އެމެރިކާގެ ސްޓޭޓެއްކަމަށްވާ އިޑާހޯގެ ސެނެޓާރމައިކަލް ކްރެޕޯ ބަނގުރާ ބޮއެގެން ކާރު ދުއްވި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ފުލުހުން އޭނާ ހައްޔަރު ކުރިއެވެ. ހިނގައިދިޔަ މި ޙާދިސާގައި އޭނާވަނީ މަސްތުވެގެން ހުރި ހާލުގައި ރަތް ލައިޓަށް މަޑުނުކޮށް ގޮސްފައެވެ. އެކަމުގައި އޭނާ ހައްޔަރު ކުރުމުން އޭނާވަނީ މީޑިއާގެ ކުރިމަތީ އޭނާގެ އެ ކުށަށް އިޢުތިރާފު ވެފައެވެ. އަދި އެކަމުގެ ސަބަބުން އައިސްދާނެ ކޮންމެ ޙުކުމެއް ޤަބޫލު ކުރާނެކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފައެވެ. މިއީ އެމެެރިކާގެ ހަރުބީ ކާފަރަކު އޭނާއަށް ކުށެއް ކުރެވުނީމައި ދެއްކި ނަމޫނާއެކެވެ.
ދާދިފަހުން އަޅުގަނޑުމެންގެ "ޢިއްޒަތްތެރި" ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރިންކަމަށް އަމިއްލައަށް ދަޢުވާ ކުރާ 2 މީހަކާއި އަދިވެސް ބައެއް ސިޔާސަދާނުން މަސްތުވެގެން ތިބި ހާލުގައި ފަޅު ރަށަކުން ހައްޔަރު ކުރިއެވެ. މީގެތެރެއިން ދެމީހަކު ބަނގުރާ ބުއިމުގެ ތެރޭގައި ޢުމުރުގެ ބޮޑު ބައެއް ހޭދަކޮށްފައިވާ ކަމަށް މުޖުތަމަޢު ތެރޭގައިވަނީ މަޝްހޫރުވެފައެވެ. އަނެކަކު މަޝްހޫރުވެފައިވަނީ އޭނާގެ ޢުމުރުން ބައެއް މިކަމުގެ ތެރޭގައި ހޭދަކޮށްފައިވާ މީހެއްގެ ގޮތުގައެވެ. މިބައިމީހުންނަކީ ވަރަށް ތަހުޒީބު ބައެކޯލައެވެ. ތަހުޒީބުކަމުންގޮސް ބަނގުރާ ބުއިންފަދަ ނުބައި ޢަމަލުތައް ކުރަމުންދަނީ ޢާއިލާގެ މެމްބަރުންނާއިވެސް އެކުއެވެ. މިއީ އިސްލާމް ދީނަށް އަބަދާއި އަބަދު ފުރައްސާރަކުރަމުންދާ މީހުންގެ ހާލު ހުރި ގޮތެވެ. އިސްލާމް ދީން ދެކެ މި ބައިމީހުން ނަފްރަތު ކުރަނީ މިހެން ވެގެންނެވެ. ބޭނުންހައި އެއްޗެއް ކައި، ބޭނުންހައި އެއްޗެއް ނުބޮވޭތީއެވެ.
ކޮންމެއަކަސް އެ ފަޅުރަށުގައި އެމީހުން މަސްތުވެގެން ތިއްބާ ފުލުހުންވަނީ އެމީހުންގެ މުޅި މިޝަން ވީޑިއޯ ކޮށްފައެވެ. އަދި ހައްޔަރު ކުރި މީހުން ފުލުހުންނާއިމެދު ކުރި ދޮގު ތުހުމަތު ތަކެއްގެ ސަބަބުން ފުލުހުންވަނީ އެ ވީޑިއޯ ޢާއްމުވެސްކޮށްފައެވެ. ކުށުގެ ވެށިން މަސްތުވެގެން ތިބި ޙާލުގައި ހައްޔަރު ކުރި "ޢިއްޒަތްތެރިން" އެމީހުންގެ ކުޑަކަމުދާ ތަކެތި ނުދީ، ޤާނޫނުގައި ކޮޅުފައިން ޖަހައި، އެންމެ ފަހުން އެކަމުގައި ދެބޯގެރި ދުއްވުމުގެ ގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ ބިލެއް މަޖިލީހަށް ހުށައެޅިއެވެ. އަދި ރައީސް ހިފާ ހައްޔަރު ކުރުމަކީ ވާޖިބު ކަމެއްކަމަށްބުނެ ދެބޯގެރި ދުއްވަން މަސައްކަތް ކުރިއެވެ.
