ނައިޖީރިއާގައި ސްކޫލް ކުދިންތަކެއް ހިފަހައްޓައި ރަހީނުކުރި، ހައްދުފަހަނައަޅާފައިވާ "ބޯކޯހަރާމް" ޖަމާޢަތަކީ އިސްލާމްދީނުގެ ސޫރަ ކިލަނބު ކުރުމަށްޓަކައި މަސައްކަތްކުރާ ބައެއް ކަމަށް ސައުދީ ޢަރަބިއްޔާގެ އިސްމުފްތީ ޝައިޚް ޢަބްދުލް ޢަޒީޒު އާލް ޝައިޚް ވިދާޅުވެއްޖެއެވެ.
އަލްޙަޔާތު ނޫހަށް އިއްޔެ ދެއްވި ބަސްތީގަތުމެއްގައި އާލް ޝައިޚް ވިދާޅުވީ ބޯކޯހަރާމްގެ ނަމުގައި ހާރަކާތްތެރިވާ ޖަމާޢަތުން މަސައްކަތް ކުރަމުން އެދަނީ އިސްލާމް ދީނުގެ ރީތި ސިފަ ކިލަނބުކޮށްލުމަށް ކަމަށާއި، އެމީހުން ވަނީ ޙައްޤުން އެއްކިބާވެފައި ކަމަށެވެ. އެހެންކަމުން އެމީހުންނަށް ނަޞޭހަތްތެރިވާ ޖެހޭކަމަށް ވިދާޅުވިއެވެ.
"މިޖަމާޢަތް މިވަނީ ޙައްޤުން އެއްކިބާވެފައި. އެހެނީ ރަހީނު ކުރުމާއި، ކުށެއް ނެތް މިހުން މެރުމާއި، ލޭއޮހޮރުވުމަކީ އިސްލާމްދީން ތަރުހީބު ދޭކަމެއްނޫން. އަދި ރަހީނުކުރާ އަންހެނުންނާ ގަދަކަމުން ކައިވެނި ކުރުންފަދަ ކަންކަމަކީ އިސްލާމް ދީން ދެކޮޅުހަދާ ކަންކަން" އާލް ޝައިޚް ވިދާޅުވިއެވެ.
ނައިޖީރިއާ އާއި ކެމެރޫންގެ ބޯޑަރުގުޅޭ ސަރަހައްދުގައި އޮންނަ ޗިބޯކް ވިލެޖުގެ ސާނަވީ ސުކޫލެއްގައި އިމްތިހާނު ހިނގަމުންދަނިކޮށް ބޯކޯހަރާމް އިންވަނީ 250 އަންހެން ކުދިން ގަދަކަމުން ހިފަހައްޓާ ރަހީނުކޮށްފައެވެ.
އޮގަނައިޒޭޝަން ފޯ އިސްލާމިކް ކންފަރެންސްގައި އިސްލާމިކް ސްކޯލާސް އެންޑް ހިއުމަން ރައިޓުސްއިން ވަނީ ރަހީނުކުރުމަކީ އިސްލާމް ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.
އަދި އަޒުހަރު ޔުނިވަސިޓީ އިން ބުނެފައިވަނީ ކިޑްނެޕްކުރުމާއި ރަހީނު ކުރުމަކީ އިސްލާމް ދީނާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ތަރުހީބު ދޭކަމެއް ނޫންކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...