"ފީ ބުޔޫތް" މިއީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން މާލެއާއި ވިލިގިލީގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާ އަށް ދީފައިވާ ނަމެކެވެ. އެނަމަކީ ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 36 ވަނަ އާޔަތުން ނެގިފައިވާ ނަމެކެވެ. އެޔާތުގެ މާނައަކީ "ތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، اللَّه إذن ދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيح ކިޔައި އުޅެތެވެ." މިފަދައިންނެވެ. "ފީ ބުޔޫތް"ގެ މާނައަކީ "މިސްކިތުގައި" ނުވަތަ "މިސްކިތް" މިއެވެ.
އަލް އަސްރު ޖަމިއްޔާއިން އިސްނަގައިގެން މާލެއާއި ވިލިގިލީގައި ބާއްވާ ދަރުސްތަކުގެ ތެރެއިން ވިލިގިލީގައި ބާއްވާ ދަރުސް އިންތިޒާމް ކުރަނީ އަލް އަސްރު ޖަމިއްޔާ އާއި ވިލިގިލީ ޕީސް ފައުންޑޭޝަން އާއި ގުޅިގެންނެވެ.
"ފީ ބުޔޫތް" ސިލްސިލާ ދަރުސް އާއި ބެހޭ ގޮތުން އަލް އަސްރު ޖަމިއްޔާއިން ހާމަކޮށްފައިވަނީ "މިދަރުސްތަކަކީ ކޮންމެ ހަފްތާ އަކު 2 ދުވަހު ބާއްވާ ދަރުސްތަކެއް. މާލޭގައި ދަރުސް އޮންނަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ނޫރު މިސްކިތުގައި. ވިލިގިލީގައި ބާއްވާ ދަރުސް އޮންނަނީ ވިލިގިލީ މަސްޖިދުއް އިޚްލާސްގައި. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހެއްގެ އިޝާ ނަމާދަށްފަހު ގައި. މިދަރުސްތައް ކުރިއަށް ގެންދަވާނީ ޝެއިޚް އާދަމް ޝަމީމް"ކަމަށެވެ.
“ފީބުޔޫތް” ގެ ނަމުގައި އިންތިޒާމް ކުރާ ދަރުސް ސިލްސިލާތައް މާލެއާއި ވިލިގިލީގައި ފަށާފައިވާއިރު މާލޭގައި ކުރިއަށްދާ ދަރުސްގައި ކުރިއަށް ގެންގޮސްފައިވަނީ މިއުއްމަތުގެ އެންމެ ބޮޑު މުޙައްދިޘް، އަލް އިމާމް ބުޚާރީ ލިޔުއްވި “އަދަބުލް މުފްރަދް” ގެޝަރަޙައެވެ. މި ފޮތަކީ އިމާމް ބުޚާރީ ލިޔުއްވި ފޮތްތަކުގެ ތެރެއިން ނުހަނު ފާހަގަކޮށްލެވޭ ފޮތެކެވެ. 9 ވަނަ ގަރުނުގައި ފަވާލެވުނު މި އަގުބޮޑު ޢިލްމީ ޚަޒާނާއަކީ އިސްލާމްދީނުގެ އަދަބު އަޚްލާޤާއި ބެހޭގޮތުން ލިޔެވުނު ފުރަތަމަ ފޮތެވެ. މި ފޮތުގައި ރިވެތި އަދަބު އަޚްލާޤް ގެ މިސާލުތައް ވަނީ ކީރިތި ރަސޫލާގެ ސުންނަތުންނާއި ސަޙާބީންގެ ބަސްފުޅުތަކުން ގަތާލެވިފައެވެ.
ވިލިގިލީ މަސްޖިދުއް އިޚްލާސް ގައި ކުރިއަށް ގެންދާ ދަރުސް ސިލްސިލާގައި އަލިއަޅުވާލަނީ “އީމާންކަމާއި އަގީދާ ހަރުދަނާ ކުރުން، ދީނުގައި ސާބިތުވުން، ނުރައްކާތެރި ފކުރުތަކުން ރައްކާތެރިވުން، މަކަރިމުލް އަޚްލާގު ދަސްވުން، ރިވެތި މުޢާމަލާތް އެނގުން އަދި ހައްޤުތައް ދެނެގަތުން." މިބައިތަކަށްކަމަށް އަލް އަސްރުގެ އޮފިޝަލަކު މީގެ ކުރިން ދިއިސްލާއަށް ވިދާޅުވެފައިވެއެވެ.
"ދަރުސްތަކުން ވަރަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައި. އިންޝާﷲ މިކަން ކުރިއަށް ގެންދާނެ. ނަބަވީ އިރްޝާދުގެ އަލީގައި ރިވެތި އަޚްލާޤުން ޒީނަތްތެރިވުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މި ދަރުސް އަށް ވަޑައިގަތުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" ދަރުސް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ދިއިސްލާމްއަށް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...