ރިޕޯޓް މީޑިއާގެ ސަބަބުން މުޖްތަމައަށް ކުރާ އަސަރު

މީޑިއާގެ ސަބަބުން މުޖްތަމައަށް ކުރާ އަސަރު

މީޑިއާގެ ސަބަބުން މުޖްތަމައަށް ކުރާ އަސަރު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

މުސްލިމުންނާ ދެކޮޅަށް ހުރިހާ ޒަމާނެއްގައި ވެސް ޢަދާވާތްތެރިން ދަނީ ތަފާތު ރޭވުންތައް ރާވަމުންނެވެ. އަދުގެ ދުނިޔޭގައި ތިބި މުސްލިމުންގެ ދުޝްމަނުންނަކީ ކަނޑި ބަޑިން ހަނގުރާމަ ކުރުމަށްވުރެ ފިނޑި އަދި  ކަންނެތް ބައެކެވެ. އެހެންކަމުން މިއަދު ހުޅަނގުގެ ޔަހޫދީންނާއި ނަޞާރާއިނާއި އިސްލާމްދީނުގެ އަދުއްވުން ހަނގުރާމަ ކުރަމުންދަނީ ކަންނެތް ކަމާއެކު އެމީހުންނަށް ކުރިއެރުން ލިބިދާނެ ފަދަ ވަސީލަތެއް ކަމަށްވާ މީޑީއާގެ ޒަރީއާ ބޭނުންކޮށްގެންނެވެ.

މީޑިއާ އަކީވެސް އިންސާނާގެ އަމިއްލަ ނަފުސު ދެބަޔަކަށް އޮތް ފަދައިން ދެބައަކަށް ބެހިފައިވާ އެއްޗެކެވެ. އެއީ ހެޔޮ ގޮތާއި ނުބައި ގޮތެވެ. ހެޔޮ ގޮތުގައި މީޑިއާ ބޭނުން ކުރަނީ ނިސްބަތުން މަދު  ބައެކެވެ.  އަދި މިއާ ވިދިގެން ޖޯޝާއި ފޯރީގައި އެތައް ބަޔަކު ދަނީ މީޑިއާ ނުބައި ގޮތުގައި ބޭނުން ކުރަމުނެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާއިރުވެސް މި ކަންތައްތައް ފެނިގެން ދަނީ ހަމަ މި ފަދައިންނެވެ. ޓީވީން ދީނީ ޕްރޮގްރާމެއް ދައްކަމުން ދާއިރު އިޝްތިހާރު ގަޑީގައި ގިނަ ފަހަރު ދައްކަމުން ދަނީ ކޮންމެވެސް ފާޙިޝް އަޑާއި މަންޒަރު އެކުލެވޭ އިޝްތިހާރެކެވެ.

ދީނީ ޕްރޮގްރާމަށް ފަހު ދައްކަނީ އައުރަ ނިވާނުކޮށް ތިބޭ އަންހެނުން ފިރިހެނުންނާއި ގައިގޯޅިވެ ނަށައި ލަވަ ކިޔާ މަންޒަރެވެ. އެހެންނޫނީ ފާހިޝް އަމަލް ތަކަށް މަގުފަހިވާ  ޑްރާމާތަކާއި ފިލްމެވެ. މިއީ މިއަދު އަޅުގަނޑުމެން ކަހަލަ  ސައްތައިން ސައްތަ މުސްލިމުން ކަމަށް ދައުވާކުރާ  މީހުން ކަރުނަ އަޅައި ރޯންޖެހޭ ކަންކަމެވެ.

ނަމަވެސް ކިތަންމެ ބަޔަކު ވަނީ މިކަން ހަނދާން ނައްތާލާފަ އެވެ. އަދި މިކަން އިސްލާހު ކުރަން ނަޞޭޙަތެއް ދީފި މީހަކާ ދިމާލަށް ގިނަފަހަރު ބުނެވެނީ ޑްރާމާ އަކީ އިބްރަތުން ފުރިފައިވާ އެއްޗެއް ކަމުގައެވެ.  ނަމަވެސް ޙަޤީޤަތަކީ ޢިބްރަތުގެ ނަމުގައި ދައްކާ ޑްރާމާގައި ވެސް ހިމެނެނީ ހިލޭ އަންހެނުންނާއި ފިރިހެނުން ގައިގޯޅިވާ ފާޙިޝް މަންޒަރުތަކެވެ.

އަދި އެ ޑްރާމާ ބަލާ މީހާގެ އަގުހުރި ވަގުތުތައް އެކަމަށްޓަކައި އިސްރާފުކުރެ އެވެ. ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ދީނީ އަޅުކަންތަކަށް ވުރެ ވެސް ބައެއް މީހުންނަށް ފިލްމު ބެލުމާއި ޑްރާމާ ބެލުމަށް އިސްކަން ދެވޭ ތަން ދަނީ ފެންނަމުންނެވެ.

މީޑިއާގެ ނުރަނގަޅު އަސަރުތައް އަޅުގަނޑުމެންގެ ތުއްތު ތުއްތު ޅަދަރިންނަށް ވެސް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. އެކަމުގެ މިސާލަކަށް ބަލާލާނަމެވެ.

