ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެރިކަން ކުރަމުންގޮސްފައިވާ އެތައް ޚުދުމުޚްތާރު ވެރިއެއްގެ ނިމުން ފާއިތުވެދިޔަ މަދު އަހަރެއްގެ ތެރޭގައިވަނީ ފެނިފައެވެ. އޭގެ ތެރެއިން އެއްވެސް އިންޤިލާބަކީ ބަޣާވާތެއްކަމުގައި ދުނިޔޭގެ ހަތަރު ބިތައް ބާރު ފޯރުވަމުންދާ ޔޫރަޕުގެ ޤައުމުތަކާއި ޚާއްޞަކޮށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ޤައުމުތަކުން ހާމަކޮށްފައިނުވާތާނގައި، އެފަދަ ހަޅުތާލުތަކަށް އެހީތެރިވުމުގައި މުޅި ހުޅަނގު އޮތީ އަތް ގުޅާލައިގެންނެވެ. އަދި އެއީ ޑިމޮކްރަސީކަމާއި ރައްޔިތުންގެ ހައްޤުހޯދުމަށް ނުކުމެ މުޒާހަރާ ކުރަންޖެހޭނެކަމަށް މިފަދަ ޤައުމުތަކުން ސިފަ ކުރިއެވެ.
ޔަމަނު
ޔަމަނުގައި ހިނގައިދިޔަ ހަޅުތާލުތަކާއި ދާޚިލީ ހަމަނުޖެހުމަށް ގާތްގަނޑަކަށް 1 އަހަރާއި 1 މަސްވިއެވެ. އެ ހަމަނުޖެހުންތަކުގެ މައިގަނޑު ސަބަބަކަށްވީ، ކޮރަޕްޝަންގެ މައްސަލަތައް ސަރުކާރުގެ ތެރޭގައި ބޮޑުވެފައިވުމާއި، އިޤްތިޞާދީ ޙާލަތު ދައްވުމާއި، ވަޒީފާގެ ދަތިކަމާއި، އަވައްޓެރި ޤައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ.
ޔަމަނުގައި ކުރި ހަޅުތާލުތަކުގެ ތެރޭގައި އިޙްތިޖާޖު ކުރުންތަކާއި، މަދަނީ ބަސްނޭހުމާއި، މަސައްކަތްތައް ހުއްޓުވައިލުން (ސްޓްރައިކް) ފުލުހުންނާއި ސިފައިން އިދިކޮޅު ފަރާތްތަކާއި ގުޅުންފަދަ ކަންތައްތައް ހިމެނެއެވެ.
22 އަހަރުގެ ދިގު މުއްދަތަށް ޔަމަނުގައި ވެރިކަން ކޮށްފައިވާ ޚުދުމުޚްތާރު ވެރިޔާ ޢަލީ ޢަބްދު ﷲ ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެނުވި މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުންވެސް ސިފަކޮށްފައެއް ނުވެއެވެ. އެހެނެއްކަމަކު އެކަން ވެގެންގޮސްފައިވަނީ ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ލިބުންކަމަކަށެވެ.
މަޣްރިބުކަރަ (މޮރޮކޯ)
20 ފެބްރުއަރީ ޔޫތް މޫވްމަންޓްގެ ނަމުގައި ނުކުތް ޒުވާނުންތަކެއް އިސްނެގުމުގެ މަތީން، މޮރޮކޯގެ މުލޫކިއްޔަތާ ދެކޮޅަށް ކުރި އިޙްތިޖާޖްތައް ފެބްރުއަރީ 2011 އިން 2012 އޭޕްރީލްއާއި ހަމައަށް ދެމިގެންދިޔައެވެ.
އިޙްތިޖާޖުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ފުލުހުންގެ އަނިޔާވެރިކަމާއި، ވޯޓް އޮޅުވާލުމާއި، ސިޔާސީ ޕާޓީތަކަށް އޮތް ފިއްތުންތަކާއި، ވަޒީފާ ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވުމާއި، ކަރަންޓާއި ފެނުގެ ޚަރަދުތައް ބޮޑުވުމާއި، މުޅިގައުމުގައި ފެތުރިގެންގޮސްފައިވާ ޚިޔާނާތުގެ މައްސަލަތައް ހިމެނެވެ.
