އިންސާނިއްޔަތާއި ޚިލާފު ބޮޑެތި ޖަރީމާތައް ހިންގައި ދުނިޔޭގެ އެންމެ ގިނަ މީހުން މަރާފައިވާ ދުނިޔޭގެ އެންމެ ބޮޑެތި ޤާޠިލުންނާއި މުޖުރިމުން ހުދު ފޭރާމުގައި މޮޅެތިހާ ކެއުން ކައިގެން އަރާމު ޚާނާގައި ދިރިއުޅެމުން ގެންދާއިރު މުޅި ދުނިޔޭގެ އެންމެން ހެވިފައި މި ތިބެނީ ކިހިނެއް ވެގެންތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟
ޖަވާބު ވަރަށް ކުރުވެފައި ވަރަށް ސާފެވެ. އެހެނީ ޔަހޫދީން މެރި ބަޔަކަށް ނޫނީ އިންސާފު ނުލިބޭނެ ކަމީ ދުނިޔެ ދައްކާ ޙަޤީޤަތެކެވެ. ކިތަންމެ ގިނަ ޢަދަދު ތަކުން މުސްލިމުން މެރިޔަސް ބޮޑެތި ޤަތުލުޢާއްމު ތައް ހިންގިޔަސް އެއީ މައްސަލައެއް ނޫނެވެ. ދުނިޔެމަތީގައި މިއަދު އެންމެ އަގު ދަށް އެއްޗަކީ މުސްލިމުންގެ ލެޔަށް ވެގެން ގޮސްފައި މިވަނީ ސަޢޫދީ އަރަބިއްޔާ އާއި ޔޫއޭއީ އާއި މިސްރާއި ޢުރުދުން ފަދަ އިސްލާމީ ޤައުމު ތަކުން މުސްލިމުންގެ ލޭގެ ޙުރުމަތް ކަނޑާލައި އަމިއްލަ ޖާހާއި މަތިވެރިކަން ދުނިޔެއަށް ދައްކައިގެން ދުނިޔޭގެ ލައްޒަތަށް އާޚިރަތް ވިއްކާލުމުންނެވެ.
ދުނިޔޭގައި މިހާތަނަށް ހިންގި ބޮޑެތި ޤަޠުލު ޢާއްމު ތަކަށް ބަލާށެވެ. ޔަހޫދީންނާއި ދެކޮޅަށް ޤަޠުލު ޢާއްމެއް ހިންގި ކަމަށްބުނާ ޖަރުމަނުގެ ނާޒީ ލީޑަރު އެޑޮލްފް ހިޓްލަރު ނިކަމެތި ގޮތަކަށް މަރުވެގެން ދިޔައީ ޔަހޫދީންގެ މަރުގެ ހިތިރަހަ އޭނާގެ ކަރުބުޑުގައި ލާފައިވާ ޙާލުގައި އެކަނިމާއެކަނި ފަރުބަދައެއްގެ ހޮހޮޅައިގައި އޮވެ ބަނޑަށް މަރުވެގެންނެވެ. އެހެން ކަމުން ޔަހޫދީންނާއި ދެކޮޅަށް ޤަޠުލު ޢާއްމު ހިންގި ހިޓްލަރަށް ވަނީ އޭނާގެ ނުބައި ކަމުގެ ރަހަ ފެނިފައެވެ. އަދި އަދަށް ދާންދެންވެސް ޔަހޫދީންނާއި ކްރިސްޓިއަނުންގެ ފޮތްތަކާއި މުޤައްރަރު ތަކުގައި ލިޔެގެން ހިޓްލަރުގެ ނުބައި ވާހަކަ އާއި ޔަހޫދީންނަށް ލިބުނު އަނިޔާގެ ބޮޑުކަމުގެ ވާހަކަ ބޮޑު ކޮށްކޮށްފައި ދުނިޔޭގެ ތަޢުލީމީ މަންހަޖުގެ ތެރެއިން އިސްލާމީ ޤައުމު ތަކުގައި ވެސް ކިޔަވައި ދެމުން ގެންދަނީ ކޮންފަދަ ސަބަބަކާއި ހުރެކަން އެނގޭނީ އިސްލާމީ ޤައުމު ތަކުގެ ވެރިންނަށެވެ. މޮޅު ކަމަކީ އެމެރިކާ މީހުން އެ ޤައުމުގައި ވަޒަންވެރިވީ ވެސް އެތަނުގެ އަސްލު އަހުލުވެރިންތައް ކަތިލައި ބޮޑު ޤަޠުލުޢާއްމަކަށް ފަހުގައި ކަމެވެ. މި ވާހަކަތައް ދުނިޔޭގެ ތާރީޚު ބަލާ ލޯގަނޑުގެ ގޮތުގައި ގިނަބަޔަކު ބޭނުންކުރާ ޔަހޫދީންގެ ވިކިޕީޑިޔާއިން ފެންނަން ހުރި ނަމަވެސް ޔަހޫދީން ހިންގި އެއްވެސް ޤަޠުލު ޢާޢްމަކާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވިކިޕީޑިޔާގައިވެސް ނެތެވެ.