އުމުރުން އެންމެ 5 އަހަރުގެ ކުއްޖަކު ސުޕަމޭން އަށް ވުމަށްޓަކައި 3 ބުރީގެ އިމާރާތެއްގެ މަތިން ފުންމާލުން ވެގެން ދިޔައީ އެތައް ބަޔަކު އެކަމާ ހިތާމަ ކުރި ކަމަކަށެވެ. އެކަމަކު އެކަން އެކުއްޖާ ކުރީ ކީއްވެގެން ކަން ނޫނީ ކިހިނެއް ކަމެއް އެކަކުވެސް ނުބަލަ އެވެ.

އަޅުގަނޑުމެންގެ މުޖްތަމައުގައި ބެލެވިފައި އޮންނަނީ އެއީ ހަމަ އެކަނި ފުލުހުން ބަލާފައި ފައިލެއްގައި ލިޔެ ރެކޯޑް ކޮށްލަން ޖެހޭ އެއްޗެއް ކަމަށެވެ. ނަމަވެސް ހަޤީޤަތަކީ އެ 5 އަހަރުގެ ކުއްޖާ ހަމަ އެއްކަލަ މީޑިއާއިން ދަސްކުރީ ސުޕަމޭން އުދުހިފައި ގޮސް ތަން ތަން ބަލާފައި މީހުން ސަލާމަތް ކުރާ ތަނެވެ. އެހެން ކަމުން އެ ކުއްޖާގެ މަޤްސަދަކަށް ވެގެން ދިޔައީ ސުޕަމޭން ފަދައިން މީހުންނަށް ހިމާޔަތްދީ ސަލާމަތް ކުރުމެވެ. ނަމަވެސް އެކުއްޖާ އެ ކާޓޫނު ބަލަމުން ދިޔައީ އެކަންޏެވެ. އެއީ ކުއްޖާ މަރުވުމުގެ އަސްލެވެ. މިކަމުގައި ޒިންމާ ވާނީ ކާކު ހެއްޔެވެ؟ މީޑިއާ ތޯ އެވެ؟ ނޫނީ ބެލެނިވެރިޔާ ތޯ އެވެ؟ ހަމަ ޔަޤީނުންވެސް ޗެނަލުން ވަނީ އެ ޕްރޮގްރާމް ބަލަން ޖެހޭނީ ބެލެނިވެރިޔަކާ އެކު ކަމަށް ނުވަތަ ޕޭރެންޓަލް ގައިޑް (ޕީޖީ) އަރުވާފަ އެވެ. ނަމަވެސް، މައިންބަފައިން ކުއްޖާއާ އެކު މަޑުނުކުރީ، ކުއްޖާ ބަލަނީ ކާރޓޫނު ކަމުން އިނގިރޭސި އަށް މޮޅުކުރަން އުފަލާ އެކުގަ އެވެ. މި ހާދިސާގައި ކުށެއް ނޫނީ އިހްމާލު ވެވުނީ ކޮން ފަރާތަކުންތޯ އެވެ؟ ތިޔަބޭފުޅުން އަމިއްލައަށް ވިސްނަވާލައްވާށެވެ.

ދެން ތިޔަބޭފުޅުން ބައްލަވާލައްވާށެވެ. ފްރީ ސުކޫލުގެ 2 ކުދިން ދޮންދޭން ތިއްބާ އާންޓީ އަށް ފެނިގެން ސުވާލު ކުރުމުން ބުނީ އެކަން ދަސްކުރީ ޓޮމް އެންޑް ޖެރީ ކާޓޫނުން ކަމަށެވެ. އެހެން އާއިލާއެއްގެ ކުއްޖަކަށް ހަމަ މި ޓޮމް އެންޑް ޖެރީ ދަސްކޮށް ދިނީ ބޮލުގައި އެއްޗަކުން ޖަހާފަ ހޭނެތުނީމަ ދޫނި ހިފާނެ ގޮތެވެ.

މި ކުޑަ ރާއްޖޭގައިވެސް ހިނގާދަނީ މިކަހަލަ ކިތައް ކިތައް ހާދިސާތޯ އެވެ. ނަމަވެސް އަޅާލާނެ ބަޔަކު ނެތެވެ. މި ފަދަ ކަންކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކަށް ނުބަލައި، ޢަދާވާތްތެރިން ބޭނުންވާހާ ގޮތަކަށް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމުން ނުކުންނަ ނޭދެވޭ ނަތީޖާ އެވެ.

އެހެން ކަމުން އަޅުގަނޑުމެން މި ނުބައި ކަންކަމަ މަގުފަހިވާ ގޮތްތައް ހުއްޓުވައި  މީޑިއާ ސަރުކާރާއި އިސްލާމީ އިލްމުވެރިންގެ ބެލުމުގެ ދަށުން ކުރިޔަށް ދާ މިންގަޑެއް ފާސް ކޮށް އަމަލު ކުރަން ޖެހެއެވެ. އެކަން އެހެން ކުރެވިއްޖެ  ކަމަށްވާނަމަ މި ރާއްޖޭގައި ހިނގާ މާރާ މާރީ އާއި އެހެނިހެން ކުށްތައް މަދުވެގެން ހިނގާދާނެ ކަމީ ކަށަވަރު ޔަޤީން ކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.