އަރަބިދުނިޔެދުނިޔެ

އެއް ބާވަތެއްގެ ކުށަށް އެތައް ވައްތަރުގެ އަދަބު ދިނުމުގެ ނަތީޖާ ރަނގަޅު ކަމަށް ސަޢޫދީގެ ޤާނޫނީ މާހިރުން ވިދާޅުވެއްޖެ

ލިޔުނީ: ޙުސައިން ރަޝީދު

ބޮޑެތި ކުށްތައް ފިޔަވާ އެހެނިހެން ކުށްތަކަށް ދޭ ޖަލު އަދަބު އެހެން އަދަބުތަކަކަށް ބަދަލު ކުރުމުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށް ސަޢޫދީގެ ޤާނޫނީ މާހިރުން ވިދާޅުވެއްޖެއެވެ.

ސަޢޫދީގެ ރަސްގެފާނު ޢަބްދުﷲ ނެރުނު ޤަރާރެއްގެ ދަށުން ޖަލަށް ލުމުގެ ބަދަލުގައި އެހެނިހެން އަދަބު ދޭން ފެށުނީ މީގެ ދެއަހަރު ކުރިންނެވެ. އެގޮތުން، ޖޫރިމަނާ ކުރުމާއި، ޖަމާޢަތުގެ މަސައްކަތާއި (ކޮމިއުނިޓީ ސާވިސް)، ތަޢުޒީރުކުރުމާއި، އެއްތަނުން އަނެއް ތަނަށް ދިއުމުގެ މިނިވަންކަން ކުޑަކުރުމާއި، ދައުލަތަށް މުދާ ނެގުމާއި ކުޅިވަރު މައިދާންތަކަށް ޙާޟިރުވުމުން މަޙްރޫމްކުރުން ހިމެނެއެވެ.

ޒުވާން އަންހެންކުއްޖަކާއި ބެހުނު މީހަކަށް، ޢާއްމު މަގުތައް މަތީގައި ހުންނަ ގަސްތައް ކެނޑުމުގެ އަދަބު މިދިޔަ ހަފްތާގައި މަދީނާއާއި 150 ކިލޯމީޓަރ ދުރުގައި އޮންނަ ބަދުރުގައި ދީފައިވެއެވެ. މުނިސިޕަލްޓީގެ މަސައްކަތު މީހުންނާއި އެއްކޮށް ކޮންމެ ދުވަހަކުވެސް 3 ގަޑިއިރު ވަންދެން ކުށްވެރިޔާ މިމަސައްކަތުގައި ބައެިވެރިވާންޖެހޭނެއެވެ. މިއީ ބަދުރުގެ ކޯޓަކުން ދެ މަހެއްހާ ދުވަސްތެރޭގައި މިގޮތަށް ކުރި ދެވަނަ ޙުކުމެވެ. މީގެ ކުރިން ކޯޓުން ޒުވާނަކަށް ކުރި ޙުކުމުގައި ބަންގި ދިނުމަށާއި ޤުރުއާނުން ބައެއް ހިތުދަސްކުރުމަށް އަމުރު ކޮށްފައިވެއެވެ.

އަދި މާރާމާރީ ހިންގި ކަމުގެ ކުށުގައި ސާނަވީ ތަޢުލީމު ޙާޞިލްކުރަމުންދާ ކިޔަވާކުއްޖަކު މުޅި ދިރާސީ އަހަރު ތެރޭ ސަޢޫދީގެ ފިރިހެނުން ބޮލުގައި އަޅާ ޝުމާގް އެޅުމަށް ތުރައިފްގެ ކޯޓަކުން ޙުކުމްކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ ސަބަބުން ލިބޭ ގެއްލުން އަންގައިދޭ300 ކެސެޓް ރޯލް ބެހުމުގެ ޙުކުމެއް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވި ޒުވާނަކަށް ޙުކުމްކުރިއިރު، މައިންބަފައިންނަށް އިހާނެތިކޮށް ހިތި ޒުވާނަކު ގެއިން ނެރެލުމަށްވެސް ޙުކުމްކޮށްފައިވެއެވެ.

އަނބިމީހާއާ ހިނގި ހަމަނުޖެހުމެއްގައި ސައިންބޯޑްތަކެއް ތަޅާލި ތިރީސް އަހަރުގެ ކަރަންޓު މަސައްކަތްކުރާ މީހަކު އެއް މަސް ވަންދެން މުނިސިޕަލްޓީއަށް މަސައްކަތްކުރުމަށް ޠާއިފުގެ ފަނޑިޔާރަކު ޙުކުމްކޮށްފައިވެއެވެ. މިނޫންވެސް ތަފާތު ބާވަތްތަކުގެ ކުށްތައް ސާބިތުވާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާކޮށްފައިވެސްވެއެވެ.

ޤާނޫނީ ވަކީލެއް ކަމަށްވާ ޙަމަދު ބިން ޢަބްދުﷲ ޚުނައިން ހާމަކުރައްވާގޮތުގައި މިއީ ކުށްވެރީން އިޞްލާޙުކޮށް، ޒިންމާދާރު ރައްޔިތަކަށްވުމުގެ ފުރުޞަތު ހޯދައިދިނުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

މީގެ އިތުރުން މިސްކިތްތައް ސާފުކުރުމާއި، ބަލިމީހުންނާއި މުސްކުޅިންނަށް އެހީތެރިކަން ފޯރުވައިދިނުމާއި، އެމީސްމީހުންނަށް ބޭނުންވާ ތަކެތި ގަނެދިނުމާއި، ޕާކުތަކާއި ބަގީޗާތައް ބެލެހެއްޓުމުގެ އަދަބުތައްވެސް ހިމެނެއެވެ.

ކުށްވެރީންނަށް މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްފަހު އެމީހުންގެ ގައިގައި އިލެކްޓްރޯނިކް ޓެގެއް ހަރުކުުރުމަކީވެސް ރަނގަޅުކަމެއް ކަމަށް ޚުނައިން ހާމަކުރެއްވިއެވެ. "ކޮރަޕްޝަންގެ ތުހުމަތުތައް ސާބިތުވާ މީހުންގެ މުދާ ދައުލަތަށްވެސް ނެގިދާނެ. މީގެ އިތުރުން، ވަކި މުއްދަތަކަށް ފިޓްނަސް ކްލަބްތަކަށް ދިއުން މަނާކުރުމާއި، ޓްރެފިކް ޤަވާޢިދާއި ޚިލާފުވާ ފަރާތްތައް ވަކި މުއްދަތަކަށް ދުއްވުން މަނާވެސް ކުރެވިދާނެ" ޚުނައިން ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *