ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖޭގެ ބައެއް ރަށްތައް ގިރައިގެން ދިޔަސް، އޭގެ ބަދަލުގައި އިތުރު އައު ރަށްތަކެއް އުފެދޭނެކަމަށް، ޖިއޮލޮޖީ ޖަރނަލްގައި ޝާއިޢުކުރި ދިރާސާއެއްގައި ހާމަކޮށްފިއެވެ.
ރަށްތައް އުފެދޭ މަރުޙަލާތަކާއި މި ސަރަޙައްދުގެ ރަށްތައް އުފެދުމުގެ ތާރީޚަށްބަލާ، މި ދިރާސާގައި ހާމަކޮށްފައިވަނީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ހުންނަ ފަރުތަކަށް ވެލި ޖަމާވުމުގެ ސަބަބުން އައު ރަށްތަކެއް އުފެދުމުގެ ފުރުޞަތު އެބަ އޮތްކަމަށެވެ. އަދި މިގޮތަށް އެންމެ 100 އަހަރުތެރެގައި ރަށްތައް އުފެދޭނެ ކަމަށް ދިރާސާގައި ހާމަކޮށްފައިވެއެވެ.
ޔުނިވަރސިޓީ އޮފް އޯކްލޭންޑް، ޖޭމްސް ކުކް ޔުނިވަރސިޓީ، ދަ ނޭޝަނަލް އިންސްޓިޓިއުޓް ފޯރ އެންވަޔަރަމެންޓަލް ސްޓަޑީޒް އިން ޖަޕާން، ކާރޓިން ޔުނިވަރސިޓީ އަދި ޔުނިވަރސިޓި އޮފް ގްލެސްގޮވް ގެ ބައިވެރިވުމާއެކު ކުރިއަށް ގެންގޮސްފައިވާ މި ދިރާސާގައި ހާމަކޮށްފައިވާ ގޮތުގައި މިހާރު ރާއްޖޭގެ ގިނަ ރަށްތަކަކީ ފާއިތުވެ ދިޔަ މަދު ހާސް އަހަރުތެރޭގައި އުފެދި ބޮޑުވެފައިވާ ރަށްތަކެކެވެ. އަދި އޭރު އެރަށްތަތަކީވެސް، މިހާރުގެ ކަނޑުގެ ލޮނުގަނޑު ހުރި މިނަށްވުރެ ކުޑަ ތަންފުކެއް ވަރު ފެނުން މައްޗަށް އުފުލިފައިވާ ރަށްތަކެއްކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މި ސަރަޙައްދުގެ ރަށްތައް އުފެދިގެންދަނީ ފަރުތަކުން ފޯރުކޮށްދޭ ވެލި ފަޅުތަކަށް އެއްވެ ޖަމާވަމުން ދިޔުމުން ކަމަށް ދިރާސާގައި ހާމަކޮށްފައިވެއެވެ. ވަށައިގެން އެކުލެވިގެންވާ ފަރުތަކުން މިހެން ވެލި އެއްވަމުންގޮސް ރަށްހެދެމުންދާއިރު، ގަސްގަހާ ގެއްސާ ޖަނަވާރުތަކުގެ ދިރުން އާލާވަމުން ދާނެކަމަށް ދިރާސާގައި ހާމަކޮށްފައިވެއެވެ. މިދިރާސާގައި ބުނާގޮތުން ތިލަ ފަޅުތަކާއި ފިނޮޅުތައް އެކުލެވޭ ކުދި ފަރުތަކަކީ ރަށްތަކަށްވުން އެންމެ ގާތް ތަންތަނެވެ.
ރާއްޖޭގެ ރަށްތައް ގިރާކަމަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކަންކަމަށް ޤުދުރަތީ ގޮތުން ކުރިމަތިލާނެ މާ ގިނަ ގޮތްތަކެއް މީހުން އާބާދުވެފައިވާ ގިނަރަށްތަކުގައި ނެތްކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންގެ ދިރާސާއިން މި ހުށައަޅަނީ ފަޅުތައް ފުރެމުންދާ އަތޮޅުތަކުގެ ތެރޭގައި އެހުރި ފަރުތަކުގައި އާ ރަށްތަކެއް އުފެދުމުގެ ފުރުޞަތު އެބަ އޮތޭ. މިތަންތަނުގައި އާބާދުވެވިދާނެ އިތުރު ބިންތައް މިފަޅުތަކުން ފޯރުކޮށްދޭނެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލިދާނެ ޙާލަތެއްގައި މިކަމުގެ ސަބަބުން އެކަން ކުޑަކޮށްދޭނެ." ދިރާސާގައި ބައިވެރިވެލެއްވި ޔުނިވަރސިޓީ އޮފް އެކްސެޓަރ ގެ ކްރިސް ޕެރީ ވިދާޅުވިއެވެ.
ދިރާސާގައި ހާމަކޮށްފައިވާ ގޮތުން އުފެދެމުންދާ ކުދި ރަށްތައް މީހުން އާބާދުވާނެ ބޮޑެތި ރަށްތަކަކަށް ބަދަލުވާނެކަމަށާއި، އެއީ މީހުން އުޅޭ ރަށްތަކުން ގިރައިގެންދާ ސަރަޙައްދުތަކުގެ ބަދަލަކަށް ވެގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...