ ބުންޏެވެ. "އެ އާޔަތަކީ ދެމީހެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއްގެ މައްޗަށް އަލިއަޅުވާ އާޔަތެކެވެ. އަދި ހަމަ އެޔާއެކު އިސްލާމްދީނުގެ އަސާސީ އުޞޫލެއްވެސް ބަޔާންކޮށްދޭ އާޔަތެކެވެ. އިސްލާމްދީނުގައި ވާ ގޮތުން އެއްވެސް މީހަކު އަނެކަކު ކުރާ ފާފަޔަކަށް ޒިންމާވާކަށެއް ނުޖެހޭނެއެވެ." އަޅުގަނޑު ވިސްނައިލީމެވެ. އެހެންވީއިރު އާދަމްގެފާނު ކުރެއްވި ފާފައެއް ނަގުލުވަމުން އެހެނިހެން އިންސާނުންނާ ހަމަޔަކަށެއް ނާންނާނެއެވެ. ކޮންމެ އިންސާނަކީ ވެސް ޚުދު އެމީހެއްގެ ޢަމަލުތަކަށް ޒިންމާ ވާން ޖެހޭނެ މީހެކެވެ. އަނެއް ކޮޅުން މާތް ﷲ އާއި އެކަލާނގެ އަޅާ އާ ދެމެދު އެއްވެސް އިތުރު ވަސީލަތަކަށް ބޭނުމެއް ނުވާނެއެވެ. މި މަޢުލޫމާތު ގެ އަލީގައި އަޅުގަނޑަށް އެނގި ކަށަވަރުވީ ކްރިސްޓިއަނިޓީގެ މުޅި ޢިމާރާތް ބިނާވެފައި ވަނީ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށްކަމެވެ.

އެހައިތަނުން އަޅުގަނޑަށް އިޙްސާސްވީ ޙަޤީޤަތުގައި ޚިޔާލު ތަނަވަސް ބަޔަކީވެސް ތެދުވެރި މުސްލިމުން ކަމެވެ. ކޮންމެ މުސްލިމަކީ ޒިންމާދާރު މީހެކެވެ. ކްރިސްޓިއަނިޓީއާ މެދުވެސް މުސްލިމުންގެ ތެރޭގައި އެއްވެސް ކަހަލަ ސަރަޙައްދީ ތަޢައްޞުބެއް ނޯވެއެވެ. ކޮންމެއަކަސް އެކަކު އަނެކެއްގެ ފާފައިގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ އެންގެވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަނެއްކޮޅުން ކްރިސްޓިއަން ދީނުގައި ވަނީ އާދަމުގެފާނު ކުރެއްވި ފާފަ މުޅި އިންސާނިއްޔަތަށް ނަގުލުވަމުން އަންނަ ކަމުގައެވެ. އެންމެން އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމުގައެވެ. ޢީސާ ޢަލައިހިއްސަލާމް އެންމެހައި މީސްތަކުންގެ ފާފައިގެ ބުރަ އުފުއްލެވި ކަމުގައެވެ. ފާފައިން ސަލާމަތްވުމާއި، ފާފަވެރި ގޮތުގައި އުފަންވުމާ މެދު އަޅުގަނޑަށް ޙައްލުނުކުރެވިގެން އުޅުނު އަރަތް ކީރިތި ޤުރްއާނުގެ ސަބަބުން އަޅުގަނޑަށް ޙައްލުވެއްޖެއެވެ. اﻟﺣﻤﺪ لله އެވެ. އަޅުގަނޑު ހިތުން އިސްލާމްދީން ޤަބޫލުކޮށްފީމެވެ.

