ބަޣާވާތަކުން ވެރިކަމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ މުޙައްމަދު މުރްސީގެ ޝަރީޢަތް މިއަދު ފަށާގޮތަށް ހަމަޖައްސައިފިއެވެ.
ޑރ މުރްސީގެ މައްޗަށް ޝަރީއަތް ހިންގަނީ ސަރުކާރާ ދެކޮޅަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޔާސީ ގަނޑުވަރުގެ ބޭރުގައި މުޒާހަރާ ކުރި ބަޔަކު މެރުމަށް ރޭއްވެވިކަމުގެ ތުހުމަތުގަ އެވެ. މިދައުވާ މުރްސީގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރަން ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މުރްސީގެ ޝަރީޢަތާ ދިމާކޮށް މިސްރުގައި އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ. ހިނގާފާނެ ހަމަނުޖެހުމަކަށް ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަނީ 20،000 ސިފައިން ނެރެފަ އެވެ.
މިސްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ހިންގި ބަޣާވާތުގައި މުރްސީ ވެރިކަމުން ދުރުކޮށްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 3 ވަނަދުވަހުއެވެ. އެކަމާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި ވަނީ ހާހެއްހާ މީހުން މަރުވެފަ އެވެ. އަދި މުރްސީ ނިސްބަތްވާ މުސްލިމް ބުރަދަހުޑުގެ އެތައް ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...