ރިޕޯޓްކޮލަމިސްޓް

އޭ ފުރާނަޔާ އެވެ. ރުހިގެންވާޙާލު އެނބުރި ދާށެވެ!

 

الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد

އެކުވެރިޔާގެ ޖަނާޒާއަށްފަހު އަހަރެން ގެއަށް ދިއުމަށް ސައިކަލުގައި ދުއްވާލީމެވެ. އަހަރެމެންފަދަ ހަށިގަނޑެއް ލިބިފައިވާ އިންސާނަކު ފަސްގަނޑުގެ ދަށަށްލާ ފަސްލުމަށްފަހު އަހަރެމެން އެނބުރިދަނީ އަހަރެމެންގެ ދުނިޔަވީ ދިރުއުޅުމަށެވެ. އަހަރެމެންގެ ދުނިޔަވީ ގޯއްޗަށެވެ. އަރާމު ތަންމައްޗަށެވެ. އަހަރެމެންގެ ދިރި ތިބި އެކުވެރިންނާއި، އެއީ އަހަރެމެންގެ ދިރިއުޅުމުގެ އުފާކަމުގައިވާ އަނބިދަރިންނާއި، އެބަޔަކަށްޓަކައި އަހަރެމެންގެ ހިތުގައި ޚާއްޞަކަމެއް ދެވިފައިވާ އަހަރެމެން އެބައެއްގެ ދިރިއުޅުމުން މިސާލުނަގަމުންދާ ފަންނާނުންގެ ދިރިއުޅުމުގެ ހޭލަމޭލަ ބެލުމަށެވެ. އެ ފަންނާނުންގެ ހުނަރުތައް ދައްކައިދޭ ޓީވީ ސްކްރީންތަކުގެ ކުރިމައްޗަށެވެ. އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެވެސް އާންމު ދިރިއުޅުމަށެވެ. އެ ދަތުރު ކުރަމުން މިދަނީ އަހަރެންގެ ސައިކަލުގައެވެ.

ނަމަވެސް ﷲ އަށް ހަމްދުހުއްޓެވެ. ދެންމެ އަޅުގަނޑުމެން ފަސްގަނޑުގެ ދަށުގައި ފޮރުވި އިންސާނާގެ ދަތުރަކީ ކޮަބައިތޯ ވިސްނާލުމަށް އަޅުގަނޑު ވަގުތު ކޮޅެއް ހުސްކޮށްލުމަށް އަހަރެންގެ ޟަމީރު ދަޢުވަތުދިނެވެ. އާނއެކެވެ. އެ އަޚާގެ ދަތުރަކީ ވަކި ތަފާތު ދަތުރެއް ނޫނެވެ. އަދި ކިއެއްތަ އެ އަޚާގެ ދަތުރާއި އަޅުގަނޑުގެ ދަތުރާއި އެއްވެސް ތަފާތެއް ނެތެވެ. އަޅުގަނޑުގެ ދަތުރަކީވެސް އެއްވެސް ހާލެއްގައި ދުނިޔަވީ ގޮވައްޗާއި ދިމާލަށް، ނުވަތަ އަނބިދަރިންގެ ގާތައް ނުވަތަ މުނިފޫހި ފިލުވައިދޭ ޓީވީތަކާއި، އެކުވެރި ރަޙްމަތްތެރިންގެ ގާތަށް ކުރާ ދަތުރެއް ނޫނެވެ. އެއީ މި ދަތުރުގައިި އަހަރެން ވޭތިކޮށްލާ މަންޒިލްތަކެކެވެ. އަދި ކިއެއްތަ އަހަރެންގެ ހަޤީޤީ ސަވާރީއަކީ ސައިކަލެއް ނުވަތަ ކާރެއް ނޫނެވެ. އެކަމަކު އަހަރެންގެ ފުރާނަ އުފުލަމުންދާ އަހަރެންގެ ހަށިގަނޑެވެ. އެ އަޚާއާއި އަހަރެންގެ ތަފާތަކީ ދެ މީހުން ދަތުރުކުރަމުންދާ ވަސީލަތް ނުވަތަ ސަވާރީ ބަދަލުވެފައިވާ ކަމެވެ. އަދި އެ އަޚާ މި ދަތުރުގައި އަހަރެންގެ ކުރިއަރާ ދިޔަކަމެވެ. އަދި އަހަރެންނަށް ލިބިފައިވާ ސަވާރީގެ ފުރިހަމަ ކަމުން ޣާފިލްކަމެއްގެ މަތީގައި އަހަރެންވީކަމެވެ. އަދި އެ އަޚާ އެސަވާރީ ދޫކޮށްލަން ޖެހުމުން ހޭޖެހި ރަނގަޅަށް ހޭލެވިފައިވާކަމެވެ.

