އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ކައުބާގެ އުރަކޮޅު ( ކިސްވާ ) ބަދަލުކުރާނެ ކަމަށް ދެހަރަމާ ބެހޭ އިދާރާގެ އިސްވެރިއަކު ހާމަކުރައްވައިފިއެވެ.
ސައުދީ ގެޒެޓްގައި ހާމަކޮށްފައިވާ ގޮތުގައި އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ކައުބާގެ ކިސްވާއޭ ކިޔުނު، ރަނުގެ އާޔަތްތަކުން ޖަރީކުރެވިފައިވާ ކަޅުކުލައިގެ އުރަކޮޅު މިއަދު ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ދެހަރަމާ ބެހޭ އިދާރާގެ އިސްވެރިއަކު ހާމަކުރައްވައިފަވާ ކަމަށެވެ.
މައްކާގެ ކިސްވާ ފެކްޓްރީގެ ޑިރެކްޓަރ ޖެނެރަލް ހާމަކުރާ ގޮތުގައި ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގައި 240 އަށްވުރެ ގިނަ މަސައްކަތު މީހުން އެމަސައްކަތުގައި ހަރަކާތްތެރިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ކިސްވާ ތައްޔާރުކުރުމަށް 22 މިލިއަން ސައުދީ ރިޔާލް ޚަރަދުވާ ކަމަށެވެ.
ރަނުގެ ބަރަނި ބޭނުންކޮށްގެން ޤުރުއާނުގެ އާޔަތްތައް ވިޔެފައި ހުންނަ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 700 ކގ ގެ ސިލްކްއާއި 120 ކގ ގެ ރަނާއި އަދި ރިހި ބޭނުންކޮށްފައިވެއެވެ.
ގެފުޅުގެ އުރަކޮޅަކީ ރަނާއި ރިހިން ޤުރުއާނުގެ އާޔަތްތައް ލިޔެ ޖަރީ ކުރެވިފައިވާ ކަޅުކުލައިގެ ކިސްވާއެކެވެ. ނުވަތަ ދިވެހިން ބުނާނަމަ އުރަކޮޅެކެވެ. މި އުރަކޮޅު ކުރިން ހަދައިގެން ގެންނަނީ މިޞުރުންނެވެ. ނަމަވެސް، މީގެ 75 އަހަރު ކުރިން ސަޢުދީ ޢަރަބިއްޔާގެ ބާނީ ރަސްގެފާނު އަބްދުލް ޢަޒީޒުގެ ޤަރާރުގެ ދަށުން މައްކާގައި ކިސްވާ ފެކްޓްރީއެއް ވަނީ އުފައްދަވާފައެވެ. އަދި ގެފުޅުގެ އުރަކޮޅު ހެދުން ވަނީ އޭރުއްސުރެ މި ފެކްޓްރީއާ ހަވާލުކުރެވިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...