ޕާކިސްތާނުގެ ޒުވާނުންގެ ތެރެއިން ސުވާލުކުރެވުނު 5000 ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައަށް ވުރެ ގިނަ ޢަދަދެއްގެ ޒުވާނުން، އެމީހުން ބޭނުންވަނީ ޑިމޮކްރަސީއެއް ނޫންކަމަށާއި އޭގެ ބަދަލުގައި އިސްލާމީ ޝަރީޢާކަމަށް ބްރިޓީޝް ކައުންސިލްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މިދިރާސާ ބުނާ ގޮތުން ޕާކިސްތާނުގެ ޒުވާނުން ބުނެފައިވަނީ ޑިމޮކްރަސީއަކީ އެމީހުންނަށް އަދި އެމީހުންގެ ޤައުމަށްވެސް ފައިދާއެއް ލިއްބައިދޭ އެއްޗެއް ނޫންކަމަށެވެ. އަދި ފެޑެރަލް ޑިމޮކްރެޓިކް ނިޒާމަށް ތަބާވާ ޕާކިސްތާން މިހާރު ކުރިއަށްދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމަށް 94% ކުދިން ފާހަގަކޮށްފައިވެއެވެ. 2007 ވަނަ އަހަރުގެ ދިރާސާއިން މިޢަދަދު ދައްކަނީ އެންމެ 50% ގައެވެ.
އެންމެ ރަނގަޅު ސިޔާސީ ނިޒާމެއް އިޚްތިޔާރު ކުރަންވެސް މި ދިރާސާގައި ސުވާލުކުރެވުނެވެ. މިސުވާލުގެ ޖަވާބަށްވެސް ޑިމޮކްރަސީއަށް ވުރެ ކުރީގައި އިސްލާމީ ޝަރީޢާ އުޅޭއިރު، ޑިމޮކްރަސީގެ މައްޗަށް އަސްކަރީ ވެރިކަންވެސް އިޚްތިޔާރުކުރެވިފައިވެއެވެ. މިކަމުންވެސް ޑިކޮމްރަސީއާ މެދު ޕާކިސްތާނުގެ ޒުވާނުން މާޔޫސްވެފައިވާ މިންވަރު ހާމަވެގެން ދެއެވެ.
މިދިރާސާ ކުރެވިފައިވަނީ ޢުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ 5000 ޒުވާނުންގެ މެދުގައެވެ. މިޢުމުރުފުރާއަކީ އަންނަ މޭ މަހު އޮންނަ ޕާކިސްތާނުގެ ޢާއްމު އިންތިޚާބުގައި އިސް ދައުރެއް އަދާކުރާނެ ޢުމުރުފުރާއެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...