އެހައިތަނުން އަޅުގަނޑު އިސްލާމްދީން މުޠާލިޢާ ކުރަން ފަށައިފީމެވެ. ބުޚާރީއާއި މުސްލިމާއި، އަބޫ ދާއޫދާއި ތިރުމިޒީ އާއި އެނޫންވެސް ޙަދީޘުފޮތްތައް ކިޔައި ވިސްނައި ހެދީމެވެ. އިބްނު ކަޘީރުގެ ތަފްސީރާއި، އިމާމު ޠަބަރީގެ ތާރީޚާއި އިބްނު ސީނާއާއި، އިބްނު ރުޝްދުގެ ފޮތްތަކާއި އިބްނު ޚުލްދޫނުގެ ލިޔުއްވުންތައް މުޠާލިޢާ ކުރީމެވެ. އިސްލާމްދީން އައީ އަޅުގަނޑުގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގެމުންނެވެ. އެދުވަސްވަރު އަޅުގަނޑަށް އިޙުސާސްވަމުން ދިޔައީ ކާބަފައިންގެ ދީން ދޫކޮށް އަޅުގަނޑަށް އެހެން ދީނަކާ ދިމާޔަށް ދެވޭ ކަމަކަށެއްނޫނެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑަށް އިޙްސާސް ކުރެވެނީ އެތައް ދުވަހަކު ބޭރުގައި އުޅެފައި އަމިއްލަ ގެޔަށް އެނބުރި އާދެވޭހެންނެވެ. އަޅުގަނޑަށް މަގު އޮޅިގެން އުޅެވެނިކޮށް އަޅުގަނޑުގެ އަޞްލު މަންޒިލް ފެންނަން ފެށިހެންނެވެ.

އަޅުގަނޑުގެ ދަރިފުޅަށް އަށާރަ އަހަރު ފުރުނީ އެދުވަސްވަރުއެވެ. އަޅުގަނޑު އޭނާ ގާތު ބުނީމެވެ:

"ދަރިފުޅަށް އަށާރައަހަރުފުރޭ ދުވަހު ބައްޕަ ދަރިފުޅަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޭނަމެވެ. އެ ހަދިޔާއަކީ މާއްދީ ގޮތުން ބަލާއިރު މާ އަގުބޮޑު އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް އެހަދިޔާ ވާނީ ވަރަށްވެސް އަގު ބޮޑު ހަދިޔާއަކަށެވެ. އެ ހަދިޔާ ވާނީ މިހާތަނަށް ބައްޕަގެ ޙަޔާތުގައި ކުރެވުނު ތަޖުރިބާތަކާއި، ހޯދުނު ހޯދުންތަކާއި ބައްޕައަށް ފޯރި އެކިއެކި އަސަރުތަކުގެ ޚުލާޞާ ކަމުގައެވެ." ޢަޤީދާއާ ބެހޭ ގޮތުން އަޅުގަނޑު ވިސްނުން ހިންގި ގޮތާއި އަޅުގަނޑަށް އާދެވުނު ނަތީޖާ ސާދަ ޞަފްޙާގެ މަޒުމޫނެއްގެ ސިފައިގައި އެކުލަވައިލައި އަޅުގަނޑުގެ ދަރިފުޅުގެ އަށާރަވަނަ އަހަރީ ދުވަހުގެ ހަދިޔާއަކަށް އޭނާއަށް ދިނީމެވެ.

1980ވަނަ އަހަރު ޖަރުމަންވިލާތުގެ ޚާރިޖިއްޔާއިން އިސްލާމްދީނުގެ މައުޟޫޢުގައި ސެމިނާރެއް ބޭއްވިއެވެ. އެ ސެމިނާރއަށް އަޅުގަނޑު އެ މަޒުމޫނު ހުށަހެޅީމެވެ. އެ ސެމިނާރގެ މަޤްޞަދަކީ ޖަރުމަންވިލާތުގެ ސަފީރުންނަށް އިސްލާމްދީނައި، އިސްލާމީ ޤައުމުތަކުގެ ޙާލަތާއި ކަންހިނގާ މަގު އޮޅުންފިލުވައިދިނުމެވެ. އެ ދުވަސްވަރު މިޞުރުގެ އިމާމަކާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑު އޭނާއަށް އަޅުގަނޑުގެ މަޒުމޫނު ބައްލަވާލައްވަން އެރުވީމެވެ. އޭނާ އެ މަޒުމޫނު ވިދާޅުވުމަށް ފަހު އަޅުގަނޑު ގާތު ވިދާޅުވިއެވެ.

