ޔޫރަޕު

ފަރަންސޭސިވިލާތުންވެސް އެންމެފަހުން އިސްލާމީ މާލީ ނިޒާމު ތަޢާރަފްކުރަނީ

ލިޔުނީ: ޙުސައިން ރަޝީދު

އިސްލާމީ މާލީ ނިޒާމު ތަޢާރަފުކޮށް ގަލްފުގެ މުއްސަނދި ޤައުމުތަކުން އިންވެސްޓްމަންޓް ހޯދުމަށް ނިންމާފައިވާކަމަށް ފަރަންސޭސިވިލާތުގެ ބައިނަލްއަޤްވާމީ ވިޔަފާރިއާއި ބެހޭ ވަޒީރު ޕިއަރ ލެލޫޗީ ހާމަކުރައްވައިފިއެވެ.

"އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ޚާއްޞަކޮށް އިނގިރޭސިވިލާތާއި ބަލާއިރު އަޅުގަނޑުމެން މާބޮޑަށްވެސް ލަސްވެއްޖެ" އަބޫދާބީގައި ހުންނަވައިގެން ބްލޫމްބާރގް އަށް ދެއްވި އިންޓަރވިއުއެއްގައި ލެލޫޗީ ވިދާޅުވިއެވެ. "(އިސްލާމީ މާލީ ނިޒާމު) ތަޢާރަފްކުރުމުގެ ޤާނޫނީ އޮނިގަނޑު ދަނީ ތައްޔާރުކުރެވެމުން. އަދި ފަރަންސޭސިވިލާތުގެ ބޭންކްތަކުގައި (އިސްލާމީ މާލީ ނިޒާމު ހިންގުމުގެ) ޤާބިލްކަން ވަރަށް ފުރިހަމައަށްވެސް އެބަހުރި"

އިސްލާމީ ބޮންޑް (ސުކޫކު) ގަނެވިއްކުމުގެ އޮނިގަނޑު ތައްޔާރުކޮށް ނިމުމުން، ފުރަތަމަ ފަހަރަށް ފަރަންސޭސިވިލާތުން ސުކޫކު ވިއްކުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި އެކަން މިއަހަރުގެ ކުރީކޮޅު ކުރެވޭނޭކަމަށް ފްރެންޗް ޑިޕޮޒިޓް ގެރެންޓީ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފސަރ ތިއަރީ ޑިސޯކްސް ވިދާޅުވިއެވެ.

ފަރަންސޭސިވިލާތުން އުންމީދުކުރަނީ އެޤައުމުގެ ހައި-ޓެކް ދާއިރާއަށް ގަލްފުގެ މުއްސަނދި ޤައުމުތައް ކަމަށްވާ ކުވައިތު، ޤަތަރު އަދި އެކުވެރި ޢަރަބި ޢިމާރާތުގެ ފަރާތުން ޚާއްޞަގޮތެއްގައި އިނެވެސްޓްމަންޓް ލިބޭނެކަމަށެވެ. އަދި މިކަން ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ޙިއްސާކޮށް މިސަރަޙައްދުގެ ޤައުމުތަކަށް ފަރަންސޭސިވިލާތުން ކުރާ އެކްސްޕޯޓްގެ މިންވަރު ގިނަކުރުމަށް ކަމަށް ލެލޫޗީ ހާމަކުރެއްވިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ގުރޫޕްތަކުގެ މެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމަކީ ކޮންޓްރެކްޓްތައް ހޯދުމުގައި މުހިންމު ކަމެއް ކަމަށް އޭނާ ހާމަކުރެއްވިއެވެ. "އަހަރުމެންނަކީ ޖަރުމަންވިލާތުގެ މީހުންނަށްވުރެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށް ބައެއް، ޖަރުމަންވިލާތުގެ މީހުންނަކީ ގްރޫޕްތަކުގައި މަސައްކަތްކުރާ ބައެއް އަދި އިޓަލީވިލާތުގެ މީހުންނަކީ ގުޅިގެން އުޅުމުގައި ނަމޫނާއެއް"

2009 ވަނަ އަހަރު ލިބުނު 5.1 އިންސައްތައިގެ ކުރިއެރުމާއިއެކު، މެދު އިރުމަތީގެ 4 ލައްކަ މިލިއަނަރުންގެ ޖުމްލަ މިލްކިިއްޔާތުގެ އަގު 1.5 ޓްރިލިއަން ޑޮލަރަށް އަރާކަމަށް ކެޕް ޖެމިނީ އާއި ބޭންކް އޮފް އެމެރިކާއިން ހާމަކޮށްފައިވެއެވެ.

ފަރަންސޭސިވިލާތުން އިސްލާމީ މާލީ ނިޒާމު ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާއިރު، އެޤައުމުން ވަނީ މޫނު ބުރުގާ އެޅުން މަނާ ކުރުމުގެ ޤާނޫނެއް ފާސްކޮށް، އެޤާނޫނާއި ޚިލާފްވާ ފަރާތްތައް ޖޫރިމަނާކުރަން ފަށާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ޔޫރަޕު