ރިޕޯޓް

ބައިބުލްއަށް ގެނެވިފައިވާ ބަދަލުތަކުގެ އަސަރު ދިވެހިބަހަށް ތަރުޖަމާކުރި ގޮސްޕެލް އޮފް ލޫކް ގައިވެސް!

މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރިން ކުޑަ ވާހަކައެއް ދަންނަވާލާނަމެވެ. މާތްކަލާނގެ ކަލާމްފުޅު ކަމުގައި ޔަހޫދީންނާއި ނަސާރާއިން ދައުވާކުރަމުންދާ 'ބައިބުލް' އަކީ އެބައިމީހުންގެ އަމިއްލަ އެދުމާ އެއްގޮތަށް ބަދަލުކުރެވިފައިވާ ފޮތެއްކަމުގައި އަޅުގަނޑުވެސް ކުޑައިރުއްސުރެ އަހަމުއެވެ. ނަމަވެސް އެއީކީ އަޅުގަނޑަކާ ބެހޭކަމެއް ކަމަކަށް ނުހަދަމެވެ. އަދި އެކަމަކަށް ސަމާލުކަމެއް ވެސް ނުދެމެވެ. ދުވަސްތަށް ފާއިތުވަމުންގޮސް، ކުރިސްޓިއަންދީނަކީ ޙައްޤު ދީނެއްތޯ ނުވަތަ ނޫންތޯ ބަލަން އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް މަޖުބޫރު ކުރުވާފިއެވެ. އެއީ އަވައްޓެރި ލަންކާގައި އަޅުގަނޑު ކިޔަވަން އުޅެނިކޮށެވެ. ކޮލެޖުގައި އުޅުނު ނަސާރާދީނުގެ ކުއްޖަކު އެދީނުގެ ދައުވަތު އަޅުގަނޑަށް ދިނުމާހަމައިންނެވެ.
އޭނާގެ ބޮޑުދައްތައަކީ ރާއްޖޭގައި 20 އަހަރަށްވުރެ ގިނަދުވަހު ކުރިސްޓިއަން ދީނުގެ ދައުވަތު ދިނުމަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެއްކަމުގައި އޭނާ ބުންޔެވެ. ކޮންމެއަކަސް މީނާގެ ދައުވަތުގެ ސަބަބުން އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ އުދަގުލެއް ކުރިމަތި ވިއެވެ. ސަބަބަކީ އަޅުގަނޑަށް އޮތީ 2 ގޮތުންކުރެ 1 ގޮތެވެ. އެއީ އޭނާގެ ކިބައިން 'ރެކި'ގަތުމެވެ. ނުވަތަ އޭނާގެބަސް ޤަބޫލުކުރުމެވެ. އޭނާއަކީ 'ކުލާސްމޭޓް'އަކަށްވުމުން ރެކިގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އޭނާ ބުނާބަހުގެ ޙަޤީޤަތް ނުބަލާ އެބަސް ޤަބޫލުކުރާކަށްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ކުރިސްޓިއަންދީނަކީ ކޮބައިތޯ ބަލަން އަޅުގަނޑަށް މަޖުބޫރުވިއެވެ. އޭގެފަހުން އަހަރެންގެ ކިބައިން ރެކެން މަސަތްކަތްކުރީ އޭނާއެވެ. އެވާހަކައިގެ ތަފްސީލު އެހެން ލިޔުމެއްގައި ﷲ އިރާދަކުރެއްވިއްޔާ ގެންނާނެމެވެ. ކޮންމެއަކަސް މައުޟޫއާއިގެން ކުރިޔަށްދާނަމެވެ.