"ސާދަ ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ މި މަޒުމޫނުން އެނގެނީ ކަލޭ އިސްލާމްވެއްޖެ ކަމެވެ." އެ އަޑު އިވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. މިޞުރުގެ އިމާމު އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "އެ މަޒުމޫނުގައި ކަލޭ ލިޔެފައި ހުރި ވާހަކަތައް ކަލޭ ޤަބޫލުކުރަމުހެއްޔެވެ؟" އަޅުގަނޑު އާދޭހޭ ދަންނަވައި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެއްޖައީމެވެ."

ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އިސްލާމްދީން ރޫޙާނީ ގޮތުން އޭނާގެ ހިތްޕުޅު މައިތިރިކޮށް ހަމަޖައްސައިދިނެވެ. އޭނާގެ ޙަޔާތްޕުޅު ވަޒަން ހަމަކޮށްދިނެވެ. އޭނާގެ އަމިއްލަފުޅު ނަފްސާމެދު ޔަޤީންކަން އުފައްދައިދީ އޭނާއަށް ހިތްގައިމުކަން ހޯދައިދިނެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އިސްލާމްދީނުގެ ބަރަކާތްތެރި ދާއިރާއަށް ވަނުމުން އަޅުގަނޑަށް ވަރަށް ގިނަ އަޚުންތަކެއް ލިބިގެން     ދިޔައެވެ. އެބައިމީހުންނާއެކު އަޅުގަނޑުގެ އުފަލާއި ހިތާމަ ޙިއްޞާކުރީމެވެ. އިސްލާމީ އުޚުއްވަތާއި އެއްބަނޑު އެއްބަފާކަމުގެ ދަގަތްފާނީބާރު އަޅުގަނޑަށް އެންމެ ބޮޑަށް އިޙްސާސްވީ 1988 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢުމްރާއެއް ވުމަށްޓަކައި އަޅުގަނޑު މައްކާއަށް ކުރި ދަތުރުގައެވެ. ޖިއްދާގެ ޕާސްޕޯޓު އޮފީހުގެ އޮފިސަރެއް ވަރަށް ފަރުވާތެރިކަމާއެކު އެތަކެއް ފަހަރު އަޅުގަނޑުގެ ވިސާ ޗެކްކުރިއެވެ. އޭނާހުރީ ވަރަށް ކަންބޮޑުވެފައެވެ. ކޮންމެވެސް މައްސަލައެއް އުޅެނީ ނޫންބާވައޭ އޭނާގެ ހިތަށް އެރިހެންހީވެއެވެ. ނަމަވެސް ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ އޭނާގެ ލޮލުން ކަރުނަ އޮހޮރިގަތްތަނެވެ. އޭނާ ދުވެފައި އައިސް އަޅުގަނޑާ އޮޅުލައިގަތެވެ. އޭނާގެ ހިތަށް ކުޅަ އަސަރުގެ ވަރުގަދަކަމުން ބޭއިޚްތިޔާރުގައި "އަހަރެންގެ އިސްލާމީ އަޚާއެވެ." އޭނާއަށް ގޮވައިލެވުނެވެ.

އަޅުގަނޑަށް އެތައް ފަހަރަކު ފެނި ތަޖުރިބާކުރެވިފައިވާ ގޮތުގައި އިރުމަތީގެ މުސްލިމަކަށް އޭނާގެ މުސްލިމު އަޚަކު ފެންނަ އިރަށް އުފަލުން ނަށައިގަނެވެއެވެ. އުފަލުން ހަޅޭއްލަވައި ގަނެވެއެވެ. ހުޅަނގުގެ މީހުންނަށް އެ އިޙްސާސް ވިސްނައިގަނެވޭނީ ކިހިނަކުންތޯއެވެ؟ އެމީހުން ދަންނަ ގޮތުގައި މުސްލިމުންގެ މެދުން އިންސާނީ ޖަޒުބާތު ވަނީ ނެތިވެ ގޮސްފައެވެ.

25 ޑިސެމްބަރު 1980 ގައި ޑޮކްޓަރ މުރާދު އިސްލާމްވެވަޑައިގެންނެވި ކަން އިޢުލާން ކުރެއްވުމަށް ފަހު ކުރިޔަށްވުރެވެސް ވަރުގަދަޔަށް އިސްލާމްދީން އުނގެނިވަޑައިގަންނަވާން ފެށްޓެވިއެވެ.

ނުނިމޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.