ކުރޮނިކޮލާރސް ނުވަތަ ތާރީޚީ ވަކި މުނާސަބުތަކެއް ދީރާސާ ކުރެއްވުމުގައި ޚާއްޞަވެވަޑައިގެންފައިވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހިރާއްޖޭގައި މިހުން ދިރިއުޅެން ފެށިތާ މިހާރު 2500 އަހަރު ވެދާނެއެވެ. މިތާރީޚީ ވާގިއާއަށް ބުރަވެ ރާއްޖޭގައި މީހުން ދިރިއުޅެން ފެށީ ޢީސާ عليه السلام ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ 500 އަހަރު ކުރިންކަމުގައި ތާރީޚީ ޢިލުމްވެރިން ވިދާޅުވެއެވެ.
އެހެންނަމަވެސް މިދިވެހިރާއްޖޭގެ ތާރީޚް ރަސްމީކޮށް ލިޔަން ފެށިފައިވަނީ މީލާދީން 1153 ވަނަ އަހަރު މުޅި ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ މަތިވެރިވެގެންވާ ހިދާޔަތު ލިބުމަށް ފަހުގައެވެ. ދިވެހިރާއްޖެ އިސްލާމް ވުމަށް ދިމާވި ހާދިސާއިން ފެށިގެން ހިނގާދިޔަ ބޮޑެތިކަންކަން އަޅުގަނޑުމެންނާ ހަމަޔަށް ވަނީ ވާސިލުވެފައެވެ. އެކިގޮތަށް އެކި މަސްދަރުތަކުންނެވެ.
ތާރީޚީ ދިގު އައަރުތަކެއް ވޭތުކުރިއިރު ބައެއް ފަހަރު ޤައުމެއްގެ ހައިސިއްޔަތުން އުފާވެ ފަޚްރުވެރިވާންޖެހޭ މުނާސަބަތުތަކާއި ދެރަވެ ހިތާމަކުރަންޖެހޭ މުނާސަބަތުތައް ޤައުމެއްގެ ޙަޔާތުގައި ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ. ހަމައެޔާއެކު ލަދުވެތިވާންޖެހޭ ކަންކަންވެސް މިޤައުމުގެ ޙަޔާތުގައި ތަޖުރިބާކޮށްފައިވެއެވެ.
ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިންވެސް އޭރު ރާއްޖޭގެ ރަށްތަކުގައި ދިރިއުޅުނު އަހްލުވެރިވެރިންނަކީ އެމީހުންގެ ޠަބީއަތުގައި ރަނގަޅު އާދަތަކެއް ހަރުލާފައިވާ ބައެކެވެ. އިސްލާމްވުމަށްފަހު އެއާދަތައް އިތުރަށްފުރިހަމަވެ ފަރުދުންގެ ކަށީގައި ޚުލުޤު ހެޔޮ ރަނގަޅު އާދާތައް ހަރުލާފައިހުއްޓެވެ. އިސްލާމް ވުމަށްފަހު ދިވެހިރާއްޖެއަށް އަތްގަދަ ކުރުމަށް އޭރު ދުނިޔޭގެ ގަދަ ބާރުތަކުން މަސައްކަތްކުރަމުން ދިޔައެވެ. ޕޯޗްގީޒުންގެ އިތުރުން ފަރަންސޭސިންވެސް ރާއްޖެއަށް ކަޅިއަޅަމުން ދިޔައީ ކެހިވެރި ނަޡަރަކުންނެވެ.
ޕޯޗްގީޒުން ހިނދުކަރައިގެ ކާލީކަޓަށްފައިބައި ރާއްޖޭގެ ރަށްތަކަށް ކަޅިއަޅަމުން ދިޔައީ މަކަރުވެރިކަމާއި ކެހިވެރިކަމައެކުއެވެ. އެންމެފަހުން އެކެހިތަކުން ވީއްލޭނެގޮތްތަކެއް މިދިވެހި ރަށްތަކަށް ނުފެނުނެވެ. ރާއްޖޭގެ ރަށްތަކަށް އަރައި ފާޙިޝްޢަމަލު ހިންގައި ރަލާމަސްތުވުމުގެ ކުޅިވަރުތައް މިރަށްތަކުގައި ކުޅެ ޙުރުމަތް ކަނޑައިފޫއެވެ. ނަތީޖާއަކަށްވެގެންދިޔައީ އެކަންކަން ރީތިވެ މޮޅުގޮތެއްކަމުގައި ދެކި މިޤައުމުގެ އަހުލުވެރިންގެ ތެރެއިން ބަޔަކު ނިކުމެ އެކަމަށް ތަރުޙިބުދޭން ފެށުމެވެ.
