ބްރެޒިލްގައި މިހާރު ކުރިޔަށްދާ ވޯލްޑްކަޕްގެ މެޗުތައް ކުޅުމަށް އެ ޤައުމަށް ދިޔަ ޓީމު ތަކާއި އެ ޤައުމަށް ދިޔަ ސަޕޯޓަރުންނަށް އަމާޒު ކޮށްގެން ތަފާތު ކަންކަން ހިންގަމުން ދެއެވެ.
އެއްބަޔެއްގެ މަސައްކަތަކީ އެމީހުން ހިތްހަމަ ޖައްސައިދީގެން އަގު ހޯދުމެވެ. އަނެއްބަޔަކު މަސައްކަތް ކުރަނީ އެމީހުންނަށް ކޮންމެވެސް އެއްޗެއް ވިއްކައިގެން މަންފާ އެއް ހޯދުމަށެވެ. އަނެއްބަޔެއްގެ މަސައްކަތަކީ އެމީހުންގެ ހިތް އުފާކޮށްދީ ނާޗަރަންގީ ކުޅެގެން އާމްދަނީ އެއް ލިބޭނެ ގޮތެއް ހޯދުމެވެ. އެހެން ނަމަވެސް މި ހުރިހާ ކަމަކާއި މުޅިން ތަފާތު ގޮތަކަށް ހިލޭ ސާބަހަށް އަމިއްލަ ޚަރަދުގައި ބުރަ މަސައްކަތް ތަކެއް ވެސް ވޯލްޑްކަޕްގެ ފަރުދާގެ ފުރަގަހުގައި ބަޔަކު ކުރަމުން ގެންދާކަން މިއީ ގިނަ ބަޔަކަށް ނޭނގިއޮތް ކަމަކަށް ވެދާނެ އެވެ.
ވޯލްޑްކަޕް ބަލަން ބްރެޒިލަށް ދިޔަ ގިނަ ބަޔަކަށް އިސްލާމް ދީނަށް ގޮވާލުމާއި އިސްލާމް ދީނާއި ގުޅޭގޮތުން ކަންކަން އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އެކަންކަން އޮޅުން ފިލުވައި ދިނުމަށް އިސްލާމީ ބައެއް ޖަމިއްޔާ ޖަމާޢަތް ތަކުން ބްރެޒިލްގައި ގެންދަނީ މިންނެތް މަސައްކަތް ތަކެއް ކުރަމުން ނެވެ. އެގޮތުން އިސްލާމިކް އެޑިޔުކޭޝަން އެންޑް ރިސާޗް އެކަޑަމީ ނުވަތަ އީރާ އިން ކުރަމުން ގެންދާ މަސައްކަތުން އިހައްދުވަހު ވެސް ވަނީ ވޯލްޑްކަޕް ބަލަންދިޔަ ސަޕޯޓަރެއް ކަމަށްވާ ސީޒަރ ވެސް އިސްލާމް ވެފައެވެ.
ސީޒަރ އިސްލާމް ވެފައި ވަނީ ބްރެޒިލްގެ އިސްލާމިކް އެފެއާޒް އަދި ސްޕްރީމް ކައުންސިލް އޮފް އިމާމުންގެ ރައީސް ޝެއިޚް ޚާލިދު ޓާކީގެ ކުރިފުޅު މަތީގައެވެ.
</>
ކޮންމެ އަކަސް އިސްލާމް ދީނަށް ގޮވާލުމަށް ފުޅާ ދާއިރާ އެއްގައި ވޯލްޑް ކަޕަށް އަމާޒު ކޮށްގެން ކުރިޔަށް ގެންދާ ޙަރަކާތްތަކުގައި އިނގިރޭސި ވިލާތުގެ ބައެއް ޖަމިއްޔާ ޖަމާޢަތް ތަކާއި، ފެޑެރޭޝަން އޮފް މުސްލިމް އެސޯސިއޭޝަންސް އޮފް ބްރެޒިލް ނުވަތަ ފެމްބްރާގެ އިތުރުން އެތައް ޤައުމެއްގެ ޖަމިއްޔާ ޖަމާއަތް ތަކުން ގެންދަނީ ޙަރަކާތްތެރި ވަމުން ނެވެ. އެގޮތުން މި ޖަމާޢަތްތައް ގުޅިގެން ދާދި ފަހުން ވަނީ ހެލޯ ބްރެޒިލްގެ ބަދަލުގައި ސަލާމް ބްރެޒިލް ކިޔާ ލުއި ފޮތްތަކެއް ވޯލްޑްކަޕްގެ ތެރޭގައި ބަހާފައެވެ. މި ފޮތުގައި އިސްލާމް ދީނާއި ގުޅޭ ތަފާތު ލުއި މަޢުލޫމާތާއި، ބްރެޒިލް ގައި އުޅުމުގައި ސަމާލު ވާން ޖެހޭ ކަންކަމަށް އަލި އަޅުވާލާފައި ވެއެވެ.
މި ޖަމާޢަތްތަކުން މިހާރުވެސް ވަނީ ބައްތިރީސް ސަފްޙާގެ މައްޗަށް އެކުލެވޭ މީގެ 65،000.00 ފޮތް ވޯލްޑްކަޕްގެ ކުޅިބަލަންދާ މީހުންނަށް ބަހާފަ އެވެ.
މީގެ އިތުރުން ސަލާމް ބޯއީ ކިޔާ މޯބައިލް އެޕްލިކޭޝަނެއް ހިލޭ ބަހަމުން ގެންދާއިރު، ބްރެޒިލްގައި އުޅުމުގެ ތެރޭގައި ދީނީ ކަންކަން އޮޅުން ފިލުވުމާއި މުސްލިމުންނަށް ބޭނުންވާ ކޮންމެ ކަމެއްގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއްވެސް ވަނީ ޤާއިމް ކޮށްފަ އެވެ. މި ހޮޓްލައިން މެދުވެރިކޮށް ބައެއް މީހުން އެމީހުންނާއި އެންމެ ގާތުގައި ހުރި މިސްކިތް ހޯދަން އެދޭއިރު، ބައެއް ޣައިރު މުސްލިމުން ވެސް އިސްލާމް ދީނާއި ބެހޭ މަޢުލޫމާތު ހޯދުމަށް މި ހޮޓްލައިނުގެ ބޭނުން ހިފާ ކަމަށް ވެއެވެ.
ވޯލްޑްކަޕްގެ އަނެއް ފަރާތް !
ކޮމެންޓް (0)
ލޯޑް ކުރަމުން...