"އަހުރެން ގ.ކެނެރީގޭ މުޙައްމަދު ނަޝީދު، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ދިވެހި ޤައުމަށް އިޚްލާޞްތެރިވުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އަދާކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވާކުރަމެވެ."
ތިޔަ ވިދާޅުވީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދު2008 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވުމުގެ ކުރިން ވިދާޅުވެފައިވާ ބަސްފުޅެވެ. ޤައުމުގެ އެންމެ ބޮޑު ސިޔާސީ މަޤާމު ފުރުއްވުމަށްޓަކައި ކުރެއްވިހުވައެވެ.
އަޖާއިބު އަންތަރީސްވެއްޖެއެވެ. އިސްލާމްދީނުގެ ނަމުގައި އުޅޭ ބަޔަކު ދީނާއި ސިޔާސަތު ވަކި ކުރަން އުޅޭ އުޅުމުންނެވެ. ކާފަރު ދައުލަތްތަކުގައި ޚާއްޞަކޮށް އިނގިރޭސިވިލާތުގައި ދީނާއި ސިޔާސަތު ވަނީ ވަކި ކުރެވިފައެވެ. އެގޮތުން އިނގިރޭސިވިލާތުގައި ދީން އޮންނަންޖެހޭނީ ފައްޅި ތަކުގައި އެކަންޏެވެ. ފައްޅިތަކުން ބޭރަށް ދީން ނެރިގެން ނުވާނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގައިވެސް، އެމެރިކާގައިވެސް އަދި ދުނިޔޭގެ ހުރިހައި ޤައުމެއްގައިވެސް އެތަނެއްގެ ވެރިމީހާ މަޤާމާއި އަލަށް ހަވާލުވުމުގެ ކުރިން، އެބަޔަކު ގެންގުޅޭ މުޤައްދަސް ފޮތުގައި އަތްލާފައި ނުވަތަ ފޮތް ކުރިމަތީ ބާއްވައިގެން ހުވާ ކުރަން ޖެހެއެވެ. މިއީ އަޅެފަހެ ކޮންފަދަ ކަމެއްތޯއެވެ. އެ ޤައުމެއްގައި އޮންނަ ދީނުގެ އެންމެ މުޤައްދަސް ފޮތް ހިމެނެނީ ދީނުގެ ތެރެއަކު ނޫންހެއްޔެވެ. ދެން ދީނީ ކަމަކީ ފަހެ ކޮބާތޯއެވެ؟ސިޔާސީ ކަމަކީ ފަހެ ކޮބާތޯއެވެ؟ ދީނަކީ ކޮބާތޯއެވެ؟ސިޔާސަތަކީ ކޮބާތޯއެވެ؟
ފާހަގަ ކޮށްލަން ބޭނުންވަނީ ހަމަ އެންމެ ނުކުތާއެކެވެ. ދިވެހިރާއްޖޭގައި ވެރިއަކަށް އަންނަމީހާއާއި އަދިވެސް އެންމެހައި ވަޒީރުން މަޤާމާއި ހަވާލުވުމުގެ އެންމެ ފުރަތަމަވެސްﷲ ގަންދީ ހުވާކުރަން ޖެހެއެވެ. ފުރަތަމަވެސް ހުވާ ކުރަނީ މާތްވެގެންވާ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށެވެ.އެއީ ދީނީ ކަމެއް ނޫނިއްޔާ ދެން ދީނީ ކަމަކީ ފަހެ ކޮބާތޯއެވެ. ނޫނީ ﷲގަންދީ އެ ކުރި ހުވަޔަކީ ސިޔާސީ ހުވައެއްތޯއެވެ. ވެރިކަން ކުރުމަކީ ދީނީ ކަމެއް ނޫންތޯއެވެ. ވެރިކަން ކުރުމަކީ ދީނީ ކަމެއް ނޫންކަމަށް އެއްބަސްވާ މީހުންނަށް އެ ބުނެވެނީ އިސްލާމްދީނުގައި ވަރަށް ގިނަ ކަންތައްތައް މަދު ވާހަކައެއް ނޫންތޯއެވެ.
