ރިޕޯޓް އިންސާނުން - އިންސާނިއްޔަތުގެ ދުޝްމަނުން

އިންސާނުން - އިންސާނިއްޔަތުގެ ދުޝްމަނުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: މުހައްމަދު ޝަފިއު

އަހަރެންނާ އެއްކިލާހުގައި ކިޔަވާ ސީނުކަރައިގެ ދަރިވަރަކު މިއަދު އަހަރެންނާ ވާހަކަދެއްކިއެވެ. އޭނާ ދެއްކީ ދިވެހިރާއްޖޭގެ ރީތިކަމުގެ ވާހަކައެވެ. އަދި ދިވެހިރާއްޖެ މީގެ ސަތޭކައެއްހާ އަހަރުފަހުން އަޑިޔަށްދާވާހަކަ އޭނާއަށް އަޑުއިވިފައިވާ ވާހަކައާއި ދެން ދިވެހީން ދިރިއުޅުން ބަދަލުކުރާނީ ކޮން ޤައުމަކަށްތޯވެސް އޭނާ އަހަރެންނާ ސުވާލުކުރިއެވެ. އޭނާގެ ސުވާލާމެދު އަހަރެން ވަރަށް ފުންކޮށް ވިސްނާލީމެވެ.
އަހަރެން އޭނާއަށް ޖަވާބު ދިނީމެވެ. އެއީ އަހަރެމެން ކުޑައިރުވެސް ދައްކާ ވާހަކައެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކައާއި ދުނިޔޭގެ ހޫނުމިން މައްޗަށްދާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އަހަރެން ބުނީމެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެކަމަކު ދިވެހިރާއްޖެ އަޑިޔަށް ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ މި ރާއްޖޭގެ ތާރީޚު އާޘާރީ ލިޔެކިޔުންތަކުން ފެންނަން ނުފަށަނީސް ދިވެހި ފަސްގަނޑުގައި މީހުން ވަޒަންވެރިވެފައިވެއެވެ. މިއަދާ ހަމައަށް އައިއިރުވެސް ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ފެނުގެ އަޑިޔަށް ނުދެއެވެ. ތެދެކެވެ. ކުރިއާ އަޅާ ބަލާއިރު، ތިމާވެއްޓަށް ގެއްލުންދެނިވި ތަކެތި ޖައްވުގެ ތެރެއަށް ބޭރުކުރުން ވަރަށް ބޮޑުތަން އިތުރުވެފައިވެއެވެ.
ޤައުމެއް ނެތުމުގެ ތެރެއަށް ދަނީ އެ ޤައުމެއްގެ މީހުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެހެންކަމުން ދިވެހިރާއްޖެ ފެނުގެތެރެއަށް ދާނެ ނަމަ ދާނީ ދިވެހީންގެ ޢަމަލުތަކުގެ ސަބަބުންނެވެ. ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ދިވެހިރާއްޖެ އަޑިޔަށް ދިޔުމުގެ ސަބަބަކަށްވާ ނަމަ އެކަންވެސް އެވަނީ ބަޔެއްގެ ޢަމަލުތަކުގެ ސަބަބުންނެވެ. އިންސާނުންނަށާއި އިންސާނުން ދިރިއުޅޭ މާޙައުލަށް ގެއްލުންދެނިވި ތަކެތި އުފެއްދުމާއި ބޭރުކުރުމުގެ ސަބަބުން އިންސާނުންގެ އަމިއްލަ އަތްތަކުން އެމީހުންގެ އަމިއްލަ ކަރުގައި ހިފަނީއެވެ.
ދުނިޔޭގައި އުފައްދާފައިވާ ނިއުކްލިއަރ، ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރަކީ މުޅި އިންސާނިއްޔަތު ފަނާކޮށްލާފަނިވި ވަރުގެ ބާރުގަދަ ހަތިޔާރެވެ. އެ ހަތިޔާރުތައް އުފައްދާފައި އެވަނީ ޖަނަވާރުންނާ ނުވަތަ އޭލިޔަނުންނާ ނުވަތަ ޖިންނީންނާ ނުވަތަ އެހެން ޕްލެނެޓެއްގައި އުޅެމުންދާ ބަޔަކާ ދެކޮޅަށް ބޭނުންކުރާކަށް ނޫނެވެ. އެ ހަތިޔާރުތައް އުފެއްދި އިންސާނުންފަދަ އެހެން އިންސާނުންނާ ދެކޮޅަށް ބޭނުންކުރާށެވެ. އެހެންކަމުން އިންސާނިއްޔަތުގެ ދުޝްމަނުންނަކީ އިންސާނުންކަމުގައިވެއްޖެއެވެ.

ޓެގް

ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.