ދާދިފަހުން އިޒްރޭލުގައި ކުރެވުނު ޚިޔާލުހޯދުމުގެ ސާރވޭއެއްގައި ބައިވެރިވި ޔަހޫދީންގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ މީހުން ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމްކުރުމަށް ދެކެމުން އައި ހުވަފެން ކާމިޔާބުވާނެކަމަށް ނުދެކޭކަމަށް ބުނެފިއެވެ.
އެންމެފަހުން އިޒްރޭލުން ޣައްޒާ އަށް ދިން ޓެރަރިސްޓް ޙަމާލާތަކުގެ ރައްދުގައި ފަލަސްޠީނުގެ މުޖާހިދުން ދިން ރޮކެޓް ޙަމަލާތައް ފުރަތަމަ ފަހަރަށް ޓެލްއަވީވް އާއި އަލްޤުދުސް އަށް ފޯރުމާއެކު، އިޒްރޭލުން ހިޖުރަކުރުމާ މެދު ވިސްނަމުންދާކަމަށް ވެސް މި މީހުން ވަނީ ބުނެފައެވެ.
އިޒުރޭލުގެ މަޝްހޫރު ދުވަހު ނޫހެއްކަމުގައިވާ "ހާރޓްޒް" އިން ކުރި މި ސާރވޭގައި ބައިވެރިވި 37 އިންސައްތަ ޔަހޫދީން ބުނެފައިވަނީ މިހާރު އިޒްރޭލަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން ވީއެންމެ އަވަހަކަށް އެޤައުމުން ހިޖުރަކުރަން ބޭނުންވާކަމުގައެވެ. 30 އަހަރާއި 49 އަހަރާ ދެމެދުގެ މި މީހުން ބުނެފައިވަނީ އެމީހުން ދުށް ޔަހޫދީ ދައުލަތުގެ ހުވަފެން މިހާރު ވަނީ ފުނޑުފުނޑުވެފައެވެ.
އެމީހުން ބުނިގޮތުގައި ފަލަސްޠީނުގެ މުޖާހިދުންގެ ރޮކެޓްތައް ޓެލްއަވީވް އާއި އަލްްޤުދުސް އަށް ފޯރުމާއި، އީރާނާއި ދެކޮޅަށް ހަނގުރާމައެއް ފެށިދާނެކަމުގެ ނުތަވަސްކަމާއި އަދި އަނެއްކާވެސް ޣައްޒާ އަށް ޙަމަލަދޭންޖެހިދާނެކަމަށް ޔަހޫދީ ސަރުކާރުން ދެމުންގެންދާ އިންޒާރުތަކާއި ހެދި އިޒްރޭލުގައި އުޅުން އެއްގޮތަކަށްވެސް ބުއްދިވެރިއެއްނޫނެވެ.
އެނޫހުގައިވާގޮތުން ދެން ކުރިމަތިވެދާނެ ހަނގުރާމައެއްގެ ބިރުވެރިކަމާ ހެދި އިޒްރޭލުގެ ދެކުނުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ 47.5 އިންސައްތަ މީހުން އިޒްރޭލު ދޫކޮށް އެހެން ޤައުމަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށް ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...