ޅަފަތުގައި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށްފަހު ބާލިޣު ވެފައިވާ ޑިމޮކްރަސީ، ދިވެހިރާއްޖޭގައި މިހާރު އޮތީ ދުނިޔޭގެ އެއްވެސް ޤައުމަކަށް އަތު ނުޖެހޭ ހިސާބެއްގައިކަމަށް ގިނަ ފަރާތްތަކަކުން ބުނަމުން ދާން ފަށައިފިއެވެ. ދުނިޔޭގެ އެކި ޤައުމުތަކަށް މިހާރު އަންނަމުންދާ ޑިމޮކްރަސީގެ ތެރެއިން އެންމެ ބޮޑު، ބިޔަ އަދި އެންމެ ތަހުޒީބު ޑިމޮކްރަސީއެއް އޮތީ ދިިވެހިރާއްޖޭގައިކަމަށާއި ދިވެހިރާއްޖެއަށް ވުރެ ޑިމޮކްރަސީ ފުރިހަމަ ޤައުމެއް މިހާރު ދުނިޔެއަކު ނެތްކަން މުޅިދުނިޔެއަށްވެސް މިހާރު މިވަނީ ސާބިތުވެފައެވެ. އަދި ޒަމާންތަކެއް ވަންދެން ޑިމޮކްރަސީގެ ޗެމްޕިއަންކަން ހިފަހައްޓަމުން އައި އެމެރިކާ، އިނގިރޭސި ވިލާތް، އަދި އިންޑިއާފަދަ ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައި ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ ޗެމްޕިއަންކަން ލިބުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވަނީ ރައްޔިތުން މަޖިލީހުގެ "ޢިއްޒައްތެރި" ބޭފުޅުންގެ މިންނެތް މަސައްކަތުންކަމީ އެއްވެސް ދިވެއްސަކު މިއަދު ދެބަސްވާނެ ކަމެއް ނޫނެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ދިވެހިރާއްޖޭއަށް އަންނަމުންދާ ޑިމޮކްރަސީގެ ސަބަބުން މިހާރު ތިބީ ހައިރާންވެ އާޝޯޚުވެފައެވެ. މިއަދު އެޤައުމުތަކުންވެސް ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރަންވެއްޖެއްޔާ އަންނަން ޖެހޭނީ މި ކުޑަކުޑަ ދިވެހި ރާއްޖެއަށެވެ.
ދުނިޔޭގެ ޑިމޮކްރަސީގެ ޗެމްޕިއަންކަން ކުރިން އޮތް އެމެރިކާގައި ވާގޮތުން ކިތަންމެ މަތީ ސިޔާސީ މީހަކަށްވިޔަސް ކުށެއް ކޮށްފިއްޔާ އަދަބު ލިބެއެވެ. އެގޮތުން އެންމެ ފަހުން ފާހަގަ ކޮށްލެވިގެންދިޔައީ އެމެރިކާގެ އިސް އޮފިޝަލަކު ބަނގުރާ ބޮއެގެން ކާރު ދުއްވި މައްސަލައިގައި އޭނާ ހައްޔަރު ވުމެވެ. ޑިމޮކްރަސީ ހަރުދަނާ ނޫންވީމައި އެ އޮފިޝަލް ފުލުހުންގެ ބެލުމުގެ ދަށް ގެންދެވުނެވެ. އެގޮތަށް ހައްޔަރުވުމަކީ ދިވެހި ރާއްޖޭގައި ވާނެކަމެއް ނޫނެވެ. ބަނގުރާ ބޮއެގެން މަސްތުވާ ސިޔާސީ ބައެއް މީހުންނަށް އޭގެފަހުން އެމީހުންގެ ނަމުގެ ކުރިއަށް ފަޟީލަތުއްޝައިޚް ވެސް ލާން ޖެހެއެވެ. މީގެ މާނައަކީ ރާއްޖޭގެ ބަނގުރާބޯ ސިޔާސީ ލީޑަރުން އެބައިމީހުންގެ ކުށަށްފަހު އެބަމީހުންގެ ކޮނޑަށް އިތުރަށް ތަރި އަރާކަމެވެ. އަދި މިދަންނަވާ ސިޔާސީ ބޭފުޅުން ބަނގުރާ ބުޔަސް އެމީހުން ކުށްވެރި ނުވާތާނގައި އެކަމުގައި ކުށްވެރިވާނީ އެމީހުން ބޯން ތިއްބާ އަތުލައިގަންނަ ފުލުހުންނެވެ. އަދި ވެރި މީހާއެވެ.
