ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މުޝްރިކުން އެންމެ ބޮޑަށް ދެކޮޅުވެރިވި އެއް ކަމަކީ އިންސާނާ މަރުވެ، ފަނާވެގެން ދިއުމަށްފަހު އަލުން ދިރުއްވޭނެކަމެވެ. އެހެނަސް ޤުރުއާނާއި ސުންނަތުގައި މިކަން ބަޔާންކުރައްވާފައިވަނީ އެއީ މީހަކު ނިދާފައި ހޭލާ ފަދައިން ހިނގާނެ ކަމެއް ކަމަށާއި، އެއީ ﷲގެ ކަށަކުޅަދުންވަންތަ ކަމުގެ ބޮޑުވެގެން ހުރި ހެއްކެއް ކަމުގައެވެ.
ޤުރުއާނާއި ސުންނަތް މުސްލިމުންނަށް ފުދެއެވެ. އިތުރު ހެއްކެއް ބޭނުމެއް ނުވެއެވެ. އެހެނަސް މިއަދު ދަރީންނަށް ދެވެމުން ދާ ތަޢުލީމުގެ ނުރަނގަޅު އަސަރުތަކުގެ ތެރެއިން އެއް އަސަރަކީ ޤުރުއާނަށްވުރެ ބޮޑަށް ސައިންސަށް އިތުބާރުކުރާ ޢަލްމާނީ ފިކުރުގެ ބަޔަކު އުފަންވެގެން ދިއުމެވެ.
މިއީ ދިގު މުއްދަތެއް ވަންދެން 944 މީހުންނާއި އެކު ކުރި ތަހުލީލުތަކަކަށްފަހު، ނިމިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ޖަރުމަނުގެ ސައިކޮލޮޖިސްޓުންނާއި މެޑިކަލް ޑޮކްޓަރުން، އެ ބޭފުޅުންގެ ހޯދުންތަކަށްފަހު ނެރުއްވި ރިޕޯޓުގައި ބަޔާންކުރައްވާފައިވާ ކަންކަމެވެ.
މި ތަޙުލީލު ކުރުމަށްޓަކައިތަފާތު ބޭސް ބޭނުންކޮށްގެން ކޮންމެ މީހަކުވެސް 18 މިނިޓް ނުވަތަ 20 މިނިޓް ވަންދެން ޑޮކްޓަރީ ގޮތުން "މަރާލެވިފައި" ވެއެވެ. އަދި އެއަށްފަހު ހަށިގަނޑަށް ގެއްލުމެއް ނުވާނެހެން އެ ބޭސްތަކުގެ ބާރު ކަނޑުވާލާފައި ވާކަމަށް ރިޕޯޓުގައި ވެއެވެ. މި ތަހުލީލުތައް ކުރެވިފައި ވަނީ 4 އަހަރުގެ މުއްދަތަކުންނެވެ. އަދި މި ކަމުގައި ނަޞާރާއިން، މުސްލިމުން،އަދި މުލްހިދުން ވެސް ބައިވެރި ކޮށްފައި ވާކަމަށް ޑރ. ބަރތްހޯލްޑް އެކަރމަން އިސްކޮށް ޙަރަކާތްތެރިވި ސައިނސްވެރިންގެ ޓީމުން ހާމަކޮށްފައި ވެއެވެ. އަދި ތަޙުލީލުތަކާއި ދިރާސާތަކުގެ އަލީގައި، އަލުން ދިރުއްވޭނެކަމަށް ބުނާ ބުނުމަކީ ސައްތައިން ސައްތަ ތެދު ވާހަކައެއްކަން ކަށަވަރު ކުރެވިފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.
މި ދިރާސާ ތަޙުލީލުތަކުގައި ބައިވެރިވި މީހުން އެމީހުންގެ އިޙްސާސްތައް ކިޔައިދީފައި ވެއެވެ. އެންމެންނަށް ކުރެވުނީ އެއް އިޙްސާސެއް ނޫނެވެ. އެގޮތުން އަބަދީ ހަމަހިމޭންކަމެއް އިޙްސާސްވިކަމަށް ބައެއް މީހުން ބުނި އިރު، އަނެއްބައި މީހުން ބުނެފައި ވަނީ ރޫޙު ހަށިގަނޑު ދޫކޮށް އުފުލިފައި ހުރި ކަހަލަ އިޙްސާސެއް ކުރެވުނު ކަމަށެވެ. އަދި އަނެއްބަޔަކު ވަރަށް ގަދަ ހޫނެއްގެ އިޙްސާސް ކުރި އިރު އަނެއް ބަޔަކު ދިއްލިފައި ހުރި ނޫރެއްގެ ތެރެއަށް ފޭދެމުން ދިޔަ ކަމުގެ ފޮނި އިޙްސާސެއް ކުރި ކަމަށް ބުންޏެވެ.
ޑރ. އެކަރމަން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ޚަބަރަކީ ދުނިޔޭގެ ގިނަ ބަޔަކަށް ކުއްލި ޙައިރާންކަމާއި ސިހުން ގެނުވާނެ ޚަބަރެއްކަން ޚުދު ސައިންސިސްޓުންނަށްވެސް އެނގިވަޑައިގަންނަވައެވެ. "މި ހޯދުމުގެ ސަބަބުން ބައެއް މީހުންގެ ޢަޤީދާއަށް ލޮޅުން އަރާފާނެކަން ވެސް އަހަރެމެންނަށް އެނގެއެވެ." ޑރ ވިދާޅުވިއެވެ.
ޤުރުއާނުގައިވާ އެއްވެސް ކަމަކާ މިހާތަނަށް ސައިންސްގެ އެއްވެސް ޞައްޙަ ދިރާސާއެއް ފުށުއަރާފައި ނުވެއެވެ. މުއުމިނުން މިކަން ޤަބޫލުކުރީ ސައިނސްވެރިން ހާމަކޮށްގެނެއް ނޫނެވެ. އެ ސައިންސްވެރިންނާއި އެއުރެންގެ ސިކުނޑިތައް އުފެއްދެވި ޙިކްމަތްވަންތަ އިލާހުގެ ފޮތުގައި އޮތަތީއެވެ. މިކަމުން މުއުމިނުންގެ އީމާނާއި ޔަޤީންކަން ވާހުށީ އިތުރެވެ. ކޮންމެއަކަށް މިއީ އީމާންކަން ބަލިކަށި ބަޔަކަށް ހުރި "ދަލީލެއް"ތާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...