މާލޭ ސިޓީ ކައުންސިލް އުވާލުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްއެކަން ހޯމް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ލޯކަލްގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނި ޚަބަރު ވެގެން ދިޔައީ މާލޭގެ ގިނަ ރައްޔިތުންތަކަކަށް އެކަމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. ސަބަބުތައް ބައިވަރެވެ.
ކޮރަޕްޝަނުން ތަތްތެޅިފައިވާ މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާލޭގެ ތަރައްޤީއަށް ކޮށްދެވުނީ ކޮންކަންތައްތަކެއްކަމެއް މާލޭ ރައްޔިތުންނަށް މިވަނީ ސާފުވާގޮތް ނުވެފައެވެ. ރައީސް ނަޝީދު އަމިއްލައަށް އިސްތިއުފާދީ ނަޝީދުގެ ނައިބަކަށް ހުންނެވި ޑރ. ވަޙީދު ވެރިކަމާއި ހަވާލުވިތާ މަދު ވަގުތުކޮޅެއްގެތެރޭގައި މާލޭ ސިޓީކައުންސިލްގެ ވެރިއަކަށް ހުންނަ މައިޒާމް އަލިމަނިކު ޑރ.ވަޙީދުއާއި ބައްދަލުކޮށް މިސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވަޢުދުވި ނަމަވެސް މި ސަރުކާރަކީ ބާޣީ ސަރުކާރެއްކަމަށް ބުނެ ޑރ. ވަޙީދުގެ ސަރުކާރަށްވަނީ އެއްބާރުލުން ނުދޭނެކަމަށް ފާޅުގައި ބުނެފައެވެ. ދެއިރު ދެގޮތަށް ވާހަކަ ދެއްކުމަށް މަޝްހޫރު ޕާޓީއަށް ނިސްބަތްވާ މި އަލިމަނިކުމެންގެ ފަރާތުން ފަހުން އިވިގެން ދިޔައީ މިހާރުގެ ސަރުކާރުން މާލޭ ސިޓީކައުންސިލަކަށް އެއްބާރުލުން ނުދެއޭ، ބަޖެޓެއް ނުދެޔޭ ބުނެ އެކިއެކި ބަހަނާ ދައްކަމުންދާ އަޑެވެ. ސަރުކާރު ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އެބުނާ"ބާޣީ" ސަރުކާރުން ދޭ މުސާރަ ބޭނުން ކުރެވެއެވެ. މިއީ މިބައިމީހުންގެ ފެންވަރު ހުންނަ ވަރެވެ.
މާލޭ ސިޓީ ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކެކޭވެސް އެއްފަދައިން އެކައުންސިލެއްގެ ދަށުގައިވާ ހިސާބު ބެލެހެއްޓުމާއި އެތަނެއްގައި ދިރިއުޅޭ ބަޔަކަށް ދިރިއުޅެވޭނެ ރަނގަޅު މާހައުލެއް ރަނގަޅު ނިޒާމެއް ޤާއިމުކޮށް، ރައްޔިތުންނަށް ދިމާވާ އެކިއެކި އުނދަގޫތަކުން ރައްޔިތުން ސަލާމަތް ކުރުމެވެ. ނަމަވެސް މާލޭ ސިޓީކައުންސިލްގެ ފެންވަރާއި އެބައިމީހުން މާލޭ ރައްޔިތުންނަށް ކޮށްދެވުނު ކަންތައްތައް ހަމައެކަނި މާލޭގެ މަގުތަކަށް ބަލާލުމުންވެސް ހާމަވެގެން ދެއެވެ. މަގުތަކުގެ ކާނުތަކަށް ބަލާލުމުން އެނގިގެން ދާނެއެވެ. ތިމާމެންގެ ޕާޓީ ނޫން އެހެން ޕާޓީއަކުން ނުވަތަ އެހެން ޖަމާޢަތަކުން ކަމެއް ބޭއްވުމަށް ހުއްދައަކަށް އެދުމުން ކުރަމުންދާ ޖެއްސުންތައް މާލޭގެ ރައްޔިތުންނަށް މިހާރުވަނީ ވަރަށް ސާފުވެފައެވެ.
މާލެ ސިޓީ ކައުންސިލް ދެކެ ކިތަންމެ ރުޅިއަޔަސް އެމީހުންވެސް ކުރި އެއްކަމެއްގެ ވާހަކަ ދަންނަވާލަނަމެވެ. އެއީ އެމްޑީޕީއަށް ނުގަވަޢިދުން ފާޑު ފާޑުގެ ފަސްގަނޑުގަނޑު އެތައް ދުވަހަކަށް ދިނުމެވެ. މިއީ މާލޭ ސިޓީކައުންސިލުން ވަރަށް ފަރުވާތެރިކަމާއެކު ކުރިކަމެކެވެ. އެއީ މާލޭގައި އަމާންކަމާއި ހަމަޖެހުން ގެނެސް މަލެ ރައްޔިތުންނަށް އުފާވެރިކަމާއި އަމާން މާހައުލެއް ގެނައުމުގެ ބޭނުމުގައެވެ. މި ނޫންކަމެއް އެމީހުން ކުރިކަމެއް ރެކޯޑުތަކުން ފެންނާކަށް ނެތެވެ.
ޔަގީންކަމާއެކު ދަންނަވަން އެނގޭ ކަމަކީ ޑރ. ވަޙީދުގެ ސަރުކާރަށް މާލޭ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ކަމަކީ މާލެ ސިޓީ ކައުންސިލް އުވާލުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...