ކޮލަމިސްޓް ކަންހުރީ ތިޔަވިދާޅުވާ ފަދައިންތޯއެވެ؟

ކަންހުރީ ތިޔަވިދާޅުވާ ފަދައިންތޯއެވެ؟

ކަންހުރީ ތިޔަވިދާޅުވާ ފަދައިންތޯއެވެ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10ވަނަ މާއްދާގެ ހ ގައި ބަޔާން ކުރައްވާފައިވާ ގޮތުން ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީނެވެ. އެޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ވާގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެވެ. އެހެންކަމަށް ވާނަމަ، ދިވެހި އައިޑީ ކާރޑެއް އޮތް ކޮންމެ މީހަކީ މުސްލިމަކަށް ވާނެތާއެވެ. އިވެމުންދާ އަޑަކީ މިޤައުުމަކީ އިސްލާމީ ޤައުުމެކޭ ބުނެވޭ އަޑެވެ. ސައްތައިން ސައްތަ އިސްލާމީ ޤައުުމެއް ކަމަށާއި، އިސްލާމީ ވެރިކަމެއް އޮތް ޤައުުމެކޭ ބުނެވޭ ވާހަކައެވެ. ކުރެވޭ ދަޢުވާއެވެ. އެހެންކަމަށް ވާނަމަ ކިހާއުފާވެރިތޯއެވެ؟ އިވޭއަޑަކީ މިއެވެ. ދެކެވޭ ވާހަކައަކީ މިއެވެ. ކަންހުރީ ބުނެވި ދިޔަ ފަދައިންތޯއެވެ؟

މިއަދު ހިތާމައަކީ ތިމަ ތިމާމެންނީ ސަތޭކަ ޕަސެންޓު އިސްލާމުން ކަމަށް، ސަތޭކަ ޕަސެންޓު މުުސްލިމުންކަމަށް، އޮތީ އިސްލާމީ ވެރިކަމެއް ކަމަށް، ވެރިންނަކީ މުސްލިމު ވެރިން ކަމަށް، ދަޢުވާ ކުރާ މިދިވެހިންގެ ކިބައިން އިސްލާމީ ޢުޞޫލުތަކާ އެއްގޮތަށް ޢަމަލު ކުރެވޭތަން ނުފެންނަކަމެވެ. އެންމެ މަތީ ލަގަބު “ޢިއްޒަތް” ނަންގަވައިގެންތިއްބެވި މަތިފަޑީގެ މީހުންގެ ފަރާތުން ދީނުގެ ޢުޞޫލުތަކާ ދިމާ ޚިލާފަށް ޢަމަލު ކުރެވޭތަން ފެންނަކަމެވެ. މެންދުރުގެ އިރުފަދައިން ފާޅުކޮށް އެނގެން ހުރި މައްސަލަ ތަކުގައިވެސް ދީނާ ޚިލާފް ގޮތް އިޚްތިޔާރުކޮށް އެއަަށް ޢަމަލުކުރަމުން ދާކަމެވެ. އިސްލާމްދީިނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތްﷲ ގަންދީ ހުވާ ކުރައްވައިގެން ތިއްބެވި “ޢިއްޒަތް”ތެރިންނޭ ކިޔާ ބޭފުޅުންް، ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންތައްތައްކޮށް އެފަދަ ކަންތައްތައް ކުރުމަށް ހިތްވަރުދީ ކުޅިބަލަން ތިބޭކަމެވެ. އެބައެއްގެ ޤާނޫނު އަސާސީގައި އެދަޢުލަތުގެ ދީނަކީ އިސްލާމްދީންކަމަށް، އިސްލާމްދީނުގެ އަސްލަކާ ޚިލާފުއެއްވެސް ޤާާނޫނެއް ނެހެދޭނޭކަމަށް ބުނެ، އެއާ ދިމާ އިދިކޮޅަށް ޢަމަލު ކުރާކަމެވެ. އިސްލާމްދީނާއި ދިވެހި ޤައުމުގެ ރައްޔިތުން ހިމާޔަތް ކުރަން ތިބި ފުލުހުން ދީނާ ޚިލާފް ޢަމަލުތަށް ކޮށް “ނާޗަރަންގީ” ކުޅޭކުޅުން ދިފާޢުކޮށް އެމީހުން ޙިމާޔަތް ކުރާކަމެވެ.

