ތުރުކީގެ ލޯކަލް ކައުންސިލް އިންތިޚާބު ވެރިކަންކުރާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން ކާމިޔާބު ކުރުމުން މެދުއިރުމައްޗާއި ޔޫރަޕްގައިވެސް އުފާފާޅުކުރުން ކުރިއަށް ގެންގޮސްފިއެވެ.
ޔޫރަޕްގައި އުފާފާޅު ކުރުން ކުރިއަށްގެންގޮސްފައިވަނީ ބަލަކަން ސަރަހައްދުގެ ގޮތުގައި މަޝްހޫރުވެފައިވާ ބޮސްނިއާހެރުޒަގަވީނޯގެ ވެރިރަށް ސާރެޖިވޯއާއި މެސަޑޯނިއާގެ ސްކޯޕިއާގައެވެ. މެދުއިރުމަތީގައި އުފާފާޅުކޮށްފައިވަނީ ޣައްޒާގެ ސަރަހަދުތަކުގައެވެ.
ބަލަކަން ސަރަހައްދުގައި އުފާފާޅުކުރަމުން ދިޔަ މީހުންވަނީ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއިން އިންތިޚާބު ކާމިޔާބު ކުރަމުން ބޮޑުވަޒީރު ރަޖަބު ޠައްޔިބު އުރުދުޣާން ދެއްވަމުން ގެންދިޔަ ތަޤުރީރު ބޮޑު ސްކުރީންތައް ބަހައްޓައި ވަގުތުން ބަލާފައެވެ.
މިތަޤުރީރުގައި އުރުދުޣާން ވިދާޅުވެފައިވަނީ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީއަށް މިއިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެދި ދުޢާކޮށްދެވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރާކަމަށެވެ.
މިޞްރުގެ "ބަޣާވާތުގެ" ސަރުކާރުން "ގަދަކަމުން ވެރިކަމަށް އައިސް" މިޞްރާއި ޣައްޒާގެ ގުޅޭ ބޯޑަރު ބަންދުކުރުމުން އިންސާނީ އަސާސީ ޙައްޤުތަކުން މަހުރޫމުވެފައިވާ ޣައްޒާގައި އުފާފާޅު ކުރުމަށް ބޭއްވި ޙަރަކާތްތަކުގައި ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ޣައްޒާގެ ބޮޑެތި މަގުތަކުގައި ފަލަސްޠީނުގެ ދިދައާއި ތުރުކީގެ ދިދަ ހިފައިގެން ނިކުމެ އުފާފާޅުކޮށްފައެވެ. މިއުފާފާޅުކުރުންތަކުގައި ޙަމާސް ޖަމާޢަތުގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އުފާފާޅުކުރުމުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢައްޒާގެ ޙަމާސް ސަރުކާރުގެ ތަރުޖަމާން އިލްހާބު އަލް ގުސެއިން ވިދާޅުވީ ތުރުކީގެ ޑިމޮކުރެޓިކް ކާމިޔާބަށް މަރުޙަބާކިޔާ ކަމަށާއި މިއިންތިޚާބާއެކު ތުރުކީއަށް އިޤްތިޞާދީ ގޮތުން ކުރިއެރުން އަންނާނެކަމަށް އުންމީދުކުރާ ކަމަށެވެ.
"އަބަދުވެސް ތުރުކީއަކީ ފަލަސްޠީނު މައްސަލައިގައި ރަނގަޅު މައުޤިފުގައި ސާބިތުވެ އޮންނަ ޤައުމެ. އިންތިޚާބުގެ ނަތީޖާއާއިއެކު ފަލަސްޠީނުގެ މައްސަލައިގައި ތުރުކީގެ ނިންމުންތަކަށް ކުރިއެރުން ލިބިގެންދާނެކަމަށް އުންމީދުކުރަން" ގުސެއިން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...