ނަސާރާއިން މާތްކަލާނގެ ކަލާމްފުޅުކަމުގައި ދައުވާކުރާ ބައިބުލްއާއިމެދު އަޅުގަނޑު ކުރި ދިރާސާތަކުން އެންމެ ފުރަތަމަ ސާބިތުވީ ކަމަކީ، ބައިބުލްއަކީ ޙަޤީޤަތުވެސް ބަދަލުކުރެވިފައިވާ ފޮތެއްކަމެވެ. އެއީކީ ހަމައެކަނި މުސްލިމުން ޤަބޫލުކުރާ ގޮތެއް ނޫންކަންވެސް ސާބިތުވިއެވެ. އަދި ކިއެއް އެއީ ކުރިސްޓިއަންދީނުގެ ޢިލްމުވެރިންވެސް ޤަބޫލުކުރާ ކަމެކެވެ. ޢީސާއަލަހި ސަލާމް ވާހަކަފުޅު ދެއްކެވި އަސްލު ބަހަކީ ހިބުރޫ ބަސް ކަމުގައި ވާއިރު، ހިބުރޫ ބަހުން ނިއު ޓެސްޓްމެންޓްގެ އަސްލު ފަތްފޮތްތަށް ފެންނާކަށް ނެތެވެ. މިއަދު ނިއުޓެސްޓްމެންޓްގެ އަސްލުފަތްފޮތްތަށް ކަމުގައިބުނާ ފޮަތްތަށް ފެންނަންހުރީ ގުރީކް ބަހުންނެވެ. އަދި އެފޮތްތަށް ލިޔެވިފައިވަނީ އެކަނލޭގެފާނު އުޑަށް އުފުއްލެވިތާ އެތަށް އަހަރެއްވީފަހުންނެވެ. އެޔައްފަހު އެފޮތްތަކަށް ނަންދެވިފައިވަނީ އެހެން ބަޔަކަށް ނިސްބަތްވާ އެއްޗެއްގެ ގޮތުގައެވެ. މިސާލަކަށް 'ގޮސްޕެލް އޮފް ލޫކް' ނުވަތަ ލޫކްގެ ގޮސްޕެލް އަދި 'ގޮސްޕެލް އޮފް ޖޯން' ޖޯންގެ ގޮސްޕެލް މިފަދަ ގޮތަކަށެވެ. 'ގޮސްޕެލް އޮފް ޖީސަސް' ނުވަތަ އީސާގެފާނުގެ އިންޖީލު މިހެންނެއް ނޫނެވެ. މިއީވެސް އަޖައިބެކެވެ. އެއީ ޢީސާ އަލަހި ސަލާމްގެ މައްޗަށް ބާވާލެއްވުނު ފޮތެކެވެ. އެހެންނަމަވެސް، އެކަލޭގެފާނު ވާހަކަފުޅު ދެއްކެވި ބަހުން އެފޮތުގެ އަސްލު ފެންނާކަށް ނެތެވެ. އަދި އަދި އެފޮތުގެ ނަންވެސް ދެވިފައިވަނީ އެހެން މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްވާ ގޮތަށެވެ.
ބައިބުލްގެ 'އޯލްޑް ޓެސްޓެމެންޓް' އަކާ 'ނިއު ޓެސްޓްމެންޓް' އެއް ވެއެވެ. އޯލްޑް ޓެސްޓްމެންޓްގައި ވަނީ ޢީސާ އަލައިހިސަލާމްގެ ކުރިން ޔަހޫދީންގެ ގާތަށް ވަޑައިގެންނެވި ރަސޫލުންގެ ވާހަކަފުޅުތަކެވެ. ނިއުޓެސްޓްމެންޓްއަކީ ޢީސާ އަލަހިސަލާމްގެ ވާހަކަފުޅުތަށް ބަޔާންކުރެވިފައިވާ ފޮތްތަކެވެ. މި ދެ ޓެސްޓްމެންޓްއާމެދުވެސް ނަސާރާ ދީނުގެ ބޮޑެތި ޢިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައި ވެއެވެ. ބައިބުލްގެ ބަޔެއް ފޮތްތަކަކީ މާތްކަލާނގެ ކަލާމްފުޅުކަމުގައި ނަސާރާ ދީނުގެ ބަޔެއް ޢިލްމުވެރިން ޤަބޫލުކުރާއިރު، އަނެއްބައި ޢިލްމުވެރިން އެފޮތްތަކަކީ ސާބިތު ނުވާ ފޮތްތަކެއް ކަމުގައި ބުނަމުން ދެއެވެ.