ދުނިޔޭގެ ބޮޑެތި ޤަޠުލު ޢާއްމުތައް ވިކިޕީޑިޔާއިން ބެލުމަށް . . .
އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ބަލާށެވެ. މިޔަންމާ އާއި، ބާލީ އާއި ސޯމާލިޔާ އާއި، އަފްޣާނިސްތާނާއި، ތުރުކުމެނިސްތާނާއި، ޕާކިސްތާނާއި، ސީރިޔާ އާއި، ލުބުނާނާނާއި، ފަލަސްޠީނާއި، ލީބިޔާ އާއި، ބޮސްނިޔާ އާއި، ޢުރުދުން އާއި، ޢިރާޤާއި، ލުބުނާނާއި، މިސްރުގައި މުސްލިމުންނާއި ދެކޮޅަށް ހިންގުނީ ކިތައް ޤަޠުލުޢާއްމު ތޯއެވެ؟ މީގެ އިތުރުން 1946 ވަނަ އަހަރު ޖަޕާނުގެ ހީރޯޝީމާ އާއި ނަގަސާކީ އަށް ނިޔުކްލިޔަރ ހަތިޔާރުން ޙަމަލާދީި އެތައް ލައްކަ ބައެއްގެ ފުރާނަ ދުއްވާލައި، އަދި އަދަށް ދާންދެންވެސް އެ ޝަހަރު ތަކުން އުފަންވާ ކުދިން އުނިވެ ޢައިބުވެފައި ތިބެނީކީ ޖަޕާނު މީހުންގެ ނުބައި ކަމަކުން ނޫނެވެ.
އިންސާނީ ތާރީޚުގައި ހިންގި އެންމެ ލާއީންސާނީ ޢަމަލު ކަމަށްވާ ނިޔުކްލިޔަރ ހަތިޔާރުން އިންސާނިއްޔަތާއި ދެކޮޅަށް ޙަމަލާދިން އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓުރޫމަން އާއި، އޭނާގެ ޢައުވާނުންގެ ވާހަކަތައް ދުނިޔޭގެ ޔަހޫދީން ހިންގާ މީޑިޔާ ތަކުން ކިޔައިދެނީ އެއީ ބަޠަލުންގެ ގޮތުގައެވެ. ދެވަނަ ބޮޑުހަނގުރާމަ ހުއްޓުވާ އިންސާނިއްޔަތު ބޮޑު އަނދަވަޅަކުން ސަލާމަތް ކޮށްދިނީ މި ނުލަފާ ޤާޠިލުން ކަމަށް ޔަހޫދީ މީޑިޔާތަކުން ވަނީ އިންސާނިއްޔަތުގެ ސިކުނޑިއަށް ވިސްނުވައިދީފައެވެ. އެހެން ކަމުން މި ނުލަފާ ޤާޠިލުން ނިމިދިޔައީ ހުދު ފޭރާމުގައި އަރާމު ޚާނާގައި ޢިއްޒަތުގައެވެ.