އަޅުގަނޑުމެންގެ ތެރެއިން މުސްލިމްކަމަށް ދަޢުވާކުރާ ބައެއް މީހުންގެ ހާލަކީ މިއީ އެވެ. ﷲ ޙަރާމް ކުރައްވާފައިވާ އެންމެހައި އެއްޗެއް ކައި، އެންމެހައި އެއްޗެއް ބޮއެ އަދި އެކަމުގައި ސީދާ އެ މައިދާނަށް ފުލުހުންގޮސް ހައްޔަރު ކުރީމައިވެސް މި ގޮވަންފެށީ ޤައުމުގެ ވެރިމީހާގެ އިސްތިއުފާއަށެވެ. ހަރުބީ ކާފަރުންނަށް ވުރެ މުސްލިމްކަމަށް ދަޢުވާކުރާ މި މީހުންގެ ހާލު ބޮޑެވެ. އެމެރިކާގެ ސެނެޓާރމައިކަލް ކްރެޕޯ ހައްޔަރު ކުރުމުން ރައީސް އޮބާމާގެ އިސްތިއުފާއަކަށް ނުގޮވައެވެ. އަދި އޮބާމާގެ އިތުބާރު ނެތްކަމުގެ ބިލެއް ވެސް ހުށައެއް ނާޅައެވެ. އަދި އޮބާމާ ރައީސްކަމުން ބާލައި އޭނާ ހައްޔަރު ކުރުމަކީ ވާޖިބު ކަމެއްކަމަކަށްވެސް ސެނެޓާރމައިކަލް ކްރެޕޯއެއް ނުގޮވައެވެ.
ޑިމޮކްރަސީގެ ނަމުގައި ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެތި ކައި އަދި އެއްޗެތި ބޮއެފައި އަނެއްކާވެސް މި މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ނަމުގައި އެކަމުން ރެކޭށެވެ. ޒިންމާ ނެގުމުގެ ބަދަލުގައި އެކި ފާޑު ފާޑުގެ ދެބޯގެރި ދުއްވައި މުޅިން އެހެން ގޭސްގަނޑެއް އަނބުރާށެވެ. ދެން ހައްޔަރުވި އަނެކަކު ރާއްޖޭގައި ޑިމޮކްރަސީއެއް ނެތޭ ކިޔާފައި ގޮސް އެހުރީ އެހެން ޤައުމެއްގައެވެ. އަދި އެނބުރި ރާއްޖެއަށް ދެން އަންނާނީ ޑިމޮކްރަސީ ޤާއިމުވީމައި ކަމަށް ބުނެ އެދަނީ ދެބޯގެރި ދުއްވަމުންނެވެ. އެހެން ބުނިއިރު މީނާއަކީ ރައީސް މައުމޫނުގެ ރަން 30 އަހަރުގެ ގިނަ ޒަމަނާންތަކެއްގައި ޑިމޮކްރަސީ ގެނެސް އެއީ "ނަމޫނާ ޑިމޮކްރަސީ" ކަމަށް ބުނެ ދަޢުވާ ކުރި މީހާއެވެ. ދެން ޖެހިގެން އައި ރައީސް ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައިވެސް މީނާވަނީ ނަޝީދާއިއެކު ޑިމޮކްރަސީ ގެނެސްފައެވެ. ދެންވެސް މި ގޮވަންފެށީ މި ޤައުމަކު ޑިމޮޮކްރަސީއެއް ނެތް ވާހަކައެވެ. މިފަދަ ފިކުރުތަކާއި ފަލްސަފާތަކަސް ތަބާވެގެން އުޅޭ މީހުންނަށް މި ފަލްސަފާ ފަހުމުވާނެ ހަމައެކަނި ވަގުތަކީ އެމީހަކު ކަށްވަޅަށް ދާ ވަގުތުކަން ގައިމެވެ. އެވަޤުތަކުން ދައްކާނެ ޢުޒުރެއް ބަހަނާއެއް ނޯންނާނެކަން ޔަޤީނެވެ.
ކަށަވަރުކޮށް ދަންނަވަން އެނގޭ އެއްޗަކީ މި ރާއްޖޭގައި މިއޮތީ އިސްލާމީ ޝަރީޢާ ނޫންކަމެވެ. އެހެންނަމަ މިބައިމީހުންގެ މައްޗަށް މިހާރު މާތް ﷲ ގެ ހައްދު ޤާއިމުކުރެވި މިފަދަ މުފްސިދުންގެ ކިބައިން މާތް ﷲ އަޅުތަކުންނާއި މިތަނަވަސް ބިމަން ސަލާމަތް ވެއްޖެއެވެ. ﷲ ޙަރާމް ކުރައްވާފައިވާ އެންމެހައި އެއްޗެއް ބޮއެގެން އުޅޭކަށް އިސްލާމީ ޝަރީޢަތުގައި ފުރުޞަތެއް ނެތެވެ. ﷲ އަށް ޙަރާންކޯރުވެ ބިންމަތި ފަސާދަ ކުރުމަކަށް އިސްލާމީ ޝަރީޢަތުގައި ފުރުޞަތެއް ނެތެވެ. ﷲ ގެ ޝަރީޢަތުން މޫނު އަނބުރާލައި އެހެންދީނަކަށް ބަދަލު ވުމަކަށް އިސްލާމީ ޝަރީޢަތުގައި ފުރުޞަތެއް ނެތެވެ. އިސްލާމީ ޤައުމަކަށް ޣައްދާރު ވުމަކަށް އިސްލާމީ ޝަރީޢަތުގައި ފުރުޞަތެއް ނެތެވެ.
ދިވެހީންނޭވެ! މިބައިމީހުން މިކިޔާ "ޑިމޮކްރަސީ" އެއް ގައިމު މިހާރު ދަސްކުރަން ވެއްޖެނޫންހެއްޔެވެ! މަވާ ތިޔަ ޑިމޮކްރަސީއިން ބަރީޢަވަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...