އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. މި ރަސްގެފާނުގެ ވިސްނުންފުޅަށް އަންނަ ކޮންމެ ސުވާލަކަށްވެސް ޖަވާބުދިނުމަކީ އަރިހުގައި އުޅޭ މީހުންނަށް މަޖުބޫރުކަމެވެ. ޖަވާބުނުދެވިއްޖެނަމަ ރަސްގެފާނުގެ އަމުރަށް އެމީހަކު ޤަތުލުކުރެވެއެވެ. ނޫނީ ޖަލަށްލެވެއެވެ. ނުވަތަ އެހެންވެސް ބޮޑު އަދަބެއް ދެވެއެވެ. ރަސްގެފާނުގެ ބޮޑު ވަޒީރަކީ ވަރަށް ވިސްނުންތޫނު ބުއްދިވެރިއެކެވެ. ރަސްގެފާނު ކުރައްވާ ދެކޮޅުނުޖެހޭ، މޮޔަ ކަންތައްތައްވެސް ވަޒީރު ގެންދެވީ އޭނާގެ ތަދުބީރުތައް ބޭނުންކުރައްވައިގެން ޢާންމު ރައްޔިތުންނަށް ވަންހަނާކުރައްވަމުންނެވެ. އެކަމަކު ކިހައި ދުވަހެއް ވާންދެންތޯއެވެ؟ އެންމެފަހުން ވަޒީރުވެސް ރަސްގެފާނުގެ ޝިކާރައިގެ ދަލުގައި ޖެހިވަޑައިގެންނެވިއެވެ. ރަސްގެފާނުގެ ހިތްޕުޅަށް އެ ޚިޔާލު އައީ ކޮންތާކުންކަމެއްވެސް ނޭގެއެވެ. އެއްދުވަހަކު ހެނދުނު ހެނދުނާ ރަސްގެފާނު، ވަޒީރު ގެންނަވައި ތިން ސުވާލެއްކުރެއްވިއެވެ.
1- ބިމުގެ މެދު އަހަރެންނަށް ފާހަގަކޮށްދޭށެވެ!
2- ދުނިޔެ ވަށައިގެން އަހަރަމެންނަށް ބުރެއްޖެހޭނީ ކިހައި ވަގުތަކުން ހެޔްވެ؟
3- ޤައުމުގެ އެންމެ އިސް ވެރިޔެއްގެ ޙައިޘިއްޔަތުން އަހަރެންގެ އަގަކީ ކޮބައިކަން ބުނެދޭށެވެ!
މި ތިން ސުވާލު ކުރެއްވުމަށް ފަހު ޖައްލާދު ގެންނަވައި ވިދާޅުވިއެވެ. ސައުވީސް ގަޑިއިރު ތެރޭގައި މި ސުވާލުތަކުގެ ޖަވާބުނުދެވިއްޖެނަމަ ވަޒީރުގެ ބޯ ބުރިކޮށްލާށެވެ. ވަރަށް ބޮޑަށް ވިސްނަވައިގެންވެސް ވަޒީރަކަށް އެސުވާލުތަކުގެ ޖަވާބު އެނގިވަޑައެއްނުގަތެވެ. އެންމެފަހުން ވަޒީރު އުންމީދުކަނޑުއްވައި ލެއްވިއެވެ. އަދި އަޖަލު ހަމަވީކަމުގައި ނިންމެވިއެވެ.