ޢިރާޤުގައި އޮތް އިސްލާމީ ވެރިކަން ވައްޓާލައި މުސްލިމުންގެ ތެޔޮ ދަނޑުތައް ފޭރިގަތުމުގެ ބޭނުމުގައި މުޅި ދުނިޔެއަށް ދޮގާއި މަކަރާއި ޙީލަތް ހަދައި އޮޅުވާލި އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި އިނގިރޭސި ބޮޑުވަޒީރު ޓޯނީ ބުލެޔަރގެ ވާހަކަ ވެސް ޤާޠިލުންގެ ލިސްޓުގެ ކުރީސަފުގައި އާދެއެވެ. މި ދެ ޤާޠިލުން ވަނީ ޢިރާޤާއި އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބިމުގައި އެ ޤައުމު ތަކުގެ އަހުލުވެރިންނާއި ދެކޮޅަށް އިންސާނިއްޔަތާއި ޚިލާފުބޮޑެތި ޤަޠުލުޢާއްމު ތައް ހިންގާފައެވެ. އެހެނަސް މި ދެ ޤާޠިލުންވެސް ތިބީ ހުދު ހެދުމުގައި އަރާމު ޚާނާގައި ޢިއްޒަތުގައެވެ. އެއީވެސް ދުނިޔޭގެ ލީޑަރުން އަދި ބަޠަލުންނޭ ކާފަރުން ހަމަ ބުނާއިރަށް އަތްޖަހާފައި ހޭން ތިބުން ނޫން ގޮތެއް މިއަދު މުސްލިމު އުއްމަތަށް ހަމަ ނެތީބާއެވެ؟
މިނޫނަސް އެމެރިކާ އާއި އިޒްރޭލުގެ މިޙާރުގެ ވެރިންނަކީ ވެސް އަނިޔާވެރި ކަމުގައި ޙައްދުފަހަނަ އަޅާފައިވާ ޒާލިމުންނެވެ. އޮބާމާ އާއި ނަޠަންޔާހޫ އާއި މި ބައިގަނޑުގެ ވާގިވެރިންނަކީ ވެސް ކިތަންމެ ބޮޑެތި ޤާޠިލުންނަށް ވީނަމަވެސް ދުނިޔޭގެ ތާރީޚުގައި މި ޤާޠިލުންގެ ނަން ލިޔާނީ ފަޚުރުވެރި ބަޠަލުންގެ ގޮތުގައެވެ. އެހެނީ ކުޑަމިނުން އަހަރެމެން ދިވެހިންނަކީ ވެސް ﷲ ދެއްވި ސިކުނޑި އާއި ބުއްދި އެއްފަރާތުގައި ބާއްވައިގެން އޭއެޕްޕީ އާއި އޭޕީ އާއި ބީބީސީ އަދި ސީއެންއެން ނުވަތަ ރޮއިޓާޒް އިން ފޮނުވާ ޚަބަރު ބަހުން ބަހަށް ލަފުޒުން ލަފުޒަށް ތަރުޖަމާ ކޮށްލައިގެން ލިޔާ ބައެކެވެ. މިހެން ހެދުމުން ކޮންމެ މުސްލިމަކީ ޓެރަރިސްޓެކޭ ލިޔެވިފައި ވަނީ ވެސް މަދު ފަހަރަކު ނޫނެވެ.
ލިސްޓު ނިންމާލުމުގެ ކުރިން ޗައިނާ އާއި މިޔަންމާ އާއި ފަލަސްޠީނުގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަޠުލު ޢާއްމު ތަކަށް ވެސް ބަލާލުމަކީ މުހިންމު ކަމެކެވެ. މިޔަންމާގައި ކޮންމެ ދުވަހަކު ރޯމާ ދުވާލު ދިރިތިއްބާ މުސްލިމުންގެ ކުޑަކުދިން އެންދުމާއި އެންމެންގެ ކުރިމަތީގައި މަގުތައް މަތީގައި މުސްލިމު އަންހެނުން ކަތިލަމުންދުވާ އަސްކަރީ ޖެނެރަލުންނާއި އިންސާނިއްޔަތުގެ އެފަދަ ދެވަނައެއްނުވާ އަންސަންގ ސޫކީ ހުރީވެސް ހުދު ހެދުމުގައި އަރާމު ޚާނާގައި ޢިއްޒަތުގައެވެ. އެނުލަފާ ޤާޠިލުންނާއި ދިމާއަށް އުފް ބުނެލާނެ ހިއްވަރުވެސް އިސްލާމީ އުއްމަތުގައި ނެތްއިރު، އެ ޤަތުލު ޢާއްމުތައް ފޮރުވުމަށް ޔަހޫދީ މީޑިޔާތަކުން އެހީތެރިވެއެވެ.