އިސްލާމްދީނުގެ ނަމުގައި ބައެއް ފަރާތްތަކުން ހިންގާ ސިޔާސީ ނޭދެވޭ އަމަލުތައް ގިނަވަމުންދާ ކަމަށް އެމްޑީޕީން ބުނުމުން ހައިރާންވެ އަންތަރީސް ނުވާނީ ކާކުތޯއެވެ. ތިމާމެންނަކީ އިސްލާމުންކަމަށް ދަޢުވާކުރަމުން ވެރިކަން ހޯދައިގަތުމަށް ކުރަމުންދާ އެންމެހައި މަސައްކަތްތަކެއްގައި އިސްލާމް ދީން އެއްކައިރިކުރުމަށް މަސައްކަތް ކުރަމުންދިޔަސް އިސްލާމް ދީނާއި ނުލާ އެއްވެސް ކަމެއް ތިމާމެންނަށް ނުވާކަމީ އެންމެން ޤަބޫލު ކުރާ ޙަގީގަތެކެވެ. ބޮޑުސިންގާ ސަރުކާރެއް ހަދައި އެކިއެކި މިނިސްޓްރީތަކުގެތެރޭގައި "އިސްލާމިކް" މިނިސްޓްރީއެއް ހެދުމުގެ ބޭނުމަކީ "ސިޔާސަތު" ގެތެރޭގައި ދީން ވެއްދުމެއް ނޫންތޯއެވެ.
"ސިޔާސީ"ޕޯޑިއަމްތަކުގައި ޙަޔާތްގޮވައި ނެތިމޮށެ ޣީބަ ބުނުމުގެ ކުރިން ޤުރުއާން އެ ކިޔަވަނީ ކީއްވެގެންތޯއެވެ. އެންމެ ބޭނުމަކުއެވެ. ތިމާމެންނަކީވެސް އިސްލާމްދީނަށް ލޯބިކުރާ ބައެއްކަމުގައި މީސްތަކުންނަށް ދެއްކުމެވެ. އެހެންވީމައި ކީރިތި ޤުރުއާންގެ ބޭނުން އެކުރީ ސިޔާސީ ބޭނުމުގައެއް ނޫންތޯއެވެ. އަނގައިން ގޮވުނުހާ އަވަގުރާނެއް ގޮވުމަށްފަހު އެންމެން ދެއަތް މައްޗަށް އުފުލައި ﷲ އަށް ދުޢާ ކުރަނީ އެއީ ކީއްވެގެންތޯއެވެ. ޕޯޑިއަމްގައި އެގޮވި އެންމެހައި އަވަގުރާނެއް ﷲ ފުއްސަވާދެއްވާތޯ ހެއްޔެވެ. ނޫނީ ދެއަތް މައްޗަށް ނަގައިގެން އާމީން އާމީން އާމީން ކިޔުމުގެ ބޭނުމަކީ ފަހެ ކޮބާތޯއެވެ.
ދަންނަވަންތޯއެވެ. އިސްލާމުން ކޮންމެކަމެއްވެސް ކުރަންޖެހޭނީ އެބައިމީހުންގެ ދީނުގެ ނަމުގައެވެ. ލާދީނިއްޔަތުގެ ނަމުގައެއް ނޫނެވެ. މިއީ ދިވެހި އެންމެހައި މުސްލިމުން ޤަބޫލު ކުރާ ޙަގީގަތެވެ. އިސްލާމް ދީނުގެ ވާހަކަތައް މިޤައުމުގައި ގިނަވަމުން ފެތުރެމުންދާތީ ކަންބޮޑު ނުވާށެވެ. އިސްލާމް ދީން މުޅި ދުނިޔޭގެ ހުރިހައި ކަންކޮޅުތަކެއްގައި ދާނީ ފެތުރެމުން ގިނަވަމުންނެވެ. އެއީ ﷲ ގެ ވަޢުދެކެވެ. ދީނުގެ ފުރިހަމަ މާނަ ތިޔަބައިމީހުންގެ ދީނީ މަޖިލީހަށް ހުށައަޅައިގެން ހޯދާށެވެ. އިސްލާމްދީން ފެތުރުން ހުއްޓުވުމަށް ފިރުއައުނާއި އޭނާގެ ބިޔަ ވަރުގަދަ ޖަމާޢަތުން ކުރި މަސައްކަތް ބޭކާރުވި އިރު ތިޔަ ނިކަމެތިންނަށް ކުރެވޭނީ ދެން ވަކި ކޮންކަމެއްތޯއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...