އިއްޔެގައިި މުޅި ރާއްޖެއަށް ސިހުން ގެނުވީ މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އިތުރުން މި ސަރުކާރު ވުޖޫދަށް ގެނެސްދިނުމުގެ އެންމެ ބޮޑު ޙިއްޞާއެއް އަދާކުރެއްވި ޤާޞިމް އިބުރާހީމްގެ ޙިއްސާ އޮންނަ ބޮޑު ތިން ވިޔަފާރިއެއް ސަރުކާރުން ހުއްޓުވާލި ޚަބަރުންނެވެ. ޤާޞިމްގެ މަސްލަޙަތު އޮތް ވިޔަފާރި ކުންފުނި ތަކަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވާ އެއާޕޯޓަކާއި ފަޅުރަށަކާއި، މަސްފެކްޓަރީއެއް ދައުލަތަށް ނަގަން ނިންމި ޚަބަރާއި އެކު އެކި ފަރާތްތަކުން ގެންދަނީ އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ.
ރައީސް ޔާމީނުެ ވިދާޅުވީ މި ކަމަކީ ވަކި މީހަކަށް ވެގެން ވާގޮތެއް ނޫން ކަމަށާއި، މިއީ އެއްބަސްވުމާއި އެއްގޮތަށް ޢަމަލު ނުކުރާ ފަރާތްތަކަށް ހަމަ ވާންވީ ގޮތް ކަމަށެވެ. އަދި ރާއްޖޭގައި އެއްބަސްވުމަށް ޢަމަލު ނުކުރުމުގެ ސަގާފަތެއް އަށެންފައި އޮއްވާ އެފަދަ އެތައް ސަތޭކަ އިންވެސްޓްމަންޓެއް ހުއްޓާ ކުއްލި ގޮތަކަށް ޤާޞިމުގެ ވިޔަފާރީގެ މަސްލަޙަތު ތަކަށް ސަރުކާރުގެ ލޯ އަމާޒުވުމަކީ އިއްތިފާޤެއް ކަމަށް ދޭހަވާފަދަ ޢިބާރާތަކުން ރޭ ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވެއެވެ.
މި މައްސަލަ އާއި ގުޅިގެން ޤާޞިމް ވިދާޅުވީ މިއީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ބިލަށް ދެފުށް ފެންނަ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ ބައެއް އިސްލާޙުތައް ގެނައުމަށް އޭނާ ގޮވާލެއްވުމުން ލިބިވަޑައިގެންނެވި ހަދިޔާއެއް ކަމަށެވެ. މި ކަމަކީ ސީދާ އޭނާގެ ވިޔަފާރި ތަކަށް އަމާޒު ކުރައްވައިގެން ރައީސް ޔާމީންގެ ކުރެއްވި ކަމެއް ކަމަށާއި، މީގެ ރައްދުގައި އޭނާއަށް ކުރެއްވޭނެ މާ ގިނަ ކަންތަކެއް ނެތް ނަމަވެސް ޤާނޫނީ ގޮތުން މި ކަންކަން ބައްލަވަމުން ގެންދަވާ ކަމަށް ޤާޞިމް ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލު ކުރުމުގައި އިސްކަން ދެއްވާނީ މަޝްވަރާގެ އުޞޫލަށް ކަމަށާއި، ޝަރުޢީ މަރުޙަލާއަށް ސަރުކާރު ގޮވައިގެން ވަޑައިގަތުމަކީ ކުރައްވާން ބޭނުންފުޅު ކަމެއް ނޫން ކަމަށް ޤާޞިމް ވިދާޅުވެއެވެ. އަދި އެއްބަސްވުން ތަކަށް ޢަމަލު ނުކުރެވި ވަނީ ސަރުކާރުގެ އިހުމާލުން ކަމަށް ވިދާޅުވެ ޤާޞިމު ވަނީ އެކަމަށް ދަލީލު ލިބިދޭ ހެކިތަކެއް ހާމަ ކުރައްވާފައެވެ.
ކޮންމެ އަކަސް ރައީސް ޔާމީން މި އެޅުއްވި ފިޔަވަޅަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ދިވެހި ދައުލަތަށް ފައިދާ ހުރި ފިޔަވަޅެކޭ ދެންނެވިދާނެ އެވެ. އެހެނީ ސަރުކާރުން މިހާރުވެސް 44 ރަށެއްގެ ބަނދަރު މަޝްރޫޢާއި އެތައް ސަތޭކަ ފްލެޓެއް އެޅުމުގެ ޢަމަލީ މަސައްކަތާއި ބައެއް ބިންތައް ހިއްކުމާއި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ އެތައް މަސައްކަތެއް ކުރަމުން އެބަ ގެންދެއެވެ. މިއިން އެއްވެސް މަޝްރޫޢަކީ އެއްބަސްވުމުގައި ބުނާ ހުރިހާ ކަންތައްތަކަށް ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ފުރިހަމައަށް އިޙުތިރާމު ކުރަމުން ގެންދާ ކަންތައް ތަކެއް ނޫނެވެ.