ޗައިނާގައި މުސްލިމުން އަޅުކަން ކުރުމާއި ރޯދަ ހިފުމާއި ޤުރުއާން ކިޔެވިުން މަނާކުރިޔަސް އަދި މުސްލިމުން ވަގަށް ނަގައި މެރިޔަސް އެކަން ދަންނާނީ ފަހެ ކާކު ހެއްޔެވެ. ދައުލަތުގެ މީޑިޔާ ނޫނީ މީޑިޔާއެއް ނެތެވެ. އިންސާނީ ޙައްޤު ތައް ހޯދަން އުޅޭ ބައިގަނޑަށް ވެސް މުހިންމު ވަނީ އެއްޖިންސުން ކައިވެނި ކުރުމުގެ ޙައްޤާއި، ޤާޠިލުންނާއި ޒާލިމުންގެ ޙައްޤުތައް ހޯދައިދިނުމެވެ.
ޔަހޫދީ އިޒްރޭލުގެ އަނިޔާވެރި ޤަޠުލުޢާއްމު ތަކުގެ ވާހަކަ ކުރުގޮތަކަށް ބަޔާން ކޮށްލުމަށް ވެސް މިފަދަ އެތައް ކޮލަމެއް ލިޔާން ޖެހޭނެތީ އެވާހަކަ ނުދައްކާ ކުރުކޮށްލާނަމެވެ. އެހެނީ މިހާރު ކޮންމެ ދުވަހަކު ޣައްޒާގައި ހިނގަމުންދާ ޤަޠުލުޢާއްމު ތައް އަހަރެމެންގެ ލޮލަށް އެބަ ފެނެއެވެ. އެހެނަސް ކުއްވެރި ކޮށްލުމާއި ދުޢާކުރުން ފިޔަވައި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ދެކި އަހަރެމެން ވެސް މިތިބީ އަތް އުރާލައިގެންނެވެ. އެހެން ނަމަވެސް ﷲގެ ދަރުބާރުގައި އަހަރެމެންނަށް އަދި އިންސާފު ލިބޭނެއެވެ. އިސްލާމީ ޤައުމު ތަކުގެ ވެރިކަމުގައި ތިބި މުނާފިޤުންނަށް އެދުވަހުން ﷲގެ ދަރުބާރުން ސަލާމަތެއް ނެތެވެ. އެދުވަހުން އެމެރިކާއާއި އިޒްރޭލުން އެމީހުން ޙިމާޔަތް ކޮށްދޭން ނުކުންނާނެ ބާރެއް ވެސް ނޯންނާނެއެވެ.
އަޅަމެންގެ ދުޢާ އަކީ ﷲ ޙުރުމަތްތެރި ކުރެއްވި ފުރާނަތައް ޙައްޤަކާއި ނުލާ ފޭރެމުން ގެންދާ ޔަހޫދީ އޫރު ތަކާއި މަކުނު ތަކަށް ޔަހޫދީންގެ އަނިޔާވެރި މަކުނު އެރިއަލް ޝެރޯނަށް ދެއްވިފަދަ ޢަޒާބެއް ޔަހޫދީންގެ ވެރިންނަށް ދެއްވުމެވެ. އެހެނީ ޔަހޫދީ މަކުނު ޝެރޯން ވެސް ފަލަސްޠީނުގެ ޞަބްރާ އަދި ޝަޠީލާގެ ރެފިޔުޖީ ކޭމްޕް ތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިންތައް ޤަޠުލު ކޮށްފައި ނިމިދިޔައީ މުޅި ދުނިޔެއަށް ފިލާވަޅެއް ދަސްކޮށްދެމުންނެވެ.
ﷲ އަށް އުރެދި މަގުފުރެދިފައިވާ ޔަހޫދީންނަކީ ޝައިޠާނުންނަށް އަޅުކަން ކުރާ ބަޔަކު ކަމުގައްޔާއި، އެމީހުންގެ ތެރެއިން އެއްބަޔަކީ އޫރު ތަކެއް ކަމުގައި، އަދި އަނެއް ބަޔަކީ ރާމާ މަކުނު ތަކެއް ކަމުގައި ލައްވައި ވަޢީޒުގެ ބަސްފުޅު ވަޙީކުރެއްވި އިލާހުގެ ކުޅަދުންވަންތަ ކަމާއި އެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...