ކޮލަމިސްޓް ބޭރުގެފަރާތްތައް ރުއްސުމަށްޓަކައި ދައްކަމުންދާ ލާދީނީ ވާހަކަތައް

ބޭރުގެފަރާތްތައް ރުއްސުމަށްޓަކައި ދައްކަމުންދާ ލާދީނީ ވާހަކަތައް

ބޭރުގެފަރާތްތައް ރުއްސުމަށްޓަކައި ދައްކަމުންދާ ލާދީނީ ވާހަކަތައް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

"އިސްލާމްދީނާއި ޚިލާފް ވާހަކަތަކެއް ރައީސް ނަޝީދަކަށް ނުދެއްކެވޭނެ، އަދި އިސްލާމްދީނާއި ޚިލާފްކަންކަން މިރާއްޖޭގައި ތަންފީޒުކުރަން މަސައްކަތްކޮށްގެންވެސް ނުވާނެ އެއްވެސް ވެރިއަކު، އަދި އިސްލާމްދީން ކޮމްޕްރޮމައިޒްކުރާ އެއްވެސް ސިޔާސަތެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކަންވެސް މިރާއްޖޭގެ އެއްވެސް ސިޔާސީ ވެރިއަކު، ސިޔާސީ ޕާޓީއަކުން މަސައްކަތް ކޮށްގެން ނުވާނެ" – މިއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީގެ ބަހެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އިޝާރާތްކޮށް އަލްހާން ފޮނުވާލާފައިވާ ބަހުގެ ހަމަލާއެކެވެ. އަލްހާން މިހަމަލާ ދިނީ އެމްޑީޕީގެ ނައިބް ރައީސް ކަމުގެ މަޤާމުގައި ހުރެގެންނެވެ.

"ބޭރުގެ ފަރާތްތައް ރުއްސުމަށްޓަކައި" ކުރީގެ ރައީސް މުހަންމަދު ނަޝީދު އިސްލާމްދީނާއި ޚިލާފަށް ވާހަކަ ދައްކާ ކަމަށް ސިޔާސީ އެތައް ޕޯޑިއަމްތަކުން އަޑު އިވިފައިވެއެވެ. ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުފަރާތްތަކުންވެސް މިތުހުމަތު އެކި ވަސީލަތްތައް މެދުވެރިކޮށް ކުރަމުންދެއެވެ. ނަތީޖާއެއްގެ ގޮތުން އެފަރާތްތަކުން ކުރީގެ ރައީސް ނަޝީދަށް 'ލާދީނީ'ކަމުގެ ތުހުމަތު ކުރަމުންދެއެވެ.

ދުނިޔޭގެ ތާރީހަށް ނަޒަރު ހިންގާލާއިރު ބައެއް ސިޔާސީ މީހުން ހުޅަނގުގެ ތާއީދު ހޯދުމަށްޓަކައި އިސްލާމް ދީނާއި ބީރަށްޓެހި ވާހަކަ ދައްކާ ހުޅަނގުގެ ސަމާލުކަން ހޯދަން މަސައްކަތް ކޮށްފައިވެއެވެ. ދުނިޔޭގެ ބާރުތަކުގެ އެހީގައި ވެރިކަމަށް އައުމާއި ވެރިކަމުގައި ދެމިހުރުމަށް 'ލާދީނީ' ވާހަކަތައް މުހިންމު ރޯލެއް އަދާކުރެއެވެ. ހާއްސަގޮތެއްގައި އެޤައުމެއްގައި 'ހައްދުފަހަނައަޅާފައިވާ މުސްލިމުން' ތިބޭ ވާހަކަ ދައްކާ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުންދެއެވެ. މީގެ ނަތީޖާއަކަށް ހުޅަނގުގެ ލޯ އެމީހަކަށް އަމާޒުވެ ފައިސާތައް އޮހެން ފަށައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރެވެނީ ބޭރު ގައުމުތަކުގައި "ބޭރުގެ ފަރާތްތައް ރުއްސުމަށްޓަކައި" ވަރަށް ގިނައިން ވާހަކަ ދައްކާ ސިޔާސީވެރިއެއްގެ ގޮތުގައެވެ. ދާދިފަހުންވެސް ވަނީ އެފަދަ ޅަ އެއްޗެއް އަޅާފައެވެ. އިސްލާމްގެ ލިބެރަލް ވަރޝަނެއް ގެނައުން މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ ނަޝީދު ވަނީ ވާހަކަ ދައްކާފައެވެ.