ސަބަބު ތައް ބައިވަރެވެ. ތަފާތު ދަތި ތަކާއި ކުރިމަތި ވުމެވެ. ތަކެތި ނުލިބުމެވެ. މޫސުން ތަން ނުދިނުމެވެ. ސަރުކާރުން ފުރިހަމަ ކޮށްދެންޖެހޭ ކަންކަން އެއްބަސްވުމުގައިވާ ތާރީޚަށް ނިންމާ ނުދެވުމެވެ. ކޮންޓްރެކްޓަރާއި ސަބްކޮންޓްރެކްޓަރުގެ އިހުމާލުން ކުރިމަތިވާ މައްސަލަ ތަކެވެ. މިފަދަ އެއްވެސް މައްސަލައެއްގައި މިވީހާތަނަށް ސަރުކާރުން މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވި ނަމަވެސް ސިޔާސީ ވާދަވެރިންގެ ކުންފުނި ތަކާއި ވިޔަފާރި ތަކަށް ދަތި ކުރެވި ފިޔަވަޅު އެޅިފައި ހުރިކަމީ ދިވެހި ތާރީޚުން ފެންނަން ހުރި ޙަޤީޤަތް ތަކެވެ.
ކޮންމެއަކަސް ރައީސް ޔާމީނަކީ ތަފާތު ބޭފުޅެކެވެ. އިޤްތިސޯދީ ކަންކަމަށް އެމަނިކުފާނުގެ ސަރުކާރުން ބަހައްޓަވާ ޚާއްޞަ އަހަންމިއްޔަތެއްގެ ސަބަބުން އިޤްތިސޯދަށް ފައިދާހުރި އެތައް ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އިޤްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހިން ހައްދަވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ވެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައި ވެއެވެ. ކޮންމެ އާއިލާ އަކަށް ޑޮކްޓަރަކު ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ. މިފަދަ ކަންކަން ކުރެވޭނީ އިޤްތިސޯދީ ގޮތުން ދައުލަތަށް ހިންދެމިލެވިގެންނެވެ.
ރައީސް ޔާމީންގެ ސަރުކާރުން ޤާޞިމުގެ ވިޔަފާރީގެ މަސްލަޙަތު ތަކަށް ކުއްލި ގޮތަކަށް އިއްޔެ ފިޔަވަޅު އެޅުއްވި ގޮތަށް ޓާޓާއަށް ދީފައިވާ ހައުސިން ޔުނިޓް ތަކުގެ މައްސަލާގައި ފިޔަވަޅު އަޅުއްވާފައި ވޭތޯއެވެ؟ އެތައް އަހަރެއް ބޭކާރުވެ ކޮންކްރީޓް އޮނިގަނޑު ހަލާކުވަމުން ދާއިރުވެސް އެމީހުންނަށް އަދިވެސް ޚިލާފު ނުވެވި ވަނީ އެއްބަސްވުމުގެ ކޮން މާއްދާއަކާއި ބާވައޭ ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ އެމީހުން ވަނީ އެތައް ސަތޭކަ ފަހަރަކު އެއްބަސްވުމާއި ޚިލާފުވެފަ ކަމުގައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް ހައުސިން މިނިސްޓްރީން އިސްކަން ދެއްވާފައި ވަނީ އެއްބަސްވުން ބާޠިލު ކުރުމުގެ ބަދަލުގައި އެއްބަސްވުމާއި ޚިލާފުވާ މާއްދާއެއް ބަދަލު ކޮށްދީގެން އެއާއި ޚިލާފު ނުވެވޭ ގޮތަށް ހަމަޖައްސައި ދެއްވުމަށެވެ.
މިފަދަ ކިތަންމެ ނަމޫނާއެއް ދެއްކިދާނެއެވެ. ގުޅީފަޅު ޕްރޮޖެކްޓްގެ އެއްބަސްވުމެވެ. ޓަޓްވާ އާއި އެކު ކުނިއުކާލަން ވެވުނު އެއްބަސްވުމެވެ. މާލެއާއި އައްޑޫ ސިޓީގައި ބަހުގެ ޚިދުމަތް ދޭން ވެވުނު އެއްބަސްވުމެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމެވެ. ރައްޔިތުންނަށް ކަރަންޓާޢި ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ވެވުނު އެއްބަސްވުން ތަކެވެ. ސަރުކާރުން ހިންގާ ކުންފުނި ތަކުން އެކި ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުންތަކެވެ. ރަށްރަށުގެ ބިންހިއްކުމާއި، ބަނދަރު ހެދުމުގެ ބޮޑެތި މަޝްރޫޢު ތަކުގެ އެއްބަސްވުންތަކެވެ. މިއިން ކޮންމެ އެއްބަސްވުމެއް އޮޑިޓް ކޮށްލި ނަމަވެސް އެއްބަސްވުމާއި ޚިލާފަށް ދެފަރާތުން ކޮށްފައިވާ އެތައް ޢަމަލެއް ފެންނާނެއެވެ. އަދި މީގެ ކުރިން ނެރުނު ހުރިހާ އޮޑިޓް ރިޕޯޓަކުންހެން ފެނިފައިވެސް އެބަހުއްޓެވެ. އެހެން ކަމުން މިހާތަނަށް ފިޔަވަޅު ނޭޅި ހުރި އޮޑިޓް ރިޕޯޓު ތަކުގެ ރިކޮމެންޑޭޝަން ތަކަށް ޢަމަލު ކޮށްދެއްވާ މިފަދަ ހުރިހާ އެއްބަސްވުން ތަކެއް ބާޠިލުކޮށް ޕްރޮޖެކްޓްތައް ސަރުކާރަށް ނަންގަވައި ދެއްވާށެވެ!
ކޮމެންޓް (0)
ލޯޑް ކުރަމުން...