ކޮލަމިސްޓް ވިކްޓުރީގެ 'ރަތް ރީނދޫ' ތަރި އޮއްސުނީތަ؟

ވިކްޓުރީގެ 'ރަތް ރީނދޫ' ތަރި އޮއްސުނީތަ؟

ވިކްޓުރީގެ 'ރަތް ރީނދޫ' ތަރި އޮއްސުނީތަ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ވިކްޓުރީއަކީ ދިވެހި ފުޓުބޯޅައިގެ ގަދަ ބާރެކޭ ބުނެފިނަމަ އެކަމަށް ދެބަސްވާނެ އެއްވެސް މީހަކު ނޫޅޭނެއެވެ. އެއީ ދިވެހި ކުޅިވަރުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ލޭބަލް ކުރަމުން އަންނަ ކުލަބެވެ. ނަމަވެސް މިއަދު އެތަރިގޭ ވިދުން ފަނޑުވެ، ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުވަނީ 1995 އަހަރުގެ ފަހުން ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ.

ޤައުމީ މުބާރާތް ނުވަތަ ޕްރެޒިޒެންޓު ކަޕްގެ ތާރީޚްގައިވެސް އެންމެ ވިދުން ގަދަ އެއްޓީމުވަނީ ފުރަތަމަ ފަހަރަށް އެމުބާރާތް ކުޅުމުން މަހުރޫމުވެފައެވެ. މިއަހަރު ސީޒަނާ ކުރިމަތި ލިއިރުވެސް މައްސަލަތަކެއްގެ ތެރޭގައި އޮތް ވިކްޓުރީގެ ޓީމުން އެންމެ ބޮޑަށް ފާހާގަ ކުރެވުނީ މަޝްހޫރު ކުޅުންތެރިންގެ ގޮތުން ނިކަމެތި ވެފައިވުމެވެ.

މިހާހިސާބުން ވިކްޓުރީއަށް މައްސަލަ ތަކެއް ދިމާވި ސަބަބާއި ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދާނެއެވެ.

މެނޭޖުމެންޓުގައި ޖެހުނު މައްސަލަ

ގަލޮޅު ކެނެރީގެއަކީ ވިކްޓުރީގެ ތާރީޚްގައި އެގައަކުން ވިކްޓުރީއަށް ގިނަ ޚިދުމަތްތަކެއް ލިބުނު ގެއެކެވެ. ކެނެރީގޭ ޢަބްދުސައްތާރަކީ ގޮލަޅަށް ނިސްބަތްވާ ވިކްޓުރީ އުފައްދުމާއެކު، އަވަށުގެ ޒުވާނުން ގޮވައިގެން ނިކުމެ ވިކްޓުރީގެ ރަތް ކުލަތައް މުޅި ދަނޑުގައި ވިހުރުވުމަށް ފުރުޞަތު ހުޅުވާލަ ދިން ވިކްޓުރީގެ އެއް މުއައްސިސެވެ. ވިކްޓުރީގެ އެންމެ ކާމިޔާބު މުބާރާތް ޕްރެޒިޑެންޓު ކަޕްގެ ތަށި ވިކްޓުރީގެ ހަރުގަނޑުގައި ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލަދިން ވިކްޓުރީގެ މަޝްހޫރު ކޯޗު ޢަބްދުލް ޖަލީލު އަބުޖީއަކީވެސް ކެނެރީގެ ބޭފުޅެކެވެ. 80 ގެ އަހަރުތަކުގައި ވިކްޓުރީގެ މެނޭޖަރެއްގެ ގޮތުގައި ޓީމުގޮވައިގެން ދަނޑަށް ނިކުންނެވީ ކެނެރީގެއަށް ނިސްބަތްވާ ކުރިގެ ރައީސް މުޙައްމަދު ނަޝީދެވެ.