މި އިޙްތިޖާޖުތަކުގައި މަދަނީ ބަސްނޭހުމާއި، ދެކޮޅު ހެދުންތަކާއި، ޤައުމުގެ ޚިދުމަތްތައް ހުއްޓުވާލުމާއި، މުޒާހަރާތައް ހިމެނެއެވެ. ސުވާލަކީ މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުންވެސް ސިފަކޮށްފައި ނުވަނީ ކީއްވެ ހެއްޔެވެ؟
ތޫނިސް
ޒައިނުލް ޢާބިދީން ބިން ޢަލީގެ 24 އަހަރުގެ ދިގު މުއްދަތައް ދެމިގެންދިޔަ، ޚުދުމުޚްތާރުވެރިކަން ނިމިގެންދިޔައީ 2010 އިން 2011 އަށް ކުރެވުނު އިޙްތިޖާޖުތަކެއްގައެވެ. މި އިޙްތިޖާޖުތަކުގެވެސް މައިގަނޑު ސަބަބަކަށްވެގެން ގޮސްފައިވަނީ، ޚިޔާނާތް މުޅި ޤައުމުގައި ޢާއްމުވުމާއި، ސަރުކާރުގެ ޚިޔާނާތްތެރިކަން އިންތިހާއަށް ބޮޑުވުމާއި، ވަޒީފާގެ ދަތިކަމާއި، ސިޔާސީ ފިއްތުންތަކާއި، ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުން ހިމެނެއެވެ.
މުޒާހަރާތަކާއި މަދަނީ ބަސްނޭހުންތަކާއި، މުޅިގައުމުގެ ޢާއްމު ޚިދުމަތްތައް ހުއްޓިގެންދިޔަ މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުންވެސް ސިފަކުރި ބާއެވެ؟ ނުކުރެއެވެ.
މިޞްރު
ޙުސްނީ މުބާރިކުގެ 30 އަހަރަށްވުރެ ގިނަދުވަސް ވެގެންދިޔަ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް އައީ ތަޙްރީރު މައިދާނަށް ނުކުތް މިޞްރުގެ ޢާއްމު ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް 900 އަށްވުރެ ގިނަ މީހުންގެ ލޭ އޮރުވާލައި، 6 ލަކަށް މީހުންނަށް އެކިވަރުގެ ޒަޚަމްތައް ދީފައެވެ.
ފުލުހުންގެ ހަރުކަށިކަމާއި އަނިޔާވެރިކަމާއި، ދައުލަތުގައި ކުއްލި ޙާލަތު އިޢްލާނު ކުރުމާއި، ވޯޓު އޮޅުވާލުމާއި، މުޅި ޤައުމުގައި ފެތުރިގެން ގޮސްފައިވާ ޚިޔާނާތްތައް ޢާއްމުވުމާއި، ކާބޯ ތަކެތީގެ އަގުތައް އުފުލުމާއި، މުސާރަ ދައްވުމާއި، ވަޒީފާ ނެތް މީހުންގެ އާބާދީ ބޮޑުވުންފަދަ އެތައް ސަބަބުތަކަކާހުރި ފެށުނު އިޙްތިޖާޖުތަކުގައި، މަދަނީ ބަސްނޭހުމާއި، މަދަނީ ދެކޮޅުވެރިކަމާއި، ކެނޑިނޭޅި ކުރަމުންދިޔަ މުޒާހަރާތަކާއި، ޤައުމުގެ ޢާއްމު ޚިދުމަތްތައް ހުއްޓުވާލައި ސްޓްރައިކު ޖެއްސުންފަދަ އެތައް ކެމެކެވެ.
މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުންވެސް ސިފަކުރި ބާއެވެ؟ (ނުވަތަ ރާއްޖޭގެ ޤާނޫނެއް ނުކިޔަވާ ހުރި ޤާނޫނީ މާހިރު، ޖާހިލު އިބްރާހީމް އިސްމާޢީލް (އިބުރާ) ފަދަ މީހުންނާއި ޤާނޫނީ މާހިރުންގެ ބަސްތަކަކީ ފަހެ ކޮބައިބާވައެވެ؟)
ލީބިޔާ
ޣައްޒާފީގެ ޚުދުމުޚްތާރުވެރިކަން 42 އަހަރަށް ދެމިގެންދިޔައެވެ. އޭނާގެ އަނިޔާވެރިކަންވަނީ ހައްދުފަހަނަ އަޅާފައެވެ. ސަރުކާރުގެ ހުރިހާ ބާރުތަކެއްވަނީ އަތްދަށުލާފައެވެ. ރައްޔިތުންގެ މުދަލަކީ ތިމާގެ އަމިއްލަ ކާބަފައިގެންގެ މުދަލުގެ ގޮތުގައި ދެކި ބައިތުލް މާލަކީ އޭނާގެ ޖީބުގައި އޮތް އެއްޗެއްކަމުގައި އޭނާ ހީކުރިއެވެ. ކީރިތި ޤުރްއާނަށްވުރެ މަތީ ފޮތެއްގެ ގޮތުގައި ލީބިޔާގެ ޤާނޫނުތައް ލިޔެފައިވާ ފެހި ފޮތް ލިޔެފައިވަނީ އޭނާގެ އަތުންނެވެ.
އޭނާގެ ވެރިކަމާ ދެކޮޅަށް އެޤައުމުގެ ޢާއްމު ރައްޔިތުން ކުރަމުންދިޔަ އިޙްތިޖާޖުތައް ގާތްގަނޑަކަށް 1 އަހަރުދުވަހާ ގާތްކުރާ މުއްދަތަކަށް ދެމިގެން ދިޔައެވެ. އެ ޤައުމުގެ ޢާއްމު ރައްޔިތުންނަށް ތާއީދުކުރި ޤައުމުތަކުގެތެރޭގައި "އަނެއް ދިވެހިރާއްޖެ" ހިމެނެއެވެ. އޭރުގެ ރައީސް ނަޝީދުވަނީ އެ އިންޤިލާބަށް އިޢުތިރާފުވެ ބައިނަލް އަޤްވާމީ ދުނިޔޭގައި އަޑު އުފުލާފައެވެ.
ލީބިޔާގެ ވެރިޔާ، ކާނަލް މުޢައްމަރުލް ޣައްޒާފީ އާއި ދެކޮޅަށް ކުރެވުނު ހަނގުރާމަތައް ނިމިގެންދިޔައީ އޭނާގެ މަރާއި ގުޅިގެންނެވެ. މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުންވެސް ސިފަކުރި ބާއެވެ؟ ނޫނީ ރާއްޖޭގެ ޑިމޮކްރަސީގެ ޗެންޕިޔަނުންކަމުގައި ދަޢުވާ ކުރާމީހުން މިކަމާމެދު ބުނަނީ ކީކޭ ބާއެވެ؟
ސީރިޔާ
60 ހާހަށްވުރެ ގިނަ ޢާއްމު ރައްޔިތުން ޤަތުލުވެ، އެތައް ލައްކަ ރައްޔިތުންނެއް ޤައުމު ދޫކޮށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް އެޤައުމުގެ ރައްޔިތުން ކުރަންފެށި އިޙްތިޖާޖު މިހާރު ބަދަލުވެފައިވަނީ ދާޚިލީ ހަނގުރާމައަކަށެވެ.
ފަހުގެ ތާރީޚު ނުދެކޭފަދަ އަނިޔާވެރި، ލާއިންސާނީ ރައީސެއްގެ ލަޤަބުވަނީ ސީރިޔާގެ (ރައީސް) ޝައިޠާނު ބައްޝާރުލް އަސަދު ހޯދާފައެވެ. އަދިވެސް އެޤައުމުގައި ހަމަޖެހުމެއް އަމަން އަމާންކަމެއް އަންނާނޭ ދުވަހެއްވެސް ނޭނގެއެވެ. ހުރިހާ ރައްޔިތުން މަރާ ހުސްކޮށްފައި ނަމަވެސް ވެރިކަންކުރަން އަސަދު ހުރީ ފައި ވިއްދާފައެވެ.
އދ. އާއި ދުނިޔޭގެ ބޮޑެތި ބާރުތައް ވަނީ އަސަދުގެ އަނިޔާވެރިކަން ހުއްޓުވަން ފަސްޖެހިފައެވެ. ސޫރިޔާގައި ހިނގަމުންދާ މި އިންޤިލާބަކީ ބަޣާވާތެއްކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ ކެނެޑާއިން ނުވަތަ އދ އިން ނޫނީ ޔޫރަޕާއި ކޮންމަންވެލްތުން ސިފަކުރޭ ބާއެވެ؟
ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ މި ދެންނެވުނު ޤައުމުތަކުގައި ވެރި މީހާއާއި ދެކޮޅަށް ޢާއްމުން ނުކުތީ ހަތިޔާރާއިވެސް އެކުގައިކަމެވެ.
