ފަހަކަށް އައިސް މާލެ ތެރެއިން ފެންނަމުންދާ މަންޒަރަކީ ވަރަށް ވެސް އުފާވެރި މަންޒަރެކެވެ. ހުރިހާ ދިވެހިން އެކައްޗެއް ކިޔައި އެއް ބަޔެއްގެ ގޮތުގައި އެކަތިގަނޑަކަށް ވެގެން ދިވެހި ޤައުމީ ޓީމަށް ސަޕޯޓް ދިނުމަށް ތައްޔާރުވަމުން އަންނަ ހިތްގައިމު މަންޒަރެވެ. ޓިކެޓު ކިޔޫ ތަކުގައި އެތައް ގަޑިއިރެއް ވާންދެން ކޮޅަށް ހުރެގެން ނަމަވެސް ޓިކެޓެއް ލިބޭތޯ މަސައްކަތް ކުރަމުން ގެންދާ މަންޒަރެވެ. އަތް ފޯރިޔަސް ނުފޯރިޔަސް ޤައުމީ ޓީމުގެ ޖޯޒީ ގިނަ ބަޔަކު ގަންނަމުން ގެންދާ މަންޒަރެވެ. ޤައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ގަންނަ ފަދައިން ބަލަން ބޭނުން ނުވާ މެޗެއްގެ ޓިކެޓު ގަންނާން ބޭނުން ނުވިޔަސް އެ ޓިކެޓުވެސް މަޖުބޫރީ ޙާލަތުގައި ނަމަވެސް ގަންނަމުންދާ މަންޒަރެވެ. ކޮންފަދަ ނަމަ ހިތްގައިމު މަންޒަރެއްތޯއެވެ؟
މި ކަމަކީ ހަމައެކަނި ދިވެހި ޤައުމީ ޓީމު ފުޓްބޯޅަ ޓީމު ކުޅޭއިރު ފެންނަ މަންޒަރެކޭ މުޅިޔަކުން ނުދެންނެވޭނެ އެވެ. ދުނިޔޭގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތް ނުވަތަ ވޯލްޑްކަޕާއި ޔޫރޯ ފަދަ ފުޓްބޯޅަ މުބާރާތް ތަކަށް ވެސް ދިވެހިންގެ ޝައުޤުވެރިކަން ވަކިން ކުޑައެއް ނޫނެވެ. މިފަދަ މުބާރާތްތަކަށް ދުރާލާ ތައްޔާރުވެ ޕްރޮޖެކްޓަރު ތައް ހަރުކޮށް ސައުންޑް ސިސްޓަމް ތައް ބަހައްޓައިގެން މުޅި މާލެ އާއި ރާއްޖެ އެއް އަޑަކުން ގުގުމާލާއިރު، ދިވެހިން ކުޅިވަރަށް މިދޭ ސަމާލުކަން ދީނީ ކަންކަމަށް އަނބުރާލެވިއްޖެ ނަމަ މީގެ ފައިދާ އާއި ލާބަ އާއި މަންފާ މުޅި ޤައުމަށް ވެސް ކުރާނެކަމީ ފެންނާން ހުރި ޙަޤީޤަތެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ކުޅިވަރާއި ދުނިޔަވީ ކަންކަމުގެ ތެރެއަށް ނުކުންނަމުން ގެންދާ މިންވަރަށް ދީނިއްޔަތާއި ރޫޙާނިއްޔަތަށް ވެސް އެނބުރެން އެބަ ޖެހެއެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން މި ކަންކަން ހުއްޓިފައި ހުރީ ކޮން ބައެއްގެ އިހުމާލުން ކަން މުޅިން ދަންނަވާން ނޭނގުނު ނަމަވެސް، މަޝްހޫރު އަންދަލުސް ގެ ނަމުގައި ދާދި ފަހުން ބޭއްވުނު ދީނީ ދަރުހަކީ ދިވެހިންގެ ޝައުޤުވެރިކަން ދީނީ ކަންކަމަށް ވެސް ހުރި ކަން ދައްކުވައިދޭނެ ރީތި މިސާލެކެވެ. އެހެން ކަމުން މިހާރަށްވުރެ ފުޅާ ދާއިރާ އެއްގައި ދީނީ ކަންކަމަށް ދިވެހިން ޝައުޤުވެރި ކުރުވުމަށް ދީނީ ޢިލްމުވެރިން މަސައްކަތްޕުޅު ކުރައްވަން ޖެހޭކަން މިއޮތީ ފެންނާށެވެ. ތޮހާރަތާއި ޢިބާދަތާއި ފިޤުހާއި ނަމާދާއި ރޯދަ އާއި ޒަކާތުގެ ވާހަކައިން އެކަނި މިއަދު ފުއްދާލެވޭކަށް ނެތެވެ. އިރެއްގައި ނަރަކަޔާއި ޢަޒާބުގެ ވާހަކަ ދެއްކުމުން އަނިޔާ ލިބުނު ނަމަވެސް މިހާރު އެ ބިރުވެރި ކަމެއް ނެތެވެ. އެއްޖިންސުން ގުޅުން ހިންގުމަށާއި، އަންބަރާ ކުރުމަށް މި ޤައުމުގައި ފާޅުގައި ގޮވާލެވޭ ބީދައިން ނަރަކައިގެ ޢަޒާބާއި ސުވަރުގޭގެ ނިޢުމަތާއި، ޖިހާދުގެ މަތިވެރި ކަމުގެ ވާހަކަތައް ފާޅުގައި ދެކެވޭން އެބަ ޖެހެއެވެ. މި ކަންކަމަށް ދީނީ ޢިލްމުވެރިން ފަސްޖެހެމުން ދާނަމަ ﷲގެ ޙަޟުރަތުގައި އެބޭފުޅުން ޖަވާބުދާރީވާން ޖެހޭނެ ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އެބޭފުޅުންނަށެވެ.
ކުރިޔަށް މިއޮތް ބަރަކާތްތެރި ރަމަޟާން މަސް އިއްތިފާޤުން ނަމަވެސް ދިމާވަނީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި އެވެ. މި ދެކަމުން ކުރެ ހެޔޮކަން ބޮޑީ މުސްލިމުންގެ މަތިވެރި މާތް މައްސަރު ކަމަށްވާ ރަމަޟާން މަހުގައި ކަމީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ. އެހެން ކަމުން ރޯދަމަހާއި ވޯލްޑް ކަޕާއި ދޭތިން އެކަތި އަޅުގަނޑުމެން އިޚުތިޔާރު ކުރާން އެބަ ޖެހެއެވެ. ފުޓްބޯޅަޔަށް ދޭ ޝައުޤުވެރިކަން ދީނީ ކަންކަމަށް ވެސް ދޭން އެބަޖެހެއެވެ. މިކަންކަން މިއަދު ކުރެވެން އޮތީ މި ޤައުމުގެ ދީނީ ޢީލްމުވެރިންގެ މިންނެތް މަސައްކަތުން ނެވެ. އެހެން ކަމުން ޢިލްމުވެރިން ހަނު ނުތިއްބަވާ ނުކުންނާންވީ ވަގުތު އަދިވެސް ހަމަ ނުޖެހެނީ ތޯއެވެ؟
ކުޅިވަރަށް ހުންނަ ޝައުޤުވެރިކަން ދީނަށް އަނބުރާލުމުގައި ޢިލްމުވެރިންގެ ދައުރެއް ނުވޭބާ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...