އާޚީރުގައި ވެގެންދިޔައީ އެންމެ ހިތާމަވެރި ގޮތެވެ. މީލާދީ 1500 ގެ އަހަރުތަކުގައި ދިވެހިންގެ ތެރެއިން ޕޯޗްގީޒުންގެ އާދަކާދަތަކާއި، ރައްޖޭގެ ރަށްތަކުގައި ހިންގި ފާޙިޝް ކުޅިވަރުތަކާއި ރަލާއި މަސްތުވުމުގެ މަންޒަރުތައް ރީތިވެ އެކަމަށް ތަރުހީބުދިން ދިވެހި ނަސްލަށް އުފަން ދިވެހި ކުލައޭ މިކަޔާ ކުލައިގެ ބަޔަކާ ގުޅިގެން ޤައުމުގެ ސިޔާދަތާއިތޮޅެ ޤިޔާދަތުގައި ހިފައި ދިވެހިންގެ މައްޗަށް އިސްތިއުމާރުގެ އަތްގަދަކޮށް ޕޯޗްގީޒުންގެ ބާރުގެ ދަށުން އެންޑުރޫ އެންޑުރޫ އޭ ކިޔުނު ހަރުކަށި ނުބައި ވެރިއެއްގެ އަނިޔާވެރިކަން ފާވެގެން ދިޔުމެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ރާއްޖޭގެ ރަށްތަކަށް އެމީހުން އެންމެ ފުރަތަމައައީ މާޖާކޮށް ފާހިޝް ޢަމަލު ހިންގައި އަންބަރާކުރުމަށެވެ. އެގޮތް ދިވެހިންގެ ބަޔަކަށް ރީތިވެ ކަމުދިޔުމުން އެބަޔަކާ ގުޅިގެން އަޅުވެތިކަމުގެ ފަނި މިޤައުމުގައި ޖޯޑު ކުރުވީއެވެ. 15 އަހަރާއި ހަތް މަސްވަންދެން ދިވެހިން އަޅުވެތިކޮށްގެން ދިވެހިންގެ މައްޗަށް އަތް ގަދަ ކުރަމުން ދިޔައެވެ. ބަނގުރާ ނުބޯން ގަދަދެއްކި ދިވެހިންނަށް ބޮޑެތި އަނިޔާދެމުން ދިރިއުޅުން ބިކަ ކުރަމުން ދިޔައެވެ. އެމީހުންނަށް ތަބާވި މީހަކު ފިޔަވައި ދެންތިބި އެންމެންގެ ކަނދުރާތަށް ބިންމައްޗަށް ތިރިކުރާނެކަމުގެ އިޢުލާން ކުރެވުނެވެ. ނަމަވެސް މާއްދީ ގަދަފަދަ ލަޝްކަރުތަކުގެ ރޭވުމަށްވުރެ ﷲ سبحانه و تعالى ރޭއްވެވުން މާފުރިހަމަވެވޮޑިގެންވެއެވެ. މިޤައުމުން އުފަންކުރުވި ހަ މުޖާހިދުން ނިކުމެ އެއިސްތިއުމާރީންގެ އަތްދަށުން ޤައުމު މިނިވަންކޮށްފިއެވެ. ނަމަވެސް ދިވެހިންގެ އަޤީދާވަނީ ބަލިކަށިވެފައެވެ. އިސްލާމް ދީނުގެ އަސާސްތަކަކީ ކޮބައިކަމެއް ދީނީ އަޅުކަންތަކާއި ވާޖީބުތަކަކީ ކޮބައިކަމެއް ދިވެހިންނަކަށް ނޭންގެއެވެ. އެހެންވުމަށް މެދުވެރިވީ އޭރު ވޭތުވެދިޔަ 15 އަހަރު ދިވެހިން ތަރުބިއްޔަތުވެފައިވަނީ އޭގެމައްޗަށް ކަމުގައިވުމެވެ. ފާހިޝް ޢަމަލުތަކާއި ނޭއްޤާނީ ކުޅިވަރުތަކުގެ މައްޗަށެވެ. މަދު ބަޔަކު ފިޔަވައެވެ. އެންމެ 15 އަހަރުތެރޭ ޤައުމުގެ އަގު ވެއްޔާ މޮޑެވިގެން ދިޔައީއެވެ. އެހެނީ ތަނެއް ހަލާކުކޮށްލުމަށް ހޭދަވެގެންދާނީ މަދު ވަގުތުކޮޅެކެވެ. ތަނެއް އާބާދުކުރުމަށް ހާސް އަހަރުވެސް ވޭތުވެދާނެއެވެ.
އެހާހިސާބުން ޕޯޗުގީޒުންގެ ފާހިޝް ޢަމަލުތަކާއި މަސްތުވުމުގެ ރޭތަކަށް ނިމުމެއް އައީއެވެ. ނަމަވެސް ދެން ބޯމަތިވެދާނީ ކޮންކަމެއްކަމެއް ބުނަން އެނގޭމިހަކު ނެތެވެ. ޕޯޗްގީޒުންނެކޭ އެއްފަދައި ހޮޅިން ވަނީ ރާއްޖޭގެ ރަށްތަކުން ދެންނެވި މިދިޔަ އަންބަރާގެ ކުޅިވަރުތައް ކުޅެ ފާޙިޝް އަމަލްތަކުން ޤައުމުގެ ބިން ހަރާބުކޮށްފައެވެ. އެއުރެންނަށް އަންބަރާ ކުރުމަށް ރާއްޖޭގެ ފަޅު ރަށެއް ހޯދުމަށް ކޮޅުމަޑުލަށް ދަތުރުކުރި ހިނދު ކޮޅުމަޑުލުގެ ރައްޔިތުން ހޮޅިންނަށް އެއަތޮޅު ކަނިމީދޫ ދެއްކި މިސާލަކީ ފާހަގަކުރަންޖެހޭނެ މިސާލެކެވެ. ކަނިމީދު ބޭރުން އިރުމަތީ ދެކުނުފަރާތުން އެރަށް ދެއްކިހިނދު ދެން ތިމަންމެންނަށް ހެޔޮ ވަރުރަށެއް ރާއްޖެއިން ނުލިބުނީތާއޭ ބުނެ މާޔޫސްކަމާއެކު އެކަމަށް ކުރި އުންމީދު މަޑުޖައްސައިލިއެވެ.
ނަމަވެސް އަންބަރާކުރުން ހުއްޓައެއް ނުލައެވެ. އެކަންގެންދިޔައީ ފޯރިއާއިއެކު ކުރިއަށެވެ. އެއްރެއްގައި ފާހިޝްޢަމަލުތަކާއެކު މަސްތުވާތަކެއްޗާ ރަލުގެ ތެރެއަށް އެމަކަރުވެރި އިސްތިއުމާރުން ގެއްލި ޢަމަލަވެވަފައިވަނިކޮށް މުލީގޭ ދޮން ހަސަންމަނިކުފާނު ނުވަތަ ދޮންބޮންޑާރައިން ނިކުމެވަޑައިގެން އެންމެން ޤަޠުލްކޮށް އެއުރެންގެ ނުބައި ވިހަތަކުން ޤައުމު ސަލާމަތްކޮށްފިއެވެ. ހަތް އަހަރުގެ އަޅުވެތިކަމަށްފަހު ހޮޅިންގެ އަންބަރާ ކުރުމުގެ ރޭތަކަށް ނިމުމެއް އައިސް އެއުރެންގެ އަތްދަށުން ޤައުމު މިނިވަންވެގެން ދިޔައީއެވެ.
އެހާތަނަށް މިއަދާއިހަމަޔަށް ޤައުމުގެ ސިޔާދަތާއި ތޮޅެ ވެރިކަން ފޭރިގަނެ ބޭރުބަޔަކު ދިވެހިންގެ މައްޗަށް އަތްގަދަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދެންވަނީ އެހެން ފަންޏެކެވެ. އެފަނިން ޤައުމުގެ ހެޔޮ އާދަކާދަޔާއި ޞިފަތައް ކަމުން ފީކުރަމުން ފޮރިބޮމުން އެކަންތައް ބަލިކަށިކޮށްފޫއެވެ. ދޮން ފަރަންޖީންގެ އިސްތިއުމާރީ ވަކިތަކަށް ނިމުމެއް އައީއެވެ. ނަމަވެސް އެމީހުން މަސައްކަތް ހުއްޓައެއް ނުލައެވެ. އެމީހުންއުޅޭނެ ގޮތަށް އުޅޭނެ ބަޔަކު އެމީހުން އުފެއްދީ މިޤައުމުގެ ފަސްގަނޑުންނެވެ. ތިމަންނަމެން މިޤައުމުން ފައްސާ ބޭރުކޮށްލެވުނީތީ އެކަމަށް ހެޔޮވަރުގެ ބަދަލެއް ހިފާލާނެކަމަށް ބުނާފަދަޔަކުންނެވެ.
