ޤަތަރުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކެއް ޤާއިމުކޮށްފިނަމަ އެޤައުމުގައި އެމެރިކާގެ އަސްކަރިއްޔާއަށް ހޭދަވާ ހުރިހާ ޚަރަދެއް އަދާކުރާނެކަމަށް ޤަތަރުގެ ޕްރިންސް ހަމަދް ބިން ޚަލީފާ އެމެރިކާއަށް އެދިފައިވާކަމަށް އަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަމްރު މޫސާ ނޫސް އޭޖެންސީއަކަށް ދިން އިންޓަރވިއުއެއްގައި ހާމަކޮށްފިއެވެ.
ޤަތަރުގެ ހަޤީޤީ ބާރަކީ ޝެއިޚް ހަމަދް ބިން ޚަލީފާ ކަމަށާއި، ޝެއިޚް ހަމަދް ޖައްސިމް އޭނާއަށް އެހީތެރިވާކަމަށް މޫސާ ވިދާޅުވިއެވެ. އަދި ޤައުމުގެ ކަންތައްތައް ޕްރިންސް ރަނގަޅަށް ހިންގައިފައިވާކަމަށާއި، އަދި އޭނާ ފަސޭހަކަމާއެކު ނާޒުކު ނިންމުންތައް ނިންމައިފައިވާކަމަށްވެސް މޫސާ އިންޓަރވިއު ގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންނަކީ މާލީގޮތުން ފުދުންތެރިބަޔަކަށް ވާތީ ރައްޔިތުން ހިތްހަމަ ޖެހޭކަމަށާއި އަދި ރައްޔިތުން ހިތްހަމަ ޖެހޭ ނަމަ މިހާރު ތިބި ވެރިންނާއި ދެކޮޅަށް ނިކުންނާނެ ސަބަބެއް ނޯންނާނެކަމަށްވާތީ ޤަތަރުގައި ސިޔާސީ ގޮތުން ހަމަނުޖެހުން ނޯންނަކަން ވަނީ މޫސާގެ އިންޓަރވިއުގައި ފާހަގަކޮށްފައެވެ.
ގަލްފު ސަރަހައްދުގައި އެންމެ ގިނައިން ތެލާއި ގޭސް ތައްޔާރުކުރާ އެއްޤައުމުގެ އިތުރުން އަރަބި ޤައުމުތަކުގެ ތެރެއިން އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒެއް ޤާއިމުކުރެވިފައިވާ ތަނަކީވެސް ޤަތަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...