ކުރިން ދެންނެވިހެން ރާއްޖެއަށް މިއައި ބޮޑު ކުރިއެރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ދުނިޔޭގެ ނަމްބަރ ވަން ޑިމޮކްރަސީގެ ލަގަބު ދިވެހި ރާއްޖެއަށް ލިބުނީވެސް މަޖިލީހުގެ "ޢިއްޒަތްތެރި" ބޭބޭފުޅުންގެ ޢަމަލުތައް ބެހެއްޓެވި ގޮތުންނެވެ. އެގޮތުން އެބޭފުޅުން ބޭނުންވީމައި މަޖިލީހުގައި ހުންނަ ތަކެތި ހަލާކު ކުރުމާއި، މަޖިލީސްތެރޭގައި ކުޅިވަރާއި ނާޗަރަނގީ ކުޅުމާއި، ދުލަށް އައިހާ އަވަގުރާނެއް ގޮވުމާއި މީހުންގެ އަބުރަށް އަރައިގަނެ ތަޅާފޮޅުމާއި މިފަދަ އެއްވެސް ކަމަކުން "ޢިއްޒަތްތެރި" މެމްބަރުން ކުށްވެރިއެއް ނުވެއެވެ. އަދި އެބޭފުޅުން ކުށްވެރިކުރުމުގެ ޤާބިލުކަން ރާއްޖޭގެ އެއްވެސް މުއައްސަސާއަކަށްވެސް ލިބިފައި ނެތްކަމީ ޑިމޮކްރަސީގެ އެއްވަނަ މަޤާމު ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެއް ސަބަބެވެ. ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ޤައުމުތަކުގައި އެތަންތާނގައި އޮންނަ ޕާލިމެންޓު ހައުސްތަކާއި އަދި ތިރި ގޭގެއާއި މަތިގޭގޭގައި ދައްކަމުންދާ ވާހަކަތަކާއި އަދި ކުރަމުންގެންދާ ކަންތައްތަކުގެ ފުރިހަމަ ޒިންމާ އެބަޔަކު ނަގަން ޖެހެއެވެ. އަދި ދެއްކޭ ނުރަނގަޅު ވާހަކަތަކުން އެމީހުން ކުށްވެރިވެސް ވެއެވެ. އެޤައުމުތަކުގައި ކުރިއަށްދާ މަޖިލީސްތައްވެސް ކުރިއަށްދަނީ ޖަޒްބާތާއި އެކީއެވެ. ނަމަވެސް ތަޅާފޮޅުމާއި އެއްޗިއްސަށް ގެއްލުން ދިނުމާއި ދުލަށް އައިހާ ހުތުރު އެއްޗެތި ގޮވުމެއް ނޯވެއެވެ. މިފަދަ ކަންތައްތަކުން އެބައިމީހުންގެ ތެރޭގައި ބޭނުންހާ އެއްޗެއް ގޮވުމުގެ މިނިވަންކަން ނޯންނަކަން ކިތަންމެ ރަނގަޅަކަށްވެސް ސާބިތުވެއެވެ. އަދި ދިވެހިރާއްޖޭގައި އޮންނަ މިންވަރަށް ދުލާއި، އަތާއި ފައިގެ މިނިވަންކަމެއް އެތަންތާނގައި ނޯވެއެވެ. މުޒާހަރާވެސް ބޭނުންތާކު ބޭނުން ގަޑިއަކު ބޭނުން ގޮތަކަށް ކުރަންވީއެވެ. ކުޑަކުއްޖަކަށް ބެލުމެއްނެތި ދުލަށް އައިހާ އަވަގުރާނެއްވެސް ގޮވަންވީއެވެ. އެބވަގުތު ކުޑަކުދިންގެ ޙައްޤުތަކެއް ނޯންނާނެއެވެ. އަދި މުސްކުޅިންނާއި ބަލިމީހުންގެ ޙައްޤުތަކެއްވެސް ނޯންނާނެއެވެ. އެފަދަ ޙައްޤުތަކަކީ އަހަރަކު އެއްފަހަރު އޮންނަ އެއްޗެކެވެ. ނަމަވެސް ދުނިޔޭގެ އެހެންިހެން ޤައުމުތަކުގައި ކޮންމެކޮންމެތާކު މުޒާހަރާއެއް ނުކުރެވެއެވެ. މިއީވެސް އެހެން ޤައުމުތަކަށްވުރެ ރާއްޖެ ކުރިއަރާފައިވާ އެންމެ ބޮޑު އެއް ދަލީލެވެ.
ކޮރަޕްޝަނުގައި ނުޖެހޭ ސިޔާސީ ލީޑަރެއް މަދެވެ. އޮޑިޓް ރިޕޯޓުތަކުން ހާމަވެގެންދަނީ ސިޔާސީ ޕޯޑިއަމްތަކުގައި ބާރުބާރަށް ހަޅޭއްލަވަމުން މިގެންދާ ގިނަ ސިޔާސީ ލީޑަރުން ތިބެނީ އޭނާގެ ދަރިފަސްކޮޅަށް ނުކަތާވަރަށް ފައިސާގައި ޖެހި ދަރާ ވިކިފައިކަމެވެ. ލައްކައިން ލައްކައިންނެވެ. މިލިއަނުން މިލިއަނުންނެވެ. ނަމަވެސް އޮޑިޓް ރިޕޯޓު ހާމަކޮށްލުން ފިޔަވައި އިތުރު ކަމެއް ދެން ނޯންނާނެއެވެ. އެހިސާބުން އެ މައްސަލަ ނިމުނީ އެވެ. ޤާނޫނުގައި އެންމެންނަކީ ހަމަހަމަ ބައެކޭ ލިޔެފައި އޮތަކަސް އެބޭފުޅުންނަކީ ޤާނޫނުން މަތީގައި ތިއްބަވާ ބޭފުޅުންނެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. މިހެންގޮސް ޑިމޮކްރަސީއެއްގައި ފައްކާވާންޖެހޭ ހުރިހައި ފައްކާވުމެއް ރާއްޖޭގައި އޮތް ޑިމޮކްރަސީގައި މިހާރު ފައްކާވެއްޖެއެވެ.
މިހުރިހާ ކަމަކުން ސަބިތުވެގެންދަނީ މިވަގުތު މުޅިދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ އަދި އެންމެ ބިޔަ ޑިމޮކްރަސީ އޮތީ ދިވެހިރާއްޖޭގައި ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...