މުޙައްމަދު، ޢަބްދުﷲ، އަޙްމަދު، ފާތިމާ، ޢައިޝާ، މަރްޔަމް ކިޔުނު މުސްލިމު ނަންތަކެއްގެ އަހުލުވެރިބަޔަކު މެދުވެރިކޮށް މިޤައުމުގެ މިސްރާބު ކަސިޔާރުކުރަންފެށިއެވެ. އެބައިމީހުން ދޭންފެށީ މަދަދާއި އެހީތެރިކަމެވެ. ފައިސާއާއި މަލީ އެހީތެރިކަމެވެ. ނަމުގެ ކުރިއަށް އެމީހުން ގެނައީ ދުލަށާއި ޤަލަމުގެ ދެއްޔަށް ހެޔޮވަރު ފަށުވި ރީތި ބަސްތަކެކެވެ. 'އިޤްތިޞާދީ ފުއްދުންތެރިކަން' 'އަންހެނުންގެ ޙައްޤުތައް' 'މޮޑަން އިކޮނަމީ' 'މޮޑަން އެޑިއުކޭޝަން' އެވެ. މޮޑަން ކުރިއަށްލައިގެން އިޤްތިޞާދު ކުރިއަރުވަން ފެށިއެވެ. މޮޑަން އެޑިއުކޭޝަންގެ ނަމުގައި ޤައުމު ތަޢުލީމީ ނިޒާމު ބައްޓަން ކުރުމަށް އެހީތެރިވާންފެށިއެވެ. ކޮންސަލްޓަންޓު ކުރުމާއި ލާފާދިނުމުގެ ތެރެއިންނެވެ. 'މޮޑަން' ގެނަމުގައި މޮޑެން އުޅުނު ފުށްގަނޑު މޮޑެންފެށިއެވެ.
މޮޑޭނެ ގޮތަކަށް މޮޑެން ދިވެހިން ފުރުޞަތު ދިނެވެ. އެގޮތުން 1960 ގައި ދިވެހިންގެ އިޤްތިޞާދު ރަނގަޅުކުރުމުގެ ނަމުގައި ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފުކުރުމަށް ރާއްޖޭގައި ދިރާސާ ކުރެވެންފެށުނެވެ. އެކަމަށް ހުރިހާ ހޭދައެއް ކުރީ ދޮންފަރަންޖީންނެވެ. ނަތިޖާ ލިބި 1972 ވަނަ އަހަރު ރާއްޖެއަށް ފަތުވެރިކަން ތައާރަފުކޮށްފިއެވެ. އެއީ ރަންބިސް އަޅާ ކުކުޅަށް ވެގެންދިޔައީއެވެ. ފަތުރުވެރިކަން ގޯސް ކުރާކަށް ނެތީމެވެ. ނަމަވެސް 'ފަތުރުވެރިކަން' ކުރުމުގެ ނަމުގައި ބަނގުރާލާއި އޫރުމަސް ތައާރަފްކޮށް އެކަން ކުރުމުގެ ދެވަނަ އެހެން ބޭނުމެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ރާލައި އޫރުމަހަކީ ފަތުރުވެރިކަމުގެ އަސާސީ ކަމަކަށް ވާންޖެހޭނެ އެއްވެސް ފޯމިއުލާއެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ރަލަކީ މިޤައުމުން އުފައްދާ އެއްޗެއް ނޫނެވެ. އޫރަކީ މިޤައުމުގައި ގެންގުޅޭ އެއްޗެއް ނޫނެވެ. ބޭރުން އަންނަ މެހެމާނުންނަށް ރާއްޖޭގެ ރީތިކަމާއި ފަރުތަކުގެ އަޖައިބެއްފަދަ ޤުދުރަތުގެ ފަރުމާކުރުން ދައްކައި، ދިވެހިންގެ މެހެމާން ދާރީގެ ރިވެތި ފުރިހަމަ ނަމޫނާ ދެއްކުމަށް ކޮންމެހެން ބަނގުރަލާއި އޫރުމަސް ފޯރުކޮށްދޭންޖެހޭކަމަކަށް ނުވިސްނެއެވެ. އެހެނެއް ނޫނެވެ. ބަނގުރަލާއި