ރިޕޯޓް

ހުރިހާ ބާރެއް އެކަކަށް ދިނުމަކީ ޚުދުމުޚްތާރުކަމަށް ބާރުދިނުން

2008     ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ލިބުނީ 44293 ވޯޓެވެ. މިއީ ވޯޓްލީ މީހުންގެ %25.09 އެވެ.

ދެވަނަ ބުރުގައި މައުމޫނާ ވާދަކޮށް ނަޝީދު ވެރިކަމަށް ހޮވުނީ ފުރަތަމަ ބުރުގައި ވާދަކޮށް 29633 ވޯޓު ލިބުނު ޑރ.ޙަސަން ސަޢީދާއި، 27056 ލިނުބު ޤާސިމް އިބްރާހިމާއި، މި އެންމެންގެ ވޯޓު ލިބިގެންނެވެ. އެ ދުވަސްވަރުގައި މައުމޫނާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ މީހުންނަކީ ރާއްޖޭގެ ދީނީ ގިނަ ޢިލްމުވެރިންނެވެ. އެބޭފުޅުން ކެންޕޭނުގައި އެތައް ރަށަކަށް ދަތުރުކުރައްވައި ނުހަނު ބުރަ މަސައްކަތް ކުރެއްވިއެވެ. ދެން ތިއްބެވި ސިޔާސީ ލީޑަރުންގެ ޖީބުން ނުހަނު ބޮޑު ޚަރަދު ކުރެއްވިއެވެ. މިހުރިހާ ޤުރްބާނެއްވެސް ދިނީ  އިޞްލާޙީ ބަދަލަކަށެވެ.

ފުރަތަމަ ބުރުގައި އެންމެ 25 ހާސް މީހުންގެ ވޯޓުލިބުނު ނަޝީދު ދެވަނަ ބުރުގައި ވެރިކަމަށް ގެނައީ އެހެން މީހުންނެވެ. އެއިރު ރާއްޖޭގެ ދީނީ ޢިލްމުވެރިން ތިބީ ނަޝީދުއާ އެއްކޮޅަށެވެ. އަދި މައުމޫނު ފިޔަވައި ދެން ތިބި ހުރިހާ ސިޔާސީ ލީޑަރުންވެސް ތިބީ ނަށީދާ އެއް ކޮޅަށެވެ.

ކޮންމެއަކަސް 2008 ގައި ވެރިކަން ބަދަލު ވުމަށްފަހު ރައްޔިތުން އިންތިޒާރުކުރަމުން ދިޔައީ އިސްލާޙީ ބަދަލުތަކަށެވެ. ނަމަވެސް ފެނިގެން ފިޔައީ މުޅިން އެހެން މަންޒަރެކެވެ. ނަޝީދުއަށް އޭނާގެ ސައިޒު އޮޅުނެވެ. ރައްޔިތުންގެ ތާއީދު އޮތް މިންވަރު މުޅިން ހަނދާން ނެތުނެވެ. އޭނާ ވެރިކަމަށް ގެންނަން ވޯޓު ދިން މީހުންނާއި، ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އެއް ފަރާތް ކުރުމަށް ފަހު ބޭރުގެ އިނގިރޭސިންނާ އެކު ވެފައިވާ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިއެވެ. މިގޮތުން އޭނާ އާއެކު ކޯލިޝަން ހެދި އެންމެން ބޭރުކުރިއެވެ. ދެން ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.

 މާލޭގައި ބަނގުރާ ވިއްކަން ޚާއްޞަތަނެއް ހެދުމުގެ މަސައްކަތް ފެށުމުން އެކަން ހުއްޓާލުމަށް ދީނީ ޢިލްމުވެރިން ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކެވިއެވެ. ރައްޔިތުން ޕެޓިޝަންތައް ހަދައި ސަރުކާރަށް ހުށަހެޅިއެވެ. ނަމަވެސް ވީ އެއްކަމެއްވެސް ނެތެވެ. އެންމެފަހުން ޖެހުނީ މަގުމަޗަށް ރައްޔިތުން ނެރެ ނަޝީދުގެ ސިޔާސަތަށް ތާއީދު ނުކުރާމީހުން ދައްކާށެވެ. ދެން ޖެހުނީ އިޒްރޭލުގެ ފްލައިޓް ރާއްޖެ ގެނައުމުގެ މައްސަލައެވެ. މިކަމުގައިވެސް ޢިލްމުވެރިންނާއި ރައްޔިތުންގެ ބަހަކަށް އޭނާ ތަބައެއް ނުވިއެވެ.

އެންމެފަހުން ސާކު ސަމިޓާ ގުޅިގެން ރާއްޖޭގައި ބުދު ބެހެއްޓިއެވެ. ރާއްޖޭގެ ޢިލްމުވެރިނާއި، ނަޝީދު ވެރިކަމަށް ގެނައި އެހެން ލީޑަރުންނާއި، ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސޓަރުވެސް އެތަކެތި ނެގުމަށް އިލްތިމާސް ކުރުމުންވެސް ނަޝީދުއަކަށް އަޑެއް ނީވުނެވެ. އަދި އޭނާ އެކަން ދެނެހުރިކަމަށްވެސް ނުހެދިއެވެ.

އަދި މިނޫނަސް ޝަރީޢަތުގެ ޙުކުމްތަކަށް ފުރައްސާރަކުރުމާއި، ދީނާއި ދީނުގެ އަހުލުވެރިން އަގުވައްޓާލަން މަސައްކަތް ކުރުމާއި، އިސްލާމީ އުޞޫލުތަކާއި ދުރު ވިސްނުމަކަށް ރާއްޖެގޭ ކަންކަން ގެންދަން ބޭނުންވާ ކަމަށް ރާއްޖެއިން ބޭރުގެ އެތައް ޤައުމެއްގައި ވާހަކަދައްކާފައި ވެއެވެ. އެންމެ ފަހުން މީނާގެ ނިމުން އައި ފަނޑިޔާރަކު ހައްޔަރު ކުރުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެކިޔާ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން މުޒާހަރާ ކުރަނިކޮށް އިސްތިއުފާ ދީގެންނެވެ.

2013 ގައި ނަޝީދަށް ވޯޓުލުމުގެ ކުރިން ވިސްނާލަން ޖެހޭ އެންމެ މުހިންމު ނުކުތާ؟

2008 ވަނަ އަހަރު ނަޝީދު ވެރިކަމަށް ގެނައީ ޢިލްމުވެރިންގެ ތާއީދާ އެކު އެހެން ސިޔާސީ ޕާޓިތަކުގެ ވޯޓުން ކަމުގައި ވީ ހިދުވެސް އެއިން އެއްވެސް މީހެއްގެ ބަސް ނޭހި މީހަކު، 2013 ވަނަ އަހަރު ޢިލްމުވެރިންނާއި އެހެން ސިޔާސީ ޕާޓިތައް އޭނާޔާ ދެކޮޅަށް ތިއްބައި ވެރިކަމަށް ހޮވިއްޖެނަމަ ދެން އޭނާ ކިތެންމެ ބޮޑު ނުބައިކަމެއް ކުރަންވެސް ފަހެއް ނުޖެހޭނެއެވެ. އަދި އެފަދަ ކަމެއް ކުރިޔަސް އެކަން މަނާ ކުރެވޭނެ މީހަކުވެސް ނުހުނާނެއެވެ. ވީމާ  އެމީހެއްގެ ވެރިކަމުގެ ތާރީޚުގައި މިފަދަ ބޮޑެތި ނޭއްގާނީ ކަންކަން ހިންގާފައިވާ މީހަކަށް މިފަދަ ބޮޑު ބާރެއް ދީފައި ވެރިކަމަށް ގެނައުމަކީ ވަރަށް ނުރައްކާ ކަމެއްކަމުގައި ނޫނީ ނުވާނެކަން ކަށަވަރެވެ. އަދި އެކަން ވެގެން ދާނީ ދިވެހިރާއްޖެއަށް އަލުން އަނބުރާ އިޢާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަށެވެ. ފަހުން ހިތާމަކުރަން ތިބުން ނޫން ގޮތެއް އެދުވަހުން ނޯނާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް