އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ހަވާލުކޮށްފައި އޮތް އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ފޮނުވާލުމާއިގުޅިގެން އިންޑިއާ އިން ރާއްޖެއަށް އެކިވަރުވަރުގެ އިންޒާރުދީ އަދި އެންމެފަހުން އެވަނީ ހަރުކަށި ފިޔަވަޅު އަޅަން ފަށާފައެވެ. ކޮރަޕްޝަނުން ތަތްތެޅިފައިވާ ޖީއެމްއާރު އެގްރީމެންޓަކީ އުފަންވި އިރުވެސް ބާޠިލު އެގްރީމެންޓެއްކަމަށް ރާއްޖޭގެ ބަންޑާރަ ނައިބުގެ އިތުރުން އެތައް ޤާނޫނީ މާހިރުންނެއްވަނީ ބުނެފައެވެ. އަދި މިކަމުގައި ގޮތެއްވޭތޯ ޖީއެމްއާރު އިން ސިންގަޕޫރު ކޯޓުގައި ކުރި މަސައްކަތް ނާކާމިޔާބު ވެގެން ދިއުމަކީ އެބައިމީހުން ރާއްޖެއިން އެހާ ފަސޭހައިން ދާން ޖެހުނު އެއް ސަބަބެވެ. ނުދާނަމޭ ނުދާނަމޭ ދަންޏާ ދާނީ އެގްރިމެންޓުގައި އޮތް މުއްދަތު ހަމަކޮށްފައޭބުނެ ހަރު އަޑުން ގޮވި ނަމަވެސް ޖީއެމްއާރަށް ޖެހުނީ ދާށެވެ.
އިންޑިއާއަކީ ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިވަމުންދާ ޤައުމެކެވެ. އަދި އަވައްޓެރި އެކުވެރި ޤައުމެކެވެ. އަދި ދިވެހިރާއްޖެއަށް އެބައިމީހުން ކޮށްދީފައިވާ ކަންތައްތަކަކީ ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ކަންތައްތަކެކެވެ. ދިވެހިރާއްޖެއަށް އެކި ވަރުވަރުގެ އެހީތައް ދެމުންދަނީ އިންޑިއާއިން އެކަންޏެއް ނޫނެވެ. ޒަމާނުއްސުރެ ޗައިނާ އާއި ޖަޕާނަކީވެސް ރާއްޖެއަށް ގުނާ ޢަދަދު ނުކުރެވޭ ވަރަށް ގިނަގުނަ އެހީތައް ދެމުންދާ ދެޤައުމެވެ. ނަމަވެސް މި ޤައުމުތަކުން ދެމުންގެންދާ އެހީތަކަކީ އެކަމުގެ ފަހަތުގައި ފޮރުވިފައި އެތައްކަމެއް ވާ ކަންތައްތަކެއްކަން މިއަދު ދިވެހިން ޤަބޫލުކުރަން އެބަޖެހެއެވެ. މި ދެންނެވި ޤައުމުތަކުގައި ކާންބޯން ނުލިބިގެން ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު މަރުވަމުންދިއުމާއި، ބޯހިޔާވަހިކަމެއް ނެތި މަގުތަކުގައި އެތައް މިލިއަން ބަޔަކު ދިރިއުޅުމާއި، ނިކަމެތިކަމުން މަދަރުސާއަށް ނުދެވޭ އެތައް މިލިއަން ކުދިންނެއް ލިޔަންކިޔަން ނޭނގި ތިބޭއިރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އެދިގެން މިބައިމީހުން ވަމުންދާ އެހީތަކާއިމެދު ވިސްނަން އެބަޖެހެއެވެ.
އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުމަށް މިއަދު މިވަނީ ބުރޫ އަރާފައެވެ. އިންޑިއާއިން ޒަމާނުއްސުރެ ވަމުން އައި އެހީތަކުގެ ބަދަލު މިއަދު މިވަނީ ދިވެހިން ދޭން ޖެހިފައެވެ. އިންޑިއާފަދަ އެތައް ގޮތަކުން ބިޔަ ޤައުމަކުން ދިވެހިރާއްޖެފަދަ ނިކަމެތި ކުޑަކުޑަ ޤައުމަކަށް ހަރުކަށި ބަސްތައްބުނެ، އެހީތައް ހިފަހައްޓަފާނެ ކަމުގެ އިންޒާރުދީ ހެދުމަކީ ހަމަ ގައިމުވެސް ބިޔަ ވަރުގަދަ އިންޑިއާގެ ފިނޑިކަން ނޫން އެހެން ދެވަނަ ކަމެއް ނޫނެވެ. އެގޮތުން މެޑިކަލް ވިސާ ނުނަގައި އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިން ޑީޕޯޓްކޮށްލާނެ ކަމުގެ އިންޒާރު އިންޑިއާގެ ހައިކޮމިޝަނުން ދިނުމަކީ މިކަމުގެ އެންމެ ބޮޑު އެއް ދަލީލެވެ. މިއީ ކުރިންވެސް ހެދިފައިއޮތް ޤަވާޢިދެއް ކަމަށާއި ބަދަލުވީ މާނަ ކުރުންކަމަށް ބުނެ އިންޑިއާއިންވަނީ ފާޑުފާޑުގެ ހާސަރުތައް ދަމާފައެވެ. ކޮންމެއަކަސް މި އިންޒާރުތަކާއިގުޅިގެން ދިވެހިންނަށް ޖެހުނު ދުއްތުރާތަކަކީ މިއަދު އިންޑިއާއިން ދިވެހި ބަލި މީހުންނަށް ކުރި ޖެއްސުމެކެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ދިވެހިންނަށްވަނީ ބޭސް ފަރުވާ ކުރަން އިންޑިއާ ނޫން އެހެނިހެން ޤައުމުތައް ޚިޔާރު ކުރަން މަޖުބޫރު ވެފައެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ ވިސްނުން ބަހައްޓަން ބޭސްފަރުވާ ކުރުމުގައި ހަމައެކަނި އެންމެ ގައުމަކަށް ބަރޯސާނުވެ އެހެން ދިމަދިމާލުން ވެސް ބޭސްފަރުވާ ކުރެވެން ހުރިކަން. އާސަންދަ ފުޅާވެ ވަރަށް އަވަހަށް ލުއިތަކެއް ލިބި، ބޭސްފަރުވާ ކުރުމުގައި ވަކި ދިމާލަކަށް ޖަހާފައިވާ މިސްރާބު ހުއްޓުމަކަށް އައިސް ތަފާތު މަންޒިލްތަކުން ބޭސްފަރުވާ ކުރެވޭނެ،" އިންޑިއާއިން ދިވެހި ބަލި މީހުންނަށް އެޅި ދަތިކުރުމުގެ ފިޔަވަޅާއި ގުޅޭގޮތުން ޑރ. ޖަމީލު ވިދާޅުވެފައިވެއެވެ.
އިންޑިއާގެ ޓްރިވެންޑްރަމްއަކީ ދިވެހިން ތަރައްޤީކޮށްދީފައިވާ ރަށެކޭ ދެންނެވުމަކުން ކުށަކަށް ނުވާނެއެވެ. އަހަރަކު އެތައް ހާސް ދިވެހިންނެއް އިންޑިއާއަށް ދާއިރު އޭގެތެރެއިން 90 އިން ސައްތަ މީހުންދަނީ ޓްރިވެންޑްރަމް އަށެވެ. އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު2009 ވަނަ އަހަރު އިންޑިއާއަށް55،159 ދިވެހިން ދިޔަ އެވެ . އަދި2010 ގައި58،152 މީހުން2011 ގައި53،999 ދިވެހިން އިންޑިއާ އަށް ގޮސްފައިވެ އެވެ. މިއީ ދިވެހިރާއްޖެފަދަ 3 ލައްކަ މީހުންގެ އާބާދީއަކަށް ބަލާއިރު ވަރަށް ބޮޑެތި ޢަދަދު ތަކެވެ. މި ޢަދަދުތަކަށް އިންޑިއާއަށް ކޮންމެ އަހަރަކު ދާ ދިވެހިންގެ އަތުން ވަންނަ ފައިސާގެ ޢަދަދު ތިބޭފުޅުން ގުނަ ކޮށްލައްވާށެވެ.
ދިވެހިންގެ އަތުން މިލިއަނުން މިލިއަނުން ޑޮލަރު އިންޑިއާއަށް ވަދެވަދެ ހުއްޓައި އިންޑިއާ ސަރުކާރުން ކުރިމަތިކުރުވި ހުރަސްތަކުގެ ސަބަބުން ދިވެހިން މިހާރު މިވަނީ އެހެން ޤައުމުތަކަށް ދާން ފަށާފައެވެ. ކޮންމެ ދުވަހަކު ދިވެހިން ގޮވައިގެން ފުލްކޮށް ދަތުރުކުރާ ބޯޓުތައް މިހާރު ދަތުރުކުރަމުން އެގެންދަނީ ވިއްސަކަށް މީހުން ގޮވައިގެންނެވެ. ވިސާގެ ދަތިކަމާއި ހުރެ ދިވެހިން މިހާރުވަނީ ބޭސްކުރުމަށް ސްރީލަންކާ އާއި ތައިލެންޑު ފަދަ ޤައުމުތަކަށް ދާން ފަށާފައެވެ. ދިވެހިންގެ އަތުން މިލިއަނުން ވަންނަ ފައިސާއަށް ހުއްޓުން އެރުމަކީ އިންޑިއާ އަތުގައި ކިތަންމެ ފައިސާއެއް ހުއްޓަސް އަދި ކިތަންމެ ބާރު ގަދަޔަސް އެމީހުން ބޭނުންވާނެ ގޮތެއް ނޫނެވެ. އެގޮތުން ދަތިކޮށްފައިވާ ވިސާގެ މައްސަލަ އަވަސް ފުރުޞަތެއްގައި ހައްލު ނުވެއްޖެނަމަ ދިވެހިން އިންޑިއާއަށް އަލްވަދާޢު ކިޔާނެއެވެ. އެދުވަހުން އިންޑިއާގެ އެމްބަސީއިން ދިވެހިންނަށް ވިސާ ހިފައިގެން ގޭގޭދޮށަށް ހިނގަން ފެށުމަކީ ގާތްކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...