މި ދަތުރުގައި އަހަރެންގެ ސަވާރީއަކީ ހަށިގަނޑެވެ. އެއީ އަހަރެންގެ އަސްލު ކަމުގައިވާ އަހަރެންގެ ފުރާނަ އޭގެ މަންޒިލަށް ވާސިލްކޮށްދިނުމުގެ ވަޞީލަތެވެ. މިދުނިޔޭގެ ދުވަސްތައް ފަހަނައަޅައި ދަތުރުކުރުމަށްފަހު މެނުވީ އަހަރެންނަކަށް މި ދަތުރުގެ ހަޤީޤީ މަންޒިލަކަށް ވާޞިލެއް ނުވެވޭނެއެވެ. ކަނޑައެޅިފައިވާ ދިގުމިނަށް މިދުނިޔޭގައި އަހަރެން ދަތުރުކުރަންޖެހޭނެއެވެ. އެއަށްފަހު އަހަރެންގެ ފުރާނަ އެ ފުރާނައިގެ ސަވާރީދޫކޮށްލާނެކަން ކަށަވަރެވެ. އަދި ކޮންމެވެސް ބަޔަކު އެ އަޚާގެ ހަށިގަނޑު ފަދައިން އަހަރެންގެ ހަށިގަނޑުވެސް ފަސްގަނޑުގެ އަޑީގައި ފަސްލާ ފޮރުވާނެތެވެ.

އޭ އަޚާއެވެ. އަހަރެމެންގެ މި ދަތުރަކީ އެއްވެސް ހާލެއްގައި އާ މަންޒިލަކަށް ދިއުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އޭގެ އަސްލަށް ރުޖޫޢަވުމެކެވެ. އަހަރެންމެންގެ ހަޤީޤީ ދާއިމީ ގެއަށް ދަތުރުކުރުމެކެވެ. ކިޔަމަންތެރި ޞާލިޙް ފުރާނައެއްނަމަ ޝައްކަތްނެތި އެ މަންޒިލް ދެކޭނެތެވެ. އެ މަންޒިލަކީ އެ ފުރާނައެއްގެ އަސްލު މިލްކުވެވޮޑުގެންވާ އެފުރާނައެއް ޚަލްޤުކުރައްވާ ދިރުންދެއްވި އެ ފުރާނައިގެ ވެރި ރައްބުގެ ހަޟްރަތައް އެނބުރި ދިއުމެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އެފަދަ ފުރާނައަކަށް ވަޙީކުރައްވަނީ "ٱرْجِعِىٓ "(އެނބުރި ދާށެވެ!) މިފަދައިންނެވެ. އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތައް އެނބުރިދާށެވެ! (89:28)

އެހެންކަމުން ކޮންމެ އެއްޗަކީވެސް އެއެއްޗެއްގެ އަސްލު މަންޒިލަށް ދަތުރުކުރާނޭ އެއްޗެކެވެ. އެކަން ހިފެހެއްޓޭނޭ އެއްވެސް މީހަކު ނުވެއެވެ. މިއަދު ވަކިވެގެންދާ އަހަރެމެންފަދަ ކޮންމެ އަޚަކީވެސް އަދި އުޚްތަކީވެސް ވަކިވެގެންދިޔަ އަޚެއް ނުވަތަ އުޚްތެއްނޫނެވެ. އެކަމަކު އެބައިމީހުންއެވަނީ އަހަރެމެންނަށްވުރެ ކުރިއަރާ ދުނިޔޭގެ ދަތުރު ފުރިހަމަކޮށްފައެވެ. އަދި އެއީ ހެޔޮލަފާ ޞާލިޙް ފުރާނައެއްނަމަ ﷲ ގެ ރަޙްމަތުން އެފުރާނަ އެވަނީ ދިރިއުޅުމުގެ އެހެން މަރުހަލާއަކަށް ނުވަތަ ދުނިޔޭގެ ދިރިއުޅުމަށްވުރެ މަތިވެރި ދަރަޖައަކަށް ދަތުރުކޮށްފައެވެ. އެ ފުރާނަ އެވަނީ އޭގެ ހަޤީޤީ ގޮވައްޗާއި ގާތްވެފައެވެ. ހަށިގަނޑަކީ މާއްދީ އެއްޗެކެވެ. އެހެންކަމުން މާއްދިއްޔަތުގެ ދަތުރު ނިމުމުން އެ ހަށިގަނޑު ދޫކޮށްލާން ޖެހޭނެއެވެ. ދުނިޔަވީ ދަތުރުގެ ދުވަސްތަކަކީ އަގުދައް ދުވަސްތަކެކެވެ. އެއީ ކެއުމާއި، ބުއިމާއި، ނިދުމާއި، ދެރަޔާއި، ހިތާމަޔާއި، ތަދު އެކުލެވިގެންވާ ދުވަސްތަކެކެވެ. ނަމަވެސް ފުރާނައަކީ މިދުނިޔެއަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އެއީ މިއަށްވުރެ މާ މަތިވެރި ޢާލަމަކަށް ނިސްބަތްވާ އެއްޗެކެވެ. އެ ފުރާނައަށް ވަނީ އެންމެ ބޭނުމެކެވެ. އެއީ ރުހިގެންވާ ޙާލު އެފުރާނައިގެ ވެރި ރައްބާއި ބައްދަލުވުމެވެ.

