ދުނިޔޭގެ އެތައް މިތަނުގައި އަންހެނުންނަށް ކުރާ ގޯނާއާއި އެކަނބަލުންނަށް ކުރާ އަނިޔާގެ ވާހަކަ ދެއްކުން މިއަދު މިވަނީ ވަރަށް ޢާއްމުވެފައެވެ. އަދި މިދުވަސްވަރު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ އަންހެނުން ރޭޕް ކުރާ ވާހަކައެވެ. އަދި އެކަމުގެ ޙައްޤު އަދަބު ރޭޕު ކުރާ މީހުންނަށް ނުލިބޭ ވާހަކައެވެ.
ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު އަންހެނުންނަށް އެންމެ ގިނައިން ގޯނާކޮށް އެކަނބަލުންގެ ޢިއްފަތް ފޭރިގަންނަ އެއް ޤައުމަކީ މަޝްހޫރު އިންޑިއާއެވެ. ޑިމޮކްރަސީގެ މަންމަކަމަށް ދަޢުވާކުރާ އިންޑިއާގައި ދުވާލަކު އެތައް އަންހެނުންނެއްގެ ޢިއްފަތް ފޭރިގަނެވެއެވެ. ނަމަވެސް ރޭޕުގެ މައްސަލައަކީ އިންޑިއާފަދަ ޤައުމެއްގައި އެހާފަސޭހައިން ހައްލު ކުރެވޭނެކަމެއް ނޫނެވެ. އެންމެ ބޮޑު އެއް މައްސަލައަކީ އިންޑިއާގައި އަންހެނުންނަށް ދީފައިވާ ދަށް މަޤާމެވެ. އިންޑިއާގައި ޚާއްޞަކޮށް ހިންދޫންގެ ތެރޭގައި އަންހެނުންނާއިމެދު ދެކެނީ އަންހެނުންނަކީ ފިރިހެނުން ބޭނުންވީމައި ބޭނުންކޮށްލައި ދޫކޮށްލަންވީމައި ދޫކޮށްލެވޭ ވަރަށް ދަށުދަރަޖައިގެ ބައެއްގެ ގޮތުގައެވެ. އަދި ބޭނުންވީމައި ނައްޓުވައި ބޭނުންވީމައި އެއްލާލެވޭ ބައެއްގެ ގޮތުގައެވެ. ކުރުކޮށް ދަންނަވަންޏާ ފިރިހެނުންގެ ތުންފުއްސެއްގެ ގޮތުގައެވެ. މިހެން މިކަން އޮތަސް އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ފިރިހެނުންވެސް އިންޑިއާގައި ވަކި މަދެއް ނޫނެވެ. އަންހެނުންގެ މިނިވަންކަން ނުލިބިގެން އުޅޭ އަންހެނުންވެސް ވަކި މަދެއް ނޫނެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ މަގެއްގެ މަތީގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން ރަހުމު ކުޑަގޮތަކަށް ރޭޕްކުރުމަށްފަހު ޖިސްމާނީ އެތަކެއް އަނިޔާތަކެއް ދިނުމުގެ ސަބަބުން މަރުވި 23 އަހަރުގެ އަންހެން މީހާގެ މައްސަލަ މުޅި އިންޑިއާގައި ބޮޑުކަމަކަށް ވީ ކީއްވެކަމެއް އެހާ ބޮޑަކަށް ސާފެއް ނުވިއެވެ. ރޭޕު ކުރުމަށްފަހު މަރާލާފައި އެކިތަންތަނަށް އުކާފައި ތިބޭ އަންހެނުންގެ ޚަބަރުތަކަކީ އިންޑިއާގެ ނޫސްތަކުގައި ކޮންމެ ދުވަހަކުހެން ޖަހަމުންދާ ޚަބަރުތަކެވެ. އަދި މިކަމުގައި ފިރިހެނުންނަށް އެހީތެރިވުމުގައި އަންހެނުން އަދާކުރަމުންދާ ދައުރަކީވެސް ހައިރާންވާންޖެހޭވަރުގެ ކަމެކެވެ.
އުތުރު އިންޑިއާގެ ޕަންޖާބުގައި އޮންނަ ޗަންދިގާރު ކިޔާ އަވަށަށް ވަޒީފާއެއްގެ ދަހިވެތިކަމުގައި މިިދިޔަ ހުކުރު ދުވަހު (ޖެނުއަރީ 18 ގައި) އަންހެން ކުއްޖަކު ބަހުގައި ދަތުރުކޮށްފައި ދިޔައެވެ. އޭނާ ބޭނުންވާ އޮފީސް އޮޅުންފިލުވުމުގެ ގޮތުން ބައެއް މީހުން ކައިރީ އަހަމުންދިޔަ މި ކުއްޖާއަށް އެހީތެރިވުމުގެ ނަމުގައި ދެ އަންހެނުންނާއި އެއް ފިރިހެނަކު މީހުން ނޫޅޭ ފަޅު ހިސާބަކަށް މިކުއްޖާ ގެންގޮސް މިކުއްޖާގެ ޢިއްފަތް ފޭރިގަތެވެ. މި ކުއްޖާގެ ޢިއްފަތް ފޭރިގަތުމުގައި އެހީތެރިވެދީފައިވަނީ ދެ އަންހެނުންނެވެ.
