ފަލަސްޠީނުގެ ރައީސް ކަމުގެ މަޤާމުގައި މިހާރު ހުރި މަޙުމޫދު އައްބާހަކީ ވެސް އިޒްރޭލާއި އެމެރިކާ އާއި މިސްރުގެ އެޖެންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. ޚުދު ފަލަސްޠީނުގެ ގިނަ ރައްޔިތުންވެސް މިކަން މިގޮތަށް ޤަބޫލު ކުރާކަން ހާމަވެފައި މިވަނީ ނިމިގެން ދިޔަ ޣައްޒާ ހަނގުރާމައިގެ ޚަބަރު ތަކާއި މައުލޫމާތުތައް ވަގުތުން ވަގުތަށް ގެނެސްދެމުން ގެންދިޔަ މަޝްހޫރު ހޭޝްޓެގު " ޣައްޒާ އަންޑަރ އެޓޭކް " ގައިވެސް ގިނަ ބަޔަކު މިފަފަ ޝުޢޫރުތަކެއް ފާޅު ކޮށްފައި ވާތީއެވެ.
ފަލަސްޠީނުގެ ގިނަ ބައެއްގެ ތާއީދު ކުރިން އޮތް ނަމަވެސް އިޒްރޭލާއި ޔަހޫދީންގެ އެޖެންޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މަހްމޫދު ޢައްބާސްގެ ނުބައި ބަސްތަކާއި ޙަމާސް ޖަމާޢަތަށް ކުރިމަތި ލާން ޖެހިފައި މިވަނީ އަލަކަށް ނޫނެވެ. މަޙްމޫދު ޢައްބާސްގެ ނުލަފާކަން ޣައްޒާގެ ޙަމާސް ޖަމާޢަތަށް މީގެ ކުރިން އެތައް ފަހަރަކު ދައްކާލާފައި ވާއިރު، ފަލަސްޠީނު ރައްޔިތުން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެކު ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރި ޙަމާސްގެ ސަރުކާރުވެސް އިޒްރޭލާއި އެމެރިކާއިން ނުރުހޭތީ ޢައްބާސް ވަނީ އުވާލާފައެވެ.
ޔަހޫދީންނާއި އެމެރިކާއިން ނުރުހޭނަމަ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރުތައް ބަޣާވާތުން ވައްޓާލުމަކީ ވެސް ޑިމޮކްރަސީއެވެ. މިކަން ދުނިޔޭގެ ބައެއް ޤައުމު ތަކުން މިހާރުވެސް ފެންނަމުން ދާއިރު ފަލަސްޠީނާއި މިޞުރު ރައްޔިތުންގެ ބޮޑު ތާއީދަކާއި އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކުރި އެ ޤައުމު ތަކުގެ ވެރިކަންތައް ބަޣާވާތުން ވައްޓާލުމަށް އެމެރިކާ އާއި ޔަހޫދިން ހަދިޔާކުރި އެތައް މިލިޔަން ޑޮލަރެއްގެ ރިޝްވަތުގައި ހިފުމުގެ ތުހުމަތު ޢައްބާހަށްވެސް އަންނަނީ ކުރެވެމުންނެވެ.
މިފަހަރުވެސް ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުގެ ޔަހޫދީން ހިންގި މިނިކަތިލުމުގެ ޒިންމާ އުފުލަން ޖެހޭނީ ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި ހަނގުރާމަ ކުރި ޙަމާސް ޖަމާޢަތުން ކަމަށް މަޙުމޫދު އައްބާހާއި މިސުރުގެ ފިރުޢައުނު ސީސީ ބުނި ނަމަވެސް ޣައްޒާ އާއި ފަލަސްޠީނުގެ ޢާއްމު ރައްޔިތުންވެސް އެކަން ޤަބޫލެއް ނުކުރެއެވެ.
2006 ވަނަ އަހަރު ފެށުނު ފަލަސްޠީނުގެ އިންތިފާޟާގައި ވެސް ޔަހޫދީން ބޭނުންވާ ގޮތަށް އެތައް ހާސް ފަލަސްޠީނު ރައްޔިތުންނެއް މަރާލުމަށްފަހު އިޒްރޭލަށް ޙަމާސުން ޙަމަލާ ދޭންފެށުމުން ޢައްބާސް އިސްކޮށް ހުރެގެން ވަނީ މި ޙަމަލާތައް ހުއްޓުވާފައެވެ. ޙަމާސާއި އިޒްރޭލުން އެފަހަރުވެސް 30 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ އެކަން ތަންފީޒު ކުރަމުން ދަނިކޮށް ޔަހޫދީން ޣައްޒާއަށް ޙަމަލާދީ މުޖާހިދުންގެ ވެރިން ޝަހީދު ކުރުމަކީ ވެސް ޣައްބާހަށް ބޮޑު ކަމަކަށް ނުވިއެވެ. އެހެން ކަމުން ޙަމާސުން އެފަހަރުވެސް ޢައްބާސް ބުނިގޮތަށް ހަނގުރާމަ ހުއްޓާލައިގެން އޮއްވާ އަނެއްކާވެސް ޔަހޫދީން ވަނީ ފުޓްބޯޅަ ކުޅެން ތިބި ފަލަސްޠީނުގެ ތިން ކުއްޖަކަށް މިސައިލުން ޙަމަލާދީ އެކުދިން ޝަހީދު ކޮށްފައެވެ. އެވަރުންވެސް ރައްދުގައި އިޒްރޭލާއި ދިމާއަށް ކުޅު ޖެހުމަކަށްވެސް ޢައްބާހަކު ނުރުހުނެވެ.
