މިއީ އިސްރާއީލުގެ ހައްދުފަހަނަ އަޅައިފައިވާ ޖައްބާރުބޮޑު އަސްކަރިއްޔާއިން ޣައްޒާގެ ޝުޖާޔާގެ ބޮޑު ބައެއް ސުންނާފަތި ކުރި ދުވަހު މަޙްމޫދު އަލްޝެއިޚް ޚާއިލް ނަމަކަށް ކިޔާ ޣައްޒާގެ (ޝުޖާޔާގެ) ރައްޔިތެއް އެދުވަހު ކަން ހިނގި ގޮތް ސިފަކޮށްދީ ކިޔައިދިން ވާހަކައެކެވެ.
36 އަހަރުގެ މަޙްމޫދު ހުރީ ޝުޖާޔާގެ އައްޝިފާ ހޮސްޕިޓަލުގެ ގޭޓުގައެވެ. އޭނާ އަކީ އިސްރާއީލުން އެ ރަށުގައި ހިންގި ޤަތުލުޢާއްމުގައި ﷲގެ ރަޙްމަތްފުޅުން ސަލާމަތްވި މަދު މީހުންގެ ތެރެއިން އެކެކެވެ. ހޮސްޕިޓަލުގެ ގޭޓުގައި އޭނާ ހުރީ ދެން އަންނަ އެމްބިއުލާންސަކަށް އިންތިޒާރު ކޮށްކޮށެވެ. އޭނާގެ ދަރިފުޅާއި ޢާއިލާއަށް ވީނުވީއެއް ނޭނގިފައެވެ. ކަންބޮޑުވެ، ހާސްވެފައެވެ.
އެމްބިއުލާންސެއްގެ ހިލަމެއް ވެއްޖެއެވެ. ސަރަހައްދަށް އެއްވެފައިވާ ގިނަ މީހުންގެ ތެރެއިން، ވަރަށް ވަރުން އެ އުޅަނދު ހޮސްޕިޓަލަށް ވައްދައިފިއެވެ. އެމްބިއުލާންސުގެ ދޮރު ހުޅުވުމާއެކު މަޙްމޫދު އަވަސް އަވަހަށް އެތަނަށް ދުއްވައިގަތެވެ. ދެން ފެނިގެން ދިޔައީ އެފަކީރުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެން ދިޔަ ތަނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެމްބިއުލާންސުން ނެރުނު ފިހިފައިވާ ފުރާނައެއް ނެތް ހަށިގަނޑުތަކުގެ ތެރެއިން އޭނާއަށް ފެނުނީ އޭނާގެ ލޯބިވާ ދަރިފުޅު ސާމިއާއެވެ. 3 އަހަރުގެ މައުސޫމު ސާމިއާގެ ކުޑަކުޑަ ހަށިގަނޑު ވަނީ ޒަޔަނިސްޓު ޔަހޫދީންގެ ހަމަލާގައި އަނދާ އަޅިއަށް ވެފައެވެ. انا لله وانا اليه راجعون.
މަޙްމޫދުއަށް އޭގެ ފަހުން އެނގުނު ގޮތުގައި ސާމިޔާއާއެކު އެމްބިއުލާންސުން ނެރުނު، ފޮތިގަނޑު ތަކުގައި 'ކަފުންކޮށް' ފޮރުވިފައިވާ ހަށިގަނޑުތަކަކީ ސާމިޔާގެ ދެބައިންގެދެދަރި ކުދިންގެ ފުރާނައެއް ނެތް ހަށިތަކެވެ. "އަހަރުމެން ދުވަން ވެސް ވަރަށް މަސައްކަތް ކުރިން. އެކަމަކު ޓޭންކު ތަކުން ހަމަލާތައް ފޮނުވީ ސީދާ އަހަރުމެން ގަޔަށް. އަހަރުމެން ފަހަތުން ހަމަލާތައް އައީ." މާޔޫސްވެފައިވާ މަޙްމޫދު ކިޔައިދިނެެވެ.
މީގެ 18 ދުވަސް ކުރިން ނުބައިވެގެންވީ ޔަހޫދީން ފެށި މި ޖަރީމާގައި އެބައިމީހުން އެންމެ ބޮޑު ހަމަލާތަކެއް ދީފައިވަނީ މި ރަށަށެވެ. ޝުޖާޔާއަށެވެ. ޣައްޒާގެ އިރުމަތީގައި އޮންނަ މި ރަށް ސުންނާފަތިކޮށްފައި ވާއިރު، 72 މީހުން ވަނީ އެދުވަހު އެކަނިވެސް ޝަހީދުވެފައެވެ. ފަލަސްޠީނުގެ ޞިއްޙީ ވުޒާރާތަކުން މަޢުލޫމާތު ދޭގޮތުގައި ދުނިޔެ ދޫކުރި މީހުންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިންނެވެ.
ޝުޖާޔާގެ އުމުރުން ދޮށީ ރައްޔިތެއް ކަމަށްވާ އުއްމު ވާއިލް މަންސޫރު ކިޔައިދިނެވެ: "1967 ގެ ހަނގުރާމަ އަހަރެން ދުށިން. އެއިރު ކަން ހިނގި ގޮތް އަހަންނަށް ފެނުނު. ...(އެކަމަކު) މި ޤަތުލުޢާއްމު، މި ހަނގުރާމަ ސިފަކޮށްދޭކަށް ވެސް ނޭނގެ. ސަބްރާ އަދި ޝަތީލާގައި ހިންގި ޤަތުލުޢާއްމަށް ވުރެ ވެސް މި ހަނގުރާމަ ނުބައި."
"ސަލާމަތް ވާން ދުވާނެ އަމާން ތަނެއް ނެތް."، "އަހަރުމެންނަށް ގެއިން ނުކުންނަން މަޖުބޫރުވީ."، "ހޫނު ވާރޭ ހެން މިސައިލުތައް ހުއްޓުމެއް ނެތި އޮހެނީ"، "ފުރާނައެއް ނެތް ކުޑަކުދިންނާއި އަންހެނުންގެ ހަށިތައް މުޅި މަގުމަތީގަ."، "އަންހެނުންނާއި ކުޑަކުދިން ކުދިކުދި ކޮށްފަ": މިއީ ޣައްޒާގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ވޭނީ ކެކުޅުމުގެ އަޑެވެ. ހާލުގެ ދުލުން އެހީއަކަށް އެދި ހުއްޓުމެއް ނެތި އެމީހުން ގޮވަނީއެވެ.
ޔާﷲ! އިބަރަސްކަލާނގެ ޙަޟްރަތުން ނޫނީ ނަޞްރު ލިބުމެއް ނެތް. އަޅަމެން ވާތްގަށް އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ޙަޟްރަތުން. ހައްދަވާ ގެންގުޅުއްވާ އިލާހް! އިބަރަސްކަލާނގެ ތަނަވަސްވެގެންވާ ރައްކާތެރިކަން ޣައްޒާގެ މުސްލިމުންނަށް ދެއްވަވާންދޭވެ! އެމީހުންގެ ހިތްތަކަށް ސާބިތުކަން ދެއްވާންދޭވެ! ޢަދާވާތްތެރިން ބަލި ކުރައްވާންދޭވެ! ޢަދާވާތްތެރިންގެ ހިތްތަކުގައި ބިރުވެތިކަން ލައްވައި، އެމީހުންގެ ސަފުތައް ބައިބައި ކުރައްވާނދޭވެ! އިނަރަސްކަލާނގެ ވަޢުދުވެ ވޮޑިގެންވާ ނަޞްރު މުސްލިމުންނަށް ދެއްވާނދޭވެ! އާމީން.















Aameen
އާމީން
Amen
Ameen
aaameenn :(
ﷲ އީ ދުއާ އިޖާބަކުރައްވާ ރަޙުމާނު ވަންތަ ރަޙީމުވަންތަ ރަސްކަލާންގެ، އަޅުގަޑުމެންގެ އަޚުންނާއި އުޚުތުންނަށް ނަސްރާއި ފަތަހަ މިންވަރު ކޮށްދެއްވާންދޭއެވެ. އާމީން!!
ameeen.