ބަކަރި އެއީ އޭގެޒާތުގައިވެސް ވަރަށް ނުބައިވަސް ދުވާ އެއްޗެކެވެ. ބަކަރީގެ އެންމެ މަޝްހޫރު އެއް ސިފައަކީ އޭތި ލަވާ ހަޅޭކެވެ. އިންސާނުންގެތެރޭގައި ބައެއް ފަހަރަށް ބަކަރި ހަޅޭއްލަވާ ގޮތޭ ކިޔައި މިސާލު ޖަހަމުން ދެއެވެ. ބަކަރި ގޮވާ އަޑަކީ ހުތުރު އަޑެއްގެ ގޮތުގައި އިންސާނުން ސިފަކުރެއެވެ.
ބަކަރި އުޅޭ ރަށަކަށް އަރައިފިއްޔާ މާކުރިން އެނގޭނެއެވެ. އެ އެއްޗެތި ނުފެންނަނީސް އޭގެ ނުބައި ވަސް ދުވަން ފަށާނެއެވެ. އަދި އަމުދުން ބަކަރި ކޮށްޓެއްގެ ވައިދަށުގައި ތިބެން ޖެހިއްޖެއްޔާ އެހިސާބުން ޒަމާން ދިޔައީއެވެ. ބަކަރި ގެންގުޅޭ މީހުން އެ އެއްޗެތި ގެންގުޅެނީ ވަރަށް ބަލައިގެންނެވެ. އޭތީގެ ހަށިގަނޑުގައި އެ އުފެދޭ ނުބައިވަސް ފިލުވުމަށްޓަކައި ވަރަށް ގިނައިން ފެންވަރުވާ ހަދައެވެ. އަދި ކަންފަތާއި އެހެނިހެން ތަންތަން ވަރަށް ގިނައިން ސާފު ކުރެއެވެ. ކިތަންމެ ވަރަކަށް ކާންދިނަސް ބަނޑު ފުރޭކަމަކަށް ނުވެއެެވެ. އޮންނާނީ ހަމަ ދިން ވަރެކެވެ. ބަކަރި ޢާއްމުކޮށް ކައި އުޅެނީ "ފަތެވެ". އެކި ކަހަލަ "ފަތެވެ". އެކަމަކު ބައެއް މީހުން ބުނާގޮތުން ބަކަރި އެއީ ވަރަށް ބޮޑާ ކިބުރުވެރި އެއްޗެކެވެ. ތަންކޮޅެއް ރަނގަޅު އެއްޗެއް ކާން ދީފިނަމަ ދެން އެއަށްފަހު އެނޫން އެއްޗެއް ޤަބޫލެއް ނުކުރާނެއެވެ. އެހާވެސް ބޮޑާ އެއްޗެކެވެ. އެ އެއްޗެތީގެ ހަގީގީ ސައިޒު އެ އެއްޗިއްސަށް ހުންނަނީ އޮޅިފައެވެ. އެ އެއްޗިއްސަށް ހީވަނީ ބާރަށް ހަޅޭއްލެވީމައި ހުރިހައި ކަމެއް ނިމުނީކަމަށެވެ. ނަމަވެސް ތިމާމެންގެ ގައިން ދުވާ ނުބައި ވަހުން އެހެން އެއްޗިއްސަށް ނޯއްދަމާލަން ނުކެރިފައި ތިބޭކަމެއް މި ބަކަރި ތަކަކަށް ނޭނގެއެވެ.
ބަކަރީގެ އަނެއް އާދަޔާޚިލާފު ސިފައަކީ އެކަތި އަނެއްކައްޗާއި ތަޅާފޮޅުމެވެ. ގެންގުޅޭ މީހާއަށް ވާނުވާއެއް ނޭނގޭނެއެވެ. ހަމަތިބެލާފައި ތަޅާފޮޅައިގެންފާނެއެވެ. އެކަތި މައްޗަށް އަނެކަތި އަރައިގެން ތަޅާފޮޅާއިރު ބައެއް ބަކަރިތައް އެކަމަށް ހިތްވަރުދޭން ދުރުގައި ބަލަން ތިބޭނެއެވެ. ބަކަރި ކޮށީގައި އެއްވެސް ޤާނޫނެއް ނޯންނާނެއެވެ. އޮންނާނީ ގަދަ އެއްޗެއް ގަދަވާ އުޞޫލެވެ.
ފާއިތުވީ ދެތިން އަހަރުން ފެށިގެން މިއަދާއި ހަމައަށް ބަކަރި ކޮށީގެ ކަންތައް ވަރަށް މައްޗަށް ގޮސްފައިވެއެވެ. ބަކަރިތަކުގެ ސުންޕާއާއި ބަލާވެރިކަން ވަރަށް މައްޗަށް ގޮސްފައިވެއެވެ. ދުލަށް އައިހާ އެއްޗެއް ގޮވަމުންދަނީ ހިމާރުތަކަށްވުރެވެސް ބާރަށެވެ. ކުރިއަށްވުރެވެސް ލަދު ޙަޔާތް ކަނޑާލާފައި މި ބަކަރިތައް އުޅެމުންދާ ގޮތުން ބަކަރިތަކުގެ ހަގީގީ ސިފަ ފެނިގެން މިދަނީ މިހާރު ތާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...