މީގެ ބަދަލުގައި ޢައްބާސް ވަނީ ޖެހިގެން އައި ދުވަހު އެމެރިކާ އަށްގޮސް ބުޝްއާއި ބައްދަލު ކޮށް 50 ހަކަށް މިލިޔަން ޑޮލަރު ހޯދާފައެވެ. އެހެން ކަމުން ޙައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ކުރީގެ މިނިސްޓަރު އެފްރައިމް ސްނޭހް ވަނީ ޢައްބާހަކީ އިޒްރޭލުގެ އެންމެ ގާތް މަދަދުވެރިކާ ކަމަށްވެސް ސިފަކޮށްފައެވެ. އިޒްރޭލާއި ޔަހޫދީންނަށް ފައިދާވާގޮތަށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ގެއްލޭފަދަ އެތައް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ މަޙްމޫދު އައްބާހަކީ ބުނާ ބަހެއްގައިވެސް އިތުބާރެއް ހިފޭ މީހެއް ނޫނެވެ. ޔަހޫދީންނާއި އެކުވެވޭ އެއްބަސްވުމެކޭ އަބޫ މާޒިންގެ ބަހެކޭވެސް އެއްގޮތެވެ.
އެގޮތުން 2006 ވަނަ އަހަރު ވަނީ ވެރިކަމުގައި އެފަހަރު ފުރިހަމަ ކުރައްވާ ދައުރު ހަމަވުމުން މަޤާމުން އިސްތިއުފާ ދޭނެ ކަމަށްވެސް ބުނެފައެވެ. އެހެން ނަމަވެސް އިޒްރޭލާއި ޔަހޫދީންގެ އެދުމާއި އެކު އަނެއްކާވެސް ގަދަ ބާރުން ވެރިކަން ހޯއްދަވައިގެން ޢައްބާސް ކުރަމުން ގެންދާ މަސައްކަތުން ފަލަސްޠީނަށް މިހާތަނަށް ލިބުނު އެއްވެސް މޮޅެއް މަންފާއެއް ފައިދާއެއް ނެތެވެ. މީނާގެ ވެރިކަމުގައި ފަލަސްޠީނުގެ ޢައްޒާ އާއި ހުޅަނގު އައްސޭރި އާއި ދެމެދުގެގުޅުންތައް މުޅިން ކެނޑިގެން ދިޔައީވެސް އެ ދެމެދުގައި ވާހާ އަވަށް ތަކާއި ރަށްތައް ޔަހޫދީން ހިފައި އެތަންތަނަށް ވެރިވުމުންނެވެ. މިއީ އަބޫ މާޒިން އަށް މާ ބޮޑު ކަމަކަށް ނުވެއެވެ. މިފަދަ ވާހަކައެއް އޭނާ ނުވެއް ދައްކައެވެ.
ޙަޤީޤަތުގައި ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރި ޙަމާސް ޖަމާޢަތުން ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑީ ތައް ޙާޞިލުކޮށް ޣައްޒާ މިނިވަން ކުރުމަށް މިފަހަރުވެސް އެޅުނު އެންމެ ބޮޑު ހުރަސް ތަކަކީ ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އާއި މިސުރުގެ ފިރުއައުނު ސީސީގެ އިތުރުން މަޙުމޫދު އައްބާހެވެ. އިޒްރޭލާއި އެމެރިކާއިން ޙަމާސަކީ ޓެރަރިސްޓުން ކަމަށްބުނެ ޙަމާސްގެ މުޖާހިދުން ނައްތާލުމަށް އެހީތެރިވާން ދުނިޔެއަށް ގޮވާލުމުން ސަޢޫދީ އާލުއް ސަޢުދުގެ ރަސްކަމުން ވަނީ 100 މިލިޔަން ޑޮލަރު ޓެރަރިސްޓުން މަރަން ދީފައެވެ. ޣައްޒާއަށް އެހީވާން މީނާ ދިނީ 50 މިލިޔަން ޑޮލަރެވެ.
ރޭނިދި ނުނިދައި ފާއިތުވީ ދުވަސްތަކުގައި މިސުރުގެ ފިރުޢައުނު ސީސީ އާއި އިޒްރޭލާއި މަޙުމޫދު އައްބާސް މަޝްވަރާ ކޮށްފައި ވަނީ ޙަމާސް އާއި ދެކޮޅު ރޭވުންތައް ރޭވުމަށެވެ. މިބައިމީހުންގެ ނުބައި ރޭވުންތައް ޙާޞިލު ކުރުމަށާއި ޙަމާސަށް ލިބުނު ކާމިޔާބެއް ނެތްކަމަށް ދެއްކުމަށް ޔަހޫދީން ދައްކާ ކޮންމެ ލިޔުމެއްގައި މިމީހުން ސޮއިކޮށްފާނެއެވެ. އެހެން ކަމުން މުޅި އިސްލާމީ ދުނިޔެ މިއަދު ކުރަންޖެހޭ ސުވާލަކީ މަޙުމޫދު އައްބާހުގެ ލަދު ޙަޔާތް ކޮބާ ހެއްޔެވެ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...