ޢަލްމާނިއްޔަތަކީ ދީނާއި ސިޔާސަތު ވަކިކުރުމެވެ. އަދި އިންސާނީ ޙަޔާތުންވެސް ދީން އެކަހެރިކޮށްލުމެވެ.
ސައްތައިން ސައްތަ އިސްލާމީ މިކުޑަ ދައުލަތަށް ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން ކުރިމަތިވެފައި ވަނީ އިންތިހާއަށެވެ. އެބައިމީހުންގެ އެންމެ ފުރަތަމަ ޓާގެޓަކީ މިޤައުމުގެ ވެރިކަމާއި ސިޔާދަތު އެބައިމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެއަށްފަހު މި ދައުލަތަކީ މުޅިން ސެކިއުލަރ ނުވަތަ ޢަލްމާނީ ދައުލަތަކަށް ހަދާލުމެވެ. ވެރިކަމާއި ސިޔާދަތުން ދީން ނެރެ އެއްލާލުމެވެ. ލާދީނިއްޔަތު ފަތުރާލުމެވެ. އެހެންކަމުން ދީނާއި ސިޔާސަތު ވަކިކުރުމަށް ފާޅުގައި މިބައިމީހުން ދަނީ ވަކާލާތު ކުރަމުންނެވެ.
މިޤައުމުގައި ޢަލްމާނިއްޔަތަށް ވަކާލާތުކުރާ މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި އެމީހެއްގެ ފަރާތުން އެންމެ ނުރައްކާތެރިކަމެއް ދިމާވެފައިވާ މީހަކީ 7 ފެބްރުއަރީ 2012 ވަނަ އަހަރު ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދެވެ. ވެރިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ނަޝީދު ވަނީ ބޭރުގެ މީޑިއާކަށް ދެއްވި ބަސްދީގަތުމެއްގައި ލިބަރަލް ޑިމޮކްރަސީއަކަށް ގޮވާލަމުންދާކަމަށް ފާޅުގައި ވިދާޅުވެފައިވެއެވެ. އަދި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނުގެ ސަރުކާރުން ޢަރަބިއްޔާ ސްކޫލާއި މަޢުހަދު ހިންގާތީ އެކަމަށް ފާޑު ވިދާޅުވިއެވެ. އެއީ ލިބަރަލް ޑިމޮކްރަސީއެއްގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.
ވެރިކަމަށް ހޮވިވަޑައިގަތުމުން، ސީދާ ޢަލްމާނިއްޔަތުގެ ނަން ވިދާޅުނުވިޔަސް، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން، ޢަރަބިއްޔާ ސްކޫލާއި މަޢުހަދަށް ތަފާތު ދަތިކުރުންތައް ސަރުކާރުގެ ފަރާތުން އެކިއެކި ނަންނަމުގައި ކުރިމަތިވަމުން ދިޔައެވެ. ދިވެހި އިސްލާމް ދެމާއްދާއަކީ އިޚްތިޔާރީ މާއްދާއަކަށް ހެދުމަށް ކުރެވުނުހާ ކަމެއް ކުރިއެވެ. ހިނގަމުން ދިޔަ ޤާނޫނުލް ޢުޤޫބާތު ބިލުގައި އިސްލާމީ ޙުދޫދުތައް ހިމަނައިދިނުމަށް އެދި ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާލަން ފެށުމުން، އެކަމަށް ސީދާ ދެކޮޅު ހަދައި، އިސްލާމީ ޙުދޫދުތަކަށާއި އިސްލާމީ ޝަރީޢަތަށް ކުޑައިމީސް ބަސް ވިދާޅުވިއެވެ. އިސްލާމީ ޝަރީޢަތުގައި ހުދޫދުތަކަކީ ނާތަހުޒީބީ ލާއިންސާނީ ހުދޫދުތަކެއް ކަމަށް ދޭހަވާ ގޮތަށް ރެލީތަކުގައި ވާހަކަފުޅު ދެއްކެވިއެވެ.
ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ބޭރަށް ވަޑައިގެން ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމުގައި ރާއްޖޭގެ ތަޢުލީމީ މަންހަޖު އިސްލާމްދީނާ ވިހާވެސް ދުރުގޮތަކަށް ބައްޓަން ކުރައްވަން މަސައްކަތް ކުރެއްވި ކަމަށާއި ޤާނޫނު ޢުޤޫބާތްވެސް ވީހާވެސް އިސްލާމީ ޝަރިޢަތަށް ބަރޯސާ ނުވާނެގޮތަކަށް ބައްޓަން ކުރަން ހުޅަހެޅުއްވި ކަމަށް ވިދާޅުވިއެވެ.
އެއަށްފަހު ދާދިފަހުން ޑެންމާކަށް ވަޑައިގެން އެޤައުމުގެ ބަރުލަމާނުގައި ދެއްވި ލެކްޗަރެއްގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި ދީނީ ޝެއިޚުން އަތުގައި ކޮންމެ ކަމަކަށްވެސް ޤުރުއާނާއި ސުންނަތުން ދަލީލު އޮންނަ ކަމަށާއި އެބޭފުޅުން އަތުގައި އެކަހަލަ " ހެލްޕު ލައިނެއް" ނެތް ވާހަކަ ވިދާޅުވިއެވެ. އަދި އެކަން ފޫބެއްދުމުގެ ގޮތުން އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި އެބޭފުޅުން ބޭނުންފުޅުވާ މިންވަރަށް "އިސްލާޙީ މަސައްކަތް" ކުރިޔަށް ނުދާކަމަށް ވާނަމަ، ނަސާރާއިންގެ ހަނގުރާމަވެރި މަޒުހަބެއްކަމުގައިވާ ޖެޒުއިޓުން އަންނަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިކަހަލަ ކިތައްމެ ވާހާކަތަކެއް އަދި ކިތައްމެ އަމަލުތަކެއް ނަޝީދުގެ ފަރާތުން ދަނީ ފެންނަމުންނެވެ. ރައީސް ނަޝީދުގެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވެފައި، ރައީސް ނަޝީދު އަދިވެސް ވެރިކަމަށް ކުރިމަތިލައްވާފައިވާ ކަމީ ޢަލްމާނީ ފިކުރުގެ ބިރުވެރިކަމުގެ ކަޅުވިލާ އަދިވެސް ރާއްޖޭގެ ޖައްވުގައި ފެތުރިފައިވާ ކަމުގެ ހެއްކެކެވެ.
އިސްލާމީ ނަޒަރަކުން ޢަލްމާނީ ފިކުރު
ނަޝީދުފަދަ ޢަލްމާނީ ފިކުރުގެ ބޭފުޅަކަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރާ ކުރުމުން ދޭހަވާ އެއްކަމެއް އެބައޮތެވެ. އެއީ ޢަލްމާނީ ފިކުރުގެ ނުރައްކާތެރިކަން އެބައިމީހުންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި ނެތުމެވެ. އެހެންކަމުން، ޢަލްމާނީ ފިކުރަށް އިސްލާމީ ނަޒަރަކުން ބަލައިލާނަމެވެ.
ޢަލްމާނީ ފިކުރަށް ގޮވާލާ މީހުން ދެބަޔަކަށް ބަހާލެވިދާނެއެވެ. ފުރަތަމަ ބައިގެ މީހުންނަކީ، ދައުލަތުން ނުވަތަ ސިޔާސަތުން ދީން ވަކިކުރުމަށް ގޮވާލާ މީހުންނެވެ. އަދި ދެވަނަ ބައިގައި ހިމެނެނީ، އިންސާނީ ޙަޔާތުންވެސް ދީން އެކަހެރިކޮށްލުމަށް ގޮވާލަމުންދާ މީހުންނެވެ.