"އަހަރެން ބަހުން ފޭބީ ޗަންދިގާރުގެ ބަސް ސްޓޭންޑެއްކަމަށްވާ ސެކްޓާރ 43 އަށް. ދެ އަންހެނުންނާއި އެއްފިރިހެނަކު އަހަރެން ދާން ބޭނުންވާ އެޑްރެސްއަށް ގެންގޮސްދިނުމުގައި އެހީތެރިވެ ދިނުމަށް އެހި. އަދި އެވަގުތު ދެ އަންހެނުން އަހަރެން ގަދަކަމުން ކާރަކަށް އަރުވައި އަހަރެންގެ ގަޔަށް އިންޖެކްޝަނެއް ޖެހި. އެ އިންޖެކްޝަނުގެ ސަބަބުން އަހަރެންނަށް ދެން ވީނުވީއެއް ނޭގުނު. އަހަންނަކަށް ނޭނގުނު އެމީހުން އަހަރެން ގެންދާ ތަނެއް. އެމީހުން އަހަރެން ރޭޕުކޮށްލާފައި މަގުމައްޗަށް އެއްލާލީ" މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެ ކުއްޖާ ކިޔައިދީފައިވެއެވެ. ރޭޕް ކުރުމަށްފަހު ދުއްވަމުންދިޔަ ކާރުގެ ތެރެއިން މަގުމައްޗަށް އެކުއްޖާ އެއްލާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. އިއްޔެ އެވެ.
މިފަދައިން އަންހެނުންގެ އެހީތެރިކަމުގައި އިންޑިއާގައި އަންހެން ކުދިން ރޭޕު ކުރަމުންދާ އަދަދުވެސް ނޭނގެއެވެ. މިކަމާއިދެކޮޅަށް މުޒާހަރާކުރަމުންދަނީވެސް އަންހެނުންނެވެ. މަދުމަދުން ފިރިހެނުންވެސް ބައިވެރިވެއެވެ. މުޒާހަރާތަކުގައި ހުރިހައި ރޯޅިއެއް ބާލާލަނީ ފިރިހެނުންނަށާއި ޢަދުލު އިންސާފުގެ ދާއިރާއަށެވެ.
ރޭޕްގެ މައްސަލަތަކާއިގުޅޭ ގޮތުން އިންޑިއާގެ ބައެއް ޢާއްމުން ބުނާގޮތުން އަންހެނުންނަށް ރޭޕުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ އެމީހުންގެވެސް ކަންތައް ހުންނަ ގޮތުންކަމަށެވެ. އެގޮތުން ނިވާކަން ކުޑަ އެއްޗެތި ލައިގެން ފިރިހެނުންގެތެރޭގައި އުޅުމާއި މަގުމަތީގައި ބަހައްޓާފައި ހުންނަ ބިލްބޯޑުތަކުގައިވެސް ނިވާކަން ކުޑަ ވަހުޝީ އަންހެނުންގެ ފޮޓޯތައް ހުރުމަކީ ފިރިހެނުންނަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށެވެ. އަދި އިންޑިއާގެ ފިލްމުތަކުގައި ދައްކަމުންގެންދާ ފާޙިޝް މަންޒަރުތަކަކީވެސް މައިގަނޑު ސަބަބެއްކަމަށް މިކަމާއިގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ޢާއްމުން ހާމަކޮށްފައިވެއެވެ. ނަމަވެސް އަނެއްބައި އަންހެނުން ބުނަމުންދަނީ އެމީހުން ކޮންމެފަދަ އެއްޗެއް ލިޔަސް އަދި ކޮންމެ ގޮތަކަށް އުޅުނަސް އެއީ ފިރިހެނުންނާއި ބެހޭކަމެއް ނޫންކަމަށާއި ފިރިހެނުން އެމީހުންނަށް ބަލާކަށްވެސް ނުޖެހޭ ކަމަށެވެ.
މިހާ ހިސާބުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. އަންހެނުން ނިވާކަން ކުޑަ އެއްޗެތި ލައިގެން މަގުތަކަށް ނުކުންނަނީ ކޮން ބަޔަކަށް ދައްކަން ތޯއެވެ؟ އަންހެނުން އެބައިމީހުންގެ ނިވާކަން ކުޑަ މަންޒަރުތައް ކުޑަ އަގެއްގައި ދައްކައި އެ އިޝްތިހާރު ކޮށްދެނީ ކޮންބަޔަކަށް ދައްކަން ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު ވިއްކުމަށް މަގުތަކުގައި އާއި ކްލަބްތަކުގައި އަންހެނުން އުޅެނީ އެމީހުންގެ ޢިއްފަތް ރައްކާތެރިކުރުމުގެ ގޮތުން ހެއްޔެވެ؟ އަންހެން ކުދިން ރޭޕުކުރުމުގައި އަންހެން ކުދިން އެހީތެރިވަމުންދަނީ ކީއްވެގެންހެއްޔެވެ؟
މާފުކުރައްވާށެވެ. ޖަވާބުވެސް އޮތީ އަންހެނުންގެ އަތްމަތީގައެވެ. ހައްލުވެސް އޮތީ އަންހެނުންގެ އަތްމަތީގައެވެ. މުޅި ޤައުމުގައި މުޒާހަރާތަކެއްކޮށް އިތުރަށް އެކަން އިޝްތިހާރު ކުރުމުގެ ބޭނުމެއް ނެތެވެ. ރޭޕްއާއި ދެކޮޅަށްވެސް ތިބީ އަންހެނުންނެވެ. ރޭޕްއާއި އެއްކޮޅަށްވެސް ތިބީ ހަމަ އަންހެނުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...