ރިޕޯޓް ޖީއެމްއާރަށް ދައްކާން ޖެހިފައި މިވަނީ ރައްޔިތުންގެ ނިންމުމުގެ އަގެވެ

ޖީއެމްއާރަށް ދައްކާން ޖެހިފައި މިވަނީ ރައްޔިތުންގެ ނިންމުމުގެ އަގެވެ

ޖީއެމްއާރަށް ދައްކާން ޖެހިފައި މިވަނީ ރައްޔިތުންގެ ނިންމުމުގެ އަގެވެ

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ޤައުމުގައި މިހާރު އެންމެ އަޑު ހަރުކޮށް ދެކެވެމުން ގެންދާ އެއް ވާހަކަ އަކީ ދިވެހި ދައުލަތުން ޖީއެމްއާރަށް ބޮޑު ބަދަލެއް ދޭން ޖެހުނު ވާހަކަ އެވެ. މީގެ ސަބަބުން ދިވެހިންގެ ޢުމުރާނީ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިގެން ހިނގައިދާނެ ކަމުގެ ވާހަކަ އެވެ. މީގެ ގެއްލުން އެތައް އަހަރަކަށް ދެމިގެން ހިނގައިދާނެ ވާހަކަ އެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންގެ ކުރިއެރުމަށް އެތައް އަހަރެއްގައި ޚަރަދު ކުރަން ފުދޭހާ ފައިސާ އެއްވެސް ސަބަބަކާއި ނުލާ ޖީއެމްއާރަށް ދޭން ޖެހިދާނެ ކަމަށް ބުނެ ދެކެވޭ ވާހަކައެވެ.
ކޮންމެ ގޮތެއް ވިޔަސް މިއިން އެއްވެސް ކަމަކުން މީގެ އަސްލު އުފެއްދި ބަޔަކަށް ނުވަތަ މިހާރު ވެރިކަމުގައި ތިބި ބަޔަކަށް ނުވަތަ ދެންވެސް ވެރިކަމަށް އަންނާން ތިބި ބަޔަކަށް އެއްވެސް ގެއްލުމެއް ނެތެވެ. މި ނުބައި ޚިޔާނާތްތެރި އެއްބަސްވުން އެކުލަވާލައި ދިވެހި ރައްޔިތުންގެ ބޮލުގައި 100 އަހަރުގެ ދަރަންޏެއް އެޅުވި މީހުންނަށް ދިވެހިން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ލައްކަ އަކަށް ވުރެ ގިނަ ވޯޓު ދީފަ އެވެ. އެހެން ކަމުން މިއިން ދޭހަ ވަނީ ކޮން އެއްޗެއް ތޯއެވެ؟
ދެން އޮތީ ޖީއެމްއާރު މައްސަލާގައި އެކި ފަހަރު އެކި އަނގައިން ވާހަކަ ދައްކަމުން ގެންދާ މިހާރުގެ ސަރުކާރުގެ އިސް ވެރިންގެ ވާހަކަ އެވެ. އެއްފަހަރު ޖީއެމްއާރަށް ބަދަލެއް ދޭކަށް ނުޖެހޭނޭ ބުނެފާނެ އެވެ. އަނެއް ފަހަރު ބަދަލު ދޭން ޖެހޭނެ އޭ ބުނެފާނެއެވެ. ކޮންމެ އަކަސް މިބައި މީހުންގެ ރާގު އެކި އިރަށް އެކި ގޮތަށް ބަދަލު ވާކަމީ ނިމިދިޔަ ކޮންގްރެސްގެ ސަރުކާރުގައި މިވެރިން އިންޑިޔާ އަށް ވަޑައިގެން ދެއްވި ބަސްދީގަތުން ތަކުން އެނގި ފެނި ހާމަވާން އޮތް ކަމެކެވެ. މިބައި މީހުންނަށް ވެސް ދިވެހި ރައްޔިތުންނަށް ލިބިދާނެ ދެރަ ނިކަމެތި ކަމަކަށްވުރެ ޤައުމުގެ ވެރިކަން ހޯދަން ރައްޔިތުންނަށް އޮޅުވާލައި ދަޅަ ދެއްކުމަށް ޖީއެމްއާރުގެ އަތުން މަދު ފައިސާ ކޮޅެއް ހޯދުން މާ މުހިންމު ކަމެއް ކަމަށް ދެކެނީކީ ނޫންބާވައެވެ.
