ދުނިޔެ އައިއެސްއައިއެސް ޚިލާފަތަކީ ޞައްޙަ ޚިލާފަތެއް ނޫން: އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދު

އައިއެސްއައިއެސް ޚިލާފަތަކީ ޞައްޙަ ޚިލާފަތެއް ނޫން: އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދު

އައިއެސްއައިއެސް ޚިލާފަތަކީ ޞައްޙަ ޚިލާފަތެއް ނޫން: އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ސްޓޭޓު އޮފް އިރާޤު އެންޑު ޝާމް (އައިއެސްއައިއެސް) އިން ސީރިއާއާއި އިރާޤުން ބައެއްގައި 'އިސްލާމީ ޚިލާފަތުގެ' ނަމުގައި އިޢުލާންކޮށްފައިވާ 'ޚިލާފަތަކީ ޞައްޙަ ޚިލާފަތެއް ނޫންކަމަށް އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް ނުވަތަ ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުން ބުނެފިއެވެ.

އެއިއްތިހާދުގެ ފަރާތުން އިއްތިހާދުގެ ރައީސް ފަލިލަތުއްޝައިޚް ޑރ. ޔޫސުފުލް ޤަރުޟާވީ އިއްޔެ ނެރުއްވާފައިވަ ބަޔާނުގައި ވިދާޅުވެފައިވަނީ އައިއެސްއައިއެސްގެ ނަމުގައި އިޢުލާންކޮށްފައިވާ ޚިލާފަތަކީ "ޞައްޙަކަމަށް" ބުރަވެވޭ އެއްވެސް ޝަރުޢުއެއްގެ މައްޗަށް ބިނާވެފައިވާ ޚިލާފަތެއް ނޫންކަމަށާއި އަދި އެއީ "ޙައްޤުގެ ޙަރަކާތެއް ނޫންކަމަށެވެ.

"ޙައްޤުން އެއްކިބާވެފައިވާ ގިނަ ކަންކަމެއް އިޢުލާންކުރެވުނު ޚިލާފަތުގެ ކިބައިން ފެންނަން އެބަހުރި" ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޢިލްމުވެރިންގެ އިއްތިހާދުގެ ބަޔާނުގައި ޞައްޙަ ޚިލާފަތަކީ ކޮބައިކަން ބަހުގެ ގޮތުންނާއި ޝަރުޢީގޮތުން ބަޔާންކޮށްދީފައިވެއެވެ.

"ޞައްޙަ ޚިލާފަތެއްގައި އިސްލާމީ އުންމަތުގެ ޚަލީފާ ވާންޖެހޭނީ މުޅި އުންމަތް ތަމްސީލުކޮށްދޭ ފަރާތްކަމުގައި އަދި އެޚަލީފާއަކު ވާންޖެހޭނީ ޝޫރާގެ މަތިން އައްޔަން ކުރެވޭ ޚަލީފާއެއް ކަމުގައި" އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި ޢިލްމުވެރިންވަނީ "އިސްލާމީ ޚިލާފަތް" އައިއެސްއައިއެސްގެ ޙަރަކާތަށް ކިޔުން ޙުއްދަ ނުވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެބަޔާނުގައި ވިދާޅުވެފައިވެއެވެ. "ޞައްޙަ ޚިލާފަތެއްގަ އެޚިލާފަތެއްގެ ދަށުން އުންމަތުގެ ޝަރުޢީ އަދި ސިޔާސީ ކަންކަން ކުރިއަށްދާނީ ޝޫރާގެ މަތިވެރި ހަމަތަކުގެ މަތިން"ކަމަށެވެ.

މިބަޔާނުގައި ވަނީ ޝޫރާގެ މަތިވެރި އުސޫލު ޤާއިމު ކުރުމުގައި ކީރިތި ޤުރުއާނާއި ރަސޫލުﷲ صلی اللہ علیہ وسلم  ސިޔަރަތުން ދަލީލުދައްކަވައި ހަވާލާ ދެއްވާފައެވެ.

އައިއެސްއައިއެސްގެ ޙަރަކާތަކީ ޞައްޙަ ޙަރަކާތެއް ނޫންކަމަށް ދަލީލު ދައްކަވަމުން އިސްލާމް ދީނުގެ ކުރީކޮޅު ޚަލީފާއިން އައްޔަން ކުރުމުގެ ކަންކަން ކުރިއަށް ދިޔަގޮތުގެ މައްޗަށް ބިނާކޮށް ވިދާޅުވެފައިވަނީ ޞައްޙަ އިސްލާމީ ޚިލާފަތެއްގައި ޚަލީފާ އައްޔަން ކުރެވޭނީ އަމިއްލައަށް ނޫންކަމަށާއި ޝޫރާގެ އުސޫލުގެ މަތިންކަމަށެވެ.

މިބަޔާނުގައި އައިއެސްއައިއެސްއަކީ އިރާޤާއި ސީރިއާގެ ދުޝްމަނުންނަށް ހިތްވަރު ލިބޭ ގޮތަށް ކަންތައް ކުރާ ބައެއްކަމަށް ބުނެފައިވެއެވެ އަދި އިރަޤާއި ޝާމުގައި ބޮންގޮއްވުމާއި ސުންނީނަށް ޙަމަލާ ދިނުމުގެ ޙަރަކަތްތައް ހިންގާފައިވާ ބައެއްކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ޞައްޙަ ޚިލާފަތެއް ގުޅެނީ ހަރުކަށި ޢަމަލުތަކާއި ހަމަނުޖެހުން ހިންގުމަށް ހިތްވަރުދޭ އިސްލާމް ދީނަށް  ޚިދުމަތެއް ނުދޭ ޖަމާޢަތަކާ ނޫން" ޢިލްމުވެރިންގެ އިއްތިހާދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ވިދަޅުވެފައިވަނީ އިސްލާމީ ޚިލާފަތެއް އިސްލާމީ އުންމަތައް އިންތިހާއަށް ބޭނުންވާ ކަމެއްކަމަށާއި ނަމަވެސް އެޚިލާފަތެއް ވާނީ ފުޅާ ދާއިރާއެއްގައި މުސްލިމުންގެ ބައިވެރިވުމާއެކު އަދި ޚާއްޞަ ޝަރުޢުތަކާއެކު އުފެދޭ ޚިލަފަތަކަށްކަމަށެވެ.

ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ ޖަމްޢިއްޔާއިން ވަނީ މުސްލިމުންނަށް އައިއެސްއެސްގެ ނަމުގައި ޙަރަކާތްތެރިވާ ޖަމާޢަތުން އިޢުލާންކުރި "މިޚިލަފަތް" ބަލައިނުގަތުމަށް ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.