ރިޕޯޓް ފާޙިޝް ފޮޓޯތައް ޝާއިޢު ކުރުމަކީ ކޯޑް އޮފް އެތިކްސް ހެއްޔެވެ؟

ފާޙިޝް ފޮޓޯތައް ޝާއިޢު ކުރުމަކީ ކޯޑް އޮފް އެތިކްސް ހެއްޔެވެ؟

ފާޙިޝް ފޮޓޯތައް ޝާއިޢު ކުރުމަކީ ކޯޑް އޮފް އެތިކްސް ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މީހަކު ނިވާކަން ކުޑަ ހެދުމެއް ލައިގެން އުޅެދާނެއެވެ. އެފަދަ އެތައް ބަޔަކު މަޖީދީ މަގަށް ނިކުމެލުމުން ފެންނާނެއެވެ. ބޮޑު މަންޒަރު ބަލައިލުމުން ފެންނާނީވެސް މުޅިން އެކަހަލަ ނިވާކަންކުޑަ، ހެދުންލައިގެން ޢައުރަ ނިވާނުކޮށްތިބި އެތައްބައެއްގެ ސޫރައެވެ. އަދި އޭގެތެރެއިންވެސް އެހެންމީހުންނަށް ގޮންޖަހާ ވަރުގެ ނިވާކަން ކުޑަ އެއްޗެއް ލައިގެން ނިކުތުމުން އެކަން އިތުރަށް އިޝްތިހާރުކޮށް އެކަން އެންމެނަށް އަންގައި، އެ ކުއްޖާގެ އެ ފާޙިޝް ފޮޓޯ ނޫހުގައި ޖަހައި ނުފެންނަ އެންމެނަށް އެކުއްޖާ ދެއްކުމަށްޓަކައި އެ ފޮޓޯތައް ފެތުރުމަކީ ހަމަ ޒިންމާދާރު ނޫސްވެރިކަން ބާއެވެ! ނުވަތަ ޚަބަރުތައް ގެނެސްދިނުމުގެ ނަމުގައި ނުބައި ފާހިޝް މަންޒަރުތައް ނޫސްތަކުގައި ޖަހަމުން އެގެންދަނީ ޤައުމީ މަސްލަޙަތަށްޓަކައި ހެއްޔެވެ؟ ނުވަތަ ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކް އަކީ އެއީ ބާއެވެ! ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިއީ އަދި ވަކިން ކަންބޮޑުވާންޖެހޭކަމެކެވެ.

މިދަންނަވަނީ މާލޭގެ މަގުމަތީގައި ނިވާކަންކުޑަ ހެދުމެއް ލައިގެން އުޅުނު އަންހެނަކު ހައްޔަރު ކުރުމުން މުޅި މީޑިޔާގައި އެޚަބަރު ފެތުރިގެން ދިޔަ ގޮތުގެ ވާހަކައެވެ. ސޯޝަލް މީޑިޔާގައި އެ ކުއްޖާގެ ފޮޓޯތަކާއި، އަދި އެއަށްވުރެ ވަކީން ލަދުޙަޔާތެއްނެތް ފާހިޝް ފޮޓޯތައް ޝާއިޢުކޮށް ތަފާތު ވާހަކަތައް ދިޔައީ އެދަނީ ފަތުރަމުންނެވެ. ނަމަވެސް އެއީ ސޯޝަލް މީޑިޔާއެވެ. އެތަންތަނަށް ވަދެ އުޅޭމީހުންގެ ގިނަ ވަގުތު ބޭކާރުކުރަނީ އެފަދަ ފާހިޝް މަންޒަރުތައް ބެލުމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ.

ކުރިންވެސް ދެންނެވިފަދައިން ހިތާމަކުރަންޖެހޭ ކަމަކީ، މީޑިޔާގެ މިނިވަންކަމޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމޭ ގޮވާ ނަގަމުންދާ ނޫސްވެރިކަމުގެ މިންގަނޑުތައް، އެމީހުންގެ އަތްތަކުން މުގުރައި ފުޑުފުޑުކުރަމުންދާތީއެވެ. އެމީހުން އަމިއްލައަށް ހަދައި އެއަށް އީމާންވާ ކޯޑް އޮފް އެތިކް ވެސް މުގުރަމުންދާތީއެވެ. އެފަދަ ޚަބަރެއް ގެންނަ ކޮންމެ ފަހަރަކު ފާހިޝް ފޮޓޯގަނޑެއް ނުޖަހައިފިއްޔާ އެއީ ޚަބަރަކަށް ނުވަނީ ބާއެވެ!

މީޑިޔާގެ އެތިކްސްތަކަކީ މިއީ ތޯއެވެ؟ މީޑިޔާގެ މިނިވަންކަމާއި އިމްތިޔާޒު ތަކަކީ އެއީބާއެވެ. ނޫސްވެރިން ހިތަށް އެރީމާ، ހިތުހުރި އެއްޗެއް ލިޔެ، ހިތުހުރި ފޮޓޯއެއް ޝާއިޢު ކުރީމާ އެއީ ނޫސްވެރިކަން މިނިވަންވީ ތޯއެވެ؟ މިހާރުގެ ނޫސްވެރިކަން ޑިމޮކްރަސީއަކަށް ދުލެއް ނުކުރޭތާއެވެ.

މުއުމިނުންގެ ތެރޭގައި ފާހިޝް ކަންތައްތައް ފެތުރުމަށް މަސައްކަތް ކުރުމަކީ ކީރިތި ޤުރްއާނުގައިވެސް މަނާކުރައްވާފައިވާ ކަމެއްކަން މުސްލިމްކަމަށް ދަޢުވާ ކުރާ ނޫސްވެރިންނަށް ނޭނގެނީ ބާއެވެ.

އޭ ޒިންމާދާރު ނޫސްވެރިޔާއެވެ. މީހަކު ފާފައެއް ކުރުމަށްވުރެ އެފާފައިގެ ވާހަކަ ދައްކައި، އެކަން ފޮޓޯ ނުވަތަ ވީޑިއޯއާއެކު ފަތުރާ މީހާގެ ފާފަ މާ ބޮޑުކަން ތިޔަ ނޫސްވެރިޔާއަށް ނޭނގެނީހެއްޔެވެ؟ ނޭނގެންޏާ އެނގޭ މީހުން ކައިރީ އަހާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.