މިހާ ހިސާބުން ކުރެވޭ ބޮޑު ސުވާލު....
އިސްވެދިޔަ، ވެރިކަން ބަދަލުވި ޤައުމުތަކަކީ މުޅީންވެސް އިސްލާމީ ޤައުމުތަކެވެ. އަދި އެޤައުމުތަކުގައި ވެރިންނަށް ތިބީވެސް އިސްލާމުންނަށް ނިސްބަތްވާ މީހުންނެވެ. ވެރިކަން ބަދަލުވުމަށްފަހު މިޞްރު ފަދަ ޤައުމުތަކުގެ ވެރިކަމާއި ޙަވާލުވީވެސް ޔޫރަޕުން ސިފަކުރާފަދަ ހައްދު ފަހަނައަޅާފައިވާ އިސްލާމުންނެވެ. މީގެތެރޭގައި މިޞްރުގެ ބޮޑެތި ޢިލްމުވެރިންވެސް ހިމެނޭ ގޮތަށް އެޤައުމުތަކުގެ ސަރުކާރާއި ދެކޮޅަށް ތެދުވެ މުޒާހަރާކޮށް އެޤައުމުގެ ސަރުކާރު ވެއްޓިގެން ދިޔައިރު އެއީ ބަޣާވާތެއްކަމަށް އެއިން އެއްވެސް ޢިލްމުވެރިޔަކު ބުނެފައެއް ނުވެއެވެ. އަދި މިޤައުމުތަކުގައި ހިނގި ކަންތައްތަކަކީ ބަޣާވާތެއްކަމަށް ސަޢޫދީ އަރަބިއްޔާގެ ޢިލްމުވެރިންގެ ފަތުވާއެއްވެސް އޮތްކަމެއް އެނގިގެނެއް ނުވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިޔަކަށް ހުރި މީހާ އޭނާކުރި ހުވަޔާ ޚިލާފުވެ، ޤާނޫނާއި ޚިލާފު އެތައް ކަމެއްކޮށް، އިސްލާމް ދީނުގެ ހައްދުތަކަށް ގޮންޖަހައި، މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޒާތުފުޅަށް ފުރައްސާރަކުުރުންފަދަ އެތައް ޖަރީމާތަކެއް ހިންގުމުން އެކަމާދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލަން ފެށުމުން ތިމާމީހާއަށް ވާނުވާއެއް ނޭގި އަމިއްލައަށް އިސްތިއުފާ ދިނީ ހުރިހައި ކެބިނެޓް މިނިސްޓަރުންތައްވެސް ފަހަތުގައި ބައިތިއްބައިގެން މުޅި ދުނިޔޭގެ މީޑިއާތައް ކުރިމަތީގައެވެ. ނަމަވެސް މިކަން މިބައިމީހުންގެ ކައިރީ ބަޣާވާތަކަށްވާކަމީ ކޮންފަދަ ބޮޑު އަޖާއިބެއް ހެއްޔެވެ. ވަކިން ޚާއްޞަކޮށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތަކަކީ ބަޣާވާތެއްކަމުގައި، އެމެރިކާއާއި އިނގިރޭސިވިލާތުން ނުވަތަ އދ. އިން ނޫނީ ޔޫރަޕާއި ދުނިޔޭގެ ޤައުމުތަކުން ސިފަކޮށްފައި ނުވާއިރު، އަދި އެ ޤައުމުތަކުން ރާއްޖޭގެ ބަދަލުވި ސަރުކާރަކީ ޞައްޙަ ސަރުކާރެއްކަމަށް ބުނެ ޤަބޫލުކޮށްފައިވާއިރު، މިބައިމީހުންނަށް މިއީ ބަޣާވާތަކަށްވަނީ ކިހިނެއްބާއެވެ؟ ކޯނީގެ ރިޕޯޓު ޢާއްމު ކުރުމާއިގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މިހާރު ބަޣާވާތެކޭ ނުކިޔޭނޭ ރޫޙާނީ ލީޑަރުގެ ދޫފުޅުން މީޑިއާގައި ވިދާޅުވިއެވެ. އެދުވަސްކޮޅު އެއީ ބަޣާވާތެއް ނޫނެވެ. ނަމަވެސް ފަހުން އަނެއްކާވެސް ހިތްޕުޅަށް އަރާވަޑައިގަތީ މި ބުނެވުނީ އަދި ރަނގަޅަށް ނޫންކަމެވެ. ފަހުން އަނެއްކާވެސް ކިޔުއްވަން ފެއްޓެވީ މުޅީންވެސް ބަޣާވާތެކޭ އެވެ. އެބޭފުޅާގެ ދޫފުޅުން ހަމަ ވިދާޅުވިގޮތެކެވެ. ފަހުން އެގޮތަށް ވިދާޅުވީމައި އަނެއްކާވެސްވީ ހަމަ ފައްކާ ބަޣާވާތަކަށެވެ.
ދުނިޔޭގެ ތާރީޚުގައި "ބާޣާވާތެއް" ކޮށްގެން ވެރިކަން ބަދަލުވުމުން، ވެރިޔަކަށް ހުރިމީހާ ރައްޔިތުންގެ ތެރޭގައި މިނިވަންކަމާއި، ޢިއްޒަތާއެކު ދިރިއުޅޭތަން ފެންނަ މިއީ ފުރަތަމަފަހަރެވެ. ފުރަތަމަ ޤައުމެވެ. އަދި ނުވިތާކަށް ކުރީގެ ރައީސުންނަށް ދޭ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ނަންގަވަމުން، އަދި "ބާޣީ" ބޮޑީގާޑުން ކައިރީގައި ބައިތިއްބައިގެން ބޭނުންހާތާކަށް ދަތުރު ކުރައްވަމުން ގެންދިއުމަކީވެސް ދުނިޔެއަށް މުޅިން އައު ކަމެކެވެ. މިއީ ފަހެ ކޮންކަހަލަ ބަޣާވާތެއް ހެއްޔެވެ؟؟؟
ކުރީގެ "ޚުދު މުހުތާރު" މައުމޫނު ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ފަހު އަހަރުތަކުގައި ބަޔަކު ޕާޓީއެއް އުފައްދައި އޭރުގެ ސަރުކާރާއިދެކޮޅަށް ސީދާ ޙަރަކާތައް ނުކުތެވެ. އެތައް މުޒާހަރާތަކެއް ކުރިއެވެ. އަދި އަހަރެމެން މިއުޅެނީ ސަރުކާރު ވައްޓާލާށޭ ފާޅުގައި ގޮވިއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތައްވެސް ވިއެވެ. ސަރުކާރުގެ ބައެއް ޢިމާރާތްތަކަށް ގެއްލުންދިނެވެ. ސީދާ ވެރިކަން ވައްޓާލުމުގެ ނަމުގައި އާއި ޤާނޫނު ތަޞްދީޤު ނުކޮށްގެންނޭ ކިޔައި މުޅި ޤައުމުގައި ފިތުނަފަސާދަ ފަތުރައި ހެދިއިރު އެއީ ބަޣާވާތަކަށް ނުވިއެވެ. އަދި އެންމެ ކުޑަމިނުން އެއީ ވަލިއްޔުލް ޢަމްރާއި ދެކޮޅަށް ނުކުތް ކަމަށްކަށްވެސް އޭރަކު ނުވިއެވެ. އޭރުވެސް ވެރިމީހާއާއި ދެކޮޅަށް ނުނިކުތުމަށް ހުރި އާޔަތްތަކާއި ޙަދީޘްތައް ފޮތްތަކުގައި ހުއްޓެވެ. އެއިރު އެ ޙަދީޘްތައް މަޖައްލާތަކުގައި ނުލިޔުނީ ކީއްވެބާއެވެ. ފެބްރުއަރީ 7 ގެ ފަހުން ދިވެހި ވުޖޫދަށް ކުއްލިއަކަށް އައި ޝައިޚުންނަކަށް މިކަންކަން އެނގުނުކަމަކަށް ނުވިއެވެ. މިބައިމީހުންގެ ޢަދުލު އިންސާފު ކޮބާތޯއެވެ.
މައްސަލައަކަށްވަނީ ވަކިމީހަކާއި ދެކޮޅަށް މުޒާހަރާއަށް ނުކުތީމައެވެ. ތިމާ ރުހޭ މީހާ ކިތަންމެ ނުބައިކަމެއް ކުރިއަސް އެކަންތައް ދިފާޢުކޮށް ވާހަކަ ދައްކާތީއެވެ. ރާއްޖޭގެ ތާރީޚުގައި ވެރިންނާއި ދެކޮޅަށް ބަޣާވާތްކޮށްފައިވަނީ ކޮންބައެއްކަމާއި ކޮން ޢާއިލާއަކަށް ނިސްބަތްވާ ބައެއްކަން ހަމަ ކޮންމެ ދިވެއްސަކަށްވެސް އެނގެއެވެ. އެބައިމީހުންގެ ޢާއިލީގަސް (ފެމިލީ ޓްރީ) ކުރަހާލީމައި ބޮޑު މަންޒަރު ނިކަން ސާފުކޮށް ފެނިގެން ދެއެވެ. މިއީ ތާރީޚުގެ ފަތްފުށްތަކުގައި ލިޔެ ކަނޑާނަގާފައި އެއްޗިއްސެވެ. ބޯން ޖެހެއޭ، ބޮވެންޖެހޭނެއޭ، އަހަރެމެންގެ ވެރިކަމެއްގައި ޙައްދެއް ޤާއިމެއް ނުކުރާނަމޭ ބުނީމާވެސް ހަމަ ރަނގަޅެވެ. ފާޅުގައި ޝިރުކަށް މަގު ކޮށައި، ބޮޑެތި ދޮގުތައް ހަދާއިރުވެސް ހަމަ ނިކަން ފައްކަލެވެ. އައްޑު އަތޮޅުގައި ބެހެއްޓި މޮނިއުމަންޓްތައް ބެހެއްޓިކަން އެނގުނީވެސް އެތަކެތި ތަޅާލިފަހުންކަމަށް ވިދާޅުވިއިރު އެތަކެތި ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮތިގަޑު ކަހާލައި އަތްޕުޅު ޖައްސަވަން ހުންނެވިތަން ލޯ ސަލާމަތުންތިބި އެންމެނަށް ފެނި، ކަންފަތް ސަލާމަތުން ތިބި އެންމެންނަށް އިވިގެން ދިޔައެވެ. ނަމަވެސް އެކަންވެސް ބަޔަކަށްވީ ނުވާކަމަކަށެވެ. ކުލަކުލައިގެ ރޯގާ ޖެހުނަސް މިއީ ފުކެއް ބޮޑުވަރެއް ނޫންތޯއެވެ.
ދިވެހިރާއްޖޭގައިވެސް ފިޤުހީ ބައެއް ފޮތްތައް މަދުންނަމަވެސް ލިޔެވިފައި އެބަ ހުއްޓެވެ. "ޙައްދުތަކާއި ޖިނާޔާތު" ގެ ނަމުގައިވެސް ފޮތްލިޔެ ޝާއިޢުކޮށް ކިޔަވައިދީ އޭގެ މައްޗަށް ދަސްވެނިވެފައިވާ ދަރިވަރުންވެސް މަދެއް ނޫނެވެ. ސުވާލަކީ ދިވެހިރާއްޖޭގައި ކޮށްފައިވާ އެބުނާ "ބަޣާވާތެއް" ހިނގާފައިވަނީ، އެފޮތްފޮތުގައި ބަޣާވާތް މާނަކޮށްފައިވާފަދަ ގޮތެއްގައި ތޯއެވެ؟ އެ ފޮތްފޮތުގައިވާ ބަޣާވާތުގެ ޝަރުޠުތައް ހަމަވޭތޯއެވެ؟ ވެރިމީހާ އާއި ދެކޮޅުވާ ކޮންމެ މީހަކީ ބާޣީއެއް ތޯއެވެ. އެހެން ވެއްޖެނަމަ މި ދިވެހި ފަސްގަނޑުގައި ތިބީ ހުސް ބާޣީންނެވެ. ވަކިއަތަކަށް އަޅައިގަނެގެން ނުނެއްޓިގެން ތިއުޅުއްވާ ބޭފުޅުންވެސްވާނީ ހަމަ ބާޣީންނަށެވެ. ކުލަކުލައަށް އަޅުކަން ކުރަމުން އެ ގެންދަވާ އެންމެވެސްވާނީ ހަމަ ބާޣީންނެށެވެ.
ވީމައި ބަޣާވާތެއް ކޮށްފައިމިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ތާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...