ވަޒީރުގެ ނޯކަރަކު ހުރެއެވެ. އޭނާގެ ސާހިބާ ކަންބޮޑުވެފައިވާ މަންޒަރު ފެނުމުން އެކަމުގެ ސަބަބާއި ބެހޭގޮތުން ނޯކަރު ސުވާލުކުރިއެވެ.ވަޒީރު އޭނާގެ ނޯކަރަށް ހުރިހާ ވާހަކައެއް ކިޔައިދެއްވިއެވެ. ހީކުރިގޮތާ ޚިލާފަށް ނޯކަރު ޖަވާބުދިނެވެ. ތިޔައީ އެއްވެސް ކަމެއް ނޫނެވެ. މަނިކުފާނު ކަންބޮޑުވެވަޑައިނުގެން މާދަމާ ދަރުބާރަށް ވަޑައިގަންނަވާށެވެ. އަދި ރަސްގެފާނަށް ދަންނަވާށެވެ. ތިޔަ ސުވާލުތަކުގެ ޖަވާބު އަޅުގަނޑުގެ ނޯކަރުވެސް ދީފާނެއެވެ.
އަނެއް ދުވަހު ހެނދުނު ތެޅިތެޅި އޮތް ހިތަކާއެކު ވަޒީރު ދަރުބާރަށް ވަޑައިގެންނެވިއެވެ. އެހިނދު އެއްކަލަ ތިން ސުވާލު ވަޒީރާ ކުރިމަތިކުރެވުނެވެ. ވަޒީރު ދެންނެވިއެވެ. ތިޔަ ސުވާލުތަކުގެ ޖަވާބު އަޅުގަނޑުގެ ނޯކަރުވެސް ދީފާނެއެވެ. އެހެންކަމުން ނޯކަރު ދަރުބާރަށް ޙާޒިރުކުރެވުނެވެ. ރަސްގެފާނު ވަޒީރުގެ ނޯކަރުގެ ކުރިމަތީގައިވެސް ތިން ސުވާލު ތަކުރާރުކުރެއްވިއެވެ. ނޯކަރު ދަރުބާރުގެ ތެރެއަށް ކުޑަކޮށް ނަޒަރު ހިންގައިލުމަށްފަހު އެއްފަރާތަކަށް ހިނގައިގަތެވެ. މާދުރަކަށް ނުދެއެވެ. ހައެއްކަ ފިޔަވަޅު އެޅުމަށްފަހު އޭނާގެ އަތުގައި އޮތް ދަނޑިބުރި ބިމަށް ޖެހުމަށްފަހު ރަސްގެފާނަށް ދެންނެވިއެވެ. މިއީ ބިމުގެ މެދެވެ. މަނިކުފާނަށް ޝައްކުވާނަމަ މިންއަޅުއްވާށެވެ.
ދެވަނަ ސުވާލުގެ ޖަވާބުދެމުން ނޯކަރު ދެންނެވިއެވެ. މަނިކުފާނެވެ. މަނިކުފާނު އަހަށް ސަވާރުވެވަޑައިގެން އިރުގެ ދުވެލީގައި ދަތުރުކުރައްވައިފިނަމަ ސައުވީސް ގަޑިއިރު ތެރޭގައި ދުނިޔެ ވަށައި ބުރެއް ޖެހިދާނެއެވެ.
ތިންވަނަ ސުވާލުގެ ޖަވާބުގައި ނޯކަރު ދެންނެވިއެވެ. މަނިކުފާނުގެ އަގު ދެއްތޯއެވެ؟ ސާހިބާއެވެ. ޢީސާގެފާނުގެ ޙަވާރީން އެކަލޭގެފާނުގެ އަގެއްކަމުގައި ހަމަޖެއްސީ ތިރީސް ރުފިޔާއެވެ. ޔަޤީނުންވެސް އެކަލޭގެފާނަކަށްވުރެ މަނިކުފާނުގެ އަގު ބޮޑެއްނުވާނެއެވެ. އެހެންކަމުން މަނިކުފާނުގެ އަގަކަށް ޖެހެނީ އޮނަތިރީސް ރުފިޔާއެވެ.
ނޯކަރުގެ ޖަވާބުތަކުގެ ކުރިމަތީގައި ހަނުހުރުމަށްވުރެ މޮޅުގޮތެއް ރަސްގެފާނަކަށް ނުފެނުނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...