ވިކްޓުރީގެވެސް އަދި ދިވެހި ފުޓުބޯޅައިގެ ތާރީޚްގައިވެސް ފުރަތަމަ އަންހެން ޗެއަރއަކީ ކެނެރީގެއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ. އިވާ ޓީމާއި ހަވާލުވެ ގިނަ ކުޅުންތެރިންތަކެއް ޓީމަށް ގެނެއެވެ. ޤައުމީ ޓީމުގައިވެސް ޑޮމިޏޭޓު ކުރަމުން ދިޔައީ ވިކްޓުރީގެ ކުޅުންތެރިންނެވެ. ނަމަވެސް އީވާ ޓީމާ ހަވާލުވެ، ގިނަ ދުވަސްތަކެއްނުވެ މެނޭޖުމެންޓުގައި މައްސަލަ ތަކެއް އުޅޭކަން ފާހަގަ ކުރެވުނެވެ. އެފްއޭއެމްގެ އިންތިޚާބުގައި ވިކްޓުރީއިން ތާޢީދު ކުރާނެ ވަކި މީހެއް ކަނޑައެޅުމުގައި މެނޭޖުމެންޓު ތެރޭގައި މައްސަލަ ޖެހުނެވެ. އެހިސާބުން މެނޭޖުމެންޓުގެ ތެރޭގައި ދިމާވި ބައެއް މައްސލަތަކުގެ ވާހަކަތައް މީޑިއާއަށް ތިލަވެ، ބައެއް ފަރާތްތަކުގެ މެދުގައި ހިތްހަމަނުޖެހުން ތަކެއް އުޅޭކަން ކަށަވަރުވިއެވެ. ސީޒަންގެ ވަކި ހިސާބަކުން، ވިކްޓުރީގެ ޗެއަރޕާސަން ކަމުން އިވާ އިސްތިއުފާ ދިނެވެ.

މަޝްހޫރު ކުޅުންތެރިންތަކަކާއެކު ނުކުމެ ކާމިޔާބު ނުލިބުން

މިދިޔަ ސީޒަންގައި ވިކްޓުރީއަށް  މޮޅެތި ކުޅުންތެރިންތަކެއް ގެނެއެވެ. ނަމަވެސް ސީޒަންގެ ތެރެއިން ބައެއް މައްސަލަތައް ކުރިމަތިވިއެވެ. ސަން އެފްއެމްގެ ކުޅިވަރު ޕްރޮގުރާމެއްގައި ދިވެހިފުޓުބޯޅައިގެ ހުރި ބައެއް މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން، އެފްއޭމްއަށް ފާޑު ކިޔާފައިވާ ކަމަށްބުނެ، ވިކްޓުރީގެ އޭރުގެ ކޯޗު ޢަލީ ސުޒޭން ތިން މަސްދުވަހަށް ފުޓުބޯޅައިގެ ހުރިހާ ޙަރަކާތްތަކަކުން ސަސްޕެންޑު ކުރިއެވެ. ޓީމާ ހަވާލުވީ ސުޒޭންގެ އެއްބަނޑު އެއްބަފާ ކޮށްކޮ ވިކްޓުރީގެ އޭރުގެ އެސިސްޓެންޓު ކޯޗު މުޙައްމަދު ނަޒީހެވެ.

އަދަބުން ވީއްލި ސުޒޭން ޓީމަށް އައިނަމަވެސް 2012 ވަނަ އަހަރުގެ ސީޒަން ނިންމާލީ ހުސްއަތާއެވެ. އެންމެ ފަހު މެޗަށްފަހު ކޯޗުކަމުން ސުޒޭން އިސްތިއުފާ ދިނެވެ.

ކުޅުންތެރިން ނުހިފެއްޓުން

އޮފްސީޒަންތެރޭގައި ޓުރާންސްފާރ މާކެޓުގައި ވިކްޓުރީއަށް އޮވެވުނީ ޙަރަކާތެއް ނެތި ހުއްޓިފައެވެ.  ޓީމު ދޫކޮށް 15 ކުޅުންތެރިން ދިޔައިރުވެސް އިންތިގާލީ މެނޭޖުމެންޓުން ދިޔައީ އިދާރީ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޅުންތެރިން އެކި އެއްބަސްވުންތަކުގައި ސޮއި ކުރަމުން ދިޔައިރު ކުޅުންތެރިން ހިފެހެއްޓުމަށް ވިކްޓުރީގެ ވަގުތީ ބޯޑަށާއި މެނޭޖުމެންޓަށް ކުރެވުނު ކަމެއް ނެތެވެ.