އެހެންކަމުން މިދުނިޔޭގައި އިންސާނާގެ ހަށިގަނޑު ރޮައި، ލޭއޮހޮރި ހިތާމަކޮށް ތަދާއި ވޭން އިޙްސާސްކޮށް ހަދާއިރު އިންސާނާގެ ފުރާނައަށް އެފަދަ އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެނެއްކަމަކު އެފުރާނައަށް ތަދުވާނޭ، އެފުރާނައަށް ހިތާމައެއް ދެވޭނޭ، ތަދެއް އިޙްސާސްކުރެވޭނޭ އަދި އެފުރާނަ މަރާލެވޭނޭ ވަނީ އެންމެ ކަމެކެވެ. އެއީ، އެފުރާނައިގެ ވެރިފަރާތާއި ބައްދަލުވުމަށް ހުރަސްއެޅުމެވެ. އެހެނީ އެފުރާނައިގެ ވަނީ އެންމެ އެދުމެކެވެ. އެއީ އެފުރާނައިގެ ވެރި އިލާހުގެ ހަޞްރަތުގައި އެއިލާހާއި އެންމެ ގާތުގައި ވުމެވެ. އެކަމަށް ހުރަސްއަޅަނީ ދުނިޔަވީ ތަދަކުން، ޒަހަމްކޮށްލެވޭ ފާރުކޮޅަކުން ނުވަތަ ލިބިދެވޭ ހިތާމަޔަކުން ނޫނެވެ. އެހެނެއްކަމަކު އެ ފުރާނައިގެ ވެރި ރައްބުގެ ކޯފާއާއި، ނުރުއްސެވުމާއި ދިމާއަށް އެފުރާނައިގެ ސަވާރީ ދީލާލެވޭ ދީލާލުމުންނެވެ. އެ އިލާޙް ހަރާމްކުރައްވާ އެކަންކަމުން ދުރުވުމަށް އިންޒާރު ކުރައްވާފައިވާ ކަންކަމާއި ދިމާއަށް އެފުރާނައިގެ ސަވާރީގައި އެފުރާނަ އުފުލެވޭ އުފުލެވުންތަކުންނެވެ.

އެފުރާނައެއްގެ ދުނިޔޭގެ ސަވާރީ މަރުވެފައިވާ ފުރާނައާއިމެދު ތިބާ ހިތާމަ ނުކުރާށެވެ. އެހެނެއްކަމަކު ތިބާ ހިތާމަ ކުރަންވީ ފުރާނައިގެ ސަވާރީ ދިރިހުރެމެ އެފުރާނައެއް މަރުވެފައިވާ ފުރާނައާއި މެދުގައެވެ. އެހެނީ އެ ފުރާނައަށް އެފުރާނައިގެ ހަޤީޤީ ގޮވަތި ގެއްލިފައިވާ ކަމަށްޓަކައެވެ. ދިރުމެއްނުވާ މަންޒިލް އެފުރާނަ ހޯދައިގެންފި ކަމަށްޓަކައެވެ. އަދި އެފުރާނައިގެ ވެރި އިލާހާއި އެ ފުރާނަ ބީރައްޓެހި ވެފައިވާކަމަށްޓަކައެވެ. ތިމާއަށް ލިބިފައިވާ ދުނިޔޭގެ ހަޔާތް ވޭތިކުރުމުގައި ސަވާރީގެ މިސްރާބު ﷲ ތަޢާލާގެ ނުރުއްސެވުމާއި ކޯފާ ލިބެނިވި މަގުތަކުން ދުއްވަމުންދިޔަ ކަމަށްޓަކައެވެ. ދުނިޔޭނެ ސަވާރީގެ މޮޅުކަމާއި މެދު ތިބާ ހެއްލުންތެރި ނުވާށެވެ. އެއީ ފުރާނައިގެ ވެރި ރައްބު ތިމާއަށް ދެއްވި އެތަކެއް  ގިނަގުނަ ނިޢުމަތްތަކެއްގެ ކުޑަ މިންވަރެކެވެ. އެހެންކަމުން އެސަވާރީ އާއިމެދު ތިބާ ޣާފިލް ނުވާށެވެ. އަދި އެސަވާރީގެ ލަގަން ދުނިޔޭގެ ހެއްލުންތެރިކަމުގެ ތެރެއަށް ދޫކޮށް ނުލާށެވެ. ދުނިޔޭގެ ދިރިއުޅުމުގައި ފެންނަމުންދާ މަންޒަރުތަކުން ހެޔޮނުބައި ދެނެގަންނާާށެވެ. އަދި ތިމާގެ ވެރި ރައްބު ރުހި ވޮޑިނުގަންނަވާ މަންޒިލްތަކުގައި ވަގުތު ބޭކާރު ނުކުރާށެވެ.

ތިމާއަކީ ތިމާގެ ވެރި ރައްބައް ކިޔަމަންތެރިވާ ތިމާގެ ފުރާނައަށް ބިރުވެތިވާ ސާލީހް އިންސާނެއްނަމަ އަބަދުވެސް ދަތުރުކުރަމުންދާނީ އެފުރާނައިގެ ހަޤީޤީ ގޯއްޗަށް އެފުރާނައާއިގެން ދެވޭތޯއެވެ. އެކަން ހާޞިލްކުރެވޭނީ މިދުނިޔޭގެ ދަތުރުން ތިމާ ލިބިގަތް ހެޔޮ ޢަމަލަކުންނެވެ.

އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފުރާނައަކީ ވަރުގަދަ ކިއްލާއެއްކަމުގައި ލައްވާންދޭވެ. އެއްވެސް އެއްޗަކަށް އެއްވެސް މީހަކަށް އެ ފުރާނައަށް އުނދަގުލެއް ތުރާލެއް ދިނުމުގެ ބާރު ނުދެއްވާންދޭވެ. އަދި އެއީ ރުހިގެންވާ، ދުނިޔަވީ، މާއްދީ ބާރުތަކަށް އެމައްޗަށް ބާރެއް، ނުފޫޒެއް ނުފޯރުވޭނޭފަދަ ގަދަފަދަ އީމާނެއްގެމަތީގައިވާ ޠާހިރު ފުރާނައެއްކަމުގައި ލައްވާންދޭވެ. އަދި އެ ފުރާނައަކީ އިބަ އިލާޙް ވަޙީކުރައްވާފައިވާފަދަ، "ހިތްހަމަޖެހިގެންވާ" ފުރާނައެއްކަމުގައި ލައްވާފާންދޭވެ.

މާތް ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "އޭ ހިތްހަމަޖެހިގެންވާ ފުރާނަޔާ އެވެ! ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ހަޟްރަތައް އެނބުރިދާށެވެ! ފަހެ ތިމަން ރަސްކަލާނގެ އަޅުންގެ ތެރެއަށް ވަންނާށެވެ! އަދި ތިމަން ރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ!" (89:27-30)

ގުޅުންހުރި

2 ޚިޔާލު

  1. ﷲ އަހަރެމެންގެ ހިތްތައް އެކުވެރިކުރައްވާ، އެކަތިގަނޑެއްކަމުގައިލައްވާށި! ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އަހަރެމެންނަށް ޖަންނަތުލް ފިރުދައުސް ދެއްވާށިއެވެ.

  2. “އެކަމަކު އަހަރެންގެ ފުރާނަ އުފުލަމުންދާ އަހަރެންގެ ހަށިގަނޑެވެ.” އަހަރެންނަށް އެނގިފައިވާ ގޮތުގައި ހަށިގަނޑު އުފުއްލަނީ ފުރާނައެވެ. އެހެނީ ފުރާނަ އިންސާނާގެ ހަށިގަނޑާ ވަކިވުމުން، ހަށިގަނޑު ބިންމައްޗަށް ތިރިވެއެވެ. އަދި ހަމައެހެންމެ ތަދާއި ވޭން އިހުސާސްވަނީ ފުރާނައަށްށެވެ. ހަށިގަނޑު ފީވެ ހަލާކުވުމުން، ﷲގެ ހަޝްރަތަށް ދަނީ އެމީހާގެ ފުރާނައެ، އަދި އެމީހާގެ ކުޅަ ޢަމަލެއްގެ ޖަ■ާލިބިގެނެއެވެ.

Your email address will not be published. Required fields are marked *

More in ރިޕޯޓް