އޫރުމަހާއި ނުލައިވެސް ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަން ދެއްކިދާނެއެވެ. އަދި ބަނގުރަލާއި އޫރުމަހައި ނުލާވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ފަތުރުވެރިކަން ކުރިއެރުވޭނެކަން ޔަޤީނެވެ. ފަތުރުވެރިކަމުގެ ނަމުގައި ބަނގުރަލާއި އޫރުމަސް ރާއްޖެއަށް ތަޢާރަފުކުރުމުގެ ދެވަނަ ބޭނުމެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ރަލަކީ ފާޙިޝް ކަންތައްތަކާއި ނޭއްޤާނީ ކަންކަމާއި ހުރިހާ ނުބައިކަމެއް އަޞްލެވެ. ނަތިޖާއަކަށް ވެގެންދިޔައީ ފާހިޝް ޢަމަލުތަކާ ނޭއްޤާނީ ކުޅިވަރުތަކާއި ބަނގުރަލާއި މަސްތުގެ ޝަރާބުތަކާއެކު އަނެއްކާވެސް މިޤައުމުގައި ޒަމާންތަކެއްފަހުން އަންބަރާ ކުރަންފެށުމެވެ.
ރާއްޖޭގެ ތަޢުލީމީ ނިޟާމު މިޒަމާނަށް ނުފެތޭކަމަށް ބުނެ 'މޮޑަން އެޑިއުކޭޝަން' ގެނަމުގައި ތަޢުލީމީ ފާލަމުގެ ވާސިތާ އެހެންދިމާލަކަށް އަނބުރާލުމެވެ. ދީން ތައުލީމީ ނިޟާމުގެ ތެރެއިން ވަކިކޮށް ނަގާ ހޫރާލުމެވެ. އިއްތިފާގެވެ. ރާއްޖޭގެ ތަޢުލީމީ ހާލަތު އޭރު އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ނަމަވެސް މޮޑަން ކުރުވަން އުޅުނު ތައުލީމީ ނިޟާމުގެތެރެއަށް ފާވީ އެހެންކަމެކެވެ. މިޤައުމުގެ މަދަރުސީ ދޮރުއަށިތަކުން ނިކުތް ތަޢުލީމުޔާފުތުން ވެގެންދިޔައީ ދީނަށް ޖޯކުޖަހައި، ދީނުގައި އައިސްފައިވާ ކަންކަމަށް ހަޖޫޖަހާ ބައެއްގެ ގޮތުގައެވެ. އަހަރުތަކެއް ވޭތުވެ ދިޔުމަށްފަހު ދީން ޤަބޫލު ނުކުރުމަކީ ފެށަނެއް ކަމުގައި ވެގެންދިޔުމުގެ ޘަޤާފަތް ދިވެހި ޒުވާނުންގެ ތެރޭގައި ފެތުރެންފެށިއެވެ. نعوذ بالله من ذلك
އެއީ ހަމަ މިޤައުމުގެ ތަޢުލީމީ ދޮރުއަށިތަކުން ނިކުތް މީހުންނެވެ. އެޒުވާނުން ޖޯޝާއި ފޯރީގައި އިސްކަންދިނީ މަސްތުވުމަށެވެ. ފާޙިޝް ޢަމަލްތަކަކީ ރީތި އެއްޗެއްކަމުގައި ވީއެވެ. އިސްލާމް ދީން ކިޔެވުމަކީ މޮޑަން ގޮތެއް ނޫކަމަށްހަދައި އެޢިލްމު އެކެހެރިކުރުމުގެ ނަތީޖާ މިއޮތީ ފެންނާށެވެ. ލަންޑަން ޖީސީއީއާއި ކޭމްބްރިޖްގެ އިމްތިހާނުތަކަށް ދަރިވަރުންނަށް ތައްޔާރުވުމަށް ވަގުތު ހުސްކުރުމުގެ ގޮތުން އިސްލާމީ ތަޢުލީމުގެ ދާއިރާ ހަނިކޮށްލެވުނެވެ. ނަމަވެސް ލަނޑަން ޖީސީއާއި ކެމްބުރިޖު