ކުލަބުގެ ބޯޑުގެ އިންތިޚާބު

ޓުރާންސްފާ ބާޒާރުގައި މަޝްހޫރު ކުޅުންތެރިންގެ މުއާމަލާތްތައް ނިމުނު އިރުވެސް ވިކްޓުރީއިން ތައްޔާރުވަމުން ދިޔައީ ބޯޑުގެ އިންތިޚާބު ބޭއްވުމަށެވެ. އިންތިޚާބު ބޭއްވުމަށް އެއެކި ތާރީޚްތައް ދެމުން ދިޔައެވެ. ނަމަވެސް ސީޒަންފެށި ސީޒަން ދެބައިވިއިރުވެސް ދާއިމީ އިންތިޚާބެއް ވިކްޓުރިއަށް ނުބޭއްވުނެވެ. ޓިމު ރެލިގޭޝަން ޒޯނަށް ވެއްޓުނުއިރުވެސް ވިކްޓުރީ އޮތީ 'ޤާނޫނީ ހުސްކަމެއް'ގެ ތެރޭގައި އިންތިގާލީ މަރުހަލާގައެވެ.

ކުރިގެ ހާލަތައް އަނބުރާ ރުޖޫއަވުން

ކޮންމެއަކަސް މިއަހަރު ސީޒަންގައި ރެލިގޭޝަން ކުޅެން ޖެހުމަކީ ގިނަ ބައެއްގެ ފާޑު ކިޔުން، ވިކްޓުރީގެ ބޯޑަށާއި މެނޭޖުމެންޓަށް އަމާޒުވާނެ ކަމެކެވެ. ޚާއްޞަގޮތެއްގައި ވިކްޓުރީގެ ސަޕޯޓަރުންގެ ފަރާތުންނެވެ. ކުރިމަތީގައި ވިކްޓުރީއަށް އޮތް މުބާރަތަކީ އެފްއޭކަޕެވެ. ނަމަވެސް ވިކްޓުރީއިން މިހާރުފެށިގެން ވިސްނާނީ ރެލިގޭޓު ނުވެ ސަލާމްތް ވުމަށެވެ.

މިއަހަރު ސީޒަންގެ ފުރަތަމަ ޓުރާންސްފާރގެ ދޮރު ހުޅުވިފައިވާއިރު، ރަނގަޅު ކުޅުންތެރިންތަކެއް ވިކްޓުރީއަށް ހޯދުމަކީ މުހިއްމު ކަމެކެވެ. ނަމަވެސް ކުރިމަތީގައި އެފްއޭކަޕް ފިޔަވައި އެހެން މުބާރާތެއް ނެތުމުން، މަޝްހޫރު ކުޅުންތެރިއަކު އަތުޖެއްސުމަކީ ދަތިކަމަކަށް ވާނެއެވެ. ނަމަވެސް މިހާރު އޮތް ވަރަށްވުރެ ރަނގަޅު ސްކޮޑެއް ވިކްޓުރީއަށް އެކުލަވައިލެވިދާނެއެވެ.

ބޯޑުގެ ދާއިމީ އިންތިޚާބު ބާއްވައި، ވިކްޓުރީ އަލުން އަނބުރައި ކުރީގެ ހާލަތައް ރުޖޫއަކޮށްދޭނެ މާލިމީންތަކަކާ ޓީމުގެ ޤިޔާދަތު ހަވާލު ކުރަންޖެހެއެވެ. ވިކްޓުރީގެ 'ރަތް ރީނދޫ' ތަރި އޮއްސުމުގެ ކުރިންނެވެ. ދެވަނަ ޑިވިޜަނަށް ރެލިގޭޓު ވެއްޖެނަމަ އަލުން އަނބުރައި ފުރަތަމަ ޑިވިޜަނަށް އެރުމަކީ ދަތިކަމަކަށް ވާނެކަން ދަނެގެން ހަރުދަނާ ފިޔަވަޅު ތަކެއް އަޅަންޖެހެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.