މި ދެބަޔަށް ބަލާއިރު، ފުރަތަމަ ބައިގެ މީހުން، އެގޮވާލަނީ ކުފުރަށެވެ. އެހެނީ މާތް ﷲ ގެ މަތިވެރި ދީނަކީ ޝާމިލުވެގެންވާ ދީނެކެވެ. އެދީނުގައި ދަޢުލަތުގެ ފަރާތުން ޙާކިމާ ޢަމަލުކުރަންވާ ގޮތް ނުވަތަ ސިޔާސަތު ވަނީ ބަޔާންކޮށްދެއްވާފައެވެ. އޭގެތެރެއިން މާތް ﷲ ގެ ޝަރީޢަތް ބިންމަތީގައި ތަންފީޒުކުރުން ހިމެނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ބާއްވާލައްވާފައިވާ ޙުދޫދުތައް ޤާއިމުކުރުން ހިމެނެއެވެ. އިސްލާމީ ޝަރީޢަތް ކަށަވަރުކޮށްދެއްވި ޢަދުލު އިންސާފު ރައްޔިތުންގެ މެދުގައި ޤާއިމުކުރުން ހިމެނެއެވެ. އެހެންކަމުން، ސިޔާސަތުން ނުވަތަ ދައުލަތުން ދީން ވަކިކުރުމަކީ މާތް ﷲ ގެ ޝަރީޢަތް އެކަހެރިކޮށްލުމެވެ. ކަނޑައެޅިގެން ކުފުރަށް ގޮވާލުމެވެ.
ދެވަނަ ބައިގެ މީހުން، އެގޮވާލަނީ އިލްޙާދަށެވެ. އެހެނީ އިންސާނީ ޙަޔާތުން ދީން ވަކިކުރުމަށް ގޮވާލުމަކީ ކަލަކު ވޮޑިގެންވާ ކަމަށް އިންކާރު ކުރުމެވެ. ވުމާއެކު، އިސްލާމީ ނަޒަރަކުން ޢަލްމާނިއްޔަތަކީ މުސްލިމުން އެއްވެސް ހާލެއްގައި އެއާ ކައިރިވުން ހުއްދަ ކުރާ އެއްޗެއް ނޫނެވެ. އިސްލާމީ މުޖުތަމަޢެއްގައި ޢަލްމާނިއްޔަތަށް ގޮވާލުމަކީ ސީދާ ބަޔާންވެގެންވާ ކުފުރަކަށް ގޮވާލުމެވެ. ބަޔާންވެގެންވާ މަގުފުރެދުމަކަށް ގޮވާލުމެވެ. އަދި އިސްލާމްދީނަކީ، ޔަހޫދީ ދީނާއި ނަޞާރާ ދީން ފަދައިން ފަސާދަވެފައިވާ ދީނެއް ކަމަށް ގޮވާލުންވެސް މެއެވެ. އިސްލާމްދީނަކީ އުނި ދީނެއްކަމަށް ބުނުންވެސްމެއެވެ. ދުނިޔެވީ ޢިލްމާއި ސައިންސާ ދެކޮޅު ހަދާ، އެ ޢިލްމުތަކާ ދެކޮޅަށް ހަނގުރާމަ ކުރާ ދީނެއްކަމަށް ބުނުންވެސް މެއެވެ.
ދުޢާއަކީ މާތް ﷲ އަޅުގަނޑުމެންގެ މިއިސްލާމީ ދައުލަތް އަބަދުގެ އަބަދަށް އިސްލާމީ ދައުލަތެއްގެ ގޮތުގައި ލެއްވުމެވެ. އަދި ޢަލްމާނީ ފިކުރާއި ކުފުރުގެ މިއްލަތްތައް މިފަސްގަނޑުގައި ބަލިކުރައްވައި އެބައިމީހުންނަށް ޤައުމުގެ ވެރިކަމާއި ސިޔާދަތު މިންވަރު ވިޔަ ނުދެއްވުމެވެ. އަޅުގަނޑުމެންގެ މައްޗަށް ރަޙުމުކުރާ، ﷲ އަށް ބިރުވެތިވާ، އަޅުގަނޑުމެންގެ ދުނިޔެއާއި އާޚިރަތުގެ ކަންތައް އެކަލާނގެ ރުއްސަވާނެ މަގުން ގެންދާނެ ވެރިންތަކެއް އަޅުގަނޑުމެންގެ މައްޗަށް ލެއްވުމެވެ. އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...