އިމްތިހާނުގައި އިށީންކަމުގައިވިޔަސް އިސްލާމީ ތަޢުލީމުގެ ނާރެހާއެކުވެސް ބައިނަލްޢަޤުވާމީ އެއިމްތިހާނުގައި ކާމިޔާބު ހާސިލުކުރެވޭނެކަމަށް އަވަށްޓެރި ހިންދުކަރައިގެ ބޮމްބޭއާއި ޗަންނާއީގެ އިސްލާމިކް އިންޓަނޭޝަނަލް ސްކޫލުން މިސާލުލިބެއެވެ. ބޮމެބޭގެ އިންޓަނޭޝަނަލް އިސްލާމިކް ސުކޫލް 'އެޑިއުކޭޝަން ފޯރ ބޯތް ދަ ވޯލްޑު' މޮޓޯއެއްކަމުގައި ހަދައިގެން އެސޫކުލުގެ ދަރިވަރުން ކޮންމެ އަހަރަކު ކޭމްބްރިޖްގެ ބައިނަލްއަޤުވާމީ އިމްތިހާނުގައި މުޅި ދުނިޔެއިން ހޯދަމުންދާ ކާމިޔާބު ފާހަގަ ކުރަންޖެހެއެވެ. އަދި އެދެސުކޫލުގެ ދަރިވަރުންގެ ތެރެއިން މިއިމްތިހާނުގައި ފުރިހަމަ ނަތީޖާ ހާސިލްކުރާ ގިނަ ދަރިވަރުންނަކީ ޤުރުޢާން ހިތުދަސް ދަރިވަރުންނެވެ.
މޮޑަން ނޫންކަމުގައި ބުނެ އަޅުގަނޑުމެން ދިވެހިންނަށް އެކަހެރިކުރެވުނީ އިސްލާމީ ތައުލީމީ މަންހެޖެވެ. ނަތީޖާ މިއޮތީ ފެންނާށެވެ. މުޅިޤައުމު މޮޑަންކޮށް ދޮން ފަރަންޖީން މިޤައުމުގައި މޮޑުނީ ހުތުރުވެގެންވާ ފާހީޝް ޢަމަލްތަކެވެ. ބަނގުރަލާއި މަޝްތުވުމާއެކު އަންބަރާ ކުރެވުމެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މީގެ 500 އަހަރު ކުރިން މިޤައުމުގެ ޢާންމުރަށްތަކާއި ފަޅުރަށްތަކުގައި ފާހިޝް ޢަމަލުގައި ބަނގުރަލާއި މަސްތުވާ ޝަރަބާއެކު ދޮން ފަރަންޖީއަންބަރާ ކުރުމަށް ކުރެވުނު ދިގު ދަތުރު އެންމެ ފަހުން މިއަދު ކުރަމުންދަނީ ދިވެހިންނެވެ.
ކުޑަ އަގެއްގައި ޒުވާން ޖިންސުން ލަޠީފުންގެ ހަށިތަށް މަސްތުވާތަކެއްޗާއެކު ނީލަންކިޔަންތިއްބާ ދަނީ ފަޅާއަރަމުނެވެ. އާންމުރަށްތަކާއި ފަޅުރަށްތަކުންނެވެ. ހެޔޮ ވިސްނޭވަރުގެ ޒުވާން ވަރުގަދަ ހަށިތަކުގެ އަހުލުވެރިންނެވެ.
އިސްލާމީ ތަޢުލީމާ އިސްލާމީ އިޤްތިޞާދީ ނަޡަރިއްޔާގެ އަލީގައި އަޅުގަނޑުމެން ޤައުމު 'މޮޑަން' ކުރަން އުޅުނުނަމަ މިއަދު އަންބަރާވެގެން ލަދު ގަންނާކަށް ނުޖެހުނީހެވެ. އެއަޚީލަފަށް ކަންކަން ރޭވުމުން ބޯން އުޅުނު ބޮނޑި މޮއޮތީ ބޮވިފައެވެ. އަންބަރާ ކުރުމުގެ ޢަމަލުތަށް ޢާންމުވެ ދިޔައީއެވެ. އެންމެ ރެއްގެ މަސައްކަތަކުންނޫނެވެ. އެއީ ދިގު އަހަރުތަކެއްގެ ދިގު ދަތުރަކުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...