ޖައްވުހޫނުވާ ވާހަކައާއި ކަނޑުގެ ލޮނުގަނޑު އުފެލޭވާހަކަ، އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ވާހަކައަކީ އަލުގަޑުމެންގެ ވެރިން ވަރަށްގިނައިން ދައްކަވައި އުޅުއްވާ ވާހަކައެކެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު ވެރިކަމާއި ޙަވާލުވިތާ ކުރީކޮޅު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅެވޭވަރުގެ ބިމެއް އެހެންކޮންމެވެސް ޤައުމަކުން ހޯއްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެ އަޑިއަށް ހިގައިދާނެ ކަމުގެ ބިރަށްވުރެން މާބޮޑުބިރެއް ދިވެހިރައްޔިތުންނަށް މިހާރު އެބައޮތެވެ. އެއީ މިހާރުގެ ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ދިވެހިރާއްޖެ ދާޚިލީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރެވެ. އަލްމާނީ ފިކުރުގެ މީހުންނާއި އިސްލާމްދީނުގެ އުޞޫލަތަކަށް ތަބާވާމީހުންގެ ދެމެދުގައެވެ. ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބައްޓަންކުރެވޭތަން ފެންނަނީ އިސްލާމްދީނާއި ދެކޮޅު އަލްމާނީ ފިކުރަށް އިސްކަންދީގެންނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިމިވީ 705 ދުވަހަށް ބަލާއިރު މިކަން ވަރަށް ސާފުކޮށްފެންނަން އެބައޮތެވެ. އިސްލާމްދީނާއި ގުޅުންހުރި ކޮންމެކަމެއްގައި ސަރުކާރުގެ ސިޔާސަތަކީ މުސްލިމު ދިވެހިރައްޔިތުންނަށް ވުރެން ހުޅަގުގެ ފަރަންޖީންނާއި އެއުރެންނަށް ތަބާވާ މަދު އަލްމާނީ ފިކުރުގެ ދިވެހިންކޮޅެއްގެ ޝުޢޫރަށް އިސްކަންދިނުމެވެ.
މީހުން ދިރިއުޅޭރަށްރަށުގައި ބަނގުރާވިއްކުމުގެ ހުއްދަދޭން ސަރުކާރުން ނިންމުމާއި ގުޅިގެން ރައްޔިތުން، އެކަންނުކުރުމަށްއެދި ސަރުކާރުގެ އެކިއެކި މުއްސަސާތަކުގައި އާދޭސް ކުރަމުން އެތަކެއްދުވަސްތަކެއް ވަންދެކަށް ހިގިއެވެ. ނަމަވެސް އެއަޑު އަހާކަށް ސަރުކާރުގެ ވެރިންނެއް ބޭނުމެއްނުވިއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމްދީނަށް ލޯބިކުރާ ދިވެހިރައްޔިތުންނަށް މަޖުބޫރުވީ ދެވަނަ ވިސްނުމަކަށްދާށެވެ. އެންމެފަހުން ސަރުކާރަށް އެކަންނުކުރުމަށް މަޖުބޫރުކުވީ މުސްލިމު ދިވެހިރައްޔިތުން މުޒާހަރާ ކޮށްގެންނެވެ. ތަޢްލީމީ މަންހަޖު އިސްލާހުކުރުމުގެ ނަމުގައި، މިހާރު ސަރުކާރުން އެފަދަ ދެވަނަ މުޒާހަރާއަކަށް ދިވެހިން ނިކުންނަން މަޖުބޫރުއެބަކުރުވައެވެ. ތުއްތުކުދިންނާއި ބޮޑެތިކުދިން އެއްސްކޫލަކަށް ކިޔަވަންދާން ޖެއްސުމުގެ އިތުރުން ދެޖިންސްގެ ކުދިން މަސްހުނިކޮށް ކިޔަވައިދޭންވެސް ސަރުކާރުންވަނީ ފޫގަޅާފައެވެ. މަތީޘާނަވީގެ ދަރިވަރުންނަށް ދިވެހިބާހާއި ދިވެހިންގެ ޢަޤީދާއާއި ގުޅިފައިވާ އިސްލާމް މާއްދާ އިޚުތިޔާރީ މާއްދާތަކަށް ހެދުމަށް އަދުގެ ސަރުކާރުން ވަނީ ނިންމާފައެވެ. ދިވެހި، އިސްލާމް ނަގާ ދަރިވަރެއްނަމަ އިތުރަށް ކިޔަވަން ލިބެނީ އިތުރު ތިންމާއްދާއެވެ. ބޭނުމަކީ ދިވެހި، އިސްލާމަށް އޮތްފުރުޞަތު ހަނިކޮށްލުމެވެ. ކިޔަވަންބޭނުންވާ ދަރިވަރުންނަށްވެސް އެހެންދާއިރާއަކުން ކުރިއަށްދާން ބޭނުމިއްޔާ ދިވެހި، އިސްލާމްދޫކޮށްލަން މަޖުބޫރުކުރުމެވެ.