މިއަހަރުގެ ކުރީކޮޅުގައި އަޑު އިވިގެން ދިޔައީ ދީނުގައި ޙަަރާމްކުރައްވާ އަދި އެއެއްޗެއްގެ ވިޔަފާރިން ލިބޭ ފައިދާގެ އިތުރުން، އެއުފުލުންވެސް ޙަރާމް  ކުރައްވާފައިވާ، “ރަލާއި އޫރުމަސް ވިއްކުން ހުއްޓުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް” ސަރުކާރުގެ ވަޒީރަކު ވިދާޅުވިި އަޑެވެ. ހަމަ އެއާއެކު، ސުނާމީ ބިނާ ކައިރީގައި ދީނާ ޚިލާފް އެތައް ޢަމަލެއް ކުރުމަށް ފަހު މިޤައުުމުގައި އަލަށް “ޕަބްލިކް ޕްރޮޕޯސަލް” އެއް ބޭއްވުނު ވާހަކައެވެ.  އެތައް ދިވެހި ޒުވާނުންނެއް ދެޖިންސު މަސްހުނިވެ މަސްތުވެ، ބަދުއަޚްލާޤީ ޢަމަލާއި ނާޗަރަންގީ ކުޅެ “އަންބަރާ” ވިވާހަކަވެސް އަޅުގަނޑުމެން އެހީމެވެ. މަތީ ސާނަވީގައި ކިޔަވާ ދަރިވަރުންތަކެއް “ޕްރޮމް ނައިޓެއް” ބާއްވަން ތައްޔާާރުވަމުންދިޔަ ވާހަކަވެސް އަޑުއެހީމެވެ. އަދި ކިޔެއްތޯއެވެ! ސައްސައިން ސައްތަ އިސްލާމީ ޤަޢުމެއްކަމަށް ދަޢުވާކުރާ މި ޤަޢުމުގައި ފިލްމު އެވޯރޑް ޙަފްލާގެ ނަމުގައި، މުސްލިމުންކަމަށް ދަޢުވާކުރާ ކަސްބީ އެތައް އަންހެނަކު އަޢުރަ ނިވާ ނުވާ، ގައިފެންނަ ހެދުމާއެކު އޮލިމްޕަހުގައި ލަދެއްނެތި އުޅުނުއިރު، ދަޢުލަތުގެ މީޑިއާއިން ވަނީ މި ޙަރާމް މަންޒަރުތައް ދުރަށް ދައްކާފައެވެ. ޤައުމުގެ ވަލިއްޔުލް ޢަމުރާއި ވަޒީރުންނާއި އެތައް ބޮޑުންނެއްގެ ހާޒިރުގައި، ފުލުހުންގެ ކުރިމަތީގައެވެ. އެހެނަސް 2013 ވަނަ އަހަރު ފިހާރައެއްގައި އަންހެންކު ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރުމުން އޭނާއާމެދު ފިޔަވަޅުއެޅީވެސް ފުލުހުންނެވެ. ޝައިޠާނާގެ ދުންމާރިފުމެ، ނާޗަރަންގީބަލައި، އަތްތިލަބަޑިޖަހައި ސަރުކާރުން ވަނީ އެކަންތައްކުރި މީހުންނަށް ހިތްވަރުދީ އެވޯޑުވެސް ދީފައެވެ.

އެބައެއްގެ ޤާނޫނުގައި އިސްލާމްދީނަކީ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި،އިސްލާމްދީނުގެ އަސްލަަކާ ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބުނެ، އަމިއްލައަަށް ހެދި ޤާނޫނާވެސް ޚިލާފަށް މުރުތައްދުވާ ޙާލުގައި، އިސްލާމްދީނާ ޚިލާފް އެތައް މާއްދާއެއް ހިމެނޭގޮތަށް ޤާނޫނުލް ޢުޤޫބާތުގެ ބިލް ފާސްކޮށް، މިޤަޢުމުގެ ވެރިޔާވަނީ އެ ތަސްދީޤް ވެސްކޮށްފައެވެ. ދެންފެނިގެން ދިޔައީ މުޅިން އަލަށް “މެޖިކް ސާރކަސް”ގެ ނަމުގައި މާތްﷲ ޙަރާމްކުރެއްވި އެތައް ކަމެއް ޝާމިލުވާގޮތައް، ކާނިވާ އިސްޓޭޖު ސަރަހައްދުގައި ޝޯވތައް ބޭއްވިތަނެވެ. އާދެ! ސައްތައިން ސައްތައެވެ! ސައްތައިން ސައްތައީ ﷲގެ މަގުގައިތޯ ނުވަތަ ޝައިޠާނާގެ މަގުގައިތޯއެވެ؟ އެއްޖިންސުން ގުޅުން ހިންގުމާއި، ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިނގުން ޢާންމުވެ އެކަށީގެންވާ ޙައްޤު އަދަބު ދިނުމަށް އެބުނާ “އިސްލާމީ” ސަރުކާރަށް ވަނީ ނުކުޅެދިފައެވެ. ޒުވާނުން މަގުތައްމައްޗަށް ގިނަވެ އެއްކަންމަތިން އަނެއްކަންމަތިން “ދާދާވެ”، ދުނިޔެއަށް ފޮނުއްވުނު މަޤުޞަދު އެމީހުންނަށް ވަނީ އޮޅިފައެވެ. ވައްކަމާއި، ފޭރުމާއި، ޙައްޤަކާ ނުލައި މީހުންމެރުން އިންތިހާއަށްގިނަވެ، ކުށުގެ ވެއްޓަކަށް މި ދިވެހިރާއްޖެ ވެފައިވާއިރު، ޙައްދުތައް ޤާއިމް ނުކުރެވެެއެވެ. ތަޢުލީމީ ނިޒާމް ފެއިލްވެ، އިސްލާމީ ޤައުމަކުން ތަޢުލީމުދެވިގެން ކިޔަވައި ނިމޭ ކުދިން ދީނަށް ހަޖޫޖަހައި، ކަލަކު ވޮޑިގެން ނުވާކަމުގެ ފިކުރު، ނުލާހިކު ފާޅުކަންބޮޑު ގޮތެއްގައި ޤަބޫލުކުރަން ފަށައިފިއެވެ. ޒަމާނުއްސުރެ މިޤައުމުގެ ސަޤާފަތެއް ކަަމަށް ބުނެ ޖަހަމުން އައި ބޮޑުބެރު މުޅިންހެން ފަނޑުވެ އެކަން ވަޅުޖެހިފައިވަނިކޮށް އެކަން ކުރިއަރުވައި އާލާކޮށް ފުޅާކުރުވީވެސް ޤައުމުގެ މަތިފަޑިން ޗެލެންޖެއްގެ ނަމުގައި މުބާރާތެއް ބާއްވަން ފެށިފަހުންނެވެ. އެ ޗެލެންޖު ކުރަނީ ހެއްދެވި ފަރާތާ ނޫންކަމެއްވެސް ނޭންގެއެވެ!

މިފަދަ އެތައްކަމެކެވެ. ޞަފުޙާތައް މިސާލުން ފުރިދާވަރަށް ކުރަމުންދާ މިފަދަ ނުބައި ޢަމަލުތަކުގެ މިސާލެވެ. ހިތާމައަަކީ އެފަދަ ކަންތައްތައް ހުއްޓުވަންވީ ފަރާތްތައް އެކަމަށް ހިތްވަރުދޭކަމެވެ. ތަރުޙީބުދީ އަގުވަޒަންކޮށް އިނާމުވެސް ދޭކަމެވެ. ހެޔޮކަންތައްތަކަށް ޢަމުރުކޮށް މުންކަރާތްތައް މަނާކުރަން ތިބި މީހުން މުންކަރާތްތަކަށް ހިތްވަރުދީ ބައެއް ހާލަތުގައި ހެޔޮކަންތައް ކުރާ މީހުނަށް ހަޖޫ ޖަހާކަމެވެ.

މުސްލިމަކަށްވީތީ، ދިވެހިދަރިއަކަށް ވީތީ، ހިނގަނީ ދިވެހި ލޭކަމަށްވީތީ އަދުގެ ޙާލަތާމެދު ކުރެވެނީ ހިތާމައެވެެ. ގިނަ ޒުވާނުންގެ ހާލާމެދު ވަނީ ދެރައެވެ. ހެޔޮކަންތައްތަކަށް ޢަމުރުކޮށް މުންކަރު މަނާ ނުކުރާ ކަމާމެދު ވެރިންގެ މައްޗަށް ހިތުގެ އެންމެ އަޑިން ކުރެވެނީ ނަފްރަތެވެ. އެއްވެސް ޙާލެއްގައި ބައެއްގެ މައްޗަށް ބަދުބަހެއް ބުނުމުގެ ޤަޞްދެއްގައެއް ނޫނެވެ. ސިޔާސީ ވާހަކައެއްދެއްކުމުގެ ބޭނުމުގައެއްނޫނެވެ. އިހުގައިވެސް އަދި މިހާރުވެސް ހިނގަމުންދާ ކަންތައްތަަކަކަށް ވާާތީ މިއީ މުސްލިމް ލަގޮނޑިިއަކަށް ކުރާ އަސަރެވެ. ދުޢާއަކީ މިދިވެހި ދީބު އަބަދާއި އަބަދު އިސްލާމް ކަންމަތީ ލަހައްޓަވާ، ދީނަށް ތަބާވެ އިސްލާމީ ޢުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ޢަދުލުވެރި ވެރިންތަކެއް އަޅުގަނޑުމެންނަށް ދެއްވުމެވެ. އެބައިމީހުންނަކީ ދީނުގައި ސާބިތުވެތިބި ބަޔެއްކަމުގައި ލެއްވުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.