ފަލަސްތީނުގެ ބިމުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ މީހުން މާތްވެގެންވާ މަސްޖިދުލް އަޤްޞާގެ ޙަރިންމަ ތެރޭގައި ގަދަބާރުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެގެން އުފައްދާފައިވާ އިސްރާއީލް ގެ ދިދަ ވިހުރުވައިފިއެވެ.
މަސްޖިދުލް އަޤްޞާގެ ޙަރިންމައާއި ހަވާލުވެ ހުންނަވާ ޝެއިޚް ނާޖިހް ބުޤައިރާތު ވިދާޅުވީ ފަލަސްތީނުގެ ބިމުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ބަޔަކު މިދިޔަ އާދިއްތަ ދުވަހު ގަދަބާރުން ވަނީ މަސްޖިދުލް އަޤްޞާގެ ހަރިންމަތެރެއަށް ވަދެގަނެ އެތަނުގައި އިސްރާއީލްގެ ދިދަނަގާފައެވެ. ބުޤައިރާތު އިތުރަށް ވިދާޅުވީ ޔަހޫދީންގެ މީހުން އެތަނަށް ވަނުމަށްފަހު އިސްރާއީލްގެ ދިދަނަގާފައިވަނީ އެތަނުގައި އެމީހުންގެ އަޅުކަންވެސް އަދާކުރުމަށް ފަހުގައެވެ. އަދި އެމީހުންނަށް ހިމާޔަތް ދިނުމަށާއި އެމީހުންނާއި އެސަރަހައްދުގައި އެވަގުތުތިބި މުސްލިމުންނާއި ދެމެދު ހިނގާފަނެ އިތުރު ހަމަނުޖެހުމަކަށް، އިސްރާއީލްގެ ސިފައިންވެސް ދިޔައީ ހަރަކަތްތެރިވަމުން ކަމަށް ބުޤައިރާތު ވިދާޅުވިއެވެ.
ގަދަބާރުން މަސްޖިދުލް އަޤްޞާގެ ހަރިންމަތެރެއަށް ޔަހޫދީންތަކެއް ވަދެފައިމިވަނީ އިސްރާއީލުގެ ދުވަހު ނޫހަކުން، އަލް އަޤްޞާ ޙަރިންމަ ތެރޭގައި ހިންގާ ޔަހޫދީންގެ މި ޙަރަކާތްތަކުގެ ސަބަބުން ދުރަށް ފެތުރިގެން ހިނގައިދާނެ މައްސަލަތަކެއް ކުރިމަތިވެދާނެކަމުގައި ބުނެފައި ވަނިކޮށެވެ. އެ ރިޕޯޓް ބުނާގޮތުން ޖެނުއަރީ މަހުގެ އިންތިޚާބަށްފަހު ކަނާތުފިޔަ، އަދި ދީނީ ގްރޫޕް ތަކުން ވަނީ މުސްލިމުނެގެ ތިނަވަނައަށް އެންމެ މާތް ޙަރަމްފުޅުގައި ޔަހޫދީންނާއި މުސްލިމުންގެ މެދުގައި އިތުރު ހަމަނުޖެހުންތައް ހިންގުމުގެ މަސައްކަތް ފަށާފައެވެ.
އަލް އަޤްޞާ އިންތިފާޟާ ނަމުން މަޝްހޫރުވި ދެވަނަ އިންތިފާޟާވެސް ފެށިފައިވަނީ ފަލަސްތީނުގެ މުސްލިމުންނަށް އެތަކެއް އަނިޔާއެއްދިން އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު އެރިއަލް ޝެރޯން މަސްޖިދުލް އަޤްޞާއަށް ވަނުމުންނެވެ.
މިއަހަރުގެ ޖުލައިމަހު އިސްރާއީލްގެ ހައުސިންގ މިނިސްޓަރ ޔޫރީ އެރިއަލް ވަނީ މަސްޖިދް އަޤްޞާހުރި ބިމުގައި ފައްޅިއެއް އަޅަން ބޭނުންވާ ކަމަށް ބުނެފައެވެ.
1967 ވަނަ އަހަރު ހިނގި ހަދުވަހުގެ ހަނގުރާމައިގައި އިސްރާއީލްއިންވަނީ އަލް ޤުދުސްގެ މައްޗަށްވެރިވެ ގަނެފައެވެ. އަދި 1980 ވަނަ އަހަރު އެތަނަކީ އިސްރާއީލްގެ ތަނެއްގެ ގޮތުގައި ކަނޑައަޅައި ޤަވައިދާ ޚިލާފަށް ޔަހޫދީން އެސަރަހައްދުގައި އާބާދުކުރުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން މިއަދާ ހަމައަށް އެސަރަޙައްދުގައި 300000 އަށްވުރެ ގިނަ ޔަހޫދީން ވަނީ އާބާދުކުރުވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...