މިސާލަކަށް، ކެތޮލިކު ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާ ގޮތުގައި، މުޅި ބައިބުލްގައި 73 ފޮތް ވެއެވެ. އެއީ އޯލްޑް ޓެސްޓްމެންޓްގެ 43 ފޮތާ ނިއުޓެސްޓްމެންޓްގެ 27 ފޮތެވެ. އެހެންނަމަވެސް ޕްރޮޓެސްޓެންޓް ނަސާރާއިން (ނަސާރާއިންގެ ޤުރޫޕެއް) ޤަބޫލުކުރާގޮތުގައި މުޅި ޖުމްލަ ބައިބުލްގައިވަނީ 66 ފޮތެވެ. އެއީ އޯލްޑް ޓެސްޓެމެންޓްގެ 39 ފޮތާ، ނިއު ޓެސްޓެމެންޓްގެ 27 ފޮތެވެ. އެމީހުން ޤަބޫލުކުރާގޮތުގައި ކެތޮލިކު ނަސާރާއިން ޤަބޫލުކުރާ އިތުރު 7 ފޮތަކީ އެއީ އެ ފޮތްތަކާމެދު ޝައްކުހުރި ފޮތްތަކެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ، އެއީ އިލާހީ ވަހީބަސްފުޅުކަން ސާބިތުކުރެވެން ނެތް ފޮތްތަކެވެ. އެޔަށްވުރެވެސް ސާފު އިބާރާތުން ދަންނަވާނަމަ އެއީ ހަދާފައިވާ ފޮތްތަކެވެ.
އަދި މީގެއިތުރުން މި ދެޓެސްޓްމެންޓްގައިވެސް އެކިކަހަލަ ކުށާއި، އެއް އާޔަތާއި އަނެއް އާޔަތް ފުށޫ އަރާ އެތަށް ތަނެއް ވެއެވެ. ލިޔުން ކުރުކޮށްލުމުގެ ގޮތުން އެހުރިހާ ތަފްސީލަކަށް ނުގޮސް މައުޟޫއާއިގެން ކުރިޔަށް ދާނަމެވެ.
މި ފަހުގެ ތާރީޚެއްގައި ބައިބުލްއަށް އެންމެ ބޮޑު ބަދަލެއްގެނެސްފައިވަނީ 1973 ގައި ޝާއިއުކުރި 'ނިއު އިންޓަނޭޝަނަލް ވާޝަން' ގައެވެ. މިބައިބުލްގެ އިމްލާ ކުށްތަށް ރަގަނޅުކުރުމަށްފަހު ރަސްމީކޮށް ޝާއިއުކޮށްފައިވަނީ 1978 ގައެވެ. އަދި އޭގެފަހުން 1983ގައިވެސް ރިވައިޒްޑް ކުރެވިފައި ވެއެވެ. އަދި މިއަހަރު، 2009 ވަރަ އަރުގެ ސެޕްޓެންބަރ މަހުގައިވެސް މި ބައިބުލް ރިވައިޒްޑް ކުރެވިފައި ވެއެވެ. މި ބައިބުލް ވުޖޫދަށް ގެނައުމަށްޓަކައި، ނަސާރާއިންގެ ތަފާތު 20 ޑިނޯމިނޭޝަނަކުން (އަޤީދާގައި ކުދި ނުވަތަ ބޮޑެތި ތަފާތުތަށް ހުރި ނަސާރާއިންގެ 20 ޤުރޫޕަކުން) ބައިވެރިވެފައި ވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެގިން ނަސާރާއިންގެ ޢިލްމުވެރިން ބައިވެރިވެފައި ވެއެވެ. މުރާޖައާކުރުމަށް މައިގަޑު 15 ޢިލްމުވެރިންގެ ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ.
ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ މި ނިޔު އިންޓަނޭޝަނަލް ވާޝަން ވުޖޫދަށްއައި އިރު، ކުރީގެ މަޝްހޫރު ބައިބުލްގެ ވާޝަންތަކުގައިވާ 17 އާތަށް ވަނީ އެއްކޮށް ފުހެލެވިފައެވެ. ފުހެލެވުނު ސަބަބެއްކަމަށް ބައިބުލްގެ ޢިލްމުވެރިން ވިދާޅުވަނީ، ގުރީކުބަހުން ހުރި ބައިބުލްގެ އަސްލު ފަތްފޮތްތަކުން، އެ އާޔަތްތައް ސާބިތުވާން ނެތުމެވެ. (އޭގެ މާނައަކީ އެއާޔަތަކީ ހަދައި އިތުރުކޮށްފައިވާ އާޔަތެކެވެ.) މި ފުހެލެވުނު 17 އާޔަތުގެ ތެރޭގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ ބައިބުލްގެ ބަޔެއް ކަމުގައިވާ ގޮސްޕެލް އޮފް ލޫކްގެ 2 އާޔަތް ވެއެވެ. އެއީ ލޫކާސް 17ވަނ ބައިގެ 36ވަނަ އާޔަތާ، ލޫކާސް 23ވަނަ ބައިގެ 17ވަނަ އާޔަތެވެ. މިސާލަކަށް (އެތަރުޖަމާ ކިޔުމުގެ ފުރުސަތު ލިބިއްޖެނަމަ) ލޫކާސްގެ ދިވެހި ތަރުޖަމާގެ، 17ވަނަ ބައިގެ 36ވަނަ އާޔަތް ފެނިލައްވާތޯ ބައްލަވާށެވެ. ނުފެންނާނެއެވެ. 35ވަނަ އާޔަތާ ޖެހިގެން އިންނާނީ 37ވަނަ އާޔަތެވެ. އެއީ ނިއުއިންޓަނޭޝަނަލް ވާޝަންގައިވެސް ވާގޮތަށެވެ. އެހެން ނަމަވެސް އެއީ އޭގެއަސްލު ފެންނަންނެތް ހަދާފައިވާ އާޔަތްތަކެއް ކަމުގައި ބުނެ ނިއު އިންޓަނޭޝަނަލް ވާޝަންއިން ފުހެލެވިފައިވާ ލޫކަސް 23ވަނަ ބައިގެ 17 ވަނަ އާޔަތް ދިވެހިތަރުޖަމާގައި ހިމަނާފައި ވެއެވެ. ނިއު އިންޓަނޭޝަނަލް ވާޝަން ނެރުއްވި ބައިބުލްގެ ޢިލްމުވެރިން އެއާޔަށް ފުހެލާފައިވާއިރު ދިވެހިބަހަށް ކުރެވުނު ތަރުޖަމާގައި އެފަދަ ސާބިތު ނުވާ އާޔަތެއް ހިމެނީ ކީވެގެންބާއޭ ހިތަށް އަރާފާނެއެވެ؟ ޖަވާބު އިގިލައްވާނީ ހަމަ އެތަރުޖަމާ އެކުލަވާލެއްވި ބަޔަކަށެވެ.
މިތާނގައި ލޫކަސްގެ ދިވެހި ތަރުޖަމާގެ ވާހަކަ މިގެނައީ ވަކިބަޔަކާ ޖައްސާލުމުގެ ނިޔަތަކު ނޫނެވެ. މަޤްޞަދަކީ ނަސާރާއިންނާއި މުސްލިމުންނަށްވެސް، މި ބަދަލުތަކުގެ މަޢުލޫމާތު ދިނުމެވެ. ސަބަބަކީ ނަސާރާދީން ފަތުރާ ގިނަމީހުންނަށްވެސް މި ބަދަލުތަކުގެ ޙަޤީޤަތް ނޭންގެއެވެ. އަދި އެގުނުކަމުގައިވިއަސް އެހެންމީހުނަށް އޮޅުވާލައެވެ. އެހެންކަމުން ނޭންގިތިބެ ނަސާރާދީން ފަތުރާ މީހުންގެ މަޅީގައި ވަރަށްގިނަ ދިވެހިން ޖެހެމުންދެއެވެ. ޙަޤީޤަތަކީ، މާތްރަސްކަލާނގެ ބަސްފުޅުތަކަކީ އެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން އޮވެފައި، އަނެއްދުވަހު އެކަލާނގެ ބަސްފުޅެއްގެ ގޮތުގައި ސާބިތުވާން ނެތުން ނޫންކަން، ކިރިޔާވެސް ބުއްދިއެއްހުރި (ކަމުގެ ދެކޮޅުބަލާ) އިންސާނަކަށް އެގެންވާނެއެވެ. އެގޮތަށް އެއްދުވަހު އިތުރުކޮށްފައި އަނެއްދުވަހު ފުހެލުމުން ދޭހަވަނީ އެއީ މާތްރަސްކަލާނގެ ފުރިހަމަ ކަލާމްފުޅެއް ނޫންކަމެވެ. މީހުން ހަދާފައިވާ އެއްޗެހިކަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް