ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރި އެއް ޕާޓީގެ ގޮތުގައި ޢަދާލަތު ޕާޓީ ހިމެނޭ ކަން އެއީ ޚުދު ޕީޕީއެމްގެ މެންބަރުން ވެސް ދެކޮޅު ހަދާ ކަމެއް ނޫނެވެ. ޕީޕީއެމްގެ ރައީސް މައުމޫން ވެސް ވިދާޅުވެފައި ވަނީ ޢަދާލަތަކީ ކޯލިޝަނުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމަށް ޢަދާލަތު މުހިންމު ވަނީ ކިހާ ހިސާބަކުން ކޮން ގޮތަކަށްތޯ ސުވާލު އުފެދެއެވެ.
ޢަދާލަތު ޕާޓީ އަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ފުރަތަމަ އެއްވެސް ޝަރުޠަކާއި ނުލާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމަށް ތާއީދު ކުރި އެއް ޕާޓީއެވެ. ޢަދާލަތު ޕާޓީން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތާއީދު ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާޞިމް އިބުރާހީމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ނާކާމިޔާބާއި ކުރިމަތި ވުމުން ޕީޕީއެމާއި އެކު ގުޅިގެން ނުކުމެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯދައި އިދިކޮޅު އެމްޑީޕީ ބަލި ކުރުމަށް ޕީޕީއެމުން ދިން ދަޢުވަތަށް ޢަދާލަތު ޕާޓީ އޭރު ކޯލިޝަން ހަދައިގެން އޮތް ޖުމްހޫރީ ގުޅުމުން ދެކޮޅު ހެދުމަކީ ޢަދާލަތަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.
އެހެން ކަމުން ކަމުގެ ޙައްޞާސް ކަން ޢަދާލަތަށް ރަނގަޅަށް ވިސްނޭތީ އާއި ބޮޑާ ހާކައިގެން ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ތިމާމެން ހަލާކުގެ ތެރެއަށް ގެނބި ޣަރަޤު ވެގެން ހިނގައިދާނެ ކަން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ވަރަށް ސާފުކޮށް ފެންނާން އޮތުމުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ޓަކައި ޢަދާލަތު ޕާޓީން ޖުމްހޫރީ ގުޅުމާއި އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުން އުވާލައި އެއްވެސް ޝަރުޠަކާއި ނުލާ ޢަދާލަތުން ޕީޕީއެމް ކޯލިޝަނަށް ތާއީދު ކޮށް ގުޅިގެން ނުކުތުމުން އޭގެ ބަދަލުގައި މިއަދު ޕީޕީއެމް ކޯލިޝަނުން ޢަދާލަތާއި މެދު ޢަމަލު ކުރަމުން އަންނަ އަނިޔާވެރި ޚުދުމުޚްތާރު ގޮތަކީ މިއަދު ޚުދު ޕީޕީއެމްގެ މެންބަރުންނާއި ޤައުމު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން ކަން ކަށަވަރެވެ.
ޢަދާލަތުން އެއްވެސް ޝަރުޠަކާއި ނުލާ ޕީޕީއެމް ކޯލިޝަނަށް ތާއީދު ކޮށް މަޑުން ތިބީ ނޫން ކަން ޕީޕީއެމްގެ އިސްސަފުގެ ބައިވެރިން ނަށް ރަނގަޅަށް އެނގެއެވެ. ޕީޕީއެމް ކޯލިޝަނާއި ގުޅިގެން އެމްޑީޕީ ބަލިކުރުމަށް ދިން ދަޢުވަތާއި ފާޅުގައި ދެކޮޅު ހަދައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގެއަށް ގެންދަވައިގެން ބައްދަލު ކުރައްވާ އެމްޑީޕީ އަށާއި އެޕާޓީގެ ސިޔާސަތު ތަކާއި އެ ޕާޓީގެ ރިޔާސީ އިންތިޚާބަށް މީޑިޔާ ތަކުގެ ކުރިމަތީގައި ތަޢުރީފްގެ ބަސްތައް އޮއްސަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޭރު ވަޑައިގަތީ މިހާރުގެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި ޚުދު ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ހިތްތައް ވެސް ކަތިލައްވަމުން ނެވެ. މިޔޮއްހާ ދުވަހު ކުރި މަސައްކަތާ ދިމާ އިދިކޮޅަށް އެނބުރި ވަޑައިގެން އަނެއްރާއްޖޭގެ ސިޔާސަތު ތައް މާ ފައްކާ ކަމަށް ވިދާޅުވެ އެ ސިޔާސަތު ތަކަށް އޮއްސި ތަޢުރީފްގެ ބަސްތަކުން ދެން ވާން މި އުޅޭގޮތް އެންމެ ރަނގަޅަށް ފަހުމްވީ ބަޔަކީ ވެސް ހަމަ ޢަދާލަތުގެ އިސް ވެރިންނެވެ.
އެއާއި އެކު ޢަދާލަތު ޕާޓީގެ އިސް ވެރިންނާއި ޤައުމު ދެކެ ލޯބިވާ ޤައުމަށް އިޚުލާސްތެރި އެންމެހާ ފަރާތްތަކުގެ އާދޭހާއި އެކު ވެސް ޖޭޕީގެ ލީޑަރު ޤާޞިމް އިބުރާހީމް ގެންދެވީ ދެކޮޅު ހައްދަވަމުން ނެވެ. ކުރީގެ ކޯލިޝަން ބައިވެރިއެއްގެ ޙައިސިއްޔަތުން ކޯލިޝަނާއި ގުޅިއްޖެ ނަމަ ލިބޭނެ ފައިދާއާއި ވިސްނައިދީގެން ކޯލިޝަނާއި ގުޅުމަށް ޖޭޕީގެ ލީޑަރުންގެ ފަހަތުން އާދޭސް ކުރަމުން ދުނި ޢަދާލަތު ޕާޓީ އަކީ ވެރިކަން ލިބުމުން އަގުޅިނެތް ކަންނޭލަކަށް ބަދަލު ވުމަކީ ދިވެހީންގެ ހިތުގައި ޖެހޭނެ ކަމެއް ކަން ކަށަވަރު ވެއެވެ.
ކޮންމެ އަކަސް ޢަދާލަތު ޕާޓީ އާއި ރައީސް މައުމޫންގެ ބުރަ މަސައްކަތުން ފަހު ވަގުތު ޖޭޕީގެ ލީޑަރު މިއަތަށް ދީލާ ލެވުނަސް ލިބުނު ހަނި އަޣުލަބިއްޔަތަކީ އެއްވެސް ބައިވެރިއަކު ދޫކޮށްލައިފި ނަމަ އޭގެ ގެއްލުން ނިހާޔަތަށް ފޯރާނެ ކަމެއްކަން ކޯލިޝަންގެ ވެރިންނަށް މިއަދު ސާފު ނުވިޔަސް ދިވެހިންނަށް އެނގެއެވެ. ކޯލިޝަނުގެ ޕާޓީ ތަކުން ވާދަކުރާ ދާއިރާ ތަކަށް ޢަދާލަތު ޕާޓީން ވަކިން ކުރިމަތި ލައިގެން އެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ވެދުން ކުރުމުން އޭގެ ގެއްލުން މިއަދު އެންމެ ބޮޑަށް ފޯރާނީ ޢަދާލަތު ޕާޓީ އަށްތޯ ނުވަތަ ކޯލިޝަނަށްތޯ އެންމެ ރަނގަޅަށް ފަހުމް ވާނީ ވެސް ކޯލިޝަނަށެވެ. އެހެން ކަމުން ޢަދާލަތު ޕާޓީއަށް މިއަދު ފެނު ކައްކާ ބޮލީގެ ޢީއްޒަތް އެރުވުމަކީ ކޯލިޝަނަށް ތާއީދު ކުރި ރައްޔިތުން ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަން ކަށަވަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...