"ބޭރުގެ ފަރާތްތައް ރުއްސުމަށްޓަކައި" ނަޝީދު އުޅޭކަމަށް އެކި ފަރާތްތަކުން ބުނާ ބުނުން މިއަދުގެ ސަރުކާރުންވެސް ވަނީ ތަކުރާރުކޮށްފައެވެ. ވީމީޑީއާއަށް ދީފައިވާ ބަސްދީގަތުމެއްގައި ސަރުކާރުގެ ތަރުޖަމާނު އަޙްމަދު ތައުފީޤް ވިދާޅުވެފައިވަނީ "މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިއްބާ ބޭރުގެ ޔަހޫދީން ރުއްސާ އެމީހުން އަތުން ނަފާ ހޯދުމަށް އިސްލާމް ދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް ދެއްކެވި ވާހަކަތައް ސަރުކާރުން ކުށްވެރިކުރާ ކަމަށާ އަދި އެވާހަކަތައް ދިވެހި އެއްވެސް ރައްޔިތަކު ޤަބޫލްނުކުރާނެ"ކަމަށެވެ. އަދި "ނަޝީދު ކުރައްވަމުން ގެންދަވަނީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ޢަމަލެއް ކަމަށާ މިކަމުގެ ނުރައްކާތެރިކަމާއި އެފަދަ ވާހަކަތަކުން ދުރުވެ ތިބުމުގެ މުހިންމުކަން ދީނީ އިލްމުވެރިން މިހާރަށްވުރެ ފުޅާކޮށް ދިވެހިންނަށް ކިޔައިދެއްވަން ޖެހިފައިވާ"ކަމަށްވެސް ތައުފީގު ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ސިޔާސީ ޕާޓީތަކުގެ ބަސްމަގުވެސް ހުރީ ނަޝީދާއި އިދިކޮޅަށެވެ. އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ "އިސްލާމީ އުސޫލުތަކަށާއި އެ ދީނުގެ ޝަރީއަތަށާއި އެ ދީނަށް ތަބާވާ މީހުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮންނަ ނަފްރަތު ފާޅުކުރެއްވުމަކީ ކެނޑިނޭޅި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ކަމެއް" ކަމަށާއި "މި ނަފްރަތުގެ ހުޅުގަނޑު އެންމެ ބޮޑަށް ފާޅުވެގެން ދަނީ އޭނާގެ ވާގިވެރިން ކަމުގައިވާ ޣައިރުދީނުގެ މިޝަނަރީންގެ ގާތަށް ވަޑައިގެންނެވޭ ވަގުތު ތަކުގައި”ކަމަށެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ކުރީގެ ރައީސް ނަޝިދުގެ ވެރިކަމުގައިވެސް އިސްލާމްދީނަށް ވަނީ އެކި ގޮތްގޮތަށް ފާޑު ވިދާޅުވެ ޣައިރު މުސްލިމުން ރުއްސަން މިފަދަ އެތައް ކަމެއް ކުރައްވާފައިވާ"ކަމަށެވެ. އަދި "މުހައްމަދު ނަޝީދު ޑެންމާކްއަށް ކުރެއްވި ދަތުރުގައި ޑެންމާކުގެ ޔުނިވަރސިޓީއެއްގައި ވާހަކަދައްކަވަމުން މާﷲ ގެ ވަޙީ ބަސްފުޅާއި ކައުއިތުރު މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްފުޅު ނޫން އެހެން ހައްލެއް ބޭނުން ކަމަށްބުނެ، އިސްލާމްދީނަށް ފާޑު ވިދާޅުވެ ދެއްކެވި “ލާދީނީ” ވާހަކަތައް ޕީޕީއެމްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ.

ޖުމްހޫރީ ޕާޓީއިންވެސް މިކަން ކުށްވެރި ކޮށް ނަޝީދު ތައުބާވުމަށް ވަނީ ގޮވާލާފައެވެ. ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ވަނީ "ކުރީގެ ރައީސް ނަޝީދަކީ ރާއްޖޭގެ ވެރިކަމުގައި އޭނާ ހުރި ދުވަސްތަކުގައިވެސް އަދި ވެރިކަމުން އަމިއްލައަށް އިސްތިޢުފާ ދިނުމަށް ފަހުގައިވެސް އިސްލާމީ ރިވެތި އުޞޫލުތަކުގައި ދިވެހީން ހިފަހައްޓަމުންދާތީ އެކަމަށް ފުރައްސާރަކުރުމުގެ އިތުރުން، ދިވެހީންގެ އިސްލާމީ ޝަޚްޞިއްޔަތު ހަލާކުކޮށްލުމަށް ވަރަށް ފާޅުކަން ބޮޑު ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހެއް"ކަމަށެވެ.

އެކި ފަރާތްތަކުގެ ބަސްމަގު މިހެން ހުރިކަމުގައިވިޔަސް އަދިވެސް ނަޝީދު ދަނީ "ބޭރުގެ ފަރާތްތައް ރުއްސުމަށްޓަކައި" އިތުރު ވާހަކަތައް ދައްކަމުންނެވެ. ޑެންމާކުގައި ދެއްކި ވާހަކަތައް ދިފާއުކޮށް “ދޭތިން ފަހެތި” ކެންޕޭންގެ ރޭ ދ.މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ކުރީގެ ރައީސް ނަޝީދު ބުނެފައިވަނީ “އަޅުގަނޑުމެންގެ ވާހަކަދެއްކުމާއި ވިސްނުން ބައެއް ޝެއިހުންގެ ގޮތުގައި މިއުޅޭ މީހުންގެ ވިސްނުމާ ތަފާތު ވެދާނެ”ކަމަށާއި “ސޯލިހު ދީންވެރި މީހުން” އަޅުގަނޑު މެންނާ ދިމާލަށް އެހެން (ލާދީނީއޭ) ބުނާތީ، ވަރަށް ކަންބޮޑު ވާ"ކަމަށެވެ.

ކޮންމެއަކަސް "ބޭރުގެ ފަރާތްތައް ރުއްސުމަށްޓަކައި" ކުރީގެ ރައީސް ނަޝީދު ދައްކާ ވަހަކަތަކުގެ ސިލްސިލާ އަދިވެސް ދަނީ ކުރިއަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.