ޖީއެމްއާރު އެއްބަސްވުން ވަގުތުން އުވާލަން ޖެހޭ ކަމަށް ބުނެ ނިމިދިޔަ ވެރިކަމުގައި އޭރުގެ ސަރުކާރަށް ސިޓީ ތައް ފޮނުވި ޕާޓީ ތަކުގެ ބަސްމަގު މިއަދު މިވަނީ ބަދަލު ވެފައެވެ. އަޑި އަޑިން މިބައިމީހުން ކުޅެމުން މިދާ ކުޅިގަނޑު ﷲގެ ރަޙުމަތުން އަދި ދިވެހި ރައްޔިތުންނަށް ހާމަވާނެ އެވެ. އެދުވަހުން ދިވެހި ރައްޔިތުން ސަހަރޯއޭ ހީވި ނަމަވެސް މިއަދު ރައްޔިތުންގެ ތާއީދާއި އެކު އެމީހުން އެވަނީ ރައްޔިތުންގެ މައްޗަށް ބަސްކިޔާން ތިބި ބައެއް ކަމުގައި ވެނިމިފައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއި އެވެ. މިބައި މީހުންގެ މުނާފިޤުކަން ފެނި ހާމަވާ ދުވަހަކުން ދިވެހި ރައްޔިތުން މި މީހުން ދޫކޮށްލަފާނެ ބާވައެވެ؟
ކުޑަކުޑަ މިސާލެއް ދަންނަވާލަން ތޯއެވެ؟ ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ އާބިޓްރޭޝަން މަރުޙަލާގައި ޖީއެމްއާރަށް ދިވެހި ދައުލަތުން ބަދަލު ދޭން ޖެހޭނެ ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. މިހެން މިކަން ވީ ކިހިނެއް ވެގެން ތޯ ވިސްނާލުން މުހިންމެވެ. އަދި ދިވެހި ރައްޔިތުންނަށް ނޭނގި ސިންގަޕޫރުގައި ބަޔަކު ތިބެގެން ދިވެހިން ނޮޅާލައިގެން ކާލައި ހުސްކޮށްލާނެ ފުރުޞަތު މި ދެނީ ކޮންބަޔަކު އަޑީގައި ތިބެގެން ތޯ ވެސް ބަލާލަން އެބަ ޖެހެއެވެ.
އެއާޕޯޓްގެ މައްސަލާގައި ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ އާބިޓްރޭޝަން މައްސަލާގައި ޖީއެމްއާރުން އެމީހުންނަށް ކުރިޔަށް އޮތް އަހަރު ތަކުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާ ދިވެހި ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ބުނެ ދިވެހިންގެ އަތުން އެކާވީސް ބިލިޔަން ރުފިޔާ އަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ހޯދުމަށް ކުރަމުން ގެންދާ ދަޢުވާގެ ފުރަގަހުގައި ދިވެހި ސަރުކާރާއި، ކުރީގެ އެމްޑީޕީ ސަރުކާރުން ކުޅެމުން ގެންދަނީ ކޮން ކަހަލަ ކުޅިގަނޑެއްތޯ މިއަދު ދިވެހިން ބަލާން ޖެހެއެވެ. ނަޝީދާއި މައުމޫނުގެ ސެލްފީ އަކީ ޖީއެމްއާރު މައްސަލާގައި މި ދެބޭފުޅުން އެރުއްވި ގައު ތޯ ނުވަތަ ޙަޤީޤަތުގައި ވެސް އެއީ ފުޓްބޯޅައިގެ ގަލެއްތޯ ކަށަވަރު ކުރާން ޖެހެއެވެ.
ފެންނާން ހުރި ޙަޤީޤަތަކީ ޖީއެމްއާރުން ދިވެހިން ދަވާލަން ކުރަމުން ގެންދާ ދައުވާގައި ދިވެހި ދައުލަތުން އެކި ފަހަރު އެކި ވާހަކަ ދައްކަމުން ގެންދާ ކަމެވެ. މީގެ ސަބަބުން ދިވެހިންނަށް އިޢާދަ ނުކުރެވޭ ވަރުގެ ގެއްލުން ތައް ލިބެމުން ދާ ކަމާއި ޖީއެމްއާރުގެ މައްސަލާގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް ބުނެ އޭސީސީން ނެރެދިން ރިޕޯޓު މިއަދު ޙަޤީޤަތުގައި ވެސް ސިންގަޕޫރުގައި ޖީއެމްއާރުގެ ލޮލުގެ ފިނި ކަމަށް ވެފައި ވާކަމެވެ. މީގެ އިތުރުން މި މައްސަލާގައި ދިވެހި ދައުލަތް ދިފާޢު ކޮށް، ދިވެހި ރައްޔިތުން ދަވާލުމަށް ޖީއެމްއާރުން ކުރާ މަސައްކަތް ހުއްޓުވަން އުޅުމުގެ ބަދަލުގައި ދިވެހި ސަރުކާރުން ވެސް މަސައްކަތް ކުރަމުން ގެންދަނީ ދިވެހިން ދަވާލަން ކަމުގެ ހެކިތަން ފެންނާން އެބަހުއްޓެވެ. އެގޮތުން މި މައްސަލަ ޖީއެމްއާރަށް ކާމިޔާބު ވާގޮތަށް ދަޢުވާ އަށް ރަނގަޅަށް ޖަވާބުދާރީ ނުވެ ދިވެހި ދައުލަތުން ޖީއެމްއާރަށް ދައްކާ ފައިސާއިން މިވެރިންނަށް ބައިއެޅޭ ގޮތަށް މައްސަލަ ދޫކޮށްލަނީ ކަމުގައި ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ.
ފުރަތަމަ ކަމަކީ މި މައްސަލަ ބަލާ ފަނޑިޔާރުންގެ ޕެނަލް އެކުލަވާލާފައި ވާގޮތެވެ. މި މައްސަލައިގެ ފަނޑިޔާރުންގެ ޕެނަލަށް ޖީއެމްއާރުން އިނގިރޭސި ވިލާތުގެ ކުރީގެ ބަންޑާރަ ނައިބަކު ހަމަޖެއްސި އިރު ދިވެހި ދައުލަތުން ހަމަޖެއްސީ ކިހާވަރެއްގެ ކޮން ބޭފުޅެއް ބާއެވެ؟ ދިވެހި ސަރުކާރުގެ އާބިޓްރޭޓަރަކަށް ކަނޑައަޅާފައި ވަނީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ އެމް. ސޮނަރާޖާ އެވެ. ޖީއެމްއާރުގެ އާބިޓްރޭޓަރަކީ އިނގިރޭސިވިލާތުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ލޯޑް ނިކޮލަސް އެޑިސަން ފިލިޕްސް އެވެ. ދެ ފަރާތުން އެއްބަސްވާ އާބިޓްރޭޓަރަކަށް ކަނޑައަޅާފައި ވަނީ އިނގިރޭސިވިލާތުގެ ކުރީގެ އިސް ފަނޑިޔާރެއް ކަމަށްވާ ލޯޑް ލިއޮނާޑް ހަބަޓް ހޮފްމަން އެވެ. މި މައްސަލާގައި ދެފަރާތް ރުހޭ ގޮތުން ޢައްޔަނު ކުރަން ޖެހޭ ފަނޑިޔާރަކީ މި މައްސަލާގައި ދެފަރާތުން ދައްކާ ވާހަކަ ތަކާއި ހުށަހަޅާ ހެކިތަކަށް ރިޢާޔަތް ކުރުމަށް ފަހުގައި ގޮތް ނިންމުމުގައި އެންމެ އިސް ދައުރެއް އަދާ ކުރައްވާނެ އެއް ފަނޑިޔާރެވެ. މި ބުނާ ތިންވަނަ ފަނޑިޔާރަކަށް މި މައްސަލާގައި ހިމެނޭ ދެ ޚަސްމުން ކަމަށްވާ ޖީއެމްއާރާއި ދިވެހި ރައްޔިތުން ގެ ދިފާޢުގައި ވަކާލާތު ކުރައްވާ ދިވެހި ސަރުކާރު ރުހިގެން ހަމަޖައްސާފައި ވަނީ ޖީއެމްއާރުން ވެސް ބޭނުންވި އިނގިރޭސި ވިލާތުގެ މީހެކެވެ. އެހެން ކަމުން މިއީ އެމްޑީޕީއާއި ޖީއެމްއާރާއި މިހާރުގެ ސަރުކާރުގެ އިސް ވެރިން އަޑީގައި ތިބެގެން ޖީއެމްއާރާއި އެކު ހަދާފައިވާ ޑީލެއް ކަމަށް ތުހުމަތު ކުރުމުގެ ފުރުޞަތު އެބަ އޮތެވެ.
ކޮންމެ އަކަސް ޖީއެމްއާރު މި ޤައުމުން ފައްސާލުމަށް އިޚްލާސް ތެރި ކަމާއި އެކު މަސައްކަތް ކުރި މީހުން މިހާރު ތިބީ ފެއަށް ޖައްސާފައެވެ. ޖީއެމްއާރުގެ މައްސަލާގައި ދިވެހި ރައްޔިތުންގެ ދިފާއުގައި އެންމެ ގަދައަށް ވަކާލާތު ކުރެއްވި ޤައުމީ ޕާޓީގެ ކުރީގެ ރައީސް ޑރ ޙަޞަން ސަޢީދާއި، ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދާއި، ޢަދާލަތު ޕާޓީގެ ރައީސް ޝެޢިޚް ޢިމްރާނާއި ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރުމެން ފަދަ އިސްކޮށް ވަކާލާތު ކުރެއްވި ހުރިހާ ބޭފުޅުން ވަނީ ފެއަށް ޖައްސާ ދުރަށް ލާފައެވެ. އޭގެ ބަދަލުގައި ދިވެހި ރައްޔިތުން މިއަދު ވަނީ އެމީހުންގެ ވަކީލުން ކަމުގައި ތަކުރާރު ކޮށް ދިވެހިންނަށް އެތައް ފަހަރަކު ޚިޔާނާތްތެރިވެ ކެހި ދީފައިވާ ބަޔަކަށް އިތުބާރު ކޮށް އަނެއްކާވެސް އެމީހުން ބާރުވެރި ކަމަށް ނެރެފައެވެ. ސުވާލަކީ މިފަހަރު އެއްހަރަކުން ނުކުމެ މުއުމިނުންގެ ގަޔަށް ކިތައް ވަނަ ފަހަރު ކަށި ޖަހާފާނެ ތޯއެވެ؟ ކޮންމެ ގޮތެއް ވިޔަސް މިފަހަރު ރައްޔިތުންގެ ދައްކާން ޖެހިފައި މިވަނީ ރައްޔިތުންގެ ނިންމުމުގެ އަގެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.