ދާދިފަހުން، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުޞްޠަފާ ވިދާޅުވެފައިވަނީ އެމަނިކުފާނު މިގެންދާގޮތަށް ގޮސް މަދަރުސާ ނިމޭކުދިންނަކީ ވަކިތަނަކަށް ނުވަތަ ވަކިޚިޔާލަކަށް ތައްގަނޑު ވެފައިތިބޭ ކުދިންތަކަށް ނުވާނެ ކަމުގައެވެ. މާނައަކީ މުޞްޠަފާގެ ފަލްސަފާގެ ދަށުން މަދުރަސާނިމިގެން ނިކުންނަ ކުދިންނަކީ އެއްވެސް ދީނެއްޤަބޫލު ކުރާ އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ކުއްޖަކަށް ވިޔަނުދެއްވާނެ ކަމުގައެވެ. ދިވެހިރާއްޖޭގެ ދަރިވަރުންނަށް އިޝާރާތްކުރައްވައި، ވަކިތަނަކަށް ނިސްބަތްވާ ބައެކޭ ވިދާޅުވުމުމުން، އެނިސްބަތްވަނީ ދިވެހިޤައުމަށެވެ. އަދި ވަކިފިކުރަކަށް ނިސްބަތްވުމޭ ވިދާޅުވުމުން، ކަނޑައެޅިގެން އެވިދާޅުވެނީ އިސްލާމްދީނުގެ ފިކުރުގެ ވާހަކައެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާޢިދު ސަރުކާރު ގެޒެޓްގައި ޖަހައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުނީމައި ރައީސް އޮފީހުން ބުނެފައިވަނީ އެޤަވާޢިދުގައި ޕޮލިސީއާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމުގައެވެ. ނަމަވެސް އެއީ ކޮންޕޮލިސީއެއް ކަމެއް ހާމައެއްނުކުރެއެވެ. އަދިވެސް އެޤަވާޢިދުވީ އެޓާރނީޖެނެރަލް އޮފީހުގެ މަތާރަންފިލާ މަތީގައެވެ. މުޅިދުނިޔެ ދަންނަ މަޝްހޫރު އިސްލާމީ ޢާލިމު ޑރ. ޒާކިރު ނައިކްގެ ދަރުސެއް ބާއްވަން އިސްލާމިކް މިނިސްޓީއަށް މިމާލެއިން ތަނެއް ލިބުނީވެސް ދިވެހިރައްޔިތުން މުޒާހަރާއަށް ނިކުމެދާނެ ކަމުގެ ބިރުހީވެގެންނެވެ.
އެމްޑީޕީ އިން އަބަދުވެސް ދަޢްވާ ކުރަނީ، އެއީ މިޤައުމުގައިއޮތް އެންމެ ޑިމޮކްރެޓިކް ސިޔާސީޕާޓީ ކަމުގައެވެ. އަދި ބައެއްފަހަރު އެމްޑީޕީން ބުނާގޮތުގައި ދިވެހިރާއްޖޭގައިއޮތް ހަމައެކަނި ޑިމޮކްރެޓިކް އުސޫލުން ހިންގާ ޕާޓީއަކީ އެމްޑީޕީއެވެ. ނަމަވެސް ވެރިކަމަށް އައިފަހުން މިފެންނަނީ ޢަމަލާއި ބަހާއި ދިމާނުވާ ތަނެވެ. ޑިމޮކްރަސީއަށް ފުރަގަސްދޭތަނެވެ. މިޤައުމުގެ ރައްޔިތުންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. އަދި އެއުރެން ބޭނުންވަނީ ދިވެހި ޤައުމު އިސްލާމީ އުސޫލުތަކުގެ މަތީގައި ބިނާކުރާށެވެ. ނަމަވެސް ސަރުކާރުގެ ޢަމަލުތަކަށްބަލާއިރު ފެންނަނީ މިޤައުމުގައި ތިބި އަލްމާނީ ފަލްސަފާއަށް ތާއީދުކުރާ މަދުބައެއްގެ އެދުމާއި އެއްގޮތަށް ޤައުމު ބައްޓަންކުރާށެވެ. ދޭސީންނަށްވުރެން ބިދޭސީންގެ ރުހުމަށް އިސްކަންދޭތަނެވެ. ވީއިރު އެބުނާ ޑިމޮކްރަސީ ކޮބައިތޯއެވެ. ޑިމޮކްރަސީގައި އޮންނަނީ ގިނަމީހުން ބޭނުންވާ ގޮތްކަމަށްވާއިރު މިޤައުމުގެ ގިނަރައްޔިތުން އެދޭގޮތް އެއީ ޑިމޮކްރަސީއަށް ނުވަނީ ބާވައެވެ. ސަރުކާރުގެ މިފަދަ ނޭއްގާނި ޢަމަލުތަކަށްބަލާއިރު މިޤައުމު ދާޚިލީ ހަމަނުޖެހުމަކާއި ދިމާލަށް ލަވަމުން ގެންދާކަމަށް ޤަބޫލުކުރެވެއެވެ. އިސްލާމީ އުސޫލުތަކަށް ލޯބިކުރާ މީހުންނާއި ހުޅަގުގެ އުސޫލުތަކަށް ލޯބިކުރާ އަންމާނީ މީހުންނާއި ދެމެދުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...